ދަމުނަމާދު އަދި ވިތުރި ކުރާނެ ވަޤުތަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދަމު ނަމާދު ކުރާނެ ސިފައާއި އަދި އެ މީހާ ވިތުރި ކުރާނެ ވަޤުތަކީ ކޮބައިކަމާއި އަދި ނިދުމުގެ ކުރިން ވިތުރި ކުރުމުގެ މައްޗަށް ބުނަމެވެ.

ފުރަތަމައީ : ރޭއަޅުކަން ފެށޭ ވަޤުތާއި ނިމޭ ވަޤުތެވެ. ފެށެނީ ޢިޝާ ނަމާދު ކުރުމާއި އެކުގަ އެވެ. އަދި ރޭއަޅުކަން ނިމިދާ ވަޤުތަކީ ފަތިސް ވަޤުތު ވަނުމާ އެކުގަ އެވެ. އެހެން ވުމުން ހުއްދަ ވަޤުތަކާއި އަދި ހެޔޮކަން ބޮޑުވެގެންވާ ވަޤުތެއްވެ އެވެ. ހުއްދަވަޤުތަކީ ޢިޝާ ވަޤުތުން ފެށިގެން ފަތިސް ވަޤުތާއި ހަމައަށެވެ. ޙަދީޘްގައިވެ އެވެ. الرسول -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ.

(إنَّ اللهَ زادَكم صلاةً، و هي الوترُ، فصلوها بين صلاةِ العشاءِ إلى صلاةِ الفجرِ)

”ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ މައްޗަށް ނަމާދެއް އިތުރުކުރައްވައިފި އެވެ. އެއީ ވިތުރި އެވެ. ފަހެ، ތިޔަބައިމީހުން އެ ނަމާދު ޢިޝާނަމާދާއި ފަތިސްނަމާދު ދެމެދުގައި ކުރާށެވެ.“

السلسلة الصحيحة 108

ހެޔޮކަން ބޮޑުވެގެންވާ ވަޤުތަކީ ރޭގަނޑު ތިންބައި ކުރުމަށްފަހު އެންމެ ފަހު ވަޤުތެވެ. ޙަދީޘްގައިވެ އެވެ. إنَّ أفضلَ الصَّلاةِ بعدَ المفروضةِ الصَّلاةُ في جَوفِ اللَّيلِ ”ފަރުޟު ނަމާދަށްފަހުގައި އެންމެ ހެޔޮވެގެންވާ ނަމާދަކީ ރޭގަނޑު ދަމުގައި ކުރެވޭ ނަމާދެވެ.“ صحيح الترغيب 1016

ދެވަނައީ : ރޭއަޅުކަމުގައި ނުވަތަ ދަމު ނަމާދު ކުރާ މީހާގެ ނަމާދަކީ 2 ރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުން ކުރުމެވެ. އެގޮތުން 8 ރަކުޢަތެވެ. މިއީ ރޭއަޅުކަން ނުވަތަ ދަމު ނަމާދު ކުރުމުގައި އެންމެ ފުރިހަމަ ސިފަ އެވެ. (ދެރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުން 8 ރަކުޢަތް ކުރުމެވެ. އަދި އެއަށް ފަހުގައި 3 ރަކުޢަތުގެ ވިތުރިކޮށް، ޖުމްލަ ރަކުޢަތް 11 އިން ނިންމާލުމެވެ.)

އެއަށްފަހު ވިތުރީގެ 3 ރަކުޢަތެވެ. މިއީ އެންމެ ފުރިހަމަ ގޮތުގައި ނަމާދު ކުރުމަށް ބަޔާންވެގެންވާ ސިފަ އެވެ. ޔަޢުނީ ރޭ އަޅުކަން ކުރުމަށްފަހުގައި ރޭއަޅުކަން ނިންމާލާ ނަމާދެއްގެ ގޮތުގައި ވިތުރި ކުރުމެވެ. صحيح البخاري ގެ 472 ވަނަ ޙަދީޘްގައިވެ އެވެ. اجْعَلُوا آخِرَ صَلَاتِكُمْ وِتْرًا ”(ރޭ އަޅުކަމުގައި) ތިޔަބައިމީހުންގެ އެންމެ ފަހު ނަމާދެއްގެ ގޮތުގައި ވިތުރި ނަމާދު ހެދުން ހުއްޓެވެ.“

ފަހެ، މިއީ އެންމެ ފުރިހަމަ އަދި އެންމެ ހެޔޮވެގެންވާ ގޮތެވެ.

ތިންވަނައީ : ރޭ އަޅުކަމަށް ނުވަތަ ދަން ގަނޑީގައި ނުހޭލެވިދާނެ ކަމަށް، ނުވަތަ ޙާލަތު ހުރި ގޮތުން ރޭގަނޑު ނަމާދު ނުކުރެވިދާނެ ކަމަށް ހިވާ މީހާ އެވެ.

ފަހެ މިފަދަ މީހާއަށް އަޥްލާވެގެންވަނީ އިރާކޮޅުގައި އޭނާގެ ވިތުރި ކޮށްލުމެވެ. ސަބަބަކީ ރޭގަނޑުގައި އޭނާއަށް ނުހޭލެވި ފަތިސްވަޤުތާއި ބައްދަލުކޮށްފާނެ ކަމަށްޓަކަ އެވެ.

ފަހެ ޞަޙާބީންގެ ތެރެއިން ބައެއް ޞަޙާބީންނަށް މިފަދައިން ނަބިއްޔާ -صلى الله عليه وسلم- ވަޞިއްޔަތްޕިުޅު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ޞަޙާބީ أبو هريرة ހިމެނިވަޑައިގަންނަވަ އެވެ. صحيح الترمذي 455 ގައި ވާރިދުވެގެންވާ ޙަދީޘެއްގައިވެ އެވެ. أمَرني رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ أن أوترَ قبلَ أن أنَامَ ”ތިމަން ޞަޙާބީއަށް رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ ނިދުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށް އަމުރުފުޅު ކުރެއްވި އެވެ.“

ހަތަރުވަނައީ : އިރާކޮޅުގައި ވިތުރި 3 ރަކުޢަތަށް ކޮށްފައިވަނިކޮށް ރޭއަޅުކަން ކުރެވިދާނެ ހެއްޔެވެ؟ ޖަވާބަކީ، އާއެކެވެ. މާތްނަބިއްޔާގެ ޞަޙާބީ ވިދާޅުވެފައިވެ އެވެ.

ޞަޙާބީ رافع بن خديج -رضي الله عنه- އަރިއަހުގައި ވިތުރި ނަމާދާ މެދު ސުވާލު ދެންނެވުނެވެ؟ ވިދާޅުވި އެވެ. ”ފަހެ، އަހަރެން ރޭގަނޑުގެ ކުރީކޮޅުގައި ވިތުރި ކުރަމެވެ. އަދި އަހަރެންނަށް ރޭގަނޑުގެ ފަހުކޮޅު ނަމާދުކުރުމުގެ ފުރުޞަތު ލިބިއްޖެހިނދު، ފަތިސްވަޤުތާއި ބައްދަލުވުމަށް ދާންދެން ދެރަކުޢަތުން ދެރަކުޢަތުން ނަމާދު ކުރަމެވެ.“حسن/عبدالرزاق ٤٦٧٠

އެހެންވުމުން، އޭނާއަށް ރޭ އަޅުކަން ކުރުމުގައި މައްސަލައެއް ނެތެވެ. 3 ރަކުޢަތުގެ މައްޗަށް ރޭއަޅުކަމުގެ ރަކުޢަތްތައް 2 ރަކުޢަތުން 2 ރަކުޢަތުން ކުރަމުން ގެންދާނީ އެވެ. އިތުރަށް ވިތުރި ނަމާދެއް ކުރުމެއް ނުވެ އެވެ. ސަބަބަކީ އޭނާވަނީ އެރޭގައި ވިތުރި ނަމާދު ކޮށްފަ އެވެ. އެ ވިތުރި އޭނާއަށް ފުދޭނެ އެވެ. (މިއީ ވިތުރި ކޮށްފައިވާ މީހާއަށް ރޭއަޅުކަން ކުރުމުގައިވާ ސިފަތަކުގެ ތެރެއިން 1 ސިފަ އެވެ. މިނޫން ސިފަތައްވެސް ވެ އެވެ.)

ފަސްވަނައީ : މިތަނުގައި ވަރަށްގިނަ ބަޔަކު ދޫކޮށްލާފައިވާ އަދި ފަރުވާކުޑަ ކޮށްލާފައިވާ ސުންނަތެއް ބަޔާން ކުރަމެވެ. އެއީ ވިތުރި ނަމާދު ނިންމުމަށް ފަހުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރެވެ. ނަބިއްޔާ -صلى الله عليه وسلم-

ޙަދީޘް ކުރައްވާފައިވެ އެވެ. (وإذا سلَّمَ من الوترِ، قال سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ، ثلاثًا ويمدُّ بِها صوتَه، ويرفعُ في الثالثةِ)” ނަބިއްޔާ ﷺ ވިތުރި ކުރައްވާ ނިމިވަޑައިގަތުމުން سُبْحانَ الملِكِ القدُّوسِ، سُبْحانَ الملِكِ القدُّوسِ سُبْحانَ الملِكِ القدُّوسِ ތިންފަހަރަށް ވިދާޅުވެ އެވެ.

އަދި القدُّوسِ ވިދާޅުވެ ދަމާލެއްވި އެވެ. އަދި 3ވަނަ ފަހަރަށް ވިދާޅުވާ ހިނދުގައި އަޑު އުފުއްލަވާ ވިދާޅުވެ އެވެ.“ قيام رمضان ، الشيخ الألباني ، صحيح

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts