ޙައިޟުގައިވާ އަންހެނާ ވަރިކުރުމުގެ ޙުކުމް އަދި އެހާލަތުގައި ވަރިވިކަމުގައި ވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޙައިޟުގައިވާ އަންހެނާ ވަރިކުރުމުގެ ޙުކުމް އަދި އެ ވަރިއާ ގުޅިފައިވާ ކަންތައްތައް؟

ފުރަތަމައީ :

ޙައިޟުގައިވާ އަންހެނާ ވަރިކުރުން ހަރާމްވެގެންވާ ކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވެ އެވެ. އެގޮތުން، އަނބިމީހާ ޙައިޟުގައިވާ ހިނދުގައި ފިރިމީހާއަށް އެ އަނބިމީހާ ވަރިކުރުން ޙަރާމްވެގެންވެ އެވެ. މިކަމުގައި ޚިލާފެއް ނެތެވެ.

މި އިޖްމާޢު ވަރަށް ގިނަ ޢިލްމުވެރިން ޛިކުރު ކުރެއްވި އެވެ. އޭގެ ތެރޭގައި ابن عبد البر ލިޔުއްވި ފޮތް الاستذكار (6/ 141) ގައި، ابن قدامة ލިޔުއްވޮ ފޮތް المغني (10/ 324) ގައި އަދި ابن تيمية ގެ مجموع الفتاو (33/ 66) ގައި ޛިކުރު ކުރެއްވި އެވެ.

ދަންނަ އެވެ. އަނބިމީހާ ޙައިޟުގައިވާހިނދު، ވަރިކޮށްފި ފިރިމީހާވަނީ، ބިދުޢީ ޙަރާމް ވެގެންވާ ޢަމަލަކަށް އަރައިގަނެފަ އެވެ. ސަބަބަކީ އޭނާ ވަނީ އޭނާގެ ރައްބު ކަނޑައަޅާފައިވާ ހައްދު ފަހަނައަޅައި ގޮސްފަ އެވެ. އޭނާގެ އަމިއްލަ ނަފްސަށް އޭނާ ވަނީ އަނިޔާވެރި ވެފަ އެވެ. މިފަދައިން އެންމެހައި ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

ދެވަނައީ : ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވަނީ ޙައިޟުގައިވާ އަންހެނާ ވަރި ކުރުމުން އެއީ ވަރިއެއްކަމުގައި ކަނޑައެޅޭތޯ ނުވަތަ އެއީ ވަރިއެއް ކަމުގައި ކަނޑަނޭޅޭތޯ އާ މެދުގަ އެވެ.

މިއީ ޚިލާފް އުފެދިފައިވާ މައްސަލަ އެކެވެ.

ފުރަތަމަ ޤައުލަކީ : ޙައިޟުގައިވާ އަންހެނާ ވަރިކޮށްފިހިނދު އެ އަންހެން މީހާ ވަރިވާނެ ކަމެކެވެ. އެ ވަރި އަކީ ވަރިއެއް ކަމުގައި ކަނޑައެޅޭނެ ކަމުގަ އެވެ. މިއީ އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ޖުމްހޫރު ބޭކަލުންގެ ޤައުލެވެ. އަދި މިއީ ހަތަރު މަޛްހަބުގެ އިމާމުން الإمام أبو حنيفة، الإمام مالك، الإمام الشافعي އަދި الإمام أحمد ގެ ޤައުލުވެސް މެ އެވެ.

ދެވަނަ ޤައުލަކީ : އެއީ ވަރިއެއް ކަމުގައި ކަނޑަނޭޅޭނެ ކަމެކެވެ. މި ޤައުލަކީ ظاهرية އިންގެ ޤައުލެވެ. އަދި މިފަދައިން الإمام ابنِ تيمية އަދި إمام ابنِ القيِّم ދެކެވަޑައިގަންނަވަ އެވެ.

ސުންނަތުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ހައިޟުގެ ދުވަސްވަރު ވަރި ނުވާނެއޭ، އެބަހީ ވަރިވުން ކަމުގައި ކަނޑަނޭޅޭ ކަމުގައި ބުނުމަކީ އެއީ ޚަވާރިޖުންނާއި ރާފިޟީންގެ ބުނުމެއް ކަމުގައި ޛިކުރު ކުރައްވާފައިވެ އެވެ. މިފަދައިން الحافظ ابن عبد البر އަދި الإمام ابن قدامة ބަޔާން ކުރެއްވި އެވެ.

ޙައިޟުގައިވާ އަންހެނާ ވަރިކޮށްފިހިނދު، އެ ކުރެވުނު ޙަރާމްވެގެންވާ ޢަމަލާއެކު، އަނބިމީހާ ވަރިވާނެ ކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިންގެ ދަލީލުތަކުގެ ތެރޭގައިވެ އެވެ.

އިމާމް البخاري (4908) އަދި مسلم (1471) ރިވާކުރެއްވި އެވެ. ޞަހާބީ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެ އެވެ. «أَنَّهُ طَلَّقَ امْرَأَةً لَهُ وَهِيَ حَائِضٌ، فَذَكَرَ ذَلِكَ عُمَرُ رَضِيَ اللَّهُ عَنْهُ لِرَسُولِ اللَّهِ ﷺ، فَتَغَيَّظَ فِيهِ رَسُولُ اللَّهِ ﷺ ثُمَّ قَالَ: لِيُرَاجِعْهَا ثُمَّ يُمْسِكْهَا حَتَّى تَطْهُرَ، ثُمَّ تَحِيضَ فَتَطْهُرَ، فَإِنْ بَدَا لَهُ أَنْ يُطَلِّقَهَا؛ فَلْيُطَلِّقْهَا قَبْلَ أَنْ يَمَسَّهَا، فَتِلْكَ العِدَّةُ كَمَا أَمَرَ اللَّهُ عَزَّ وَجَلَّ» ހަމަކަށަވަރުން عَبْدِ اللَّهِ بْنِ عُمَرَ އެ ޞަޙާބީގެ އަނބިކަނބަލުން ޙައިޟުގައިވަނިކޮށް، އެ ކަނބުލޭގެ ވަރި ކުރެއްވި އެވެ. ދެން عُمَرُ رَضِيَ اللَّهُ عَنْهُ އެ ވާހަކަ ރަސޫލު ﷲ ﷺ އަށް ކިޔައިދެއްވުމުން، އެ ކަމާމެދު ރަސޫލު ﷲ ﷺ ކޯފާވެވަޑައިގަތެވެ. (އެހެނީ: ޙައިޟުގެ ދުވަސްވަރު ވަރިކުރުމަކީ ހަރާމް ކަމެކެވެ.)

ދެން ނަބިއްޔާ ﷺ  ޙަދީޘް ކުރެއްވިއެވެ: ”عَبْدِ اللَّهِ بْنِ عُمَرَ އެ ކަނބުލޭގެ އަލުން ރުޖޫއަކުރާ ހުއްޓެވެ. އެއަށްފަހު އެ ކަނބުލޭގެ ޙައިޟުން ތާހިރުވަންދެން ގެންގުޅޭނީ އެވެ. ދެން (އަނެއްކާވެސް) އެ ކަނބުލޭގެ ޙައިޟުވުމަށް ފަހު ތާހިރުވަންދެން (ގެންގުޅޭނީއެވެ.) ދެން އެއަށްފަހު އެ ކަނބުލޭގެ ވަރިކުރުމަށް އެކަލޭގެފާނަށް ފެންނަ ނަމަ، ފަހެ (ޙައިޟުން ތާހިރުވެގެންވާ ހާލު) އެ ކަނބުލޭގެއާ ޖިމާއުވުމުގެ ކުރިން އެ ކަނބުލޭގެ ވަރިކުރާ ހުއްޓެވެ. އެހެނީ ﷲ عَزَّ وَجَلَّ އަމުރު ކުރެއްވި ގޮތަށްވާ އިއްދައަކީ އެއީ އެވެ.

މި ހަދީޘަކީ ޙައިޟުގެ ދުވަސްވަރު ވަރި ކުރުން ޙަރާމް ވެގެންވީނަމަވެސް، ވަރި ކޮށްފި ނަމަ އެއީ ވަރިއެއް ކަމުގައި ކަނޑައެޅޭނެ ކަމަށް ބުނެވޭ ބަސްފުޅުގެ މައްޗަށް އޮތް ވަރަށް ބޮޑު ދަލީލެކެވެ.

އެބޭކަލުން ވިދާޅުވި އެވެ. (ވަރި ވެފައިވާކަން ބަޔާންވެގެންވާ ދަލީލަކީ) ޙަދީޘްގައިވާ ލްފްޟު، ރަސޫލާ ﷺ  ހަދީޘްފުޅު ކުރެއްވި ލަފްޒު (لِيُرَاجِعْهَا ) ”އެ ކަނބުލޭގެ އަލުން ރުޖޫއަކުރާ ހުއްޓެވެ.“ މި ޖުމްލަ އެވެ.

އަދި މި ލަފްޟު ވާރިދުވެގެންވާ އެހެން ލަފްޟެއްގައިވެ އެވެ. ( (مُرهُ فليراجعها ) “ عَبْدِ اللَّهِ بْنِ عُمَرَ އަށް އެ ކަނބުލޭގެ ރުޖޫޢަ ކުރުމަށް އަމުރު ކުރާށެވެ.“

އެބޭކަލުން ވިދާޅުވި އެވެ. ވަރި ނުވާނަމަ، ރުޖޫޢަ ކުރާނީ ކިހިނެތް ހެއްޔެވެ؟ ވަރި ވެފައި ވުމުން މެނުވީ އަނބިމީހާ ރުޖޫޢައެއް ނުކުރެވޭނެ އެވެ. ވަރި ނުވާނަމަ ރުޖޫޢަ ކުރުމަށް ނަބިއްޔާ ﷺ ހަދީޘްފުޅު ކުރައްވާނީ ކިހިނަކުން ހެއްޔެވެ؟

އަދިވެސް މި ބުނުމަށް ބާރު ދެވެނީ އިމާމް مسلم (1471) ރިވާކޮށްފައިވާ އެހެން ލަފްޟެއްގައި، ޞަހާބީ ވިދާޅުވެފައިވެ އެވެ. : «فَحُسِبَتْ مِنْ طَلَاقِهَا، وَرَاجَعَهَا عَبْدُ اللَّهِ كَمَا أَمَرَ رَسُولُ اللَّهِ ﷺ) ފަހެ އެ ކަނބުލޭގެ (ޙައިޟުގައި ކުރެވުނު ވަރިއަކީ) ވަރިއެއް ކަމުގައި ގުނިގެން ދިޔައެވެ. އަދި ރަސޫލު ﷲ ﷺ އަމުރު ކުރެއްވި ގޮތަށް، ޢަބްދު ﷲ (ބިން ޢުމަރު) އެ ކަނބުލޭގެ އަނބުރާ ރުޖޫއަ ކުރެއްވިއެވެ.

ވުމުން، މިއީ ވަރަށްވެސް ފާޅުކަން ބޮޑު ގޮތުގައި އެ ކުރެވުނު ވަރިއަކީ ވަރިއެއް ކަމުގައި ކަނޑައެޅިގެން ދިޔަކަން ބަޔާންވެގެންވާ ސާފު ދަލީލެކެވެ.

ސަބަބަކީ، މި ޙާދިޘާގެ ޞާހިބާ ޞަހާބީ عَبْدِ اللَّهِ بْنِ عُمَرَ ވިދާޅުވެފައިވެސް ވަނީ އެއީ ވަރިއެއް ކަމުގަ އެވެ.

އަދިވެސް މި ޤައުލަށް ބާރުދެވޭ އަނެއް ލަފްޟަކީ ޞަޙާބީ އަރިހުގައި ސުވާލު ކުރެވުނެވެ. (أ حسبتْ عَلَيك طَلْقَة) ”އެ ތިބާގެ މައްޗަށް ވަރިއެއް ކަމުގައި ކަނޑައެޅުނު ހެއްޔެވެ؟“ އަދި ޞަހާބީ ޖަވާބުގައި ވިދާޅުވި އެވެ. ”ވަރިއެއް ކަމުގައި ކަނޑައެޅުނެވެ.“

އަދިވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެ ހާލަތެއްގައި ވަރި ނުވާނެ ކަމަށް ދީނުގައި ކަނޑައެޅިފައިވާ ޙާލަތެއްގައި މެނުވީ އެންމެހައި ޙާލަތްތަކުގައި ވަރި ވާނެ އެވެ.

މިޘާލަކަށް މޮޔަވެފައިވާ ޙާލަތުގައި، ނިދާފައިވާ ޙާލަތެއްގައި ވަރި ނުވެވޭނެ އެވެ. ވުމުން، ޙައިޟުގައިވާ ޙާލަތުގައި ވަރި ނުވެވޭނެ ކަމަށް އެއްވެސް ދަލީލެއް ނެތެވެ.

