ރޭ އަޅުކަމުގައި ވަކި ސޫރަތެއް ވަކި މިންވަރަކަށް ކިޔުމަށްވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ރޭ އަޅުކަމުގައި ވަކި ސޫރަތެއް ވަކި މިންވަރަކަށް ކިޔުމަށް ބުނެފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.
ފުރަތަމައީ : ރޭ އަޅުކަމުގައި ކިޔުމަށް ޚާއްޞަ ސޫރަތެއް ނުވަތަ ޛިކުރެއްވޭ ހެއްޔެވެ؟
ދަމު ނަމާދުގައި ނުވަތަ ރޭއަޅުކަމުގައި ކިޔާނެ ޚާއްޞަ ސޫރަތެއް ނެތެވެ.
( 2 ރަކުޢަތުން 2 ރަކުޢަތުން ކުރާ 8 ރަކުޢަތުގައި ކިޔުމަށް ޚާއްޞަ ޞޫރަތްތަކެއް ނުވެ އެވެ.) ކޮންމެ ރަކުޢަތެއްގައިވެސް ސޫރަތުލް ފާތިޙާއަށް ފަހުގައި، ފަސޭހަ މިންވަރެއް ކިޔެވުން ހުއްޓެވެ. ހެޔޮކަން ބޮޑުވެގެންވަނީ ދިގުކޮށް ކިޔެވުމެވެ. ރޭ އަޅުކަމުގައި މުޞްޙަފުން ބަލައިގެން ކިޔުންވެސް ހުއްދަވެގެންވެ އެވެ.
ވިތުރީގެ 3 ރަކުޢަތުގައި ކިޔުން ޚާއްޞަ ޞޫރަތްތަކެއްވެ އެވެ.
ޙަދީޘްގައިވެ އެވެ. كانَ رسولُ اللَّهِ يوترُ بثلاثٍ يقرأُ في الأولى بسبِّحِ اسمَ ربِّكَ الأعلى وفي الثَّانيةِ بقل يا أيُّها الكافرون وفي الثَّالثةِ بقل هوَ اللَّهُ أحدٌ ޙަދީޘްގައިވަނީ : ނަބިއްޔާ صلى الله عليه وسلم 3 ރަކުޢަތުން ވިތުރި ކުރައްވަ އެވެ. ވިތުރީގެ ފުރަތަމަ ރަކުޢަތުގައި سبِّحِ اسمَ ربِّكَ الأعلى އަދި ދެވަނަ ރަކުޢަތުގައި قل يا أيُّها الكافرون އަދި ތިންވަނަ ރަކުޢަތުގައި قل هوَ اللَّهُ أحدٌ ވިދާޅުވެ އެވެ. صحيح النسائي 1701
ދެވަނައީ : ފުރަތަމަ ނުކުތާގައި ބަޔާންކުރި ފަދައިން، ރޭއަޅުކަމުގެ ތެރޭގައި ހިމެނޭ ވިތުރި ނަމާދުގައި ކިޔުމަށް ޚާއްޞަ ސޫރަތެއް ވާރިދުވެގެންވީނަމަވެސް، އެހެނިހެއް ރަކުޢަތްތަކުގައި (2 ރަކުޢަތުން 2 ރަކުޢަތުން ކުރާ ރަކުޢަތްތަކުގައި) ކިޔުމަށް ޚާއްޞަ އެއްވެސް ސޫރަތެއް ނުވެ އެވެ.
ޚާއްޞަ ޞުރަތެއް ކިޔުން ދީނުގައި ކަނޑައެޅިފައި ނުވުމުން، ވަކި ޞޫރަތެއް ޚާއްޞަކުރުން ވެގެންދާނީ ދީނަށް އަލަށް ގެނެވޭ ކަމަކަށެވެ. ފަހެ، ވުމުން އެފަދަ ޢަމަލުތަކުން ދުރުހެލިވުން ހުއްޓެވެ.
އެ ގޮތުން ބައެއް ފޮތްތަކުގައި ޛިކުރުކޮށްފައިވާ ރޭއަޅުކަމުގެ ރަކުޢަތެއްގައި 50 ފަހަރު އިޚްލާޞް ސޫރަތް ކިޔެވުމަކީ އެއްވެސް ގޮތަކަށް ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. އެފަދަ އެންމެހައި ޢަމަލުތަކާއި ދުރުވާން ޖެހޭނެ އެވެ.
އެއީ ހެޔޮ ޢަމަލެއް ކަމުގައިވާނަމަ، އެންމެ ފަހަރަކުވެސް އެފަދައިން 50 ފަހަރު ނަބިއްޔާ صلى الله عليه وسلم ރޭއަޅުކަމުގައި ޢަމަލު ކުރެއްވި ކަމުގައި ވާރިދުވެގެންވީ އެވެ.
އަދި ހަމަ އެފަދައިން ރޭ އަޅުކަމުގެ ނަމާދުގައި ކިޔާ ތަކެއްޗަކީ އެހެން ނަމާދުތަކުގައިވެސް ކިޔާ ޛިކުރު ތަކާއި އަދި ތަސްބީޙަ ތަކެވެ. އެ ގޮތުން ރުކޫޢުގައި، އިޢުތިދާލުގައި އަދި ސަޖިދައިގައިވެސް މެ އެވެ.
ނަބިއްޔާ ރޭއަޅުކަން ދިގުކޮށް ކުރައްވާ އެ ގޮތުގުން ރުކޫޢު އަދި ސުޖޫދް ދިގުކުރައްވަ އެވެ. ވުމުން، އެއީ އެތަނުގައި ޛިކުރު ކުރުމާއި އަދި ދުޢާ ކުރުން ގިނަ ކުރުމެވެ. ވަކި ޚާއްޞަ ދުޢާއެއް ނުވަތަ ވަކި ޚާއްޞަ ޛިކުރެއް ކިޔުއްވުމެއް ނޫނެވެ. ވުމުން، ސަޖިދައިގައި ކިޔާ ތަސްބީހަ ކިޔުމަށްފަހު ﷲ އަށް ދުޢާ ކުރުން ގިނަކުރުން އެއީ ސުންނަތުގައި ބަޔާންވެގެންވާ ގޮތެވެ.
އަޚާ އެވެ! އިސްލާމް ދީނުގައި ދެނެގަތުމަށް މުހިންމުވެގެންވާ ޤަވާޢިދެއް މިތަނުގައި ޛިކުރު ކުރަމެވެ.
އަޅުކަމުގެ އަޞްލަކީ ވާރިދުވެގެންވާ ގޮތަށް، ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްޓިފައި ވުމެވެ.
އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެ އެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ.
عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) عَائِشَةَ رَضِيَ اللَّهُ عَنْهَا ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“
މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.
ﷲ އެކަންތައްތައް ކަނޑައަޅާފައި ނުވާ، ދީނުގައި ޝަރުޢުކޮށްފައި ނުވާ ކަންތައްތަކެއް ދީނަށް ގެނެސްގަތުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )
”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ.
ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“
رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.
ވުމުން، ވަކި ޚާއްޞަ ސޫރަތެއް ކިޔުމުގެ އޭގެ ބަދަލުގައި ވަކި ތަނެއް ޚާއްޞަ ކުރުމުގެ ބަދަލުގައި ރޭއަޅުކަމުގައި އޮތީ ޤީޔާމުގައި ދިގުކޮށް ކިޔެވުމެވެ. އެމީކަހަށް ކުޅަދާނަވެގެންވީ މިންވަރަކަށް ކިޔެވުމެވެ. އަދި ހިތުން ގިނަ މިންވަރެއް ދަސްވެފައި ނުވާނަމަ މުޞްޙަފްއިން ބަލައިގެން ކިޔުންވެސް ހުއްދަވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.