ނަމާދުން ބޭރަށް ނުކުތުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ނަމާދަށް ހުންނަ މީހާ އޭނާ ނަމާދުން ބޭރަށް ނުކުތުމާއިމެދުގައި ބުނަމެވެ.

ފުރަތަމައީ : އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ފަރުޟު ނަމާދެއްގައި ހުންނަ މީހާ، ޝަރުޢީ ޢުޛުރެއް : އެބަހީ ކޮންމެހެންވެސް ނަމާދުން ބޭރަށް ނުކުންނަން މެދުވެރިވާ ޟަރޫރީ ބޮޑު ކަމެއް- ދިމާވެގެންމެނުވީ ނަމާދުން ނުކުތުން ހުއްދައެއްް ނުވާނެ އެވެ.

ސަބަބަކީ ފަރުޟު އަޅުކަމުގެ ތެރެއަށް ވަނުމަށްފަހުގައި އެ އަޅުކަމުން ޝަރުޢީ ޢުޛުރެއްނެތި ނުކުތުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.

ފަހެ، ﷲ ގެ ވަޙީ ބަސްފުޅުގައި އަޅުކަން ފަސާދަކޮށްލުން ނަހީ ކުރެވިގެންވެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. {أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ}“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންގަންނާށެވެ. އަދި ރަސޫލާއަށް ކިޔަމަންގަންނާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލް ނުކުރާށެވެ.“

މިއީ ފަރުޟު ނަމާދާއި މެދުގައި ކަނޑައެޅިފައިވާ ގޮތެވެ.

ދެވަނައީ : ސުންނަތް ނަމާދުތަކުގަ އެވެ. ސުންނަތް ނަމާދުގައި މި ޙުކުމް ލުއިވެގެންވެ އެވެ. ފަހެ، ފިޤުހު އަހުލުވެރިން ވިދާޅުވެފައިވަނީ، މުސްލިމް އަޅާއަށް ހައްޤުވެގެންވަނީ އޭނާ ސުންނަތް ޢަމަލެއްގެ މަތީގައި ދެމިހުންނަހިނދު، (ސުންނަތް ނަމާދެއް، ސުންނަތް ރޯދައެއް) ގެ މަތީގައި ހުރެއްޖެހިނދު އެ އަޅުކަން ފުރިހަމަ ކުރުމެވެ.

އެއީ އޭނާއަށް މުޞްތަޙައްބުވެގެންވާ ގޮތެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ.

ތިންވަނައީ : އިސްވެދިޔަ ދެ ނުކުތާގެ މައްޗަށް ބަޔާންކުރެވޭ ބަސްތަކެވެ. އެއީ ފަރުޟު ނަމާދެއް ނުވަތަ އެފަދަ ފަރުޟު އަޅުކަމެއްގައިވާ މީހާ އަޅުކަން ދޫކޮށް އެހެން ކަމަކަށް ދިއުމަށް ހުއްދަކުރާނެފަދަ ކަންތައްތަކަކީ ކޮބައިތޯ އެވެ؟ ނުވަތަ އެފަދަ ޟަރޫރީ ކަންތައްތަކަކީ ކޮބައިތޯ އެވެ؟

عز بن عبد السلام ވިދާޅުވެފައިވެ އެވެ. ”ފެންގަނޑު ތެރެއަށް ޢަރަޤުވަމުންދާ މީހާ ނަމާދު ކުރުމަށް ހުންނަ މީހާގެ ނަމާދުގެ މައްޗަށް އިސްކުރަންޖެހޭނެ އެވެ. ސަބަބަކީ ޣަރަޤުވަމުންދާ މީހާ ސަލާމަތްކުރުން ނަމާދު ކުރުމަށްވުރެ ﷲ ގެ ހަޟުރަތުގައި ހެޔޮކަން ބޮޑުވެގެންވެ އެވެ. އަދި ހަމައެފަދައިން މި ދެ ހެޔޮ ޢަމަލު ޖަމަޢަކުރެވުންވެސް ވެ އެވެ. އެއީ ޣަރަޤުވަމުންދާ މީހާ ސަލާމަތް ކުރުމަށްފަހުގައި ނަމާދު ކުރެވޭނެ ތީ އެވެ….“

އަޚުންނޭވެ! މިފަދަ މިޘާލުފަދަ ކަންތައްތައް މިކަމުގައި ވެ އެވެ. ޔަޢުނީ ނަމާދަށް ހުންނަ މީހާ ނަމާދުން ނުކުތުން ހުއްދަ ކުރެ އެވެ.

އެގޮތުން ނަމާދަށް ހުއްޓާ މީހަކު ވެއްޓުނީ އެވެ. ފަހެ، އެހިނދު އެވަނީ އެމީހާއަށް ކޮންމެވެސް ބަޔަކު ޚިދުމަތްދިނުން ޙާޖަތް މެދުވެރިވެފަ އެވެ. ކައިރީގައި ހުރި މީހާ ނަމާދުން ނުކުންނާނީ އެވެ. އޭނާއަށް އެކަނި ނުފުދޭނެނަމަ 2ވަނަ މީހަކު ނުކުންނާނީ އެވެ. އެވަރުން ފުދިއްޖެނަމަ ދެންތިބި މީހުން ނަމާދައިގެން ކުރިއަށް ދިއުން ހުއްޓެވެ.

ހަމައެފަދައިން ނަމާދަށް ހުރި މީހަކު އަތުގައިވާ އަގުބޮޑު މުދަލެއް، ނުހަނު އަގުހުރި އެއްޗެއް ވައްކަން ކުރަން އުޅުމުން އެ އަގުބޮޑު މުދާ ރައްކާތެރިކުރުމަށް ނަމާދުން ނުކުތުން ހުއްދަވާނެ އެވެ.

الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނުރައްކަލެއް ކުރިމަތިވެއްޖެހިނދު އެ ނުރައްކާ ނަމާދުގެ މައްޗަށް އިސްކުރުން ވާޖިބުވެގެންވެ އެވެ. މިޘާލަކަށް ޢަރަޤުވުން، އަލިފާން ރޯވުން، މިފަދަ ޙާލުގައި ނަމާދުން ނުކުތުން މައްސަލައެއް ނެތެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply