ޓެޓޫ ޖެހުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި ހަށިގަނޑުގައިވާ ޓެޓޫއާ މެދު ޢަމަލު ކުރާނެ ގޮތަކީ ކޮބައިހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޓެޓޫ އާ މެދުގައި ބުނަމެވެ. ޓެޓޫ ޖެހުމަކީ ދީނުގައިވާ ޝަރުޢީ ދަލީލުތަކާއި ޤަރީނާތަކުން އެއްވެސް ބަޔަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ފިރިހެނުންނަށް އަދި އަންހެނުންނަށްވެސް ހުއްދަވެގެންވާ އެއްޗެއް ނޫނެވެ. އަދި ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް މިންވަރެއްގެ ޓެޓޫއެއް ޖެހުން ހުއްދައެއް ނުވާނެ އެވެ.

އަތުގައި ފައިގައި، ނުވަތަ އެހެން އެއްވެސް ގުނަވަނެއްގައިވިޔަސްމެ އެވެ. ސަބަބަކީ އެކަމުގެ މައްޗަށް ނަބިއްޔާ صلى الله عليه وسلم ވަނީ ލަޢުނަތް ލައްވާފަ އެވެ.
ޙަދީޘްގައިވެ އެވެ. (لَعَنَ اللهُ الوَاشِماتِ و المُسْتَوْشِماتِ، والنَّامِصاتِ والمُتَنَمِّصاتِ…..) ”ހަށިގަނޑުގައި ޓެޓޫ ޖަހައިދޭ އަދި ޓެޓޫ ޖެހުމަށް އެދޭ އަދި ބުމައިގެ އިސްތަށި އުފުރާ އަންހެނާ އާއި ބުމައިގެ އިސްތަށި އުފުރައިދިނުމަށް އެދޭ އަންހެނާއަށް ﷲލަޢުނަތް ލެއްވި އެވެ.“
ވުމުން މި ޢަމަލަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ކަނޑައެޅިފައިވާ ފާފަ އެކެވެ.
މި ފާފައިން އެމީހަކު ތަޥްބާވާން ޖެހޭނެ އެވެ.

މި ފާފައިގެ ނުބައިކަމަކީ އެ ޢަމަލުގެ މައްޗަށް ލަޢުނަތް ހުށެހެޅިފައިވުމެވެ. އެހެން ވުމުން މިއީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ފާފަ އެކެވެ.

ފަހެ، މުސްލިމް އަޅާއަށް ވާޖިބުވެގެންވަނީ މި ޢަމަލުގެ މައްޗަށް އިންޒާރު ލިބިގަނެ އަދި މި ޢަމަލަށް އަނބުރައި ނުދިއުމެވެ.

މިފަދަ ޢަމަލެއް ކޮށްފައިވާ މީހާއަށް ވާޖިބުވެގެންވަނީ އެ ޢަމަލު ދޫކޮށްލުމެވެ. އަދި އޭނާއަށް ކުރެވިފައިވާ މި ނުބައިވެގެންވާ ޢަމަލުގެ މައްޗަށް އިސްތިޣްފާރުކޮށް ﷲ އަށް ޚާލިޞްވެގެންވާ ތަޥްބާއަކުން ތަޥްބާވުމެވެ.

ﷲ ގެ ޢުޤޫބާތުގެ މައްޗަށް ބިރުވެތިވެ އެ އިލާހުގެ ޝަރީޢަތާއި ޙުކުމްތައް މާތް މަތިވެރި ކުރުމަށްޓަކައި އެ އެންމެހައި ކަންކަމުން ދުރުވެ އެއްކިބާވެ ތަޥްބާވުމެވެ. އަދި ﷲ އާށާއި ރަސޫލާއަށް ކިޔަމަންގަތުމުގައި ދެމިހުރުމެވެ. އިސްވެދިޔަ ކަންތަކުގެ މައްޗަށް ދެރަވެ ހިތާމަކުރާ ޙާލުގަ އެވެ.

ހަށިގަނޑުގައި ޖަހަފައިވާ ޓެޓޫ ނައްތާލުން ވެގެންދަނީ ހަށިގަނޑަށް ގެއްލުން ލިބޭ ކަމެއްގެ ގޮތުގައިވެއްޖެހިނދު އެކަން ދޫކޮށްލުން ހުއްޓެވެ. އެހިނދު ޓެޓޫ ހަށިގަނޑުން ނައްތާލުން ލާޒިމެއް ނުވާނެ އެވެ.

އެހެނަސް ހަށިގަނޑުން އެ ޓެޓޫ ނައްތާލުމަކީ އޭގޭ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބިގެން ނުދާނެ އަދި އުނދަގޫ ކަމެއްގެ ގޮތުގައި ނުވާނަމަ، އެ އެއްޗެއް ހަށިގަނޑުން ނައްތާލުން ވާޖިބުވާނެ އެވެ. ލާޒިމްވާނެ އެވެ.

ނުހަނު ބުރަ ބޮޑު ކަމެއްގެ ގޮތުގައިވެ، އެއަށްވުރެ ހަޑިހުތުރު ސިފަ ފާޅުވާނަމަވެސް އެކަން ނުކުރުން ހުއްޓެވެ. އަދި އެހިނދު އެ ނައްތާލުން ލާޒިމެއް ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts