ކަންޒުލް ޢަރްޝު އެއީ ޘާބިތު ދުޢާއެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ކަންޒުލް ޢަރްޝު މި ދުޢާ މެދުގައި ކޮށްފައިވާ ސުވާލުގައި ބުނެމެވެ.

ދަންނަ އެވެ. މި ދުޢާ އަކީ ޤުރުއާނުގައި އަދި ސުންނަތުގައި ވާރިދުވެގެންވާ ދުޢާއެއް ނޫނެވެ. އަދި އެފަދައިން އެއްވެސް ރިވާޔަތެއް ވާރިދުވެގންވެސް ނުވެ އެވެ.

މި ދުޢާ އެންމެ ވަތްތަރީ، ދީނަށް އަލަށް ފާޅުވެފައިވާ ބާތިލް އަދި ޚުރާފާތް އަދި ޙައްދުފަހަނައަޅައިފައިވާ ބައިގަނޑެއް ކަމުގައިވާ ސޫފީން އެބައިމީހުން ”ވިރުދު“ ގެ ބާވަތްތަކުގެ ތެރެއިން ބާވަތުގެ ދުޢާ އެކެވެ.

އެ ގޮތުން މިފަދަ ވިރުދުތައް، މުރީދުން (މުރީދުންނަކީ އެމީހުންގެ މުރުޝިދުންނަށް) ﷲއަށް އަޅުކަން ކުއްތަންކުރާ ފަދައިން އަޅުކަން ކުއްތަން ކުރުމުގައިވާ ފަރާތްތަކެވެ.

ފަހެ، މިފަދަ ވިރުދުތައް އެ މުރުޝިދުން އެމީހުންގެ މުރީދުންނަށް ޚާއްޞަ ވަޤުތުތަކުގައި ކިޔުމަށާއި އަދި ވަކި ޘަވާބާއި ދަރުމަ ލިބޭނެކަމަށް އެބައިމީހުން ދީނަށް އަލަށް ވައްދާފައިވާ ބަސްތަކެވެ.

”ކަންޒުލް ޢަރްޝި“ މާނައީ ޢަރުޝީގެ ކަންޒު، މިއީ ދީނުގައި އެއްވެސް ދުޢާ އަކަށް ދެވިގެންވާ ނަމެއްވެސް ނޫނެވެ. ވުމުން ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ބަސްތަކުގެ ތެރެއިން މެނުވީ ނުވެ އެވެ.

ފެންނަ ބައެއް ލިޔުން ތަކުގައި މި ދުޢާއަކީ މާތް ނަބިއްޔާއަށް ނިސްބަތް ކޮށްފައިވާ ދުޢާއެއް ކަމުގައިވެ އެވެ. އެހިނދު ދަންނަ އެވެ. މިދުޢާއަކީ މާތް ނަބިއްޔާ ﷺ ގެ މައްޗަށް ބަޔަކު މީހުން ހަދައިފައިވާ ބޮޑުވެގެންވާ ދޮގު ބަސްތަކެވެ.

ބައެއް ފޮތްތަކުގައި، މި ދުޢާއަކީ އެމީހަކަށް ދިމާވެފައިވާ ޙާޖަތެއް ލޮލުގެ އެސްފިޔަ ޖަހާލާ އަވަހަށް އިޖާބަވެގެން ދިއުމަށް އޮތް ދުޢާއެއް ކަމުގައި ބުނެފައިވާ ބުނުމަކީވެސް ޝަރީޢަތުގެ މައްޗަށް ގެނެސްފައިވާ ދޮގު ވާހަކަތަކެވެ.

الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ . ”އެއްވެސް ޝައްކެތް ނުވާ ގޮތުގައި، ޛިކުރު ކުރުމާއި ދުޢާ ކުރުމަކީ އެންމެ ހެޔޮވެގެންވާ އަޅުކަމުގެ ތެރެއިން އަޅުކަމެކެވެ. އަޅުކަމުގެ އަޞްލަކީ ހުއްޓިފައި (އަލަށް ނުގެނައުން) މެވެ. އަދި އެއަށް ތަބަޢަވެވޭ ގޮތުގައި އަޅުކަން ކުރުމެވެ. ހަވާނަފްސަށް އަލަށްގެނެސްގެން އަޅުކަން ކުރުމެއްނޫނެވެ. ދުޢާތަކާއި ނަބަވީ ޛިކުރު ތަކަކީ، ދުޢާ ކުރާމީހާއަށް އަދި ޛިކު ކުރާ މީހާ އެއެއްޗެއްގެ މައްޗަށް އެންމެ ބޮޑަށް ޤާއިމްވެ ހުރުމަށްއޮތް އެއްޗެކެވެ. ފަހެ، އެގޮތް ހޯދައިފި މީހާވަނީ އަމާންކަމުގައި އަދި ސަލާމަތް ކަމުގަ އެވެ. މިގޮތުގައި މިހުންނަ މީހާއަށް ލިބޭ ފައިދާ އާއި ނަތީޖާއަކީ ދުލަކުން ތަޢުބީރު ކުރެވޭނެ ކަމެއް ނޫނެވެ. ސުންނަތުގައި ވާރިދުވެގެންނުވާ އެއްވެސް ބާވަތެއްގެ ދުޢާއެއް، ޛިކުރެއް އެއްވެސް މީހަކު މީސްތަކުންނަށް ހަދައިދީގެން ނުވާނެ އެވެ. އަދި ފަރުޟު ނަމާދުކުރާ ފަދައިން އަބަދު ކެނޑިނޭޅި ކިޔުމަށްއޮތް ޢިބާރާތްތަކެއްގެ ގޮތުގައި ހަދައިގެން ނުވާނެ އެވެ. އަދި ކިޔެއްތޯ އެވެ. މިއީ ﷲ ގެ ދީނަށް އެ އިލާހު އެއްވެސް ފަރާތަކަށް އިޛުނަ ދެއްވާފައިނުވާ ހިނދުގައި އަލަށް ދީނަށް ގެނެސްފައިވާ ބިދުޢައެކެވެ.“مجموع الفتاوى 22-510

ފަހެ، މުސްލިމް އަޅާއަށް އޮތީ ވާރިދުވެގެންވާ ދުޢާ ތަކާއި ކަލިމަތަކުގައި ދެމިހުރުމެވެ. އަދި އެމީހަކު ﷲ އަށް ދަންނަވަން ބޭނުންވާ ޙާޖަތެއް ދުޢާކޮށް ދެންނެވުމެވެ. ކަންޒުލް އަރްޝި ފަދަ ދީނަށް އަލަށް ވައްދާފައިވާ ބަސްތަކުން ދުރުވެ އިންޒާރު ލިބިގަތުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts