ހުކުރު ޖަމާޢަތަށް ޙާޟިރުވެ ފޯނުން ބަލައިގެން، އަޑުހަރުކޮށް ނުވަތަ ސިއްރުން އިމާމާއި އެއްވަރަކަށް ޚުޠުބާ ކިޔުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހުކުރު ޚުޠުބާ އިމާމް ކިޔަމުންދާހިނދު، ހުކުރު ޖަމާޢަތަށް ޙާޟިރުވެހުންނަ މީހަކު ފޯނުން ބަލައިގެން ޚުޠުބާ ކިޔަމުން ދިއުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ދަންނައެވެ! ސުވާލުގައި ބަޔާންކޮށްފައިވަނީ މިއަދު ނުހަނު ގިނައިން ފެންނަ ޢަމަލެކެވެ. މި ޢަމަލުގެ އިތުރަށް ބައެއް މީހުން ތަސްބީޙަފަތިން ގުނައި ހެދުމާއި، އެގޮތް މިގޮތަށް ދެއަތުގެ ތެރެއަށް ތަސްބީޙަފަތި އަނބުރައި ހެދުމާއި، ފޯނާއި އެކިއެކި ސިފަތަކުގައި ކުޅެހެދުމާއި، ހުކުރު ޖަމާޢަތަށް ޙާޟިރުވެ ވާހަކަ ދެއްކުންފަދަ ކަންކަމަކީ، އިމާމް ހުކުރު ޚުޠުބާ ދޭހިނދު ކުރަމުން ގެންދާ ކަންތައްތަކެވެ.
މިޢަމަލުތަކާއި އަދި މިފަދަ އެނޫން ޢަމަލުތަކުގެ މައްޗަށް އޮތީ އެއް ޙުކުމެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އޭގެ ތެރޭގައި الحَنَفيَّة، المالِكيَّة، الحَنابِلَة، އަދި މިފަދައިން އިމާމް الشافعي ގެ ރިވާޔަތެއްގައިވެ އެވެ. އެއީ ޚުޠުބާދޭހިނދު ކަނުލައި ހަނު ހުރުން ވާޖިބުވެގެންވުމާއި އަދި ވާހަކަ ދެއްކުން ޙަރާމްވެގެންވުމެވެ.
ޖުމްހޫރު ޢިލްމުވެރިން ގެނެސްފައިވާ ދަލީލު ތަކުގެ ތެރޭގައި ހިމެނެ އެވެ.
އިމާމް البخاري އަދި مسلم ޞަހާބީ أبي هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވ( إذا قلت لصاحبك والإمام يخطب يوم الجمعة أنصت فقد لغوت ) ”ހުކުރުނަމާދަށް ޙާޟިރުވެއިންނަ މީހަކު، އޭނާގެ ޞާޙިބާ ގާތުގައި ”ތިބާ ހަނުހުންނަ ހުއްޓެވެ.“ މިފަދައިން ބުނެފިހިނދު، އެހިނދު އޭނާވަނީ ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެއް ކޮށްފަ އެވެ.“
ފަހެ، މީހަކު ވާހަކަ ދައްކާނަމަ، އިޝާރާތުން ވާހަކަ ނުދެއްކުމަށް ބުނެވިދާނެ އެވެ.
އިމާމް مسلم ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. ومَن مَسَّ الحَصَى فقَدْ لَغا ”(ހުކުރު ދުވަހުގައި އިމާމް މީހާ ޚުޠުބާދޭހިނދު) މިސްކިތުގެ ބިންމަތީގައިވާ ކުދި ގާކޮޅުތައް ނަގައި އެ ގާތަކާއި ކުޅުމަކީ، ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެކެވެ.“
އަދިވެސް އެހެން ރިވާޔަތެއްގައިވެ އެވެ. (إذا تكلَّمتَ يَومَ الجمُعةِ فقَد لغَوتَ ، و ألغيْتَ . يَعني و الإمامُ يخطُبُ ) ”އިމާމް މީހާ ޚުޠުބާދޭހިނދު، ތިބާ (ނަމާދަށް ޙާޟިރުވެއިނދެ) ވާހަކަ ދައްކައިފިހިނދު، އެހިނދު ތިބާވަނީ ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެއް ކޮށްފަ އެވެ.“
މި އެންމެހައި ޙަދީޘްތަކުން އަދި އެހެނިހެން ރިވާޔަތްތަކުން ބަޔާންވެގެންވާ ދަލީލަލީ، އިމާމް މީހާ ޚުޠުބާން ފެއްޓުމާއެކު މިސްކިތަށް ޙާޟިރުވެއިންނަ އެކަކުވެސް އެއްވެސް ޢަމަލެއްގައި މަޝްޣޫލުވެގެން ނުވާނެ ކަމެވެ. އޭނާގެ މައްޗަށް އެއްވެސް ޝައްކެތް ނެތި ވާޖިބުވެގެންވަނީ ހަނު ހުރުމާއެކު އިމާމްގެ ޚުޠުބާ އަޑުއެހުމަށްޓަކައި ކަނުލައި އިނުމެވެ. އެންމެހައި ފިޤުހުވެރިން މިކަމުގެ މައްޗަށް އިއްތިފާޤުވަޑައިގަންނަވަ އެވެ.