އަދިވެސް ވަރިވާނެ ކަމަށް ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި އެބޭކަލުން ވިދާޅުވި އެވެ. ޙައިޟުގައިވާ އަންހެނާ އަކީ ތަކްލީފް ޖެހިގެންވާ ފަރާތެއް ނޫން ހެއްޔެވެ؟ އަދި ވަރި ކުރި ފަރާތަކީ އޭނާގެ އިޚްތިޔާރުގައި ބުއްދި ސަލާމަތުން ހުރެ ވަރި ކުރި ފަރާތެއް ނޫން ހެއްޔެވެ؟

ވުމާއެކު، ވަރި ނުވާނެ ކަމަށް އޮތީ ކޮން ޙުއްޖަތެއް ހެއްޔެވެ؟

ވުމުން، ޙައިޟުގައިވާ ޙާލުގައި ވަރި ކުރުމަކީ ހަރާމްވެގެންވާ ޢަމަލެއް އަދި ބިދުއީ ވަރިއެއް ކަމުގައިވީނަމަވެސް ވަރި ވާނެ އެވެ.

އަދިވެސް އެބޭކަލުން ވިދާޅުވެ އެވެ. ސީދާ ހަލާލު ވެގެންވާ ގޮތުގައި ނޫން އެހެން ގޮތެއްގައި ފަރުޖުތައް ބޭނުންވެ ނުދިއުމަށްޓަކައި ސަލާމަތްތެރި ކަމާއި ރައްކާތެރިކަމުގެ މަގުތަކުގައި ހިފެހެއްޓުމަށްވާ އެއްޗެއްގެ ގޮތުގައި ފަރުޖުތައްވެ އެވެ.

އެގޮތުން ޙައިޟުގެ ދުވަސްތަކުގައިވެސް ވަރިކޮށްފިނަމަ، ވަރިވާނެ ކަމުގައި ބުނުމަކީ އެންމެ ރައްކާތެރި ގޮތެވެ.

ތިންވަނައީ :

ޙައިޟުގައިވާ އަންހެނާ ވަރިކުރުން ހުއްދަވެގެންވާ އިސްތިސްނާ ވެފައިވާ ޙާލަތްތަކެއްވެ އެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة الإمام ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : ޙައިޟުގައިވާ އަންހެނާ ވަރިކުރުން ހުއްދަ ވާނީ ކޮން އިރަކު ހެއްޔެވެ؟

ޖަވާބު : ”އަންހެނަކު ޙައިޟުގައިވަނިކޮށް ވަރިކުރުން ޙަރާމްވެގެންވުން، (މި އަޞްލުން) ތިން މައްސަލައެއް އިސްތިސްނާވެގެންވެ އެވެ.

ފުރަތަމަ މައްސަލައަކީ : އެ އަންހެނަކު ވަރި ކުރެވުނީ، (ކައިވެންްޏަށްފަހު) ޖިމާޢުވެވޭފަދަ ގޮތަކަށް، އެ އަންހެނަކާ އެކު އެކަހެރި ވުމުގެ ކުރިން، (އެބަހީ : މި ދެކަމުން ކުރެ ކަމެއްގެ ކުރިންނަމަ) ޙައިޟުގައި ވަނިކޮށްވެސް ވަރި ކުރެވިދާނެ އެވެ. އެހެނި މިޙާލުގައި އަންހެން މީހާގެ މައްޗަށް އެއްވެސް ޢިއްދައެއް ނުވެ އެވެ. ވުމުން މިއީ ﷲ ތަޢާލާގެ ވަޙީބަސްފުޅާއި ޚިލާފަށް ކުރެވުނު ވަރިއެއް ކަމުގައި ނުވާނެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ.

(يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ) “ އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ!

ދެވަނަ މައްސަލައަކީ : މާބަނޑު ދުވަސްވަރު ޙައިޟުވެފައިވާނަމަ އެވެ. (މާބަނޑު ދުވަސްވަރުގައިވެސް ޙައިޟުގެ ލޭއައުން އެކަށިގެންވާކަމަށް ދެކެވޭ ރައުޔަކީ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން ބަސްފުޅެކެވެ.)

ތިންވަނަ މައްސަލައަކީ : އަންހެން މީހާ ބަދަލެއް ދީގެން ވަރިވާ ކަމުގައިވާނަމަ އެވެ. (އެބަހީ : ޚުލްޢު ކުރާ ޙާލަތުގަ އެވެ.) رسالة الدماء 32، (ޚުލާޞާކޮށް ލިޔެފައި)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts