ކުއްޖާ ދުނިޔެއަށް އުފަންވުމުން، ޢަމަލުކުރުމަށް ސުންނަތުން ވާރިދުވެފައިވާ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކުއްޖާ ދުނިޔެއަށް އުފަންވުމުން، ކުރެވޭ އެކިއެކި ކަންތައްތައް އޮޅުފިލުވުމަށް ޓަކައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. އަންނަނި ނުކުތާތަކުގައި މިވަނީ ކުއްޖާ ދުނިޔެއަށް އުފަންވުމުން އެ ކުއްޖާއަށް ޓަކައި ކުރުމަށް ސުންނަތުން ސާބިތުވާ ކަންތައްތަކާއި އަދި މިއަދުގެ މުޖުތަމަޢުތަކުގައި ކުރެވެމުންދާ ޞައްޙަ ނޫން ޢަމަލުތައް ދަލީލުތަކުގެ އަލީގައި ބަޔާންކޮށްފައެވެ.
1- ވިހެއުމާއެކު ބަންގި ގޮވުމާއި ޤަމަތް ދިނުމެވެ. (މި ޢަމަލަކީ ޢާންމުވެ، މީސްތަކުންގެ ތެރޭގައި ފާޅުވެފައިވާ ޢަމަލެއް ކަމުގައި ވީނަމަވެސް މިއީ ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ.)
ނަބިއްޔާ صلى الله عليه وسلم އަށް ނިޞްބަތް ކުރެވިފައިވާ ޙަދީޘެއްގައި ވެއެވެ. “أذن في أذن الحسين بن علي يوم ولد ، فأذن في أذنه اليمنى ، وأقام في أذنه اليسرى”
“الحسين بن علي އުފަންވި ދުވަހުގައި ނަބިއްޔާ ﷺ ބަންގި ގޮވިއެވެ. ފަހެ، ބަންގި ގޮވީ ދަރީގެ ކަނާތް ކަންފަތް ކައިރީގައިއެވެ. އަދި ވާތް ކަންފަތް ކައިރީގައި ޤަމަތް ދެއްވިއެވެ”. މި ޙަދީޘް ޛިކުރު ކުރެއްވުމަށްފަހުގައި الشيخ الألباني – رحمه الله – ވިދާޅުވެފައި ވެއެވެ. “މިއީ މައުޟޫ (ބަޔަކު އަމިއްލައަށް ހަދާފައިވާ) ޙަދީޘެކެވެ.
އަދިވެސް މިފަދައިން ޢަމަލު ކުރާ މީހުން މިކަމުގައި ނަގާފައިވާ ޙަދީޘެއްގައިވެއެވެ. “من و لد له مولود فأذن في أذنه اليمنى و أقام في أذنه اليسرى لم تضره أم الصبيان ” “މީހަކަށް ދަރިއެއް ލިބުމުން، އެ ދަރީގެ ކަނައަތް ކަންފަތް ކައިރީގައި ބަންގިގޮވައި އަދި ވައަތް ކަންފަތް ކައިރީގައި އިޤާމާ ދިނުމުން ޖިންނި ޝައިޠާނުން ކިބައިން އެ ދަރި ސަލާމަތް ވާނެއެވެ”. الشيخ الألباني – رحمه الله – الضعيفة ގައި އަދި إرواءِ الغليل ގައި މި ޙަދީޘްއަކީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވެއެވެ.
އަދި އޭގެ އިތުރަށް ކުރިން އިސްވެ ގޮސްފައިވާ ބޮޑެތި މުޙައްދިޘުން އަދި މުޙައްޤިޤުން ވެސް އޭގެ ތެރޭގައި އަލް-ޙާފިޟް العراقيُّ އަދި الهيثميُّ މި ޙަދީޘް ޘާބިތު ނުވާކަމުގައި ޛިކުރު ކުރައްވާފައިވެއެވެ.
ބައެއް ޙަދީޘްތަކުގައި ކަނާތް ކަންފަތް ކައިރީގައި ބަންގި ގޮވުމަށް ވެއެވެ.
މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީ أبي رافعٍ رضي الله عنه ގެ އަރިހުން އިމާމް الترمذيُّ އަދި أبو داود ރިވާކުރައްވާފައިވާ ޙަދީޘްގެ މައްޗަށް ވެސް އެ ޙަދީޘްއަކީ ބަލިކަށި ޙަދީޘެއްގެ ގޮތުގައި السلسلة الضعيفة ގައި އިމާމް الألبانيُّ ވިދާޅުވެފައިވެއެވެ.
2. ކުއްޖާ ވިހެއުމާއެކު ތަހްނީކު ކުރުން: ތަޙްނީކަކީ ކުއްޖާ ވިހެއުމާއެކު، ކަދުރު (އެންމެ ހެޔޮކަން ބޮޑީ ކަދުރުންނެވެ.) ފަދަ އެއްޗެއް ޗިސް ކޮށްލުމަށްފަހު ކުއްޖާގެ އަނގައަށް ލައްވައި އެ ކުއްޖާގެ ހަށިގަނޑަށް އެންމެ ފުރަތަމަ ދާ އެއްޗެއްގެ ގޮތުގައި ހެދުމެވެ.
މި މައްސަލައިގައި ބައެއް ޢިލްމުވެރިން، މި ޢަމަލަކީ ނަބިއްޔާ صلى الله عليه وسلم ގެ ހަޔާތްޕުޅުގައި ނަބިއްޔާއަށް ޚާއްޞަވެގެންވާ ޢަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ބައެއް ޢިލްމުވެރިން މި ޢަމަލަކީ ޚާއްޞަކޮށް ނަބިއްޔާއަށް އޮތް ޢަމަލެއް ނޫން ކަމާއި އަދި އެހެން މީހުންނަށް ވެސް އަލަށް އުފަންވާ ކުދިންނަށް ކުރެވޭނެ ހެޔޮ ޢަމަލެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވެއެވެ. މި ޢަމަލަކީ ނަބިއްޔާއަށް صلى الله عليه وسلم ޚާއްޞަވެގެންވާ ޢަމަލެއް ނޫން ކަމުގައި ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
البخاري އަދި مسلم ނަބިއްޔާގެ އަނބިކަނބަލުން عَائِشَةَ رضي الله عنها ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ
“ހަމަކަށަވަރުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިއަހަށް އަލަށް އުފަންވާ ކުދިން ގެނެވެއެވެ. އަދި އެކުދިންނަށް ބަރަކާތް ލައްވައި، އަދި ތަޙްނީކު ކޮށްދެއްވައެވެ”.
އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. أَبُوْ مُوسَى الأَشْعَرِيِّ -رضي الله عنه- އަރިއަހުން الصَّحِيْحَيْن ގައި ރިވާކުރެވިގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.
“ތިމަން ނަބިއްޔާއަށް ދަރިކަލަކު ލިބިވަޑައިގެންފިއެވެ”. އެހިނދުގައި އަހަރެން އެތަނަށް ދިޔައީމެވެ. އެ ދަރިކަލުންނަށް އިބްރާހީމް މިނަން ދެއްވިއެވެ. އަދި ކަދުރުން ތަޙްނީކު ކުރެއްވިއެވެ. އަދި އެ ދަރިކަލުންނަށް ހެޔޮދުޢާ ކުރައްވައި، އަހަރެންގެ އަތަށް ދަރި ދެއްވިއެވެ”.
އިސްވެދިޔަ ޙަދީޘްގައި އަދި މި މާނަ ދޭހަވާ ޙަދީޘްތަކުގެ މައްޗަށް ދަނެގަންނަންޖެހޭ ނުކުތާއެއް ވެއެވެ. އެއީ ވަކި މީހެއްގެ ގާތަށް ތަހްނީކު ކުރުމަށްޓަކައި ގެންދިޔުމަކީ، ހަމައެކަނި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ޚާއްޞަވެގެންވާ ކަމެއް ކަމެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ފަހުގައި އެހެން އެއްވެސް މީހެއްގެ ގާތަށް މިފަދައިން ޚާއްޞަކޮށް ގެންދިއުމެއް ނުވެއެވެ.
މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިއަހަށް ޞަޙާބީން އެބޭކަލުންނަށް ލިބިވަޑައިގަންނަވާ ދަރިން ގެންދެވީ ތަޙްނީކު ކުރުމުގެ އިތުރަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ބަރަކާތަށް އެދި އެ ބޭނުންފުޅުގައިއެވެ.
މި ޢަމަލަކީ، ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ބަރަކާތް ހޯއްދެވުމަށް އެބޭކަލުން ކުރެއްވި ޢަމަލެއް ކަމުގައި ބައެއް ޢިލްމުވެރިން ކަނޑައަޅުއްވައި، ނަބިއްޔާއަށް ޚާއްޞަ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންނަވައެވެ.
ފަހެ، ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ މާތް ނަބިއްޔާގެ ހަށިކޮޅުގައިވާ އަދި ހަށިކޮޅުގައި ބީހިފައިވާ ތަކެއްޗަކީ އޭގާ ﷲ ތަޢާލާ ބަރަކާތް ލައްވާފައިވާ ތަކެއްޗެއް ކަމެވެ. ފަހެ އެގޮތުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހަށް އަލަށް އުފަންވާ ކުދިން ގެނެވުމުން އެކުދިން ތަޙްނީކު ކުރެއްވުމުގައި ނަބިއްޔާގެ އަނގަފުޅުން ޗިސްކުރައްވާފައިވާ ކަދުރުގައި ކުޅުފޮދު ވުމާއެކުގައި އެއިން އެ ކުދިންނަށް ބަރަކާތް ލިބޭނެ ކަމުގައި ޝައްކެތްވެސް ނެތެވެ.
އެހެނަސް ސުވާލަކީ، މި ޢަމަލު އެހެން މީހުންނަށް ހުއްދަވެގެންވޭ ތޯއެވެ؟
އިސްވެ ބަޔާން ކުރެވުނު ފަދައިން ހުއްދަވެގެންވާކަން ޢާންމުކޮށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި އެފަދައިން އަލް-ޙާފިޟް النووي رحمه الله – ޢިލްމުވެރިން އިއްތިފާޤު ވަޑައިގަންނަވާފައިވާކަން ޛިކުރު ކުރެއްވިއެވެ”. ސަބަބަކީ މިފަދައިން އަލަށް އުފަންވާ ކުދިން ތަޙްނީކު ކުރައްވާކަން އުއްމަތުގެ ސަލަފުއް-ޞާލިޙުންގެ އަރިހުން ޘާބިތުވެގެންވުމެވެ. މި ފަދައިން ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައި، الإمام أحمد ، މުސްނަދުގައި ރިވާކޮށްފައިވާ ރިވާޔަތެއްގައިވެއެވެ. “أَنَسٍ رضي الله عنه ވިދާޅުވެފައިވެއެވެ. أَنَسٍ رضي الله عنه ގެ މަންމާފުޅު، أُمّ سُلَيْمٍ رضي الله عنها، ދަރިކަލުން عَبْدِ اللَّهِ އާގެން ރޭގަނޑު ވަޤުތެއްގައި ރައްކާވެވަޑައިގެންނެވިއެވެ. ފަހެ، ރަސޫލާ ﷺ ނޫން ފަރާތެއް ތަޙްނީކު ކުރުމަށް ކަރާހާތްތެރި ކުރެއްވި އެވެ…”.
ފަހެ، ޙަދީޘްގެ ލަފްޟުގައިވާ “ރަސޫލާ ﷺ ނޫން ފަރާތެއް” މިފަދައިން ބަޔާންވުމުން އެބޭކަލުންގެ މެދުގައި އެކަން ކުރައްވާކަމުގެ ދަލީލު ބަޔާންވެގެންވެއެވެ.
އަދިވެސް އެފަދަ އަޘަރު ތަކުގެ ތެރޭގައި ابن كثير رحمه الله ވިދާޅުވެފައިވެއެވެ. “الحسن البصري (މަޝްހޫރު ތާބިޢީ) އުފަންވެވަޑައިގެންނެވީ عمر بن الخطاب ގެ ޚިލާފަތުގައިއެވެ. އަދި އެ ދަރިކަލުން ގެނެވުނެވެ. އަދި އެ ދަރިކަލުންނަށް ދުޢާ ކުރައްވާ ތަޙްނީކު ކުރެއްވިއެވެ”.
މި މައްސަލައިގައި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީގެ ރައުޔަކީ ވެސް، އަލަށް އުފަންވާ ކުދިން ތަޙްނީކު ކުރެވޭނެ ކަމެވެ. އެއީ ޢާންމު ޙުކުމެއް ކަމެވެ.
الشيخ ابن عثيمين رحمه الله މި މައްސަލައިގައި ވިދާޅުވެފައިވެއެވެ. “ފަހެ، ތަހްނީކު ކުރާ ފަރާތަކަށް އެކަން އިންކާރު ކުރުމެއް ނުވެއެވެ. މާނައީ: އަލަށް އުފަންވާ ދަރި، ތަޙްނީކު ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ”.
މި މައްސަލައިގެ ޚުލާޞާކޮށް ބުނަމެވެ. އުފަންވުމާއެކު، އެ ދަރިފުޅުގެ ބައްޕަ ކަދުރެއް އަނގައިން ޗިސްކޮށް އޭގެއިން މިންވަރެއް ދަރީގެ އަނގައިގައި ލެއްވުން ހުއްޓެވެ. ފަހެ، އެހިނދު ތަޙްނީކުގެ މަޤްޞަދު ޙާޞިލްވީއެވެ. ކަދުރު ނެތް ކަމުގައިވާނަމަ ފޮނި އެހެން އެއްޗެއް ވެސް އެކަމަށް ފުދެއެވެ.
3. ކުއްޖާއަށް ނަން ކިޔުމެވެ.
ބައްޕަ ދުނިޔޭގައި ހުރެއްޖެހިނދު އެކަމަށް އެންމެ ޙައްޤުވެގެންވަނީ ދަރިފުޅުގެ ބައްޕައެވެ. އަލަށް އުފަންވާ ދަރިއަށް، ދަރި އުފަންވުމާއެކު ނަން ދިނުމުގެ ވަޤުތު ފެށެއެވެ. އަދި ސުންނަތް ވެގެންވަނީ 7 ދުވަހަށްވުރެ ލަސް ނުކުރުމެވެ. أَنَسٍ – رضي الله عنه- ރިވާކުރައްވާފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (وُلِدَ لِيْ اللَّيْلَةَ غُلاَمٌ فَسَمَّيْتُهُ بِاسْمِ أَبِيْ إِبْرَاهِيْمَ) “ތިމަން ނަބިއްޔާއަށް މިރޭ ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފިއެވެ. ތިމަންނަބިއްޔާގެ ބައްޕަގެ ނަން إِبْرَاهِيمُ ގެ ނަމުން ނަންދީފީމެވެ”. މި ރިވާޔަތުގައި ބަޔާންވެގެންވަނީ އުފަންވުމާއެކު ނަން ކިޔުމެވެ.
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެއެވެ. “ދަރިފުޅު ވިހޭ ދުވަހުގައި ނަންދިނުން ހުއްދަވެގެންވެއެވެ. އަދި އެ ދަރިފުޅަށް ޢަޤީޤާ ކަތިލެވޭ ދުވަހާ ޖެހެންދެން ލަސްކުރުން ވެސް ހުއްދަވެގެންވެއެވެ”.
މިތަނުގައި ނަޞޭހަތެއްގެ ގޮތުން މިއަދު މަދީނާގައި ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عبد الله البخاري -حفظه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ. “…ވުމުން، އެންމެހައި ފިރިހެން ދަރިންނާއި އަންހެންދަރިންނަށް މައިންބަފައިން އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި، ރިވެތި ހެޔޮވެގެންވާ މުނާސަބު ނަމެއް އިޚްތިޔާރުކުރުން ވާޖިބުވެގެންވެއެވެ. އެއީ އެ ދަރިފުޅު މުސްތަޤްބަލުގައި ބަދުބަސް އެނަމެއްގެ ސަބަބުން ނުކުންނާނެ ނަމެއްގެ ގޮތުގައިނުވުމަށެވެ. ބައެއްފަހަރު މައިންބަފައިންނަށް އެނަމަކީ ރިވެތި ނަމެއްގެ ގޮތުގައިވެ އެހެނަސް އެޤައުމުގެ އަހުލުވެރިންގެ ތެރޭގައި އެއީ ނުބައި ނަމެއްގެ ގޮތުގައިވެދެއެވެ. ނުވަތަ އެއީ ނުބައި ލަޤަބެއް ދެވޭ ނަމެއްކަމުގައިވެއެވެ.
އެންމެހައި މީސްތަކުން ދަންނަފަދައިން މުސްލިމަކަށް އެއްވެސް ގޮތަކަށް ގެއްލުން ދިނުމަކީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. އެގޮތުން މައިންބަފައިންނަކީ އެމީހުންގެ ފިރިހެންދަރި ނުވަތަ އަންހެންދަރިފުޅަށް ދީފައިވާ ނަމުގެ ސަބަބުން އެ ދަރިންނަށް ގެއްލުންދީފައިވާ ބައެއްކަމުގައި ވެގެން ނުވާނެއެވެ”.
4. ހަތްވަނަ ދުވަހު ކުއްޖާގެ މައްޗަށް ޢަޤީޤަ ކަތިލުން:
އަލަށް އުފަންވާ ކުއްޖާގެ މައްޗަށް ޢަޤީޤާ ކަތިލުމުގެ މުހިންމުކަން އަންނަނިވި ޙަދީޘުން ބަޔާންވެގެންވެއެވެ.
ޙަދީޘްގައިވެއެވެ. (كل غُلامٌ مُرتَهَنٌ بِعَقِيقته، تذبح عنه يوم سابعه، ويحلق و يسمى)
“ވިހާ ކޮންމެ ކުއްޖަކުވަނީ ޢަޤީޤާ ޤުރުބާން ކުރުމަށް ދާންދެން إرتهان ވެފައިއެވެ. (މާނައަކީ: އެ ކުއްޖާގެ ކިބައިން ޝަފާޢަތް ލިބުމުގެ މަތިން ވަނީ މައިންބަފައިން ހިފެހެއްޓިފައިއެވެ. އަދިވެސް ހިފެހެއްޓފައި ބުނުމުގެ މާނައަކީ ޢަޤީޤާ ޤުރުބާން ކުރުމަށް ދާންދެން ޝައިޠާނާގެ މަތިން ހިފެހެއްޓިފައިވުމެވެ. އެކުއްޖާގެ މައްޗަށް ޢަޤީޤާ ކަތިލުމަށް ދާންދެން ޝައިޠާނާ އެކުއްޖާގެ މައްޗަށް ފާޅުވެގެންވުމެވެ.) ހަތްވަނަ ދުވަހު ކަތިލުން ހުއްޓެވެ. އަދި ބޯ ބާލައި ނަންކިޔުން ހުއްޓެވެ”.
ޢަޤީޤާ ކަތިލުމަކީ ސުންނަތެއް ގެ ގޮތުގައި ކަނޑައެޅިފައިވެއެވެ. الإِمَامُ يَحْيَى بنُ سَعِيْدٍ الأَنْصَاريُّ -رحمه الله- ވިދާޅުވެފައިވެއެވެ. “ތިމަންނައާ މީސްތަކުންނާ ބައްދަލުވިއެވެ. އެބައިމީހުން ފިރިހެން ދަރިންނާއި އަންހެންދަރިންނަށް ޢަޤީޤާ ކަތިލުން ދޫކޮށެއް ނުލައެވެ”.
ކަތިލުންއޮތީ ހަތްވަނަ ދުވަހުގައިއެވެ. ނުވަތަ ސާދަވަނަ ދުވަހުގައިއެވެ. ނުވަތަ އެކާވީސްވަނަ ދުވަހުގައިއެވެ.
ޙަދީޘެއްގައި ވެއެވެ. (تذبح لسبع ولأربع عشرة ، ولإحدى و عشرين) “ވިހާތާ ހަތްވަނައަށްވާ ދުވަހު ޤުރުބާން ކުރުމެވެ. 14ވަނަ ވާ ދުވަހު ޤުރުބާން ކުރުމެވެ. 21 ވަނަ ވާ ދުވަހު ޤުރުބާން ކުރުމެވެ”. މި ޙަދީޘް الإمام الألبَانِي الجامع الصغير 2-4132ގައި ޞައްޙަ ކުރައްވާފައިވެއެވެ.
ވީމާ ކުޅަދާނަވެގެންވާ މީހާ 7ވަނަ ދުވަހުގައި ޤުރުބާން ކުރާނީއެވެ. އެ ދުވަހުގައި ކުޅަދާނަ ނުވިނަމަ 14 ގައިއެވެ. އެދުވަހު ނުވާނަމަ 21 ގައިއެވެ. އެހެން ނޫންނަމަ ކުޅަދާނަވީހާ އަވަހަކަށެވެ.
صَالِحُ بِنُ الإِمَامُ أَحْمَد بِن حَنْبَلٍ -رحمه الله- ވިދާޅުވެފައިވެއެވެ. “ބައްޕަ ޢަޤީޤާއާ މެދުގައި ވިދާޅުވިއެވެ. ޢަޤީޤާ ކަތިލުން ވަނީ ހަތްވަނަ ދުވަހުގައިއެވެ. އެދުވަހުގައި އެކަން ނުކުރެވުނު ހިނދުގައި ސާދަވަނަ ދުވަހުގައިއެވެ. އެދުވަހުގައި އެކަން ނުކުރެވުނުހިނދުގައި އެކާވީސްވަނަ ދުވަހުގައިއެވެ”.
ދަންނައެވެ! މި ދުވަހުގައި ޢަޤީޤާ ކަތިނުލެވުނު މީހާ އޭނާއަށް އެކަމަށް ކުޅަދާނަވީ ދުވަހެއްގައި ކަތިލުން ހުއްޓެވެ.
ޢަޤީޤާ ކަތިލުންއޮތީ ކޮންމެ ފިރިހެން ދަރިއަކަށް ދެކަންބަޅިއެވެ. އަންހެން ދަރިއަކަށް ކަތިލުންއޮތީ އެއްކަންބަޅިއެވެ. މި ޙުކުމް މިފަދައިން ރަސޫލާ ﷺ އަރިއަހުން عائشة-رضي الله عنها- ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘްވެއެވެ.
الترمذي އަދި ابن ماجه އަދި އެހެނިހެން ޢިލްމުވެރިން ރިވާކުރައްވާފައިވެއެވެ.
5. އުފަންވާތާ 7 ވަނަ ވާ ދުވަހުގައި ކުއްޖާގެ ބޯ ބޭލުމާއި އަދި ބޮލުގެ އިސްތަށީގެ ބަރުދަނަށް ޞަދަޤާތް ކުރުން:
އަލަށް އުފަންވާ ކުޑަކުއްޖާ ބޯ ބޭލުމާ މެދު އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން ކުޑަކުދިން ހަތް ދުވަހުން ބޯ ބޭލުމަށް އައިސްފައިވާ ޙުކުމް އެންމެ ފުރަތަމަ ބަޔާން ކުރަމެވެ.
ޢިލްމުވެރިން މި މައްސަލައިގައިވަނީ ޚިލާފްވަޑައިގެންފައިއެވެ. އޭގެ ތެރެއިން ބޮޑަށް ބުރަވެވެނީ، އެކަމުގައި ފިރިހެން ދަރިންނާއި އަންހެން ދަރިން ތަފާތެއް ނުވާކަމެވެ.
މިކަމުގައި ތަފާތެއް ނެތްކަމެވެ. އެކަމުގެ މައްޗަށް ދަލީލު ކުރެވޭ ދަލީލުތަކުގެ ތެރޭގައި:
ހ. އަދި މި މާނައަށް ގަދަކަން ގެނެސްދެނީ، الإمَام عَبد الرزاق ގެ مصنف ގައި ރިވާކުރައްވާ ޙަދީޘްއިންނެވެ. (ޙަދީޘްގައިވެއެވެ.) (أن فاطمة بنت النبي صلى الله عليه وسلم كانت لا يولد لها ولد إلا أمرت بحلقِ رأسِه، وأن تتصدقَ بوزنِ شعرِه فضةً) “ހަމަކަށަވަރުން فاطمة بنت النبي صلى الله عليه وسلم ދަރިކަލެއް ރައްކައުވެވަޑައިގެންފި ހިނދުގައި، އެ ދަރިކަލެއްގެ އިސްތަށިފުޅު ބޭލުމަށާއި އަދި އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރުމަށް އަމުރުފުޅު ނުކުރައްވާ ފަހަރެއް ނުދެއެވެ”.
ބަޔާންވެގެންވާ ފަދައިން فاطمة بنت النبي صلى الله عليه وسلم އަށް ލިބިވަޑައިގެންނެވި ދަރިކަލުންގެ ތެރޭގައި: الحسن، الحُسين، أم كلثوم، زينب ހިމެނެއެވެ. (މި ރިވާޔަތަކީ، އެ އިސްނާދުގައި ބަލިކަށި ކަމެއް ރިވާޔަތުގައި އޮތް ކަމުގައިވީނަމަވެސް، މި ރިވާޔަތް-އިސްތިއުނާސް- ) އަދި މި މާނައަށް ގަދަކަން ގެނެސްދެނީ އަންނަނިވި ރިވާޔަތުންނެވެ.
ށ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (النِّساء شقائق الرجال) “އަންހެނުންނަކީ ފިރިހެނުންގެ އެއްބަޑު އެއްބަފާ ބައެކެވެ. –އެބަހީ: ޝަރީޢަތުގައި އިސްތިސްނާ ކުރެވިފައިވާ ކަންތައްތައް ފިޔަވައި، އެހެން ހުރިހައި ކަމެއްގައި އަންހެނުންނާއި ފިރިހެނުން ޙުކުމުގައި އެއްފަދަވެގެންވެއެވެ”.
ފަހެ، ފިރިހެނުންނަށް ޘާބިތުވެގެންވާ އެންމެހައި ކަންތައްތަކެއް އަންހެނުންނަށް ވެސް ޘާބިތުވެގެންވެ އެވެ. އަދި ޚާއްޞަކޮށް އެ ލަފްޟަކީ ޢާންމު ލަފްޟެއް ކަމުގައިވާނަމަ، ދެ ޖިންސު ވެސް އޭގައި ޝާމިލްވެގެންވެއެވެ. ޢާންމު ލަފްޟެއްގައި ވާރިދުވެގެންވާ ހިނދުގައި އެ ޙުކުމްއިން އަންހެނުން އެއްކިބާވެގެންވާކަމަށް ޘާބިތު ކުރުމަށް ދަލީލެއް ބޭނުންވާނެއެވެ.
މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ އަދި ޙުއްޖަތްތައް ވެސް ވަރުގަދަ މައްސަލައެއް ކަމުގައިވެއެވެ. މި ދަނޑިވަޅުގައި، މި މައްސަލަ މިވަރަށް ކުރުކޮށްލަމެވެ.
ދެވަނަބައި: ބޯބޭލުމަށް ވާރިދުވެގެންވާ ބައެއް ލަފްޒުތަކުގައި މިފަދައިން ވާރިދުވެގެންވެއެވެ. އެއީ (مع الغُلامِ عَقيقَتُه؛ فأَهْريقوا عنه دَمًا، وأَمِيطوا عنه الأَذَى) “….. ކުޑަކުއްޖާގެ ކިބައިން އުނދަގޫ ފިލުވުން ހުއްޓެވެ”. ފަހެ، ޙަދީޘްގެ ލަފްޒުގައި، ވިހާއިރު ބޮލުގައިވާ އިސްތަށިތަކަކީ އުނދަގޫ އެއްޗެއް ގޮތުގައި ވުމުން އެއީ ދަރިއަށް މަންފާކުރާނެ، ދަތި ، އުނދަގުލަކުން ދުރުކޮށްދެނީކަން ދޭހަވެއެވެ.
އަދިވެސް ބުނެވެއެވެ. ބަނޑުގައި ގަރުބަގަނެ، އުފެދިގެން އައި ހިނދު، އެ އުފެދުމުގެ ތެރޭގައި ހިމެނިގެންވާ ޢަލާމާތެއްގެ ގޮތުގައި ބޮލުގެ އިސްތަށިތައްވެއެވެ. އެހެންވުމުން، ކުއްޖާ ހެދި ބޮޑުވުމާއި، ހަރަކާތްތެރި ވުމަށް، ފާޅުވި ދުނިޔެވީ މަރުޙަލާއަށް އައިސް ބަނޑުގައި އޮތުމުގެ އެންމެހައި ޢަލާމާތްތަކެއް ފިލުވައި ލުމެވެ. މިއީ ދީނީ އަދި ބައެއް ޞިއްޙީ ޢިލްމުގެ އަހުލުވެރިން ޛިކުރުކޮށްފައިވާ ސަބަބެކެވެ.
އަދި އެއީ، އިސްތަށިގަނޑަށް އޮތް ރީތި ކަމެއްކަމާއި، ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައިވެސް ބުނެވެއެވެ.
ބޮލުގެ އިސްތަށިގައިވާ ބަރުދަނަށް ޞަދަޤާތް ކުރުން އިސްވެ ޛިކުރު ކުރެވުނު ޙަދީޘްއިން ދަލީލު ކުރެވެއެވެ.
(أن فاطمة بنت النبي صلى الله عليه وسلم كانت لا يولد لها ولد إلا أمرت بحلقِ رأسِه، وأن تتصدقَ بوزنِ شعرِه فضةً) “ހަމަކަށަވަރުން فاطمة بنت النبي صلى الله عليه وسلم ދަރިކަލެއް ރައްކައުވެވަޑައިގެންފި ހިނދުގައި، އެ ދަރިކަލެއްގެ އިސްތަށިފުޅު ބޭލުމަށާއި އަދި އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރުމަށް އަމުރުފުޅު ނުކުރައްވާ ފަހަރެއް ނުދެއެވެ”.
މި ޙަދީޘްއިން ބަޔާންވާ އެއް ޙުކުމަކީ ބޭލި އިސްތަށީގެ ބަރުދަނަށް ރިހި ޞަދަޤާތް ކުރުމެވެ.
އެކަމުގައި ޢަމަލު ކުރާނެ ސިފައަކީ، އިސްތަށިތައް ކިރާލުން ހުއްޓެވެ. މިޘާލަކަށް އިސްތަށީގެ ބަރުދަނަކީ 5 ޤުރާމެވެ. އެއަށްފަހު ރިހީގެ ގުރާމެއްގެ އަގު ހޯދާށެވެ. މިޘާލަކަށް ރިހީގެ ގުރާމެއްގެ އަގުކަމުގައިވަނީ 20 ރުފިޔާއެވެ. އެހެންވުމުން 5 ގުރާމުގެ އަގަކީ 100 ރުފިޔާއެވެ. މާނައީ، ސަތޭކަ ރުފިޔާ ޞަދަޤާތް ކުރުމެވެ.
ފަހެ، ހުރިހައި އިސްތައްޓެއް ކިރުމަށް ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އިސްތަށިތައް ބުރައިގެން ދިއުމާއި، އިސްތަށިތައް އަތުގައި އަދި އެހެނިހެން ގޮތްތަކުން ދޫވެގެން ދިއުންވެއެވެ. އެހިނދު ބަރުދަން ބެލުމަށް ކުޅަދާނަ މިންވަރަށް ބަދުރަން ބަލައި، ގެއްލުނު އިސްތަށިގައި ގާތްގަޑަކަށް ހުންނާނެ މިންވަރު އަދަދު ކުރާނީއެވެ. ފަހެ، އެހިނދު އެ ޢަމަލު ފުދޭނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.