އިމާމް ابن عبد البر -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޚުޠުބާ އަޑުއިވޭ އެންމެހައި މީސްތަކުން ކަނުލައި، ހަނުތިބޭ ޙާލުގައި ޚުޠުބާ އަޑުއެހުން ވާޖިބުވެގެންވާ ކަމަށް އެންމެހައި ފިޤުހު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނުވެ އެވެ.“
ދަންނަ އެވެ! ހަމައެކަނި މި ޢަމަލުން އިސްތިޘްނާވަނީ، އިމާމް މީހާ އެ މީހަކާ ވާހަކަ ދެއްކުމުން އިމާމް މީހާއަށް އެކަމުގައި ޖަވާބު ދިނުމެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގައި އެފަދައިން ޢަމަލު ހިނގައިފައި ވުމުންނެވެ. އަދިވެސް ޚާޟިރުވެފައިވާ ފަރާތެއް ޙާޖަތް މެދުވެރިވެގެންން ޚުޠުބާދޭ ފަރާތައް މުޚާޠަބު ހުއްދަވެގެންވެ އެވެ.
އަޚާ އެވެ! ދީނުގައި ސަލާމް ގޮވުމުން ސަލާމް ރައްދު ކުރުން ވާޖިބުވެގެންވާހިނދުގައިވެސް، އިމާމް މީހާ ޚުޠުބާދޭހިނދު އެފަދައިން ސަލާމްވެސް ރައްދުކޮށްގެން ނުވާނެ ކަމުގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ޤައުލަކީ އެކަމުގެ ޞައްޙަ ޤައުލެވެ. ވުމާއެކު އެނޫން ޢަމަލެއްގައި ދެމިހުރުން ވާނީ ކޮންފަދަ ނުބައިވެގެންވާ ޢަމަލެއްތޯ އެވެ؟
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީގެ ފަތުވާގައިވެ އެވެ. ”އިމާމް ހުކުރު ދުވަހު ޚުޠުބާދޭހިނދު ކިނބިހި އެޅި މީހާއަށް ތަޝްމީތު ކުރުމާއި، ސަލާމް ރައްދު ކުރުން ޢިލްމުވެރިން ބަސްފުޅުތަކުން ޞައްޙަ ބަސްފުޅަކީ ހުއްދައެއް ނުވާނެ ކަމެވެ. ސަބަބަކީ، އެ ޢަމަލަކީވެސް އިމާމް މީހާ ޚުޠުބާ ދޭހިނދު ބަސް ބުނުން ޢާންމުކޮށް ނަހީ ވެގެންވާ ޙަދީޘްތަކުގެ ތެރެއަށް ވަންނާނެ ބަސް ބުނުން ކަމުގައިވުމެވެ.“
އިމާމް الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”އިމާމް ޚުޠުބާ ދޭހިނދު ސަލާމް ގޮވުން ޙަރާމް ވެގެންވެ އެވެ. ފަހެ، ހުކުރު ނަމާދަށް ޙާޟިރުވާ މީހާ (މިސްކިތައް ވަންނަހިނދު) އިމާމް ޚުޠުބާ ދޭހިނދުގައި ސަލާމް ގޮވުން ޙަރާމްވެގެންވެ އެވެ. އަދި ސަލާމް ރައްދު ކުރުންވެސް ޙަރާމްވެގެންވެ އެވެ.“
ވުމުން، ފޯނާ ކުޅުމާއި، ފޯނުން ބަލައިގެން ކިޔުމާއި، ވާހަކަ ދެއްކުމާއި މި އެންމެހައި ޢަމަލުތަކަކީ ޙަރާމްވެގެންވާ ޢަމަލު ތަކެވެ. އަދި ކިޔެއްތަ! އެމީހަކަށް ޙުކުރު ނަމާދުން ލިބޭ އަޖުރުން މަޙްރޫމު ކުރާނެ ޢަމަލެއް ކަމުގައިވެ އެވެ.
މިއަދު މަދީނާގައި، މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވުމުގައި الشَّيخ العَلاَّمَة عَبد المُحسن العَبَّاد حفظه لله ވިދާޅުވެފައިވެ އެވެ.
”ހުކުރު ދުވަހުގައި އިމާމް މީހާ ޚުޠުބާ ދޭހިނދު، ފެން ބުއިމަކީ (ޙަދީޘްގައި ނަހީ ވެގެންވާ) މިސްކިތުގެ ބިންމަތި އެ ގާތަކުން އެއްވަރު ކުރެވިފައިވާ ކުދި ގާކޮޅުތައް ނަގައި އެގާތަކާއި ކުޅުމާއި އެއްވައްތަރު އެ ޖިންސުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ.
އެކަންވަނީ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެއް ކަމުގަ އެވެ.“
މި އެންމެހައި ޢަމަލުތަކަށްވުރެ ނުބައިކަން ބޮޑުވެގެންވަނީ، ހުކުރު ޖަމާޢަތަށް ޙާޟިރުވެ، މިސްކިތުގައި ކެމެރާތައް ބަހައްޓައި އިމާމް ޚުޠުބާދޭ ވަގުތުގައި ޚުޠުބާ އަޑު އެހުމަށް އިށީނދެ ކަނުލައި އިނުމުގެ ބަދަލުގައި، އިމާމްގެ ޚުޠުބާ ޓީވީން ދެއްކުމަށް ކެމެރާއާ ކުޅެ ކުޅެ ތިބޭ މީހުންނެވެ. ކެމެރާ އިމާމް އާ ދިމާލަށް އަނބުރަ އެވެ. ޙާޟިރުވެ ތިބޭ މީހުންނާ ދިމާލަށް އެނބުރުމުގައިވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސްޓޭޝަންގައިވާ މީހުންނާ އެހިނދުގައި އޭނާގެ އަތުގައިވާ ހެޑްސެޓުން ވާހަކަ ދެއްކުމުގައިވެ އެވެ. ފަހެ، މިއީ އެންމެ ބޮޑު ނަހީކުރެވިގެންވާ ޢަމަލެކެވެ. ޙަރާމް ވެގެންވާ ޢަމަލެވެ. އަދި އޭނާ ވަނީ އެ ޢަމަލުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގޯނާ ފޯރުވައި އުނދަގޫ ކޮށްފަ އެވެ. ފަހެ، އެތައް މީހުންގެ ނަޟަރު އޭނާއަށް ހުއްޓެވެ. އޭނާގެ އެކި އެކި ޙަރާތްތަކުގެ ސަބަބުން ސުންނަތުގައިވާ ހިދާޔަތުން މީސްތަކުން އެއްފަރާތް ވެގެންވެ ދެ އެވެ.
مطيع بن الحكم -رضي الله عنه- ވިދާޅުވި އެވެ. (أن النبي صلى الله عليه وسلم كان إذا صعد المنبر أقبلنا بوجوهنا إليه) ”ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މިންބަރަށް އަރާވަޑައިގެންނެވުމުން، އަހަރެމެން ނަބިއްޔާއާ ދިމާލަށް އަހަރެމެންގެ މޫނުތައް އަނބުރާލަމެވެ.“الصحيحة2080
الإِماَم الأَلْبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ.
”މިއީ މީސްތަކުން ޢަމަލުކުރުން ދޫކޮށްލާފައިއޮތް ސުންނަތެކެވެ. ފަހެ، ސުންނަތަށް ލޯބިކުރާ ފަރާތްތަކަށް އޮތީ މި ސުންނަތް ދިރުވުމެވެ.“
ފަހެ، މި އެންމެހައި ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. މި ބޮޑުވެގެންވާ ފާފަވެރި ޢަމަލުން އެއްކިބާވެ ސަމާލުވުން ހުއްޓެވެ. މިއީ އެތައް ބަޔަކު އަޅާލުން ކުޑަވެފައިވާ އެހެނަސް ނުހަނު ބޮޑަށް ނަހީ ކުރެވިގެންވާ ޢަމަލެއް ކަމުގައިވެ އެވެ. ފަހެ، އެބައިމީހުންވަނީ އެ ޢަމަލުގެ ސަބަބުން ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމް ކުރެވިގެންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.