ސުންނަތް ނަމާދުގައި ވަކި ޚާއްޞަ ޞޫރަތެއް ކިޔުންވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
ޖަވާބު : “ ސުންނަތް ނަމާދުގައި ކިޔުމަށް ޚާއްޞަ ސޫރަތްތަކެއް ކަނޑައެޅިފައިވޭތޯ، މި ސުވާލުގައި ވަކި ޚާއްޞަ ނަމާދެއް ގޮތުގައި ބަޔާން ކޮށްފައި ނެތުމުން އޭގެ ތަފްޞީލަށް ބަލާލަން ޖެހެ އެވެ.
ފުރަތަމައީ : ބައެއް ސުންނަތް ނަމާދުތަކަކި އެ ނަމާދު ތަކުގައި ވަކި ޞޫރަތްތަކެއް ކިޔުމަށް ވާރިދުވެފައިވާ އަދި ސުންނަތުން އެކަމަށް ދަލީލުތައް ކަނޑައެޅިފައިވާ ނަމާދު ތަކެވެ. އޭގެ ތެރޭގައި ފަތިސް ނަމާދު ގެ ކުރީ ސުންނަތް ހިމެނެ އެވެ. الإمام أبوداود ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. أنَّ النَّبيَّ صلَّى اللَّهُ عليْهِ وسلَّمَ قرأَ في رَكعتيِ الفجرِ قُلْ يَا أيُّهَا الْكَافِرُونَ وقُلْ هُوَ اللَّهُ أَحَدٌ -صحيح أبي داود 1256-
މި ޙަދީޘްގައި ބަޔާންވެގެންވަނީ : ފުރަތަމަ ރަކުޢަތުގައި ފާތިޙާ ސޫރަތަށްފަހު قُلْ يَا أيُّهَا الْكَافِرُونَ ޞޫރަތް، ދެވަނަ ރަކުޢަތުގައި ފާޠިޙާ ސޫރަތަށްފަހު قُلْ هُوَ اللَّهُ أَحَدٌ ސޫރަތް ކިޔެވުން ވާރިދުވެގެންވެ އެވެ.
ހަމަ އެފަދައިން، މަޣްރިބް ނަމާދުގެ ފަހު ސުންނަތުގައިވެސް މިފަދައިން ވާރިދުވެގެންވެ އެވެ. ފުރަތަމަ ރަކުޢަތުގައި ފާޠިޙާ ސޫރަތަށް ފަހު قُلْ يَا أيُّهَا الْكَافِرُونَ އަދި ދެވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު قُلْ هُوَ اللَّهُ أَحَدٌ ސޫރަތް ކިޔުން ވާރިދުވެގެންވެ އެވެ.
އަދި ހަމައެފަދައިން ޚާއްޞަ ސޫރަތްތައް ކިޔެވުމަށް ވާރިދުވެގެންވާ ނަމާދުތަކުގެ ތެރޭގައި ވިތުރި ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ. كانَ رسولُ اللَّهِ يوترُ بثلاثٍ يقرأُ في الأولى بسبِّحِ اسمَ ربِّكَ الأعلى وفي الثَّانيةِ بقل يا أيُّها الكافرون وفي الثَّالثةِ بقل هوَ اللَّهُ أحدٌ ޙަދީޘްގައިވަނީ : ވިތުރީގެ ފުރަތަމަ ރަކުޢަތުގައި سبِّحِ اسمَ ربِّكَ الأعلى އަދި ދެވަނަ ރަކުޢަތުގައި قل يا أيُّها الكافرون އަދި ތިންވަނަ ރަކުޢަތުގައި قل هوَ اللَّهُ أحدٌ ވިދާޅުވެ އެވެ. صحيح النسائي 1701
ހަމައެފަދައިން ޠަވާފްގެ ސުންނަތް ދެރަކުޢަތުގައިވެސް ކާފިރޫން އަދި އިޚްލާޞް ސޫރަތް ކިޔުނަށް ވާރިދުވެގެންވެ އެވެ.
ދެވަނައީ : ހަމަ އެފަދައިން ސުންނަތް ނަމާދުތަކުގައި ވަކި ޚާއްޞަ ސޫރަތެއް ކިޔުމަށް ކަނޑައެޅިފައި ނުވާ ނަމާދުތަކެވެ. މިޘާލަށް ޟުޙާ ނަމާދު، މަސްޖިދް ސުންނަތް، މެންދުރު ނަމާދުގެ ސުންނަތްތައް ފަދަ ރަކުޢަތްތަކެވެ. މިފަދަ ނަމާދުތަކުގައި ވަކި ޚާއްޞަ ޞޫރަތެއް ކިޔުމަށް ބުނެފިހިނދު އެވަނީ ދީނުގައި ނެތް ކަމެއް ދީނަށް ވައްދާފަ އެވެ. އެހެނަސް މި ޙާލުގައި ސުންނަތް ވެގެންވަނީ އެމީހަކަށް ފަސޭހަ ވެގެންވާ މިންވަރެއް ފާތިޙާ ސޫރަތަށްފަހުގައި ކިޔެވުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة الإمام ابن بَاز- رحمه الله- ވިދާޅުވެފައިވެ އެވެ. ”ދުވާލުގައި އަދި ރޭގަނޑުގައި ސުންނަތް ނަމާދު ކުރާ މީހާއަށް އޭނާއަށް ޝަރުޢުވެގެންވަނީ ފާޠިޙާ ސޫރަތަށްފަހު ފަސޭހަ މިންވަރެއް ކިޔެވުމެވެ. މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އެހެނަސް އޭނާއަށް އެފަދައިން ވާޖިބެއް ނުވާނެ އެވެ. އޭނާއަށް ވާޖިބުވެގެންވަނީ ފާޠިޙާ ސޫރަތް ކިޔެވުމެވެ. އަދި އެެއީ ނަމާދުގެ ރުކުނެކެވެ….“
ފަހެ، އެހެން ވުމުން ޚާއްޞަ ސޫރަތްތައް ވާރިދުވެފައިވާ ނަމާދުތަކުގައި ޚާއްޞަ ސޫރަތް ކިޔުން ހުއްޓެވެ. އެނޫން ނަމާދުތަކުގައި ވަކި ޞޫރަތެއް ކިޔުން ޚާއްޞަ ކޮށްގެން ނުވާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.