އަނބިދަރިންނަށް ޚަރަދުނުކޮށް، ހައްޖަށް ދިއުމަށް ނުވަތަ އެނޫންވެސް ކަމަކަށް ފައިސާ ރައްކާކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގައި ބުނެފައިވާ ފަދައިން، އަނބިދަރިންނަށް ޚަރަދު ކުރުމުގައި ފަރުވާކުޑަކޮށް އަދި އެހެނިހެން ކަންކަމަށް އޭނާއަށް ލިބޭ ފައިސާ އާއި އަތުގައިވާ ތަކެތިން ހޭދަކުރާ މީހާއަށް ބުނަމެވެ. ސުވާލުގެ ޖަވާބު އެންމެ ފުރިހަމައަށް ފަހުމްވާނީ، އަނބިދަރިންނަށް ޚަރަދު ކުރުމުގެ ޙުކުމަކީ ކޮބައިކަމާއި އެއީ ފިރިމީހާގެ މައްޗަށް ކޮންފަދައިން ކަނޑައެޅިފައިވާ ޙުކުމެއްކަން އެނގިގެން ދިއުމުންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް އަނބިދަރިންނަށް ޚަރަދު ކުރުމުގެ ޙުކުމް، ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންކުރަމެވެ.
ކީރިތި ޤުރުއާނާއި ސުންނަތުގައި އަނބިދަރިންނަށް ޚަރަދު ކުރުމަށް ނުހަނު ބާރުއަޅުވާފައިވެއެވެ. އެފަދަ ދަލީލުތަކުގެ ތެރޭގައިވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
(وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوف) “އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ”.
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. ( لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ ) ” ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ رزق ދަތި ކުރެވިފައިވާ މީހާ، ފަހެ، އެމީހާޔަށް اللَّه ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ!”.
އަޚާއެވެ! ފިރިޔެއްގެ ގޮތުގައިވާ ފަރާތެވެ!
މި އާޔަތްތަކުން އެމީހެއްގެ މައްޗަށް މިއީ ވާޖިބެވެންވާ އަދި ލާޒިމް ކުރެވިގެންވާ ޢަމަލެއް ކަމުގައި ބަޔާންނުވޭ ހެއްޔެވެ؟
ތިމާގެ އަނބިންނާއި ދަރިންނަށް ޚަރަދު ކުރުން އެއީ ތިމާއަށް އެބަޔަކަށް ހޭދަކުރުމަށް ލިބިފައިވާ އެންމެ ހެޔޮ އަދި އެންމެ ދަރުމަބޮޑު ފަރާތްތައް ކަމުގައި ދަންނަ މީހަކު، އޭނާއަށް ލިބިފައިވާ ތަނަވަސްކަމުން އަނބިދަރިންނަށް ބޭނުންވާ ޙާޖަތްތައް ފުރިހަމަ ނުކޮށްދީ އެހެން ބަޔަކަށް ޚަރަދު ކުރުން ވިސްނާނެ ހެއްޔެވެ؟
އެފަދައިން، ޢަމަލު ނުކޮށްފި މީހާ އޭނާގެ އެ ޢަމަލުގެ ހުރި ނުބައިކަމާއި އަދި އަރައިގަނެފައިވާ ނުބައި ޢަމަލުގެ މައްޗަށް ސަމާލުވުން ހުއްޓެވެ.
އަނބިދަރިންނަށް ޚަރަދުކުރުމަށް، ސުންނަތުގައި ގިނަ ދަލީލުތަކެއް ވާރިދުވެފައިވެއެވެ. އެގޮތުން އެމީހަކު ހޭދަކުރި އެންމެ ހެޔޮވެގެންވާ ހޭދައަކީ އޭނާގެ އަނބިދަރިންނަށް ހޭދަކުރި އެއްޗެއްކަމަށް ނުހަނު ގިނަ ދަލީލުތަކެއްގައި ބަޔާންވެގެންވެއެވެ. އަދި ޚާއްޞަކޮށް އޭނާގެ އަންހެން ދަރިންނަށެވެ.
أَبِي هُرَيْرَةَ ގެ އަރިހުން އިމާމް مُسْلِمٌ ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. (…. وَدِينَارٌ أَنْفَقْته عَلَى أَهْلِك , أَعْظَمُهَا أَجْرًا الَّذِي أَنْفَقْته عَلَى أَهْلِك) “…. އަދި ތިބާގެ އަނބިދަރިންނަށް ހޭދަކުރި ދީނާރެވެ. (ތިބާގެ އަނބި ދަރިންނަށް) ހޭދަކުރި ދީނާރަކީ އެންމެ އަޖުރު ބޮޑުވެގެންވާ ހޭދަކުރުން ކަމުގައިވެއެވެ”.
ފަހެ، މި ހަދީޘްގައި ނަބިއްޔާ ﷺ ވަނީ އިންސާނާ ހޭދަކުރާ އެކިއެކި ބާވަތްތައް ބަޔާން ކުރައްވާފައިއެވެ.
އެއަށްފަހު އެ އެންމެހައި ބާވަތްތަކުން އެންމެ ބޮޑު އަޖުރާއި ޘަވާބު ލިބޭހުށީ އޭނާގެ އަނބިދަރިންނަށް ޓަކައި އޭނާ ހޭދަކުރި އެއްޗެއްގައި ކަމުގައި ޙަދީޘް ކުރެއްވިއެވެ.
އެހެން ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ، ޞަޙާބީ سَعْدِ بْنِ أَبِي وَقَّاصٍ رضي الله عنه އަށް ޙަދީޘްކުރައްވާ ވިދާޅުވިއެވެ. وَإِنَّك لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إلَّا أُجِرْت عَلَيْهَا حَتَّى مَا تَجْعَلُ فِي امْرَأَتِك “ތިބާ ﷲ ގެ ވަޖްހުފުޅު އެދިގެން ހޭދަކުރާ ކޮންމެ ހޭދައަކަށް ތިބާއަށް އެކަމުގެ އަޖުރު ހުއްޓެވެ. އެގޮތުން ތިބާގެ އަނބިމީހާގެ އަނގައަށް ލާ ކާއެތިކޮޅުގައި ކަމުގައިވީމަނަވެސް މެއެވެ. (އެބަހީ: އެއަށްވެސް ތިބާއަށް އަޖުރު ލިޔެވިގެންދާނެކަމެވެ”.)
މި ނޫނަސް ސުންނަތުގެ ގިނަ ދަލީލުތަކެއްގައި ފިރިންނަށް އެބައިމީހުންގެ އަނބިދަރިންނަށް، ލިބިފައިވާ ތަނަވަސް ކަމުން ހޭދަކުރުމަށް ބަޔާންވެގެންވެއެވެ. އަދި އެކަމަށް ދީނުގައި ނުހަނުބޮޑަށް ބާރު އަޅުއްވާފައިވެ އެވެ.
ދެވަނައީ: އަނބިދަރިންނަށް ހޭދަ ކުރުމާއި، ބޭނުން ޖެހިފައިވާ ޙާޖަތްތައް ނުފުއްދައި އެހެނިހެން ކަންކަމަށް ހޭދަކުރާ ފަރާތުގެ މައްޗަށް އައިސްފައިވާ ވަޢީދެވެ. އެމީހުންގެ އެ ޢަމަލުގެ ނުބައި ކަމުގެ ބޮޑު ކަމެވެ. އެފަދައިން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ( كفى بالمرءِ إثمًا أنْ يُضيِّعَ مَن يقُوتُ )
”އެމީހަކު ޚަރަދުކޮށް ބަލަހައްޓަންޖެހޭ ފަރާތްތަކުގެ މައްޗަށް ފަރުވާކުޑަކޮށް (އިހުމާލުވެއްޖެ މީހާގެ އެ ޢަމަލު) ފާފައެއްގެ ގޮތުގައި ފުދިގެންވެއެވެ“ (صحيح أبي داود 1692).
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ( إِنَّ اللهَ سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاه، أَحَفِظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِه )
”އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާ ބެހޭގޮތުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިއަކާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ. އެއީ އޭނާ ވަނީ އެކަމަށް ރައްކާތެރި މީހެއްކަމުގައިތޯ ނުވަތަ އިހުމާލުވެގެންވީ މީހެއްތޯ (ބެއްލެވުމަށްޓަކައިއެވެ.) އެގޮތުން ކޮންމެ މީހަކާ އޭނާގެ ބެލުމުގެ ދަށުގައިވާ އަހުލުބައިތުން (އެބަހީ: އަނބި ދަރިންނާ ބެހޭގޮތުން) ސުވާލު ކުރެވޭނެއެވެ“.
النسائي (السنن الكبرى) ގައި ރިވާކުރެއްވިއެވެ. އަދި މި ޙަދީޘް މި ޙަދީޘް الإمام الألبَانِي -رحمه الله- (السلسلة الصحيحة) ގައި ގެންނަވާފައިވެއެވެ.
ދަންނަހުއްޓެވެ! މަސްޢޫލިއްޔަތު އުފުލުމުގައިވާ ފަރާތްތައް ނުހަނު ގިނައެވެ. ތިމާގެ ވަޒީފާއަކީ މަސްއޫލިއްޔަތެކެވެ. ތިމާއާ ޙަވާލު ކުރެވޭ އަމާނާތްތަކަކީ މަސްޢޫލިއްޔަތްތަކެވެ.
ތިމާއާ ޙަވާލު ކުރެވޭ އެންމެހައި ކަންތައްތަކެވެ.
އެ ދުވަހުގައި ކުރެވޭ ސުވާލަށް ދޭނެ ޖަވާބެއް ތައްޔާރު ކުރުން ހުއްޓެވެ.
ތިންވަނައީ: އަނބިމީހާ ކިތަންމެ މުއްސަނދި އަދި ކެރި ފޯރުންތެރި ފަރާތެއް ކަމުގައިވީނަވެސް، ފިރިހެން މީހާގެ މައްޗަށް އަންހެން މީހާ، އަނބިދަރިންނަށް ޚަރަދު ކުރުމުގެ ޛިންމާ އުފުލުމުގައިވާނެ ކަމެވެ. އަނބިން އެކަނބަލުންނަށް ޚަދަރު ކުރުމަށް ނުވަތަ ޚަރަދު ދިނުން ބޭނުން ނުވާކަން ނުވަތަ އެ ޙައްޤު ކަނޑައިފުމަށް ދާންދެނެވެ.
ފިރިންނޭވެ! އިސްލާމް ދީނުގައި ތިމާގެ ކޮނޑުގައި އެޅިފައިވާ މި ވާޖިބުގެ ބޮޑުކަން ދަންނަހުއްޓެވެ.
ސަޢުދީ ޢަރަބިއްޔާގެ މިއަދު އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެމްބަރު الشيخ العلامة د. صالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ.
ސުވާލު: ފަޟީލަތުއް ޝެއިޚްއެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާށިއެވެ. ފިރިމީހާގެ އިޛުނަ ލިބިގެން ވަޒީފާއަށް ދާ އަންހެނަކަށް، ފިރިމީހާއަށް އޭނާގެ އެ އަނބިމީހާއަށް ޚަރަދު ކުރުން ވާޖިބުވާނެ ހެއްޔެވެ؟
ޖަވާބު: އާނއެކެވެ. އަންހެން މީހާއަކީ މިލިޔަނަރެއް ކަމުގައިވީނަމަވެސް ފިރިމީހާއަށް އަންހެން މީހާއަށް ވާޖިބުވެގެންވެ އެވެ. މިކަމުގައި އެއްވެސް ޝައްކެތްނެތެވެ. (ޚަރަދު ކުރުމަށް ބޭނުން ނުވާކަމަށް) ޝަރުޠުކޮށްފައިވާ ހިނދެއްގައި ފިޔަވަ އެވެ. ފަހެ، މުސްލިމުން ވަނީ އެބައިމީހުންގެ ޝަރުޠުތަކުގެ މަތީގަ އެވެ. އެހެނަސް ޝަރުޠު ނުކުރާ ކަމުގައިވެއްޖެހިނދު، އަންހެން މީހާއަށް ޚަރަދު ކުރުން ފިރިހެން މީހާގެ މައްޗަށް (ވާޖިބުވެގެން) ވެއެވެ”.
ފިރިންނޭވެ! ވީމާ، ތިމާގެ އަނބިދަރިން ޚަރަދަށް ބޭނުން ޖެހިފައިވެ، އެއީ ކެއުމާއި ބުއިން، އަންނައުނާއި ފޭރާން، އެކިއެކި ޒަރޫރީ ޚިދުމަތްތަކުގެ ބިލުތަކާއި އެހެނިހެން ތަކެއްޗަށް ބޭނުން ޖެހިފައިވާ ޙާލުގައި އެ ކަންތައް އަދާނުކޮށް ތިމާގެ އަމިއްލަ ކަންކަމަށް ނުވަތަ ޙައްޖަށް ދިއުމަށް ނުވަތަ އެނޫންވެސް ޢަމަލަކަށް ބުނެ ފައިސާ ރައްކާކޮށް ހޭދަނުކުރުން، އެއީ ދީނުގައި އެކަން ކަނޑައެޅިފައިވާ ކަމެއްކަމުގައި ދެކެނީ ހެއްޔެވެ؟ ފަހެ، ހަތަރުވަނަ ނުކުތާ ކިޔުން ހުއްޓެވެ.
ހަތަރުވަނައީ: ޙައްޖުގެ އަޅުކަމަކީ މުސްލިމުންގެ ތެރެއިން އެކަމަށް ކެރި ފޯރުންތެރިކަމާއި އަދި ކުޅަދާނަކަން ލިބިގެންވާ އަހުލުވެރިންގެ މައްޗަށް އެކަނި ވާޖިބުވެގެންވާ އަޅުކަމެކެވެ. އެ އަޅުކަން ﷲ ޝަރުޢު ކޮށްފައިވަނީ ކުޅަދާނަކަމުގެ މައްޗަށް ބިނާކުރައްވާފައިއެވެ. ﷲ ވަޙީ ކުރެއްވިއެވެ. (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا) “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދު ކޮށްގެންދިއުމީ، (އެބަހީ: ޙައްޖު ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ”.
އެންމެހައި ފިރިންނަށް ﷲ ހެޔޮ ވިސްނުން ދެއްވާށިއެވެ! އިސްވެ ބަޔާންކުރެވުނު އާޔަތާއި މެދުގައި ވިސްނާލުން ހުއްޓެވެ.
ޙައްޖު ކުރުން ވާޖިބުވަނީ އެފަދަ ކެރިފޯރުންތެރިކަމެއް ލިބިގެންވާ ކުޅަދާނަވެގެންވާ ފަރާތްތަކަށެވެ. ފަހެ، ތިމާގެ ނަފްސަށް ހޭދަކޮށް ތިމާގެ އަނބިދަރިންނަށް ހޭދަކޮށް އަދިވެސް ތިމާ އެބައެއްގެ ޚަދަރުތައް އުފުލަންޖެހިފައިވާ އަހުލުވެރިންނަށް ހޭދަކުރުމަށްފަހު، އޭގެ އިތުރަށް ތިމާގެ އަތުގައި ތަނަވަސްކަން ހުރެއްޖެހިނދު މެނުވީ ތިމާއަށް ޙައްޖު ވާޖިބެއް ނުވެއެވެ.
ވުމާއެކު، އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ، މަސްޢޫލިއްޔަތުތައް ދޫކޮށް، ޚަރަދު ކުރަންޖެހޭ ފަރާތްތަކުގެ ޙާޖަތްތައް ފުއްދައި ނުދީ ތިމާ ޙައްޖަށް ދިއުމަށްބުނެ ފައިސާ އެއްކުރުން އެއީ ﷲ ތަޢާލާ އެކަން ކުރުމަށް އަންގަވާފައިވާ ގޮތްތޯ ވިސްނާލަން ޖެހެއެވެ!
ތިމާ އެކަމަށް ވިސްނާލުން ހުއްޓެވެ!
މިއީ، ދީނުގައި ވާޖިބުތަކާއި، އެމިހަކު އުފުލަންޖެހޭ މަސްއޫލިއްޔަތަކާއި އަދި ހައްޤުތައް އަދާކުރުމުގައި އެންމެ ފުރަތަމަ އެންމެ ބޮޑެތި ޙައްޤުތައް ދަންނަ މީހަކު ޢަމަލު ކުރާނެ ގޮތެއް ކަމުގައި ނުވާނެއެވެ.
ޙައްޖު ﷲ ރުއްސަވާ ވޮޑިގަންނަވާ ގޮތުގައި އަދާކުރާ މީހާ ފަހެ، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޙައްޤުތައް ފުރިހަމައަށް އަދާކުރާނެއެވެ. ﷲ ނުރުއްސަވާނެ ޢަމަލަކަށް އޭނާގެ ނަފްސު ނުގެންދާނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.