ماشاءالله ބޭނުންކުރާނީ ކޮންކަހަލަ ވަގުތުތަކެއްގަ ތޯ؟ އަދި ماشاءالله ބުނުމުން އެސްފީނާއިން ދުރުކޮށްދޭ ތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

އެއީ އެމީހަކު ޙައިރާން ކުރުވާ ނުވަތަ ޢަޖައިބުކުރުވާ ނުވަތަ އުފާވާނެ ކަމެއް ފެނުމުން مَاشَاء الله تبَارك الله ކިޔުމުގެ ސިއްރަކީ ކޮބައި ތޯއެވެ؟

މި ސުވާލު العلامة الشيخ ابن العُثَيمِين -رحمه الله- އަރިއަހުގައި ކުރެވުނުހިނދު ވިދާޅުވިއެވެ. “އެކަމުގެ ސިއްރަކީ އޭނާއަށް އެފެނުނު އެއްޗަށް އެސްފީނާއެއް ދިމާވެނުދިޔުމަށްޓަކައިއެވެ. ސަބަބަކީ ނަފްސަކީ އެއަށް އަރައިގަތުމަށް ހުއްދަވެގެން ނުވާ ކަންތައްތަކަށް އަރައިގަނެވޭ އެއްޗެއް ކަމުގައިވެއެވެ. ފަހެ، އެއިންސާނަކަށް އޭނާ އުފާވާ، ހައިރާންވާފަދަ ކަމެއް ފެނި އެއަށް އެސްފީނާ ޖެހިދާނެކަމުގެ ބިރުހީވާހިނދު، ފަހެ އެހިނދު އޭނާ مَاشَاء الله تبَارك الله ކިޔުން ހުއްޓެވެ. އެއީ އޭގެ ސަބަބުން އޭނާއަށް އެފެނުނު އެއްޗަށް އެސްފީނާ ކުރިމަތިވެ ނުދިޔުމަށްޓަކަ އެވެ. …..”.

ވީމާ، އެމީހަކަށް ޙައިރާންކުރުވާ، ޢަޖައިބުކުރުވާ، ނަޟަރު ހުއްޓުވާފަދަ ތަކެތި ފެނުމާއެކު މިއީ ކިޔުމަށް ވާރިދުވެގެންވާ ޖުމްލައެވެ. އަދި އެކަމުގެ ހުރި ހެޔޮކަމުގެ ބޮޑުކަމަކީ ﷲގެ އިރާދަފުޅާއި ވާގިފުޅާއެކު، އެސްފީނާއިން ސަލާމާތް ކުރުވިގެން ދިއުމެވެ.

އަޚާ އެވެ! މިތަނުގައި މުހިންމު ނުކުތާއެއް ފާހަގަ ކޮށްލަމެވެ. އެއީ ބައެއް ފަހަރު މީސްތަކުންނަށް “ހެޔޮ ނިޔަތެއްގައި” ކުރެވޭ ބިދުޢަވެރި ޢަމަލެކެވެ. މިފަދަ ޛިކުރުތައް ތަތްކޮށްފައި، ތަންތާގައި އެލުވާފައި ބެހެއްޓުމެވެ. މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މަސްޖިދުއްނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވުމުގައިވާ الشيخ سُلَيْمَان الرُّحيلي حفظه الله ވިދާޅުވެފައިވެއެވެ. ”އެސްފީނާއިން (އެއްޗެއްގެ ސުންޕާ ކަމުން) ރައްކައުތެރިވުމަށް އާޔަތްތަކާއި ޛިކުރުތައް ގޭގައި ނުވަތަ ކާރުތަކުގައި ބެހެއްޓުމަކީ ޙަރާމްވެގެންވާ ކަމެކެވެ. މިޘާލަކަށް صَلِّ عَلى النبِيِّ ނުވަތަ مَاشَاء الله تَبَارَك الله ލިޔެފައި ބެއްހެއްޓުންފަދަ ކަންތައްތަކެވެ“.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply