ފިރިހެން ދަރިން 15 އަހަރު ނުވަތަ 18 އަހަރު ފުރުމުން މައިން ބަފައިން އަދި ޚާއްޞަކޮށް ބައްޕަގެ ވާޖިބަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފިރިހެން ދަރިން 15 އަހަރު ނުވަތަ 18 އަހަރު ފުރުމުން މައިން ބަފައިން އަދި ޚާއްޞަކޮށް ބައްޕަގެ ވާޖިބަކީ ކޮބައިކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : ސުވާލުގައި ބުނެފައިވާ 15 އަހަރު އަދި 18 އަހަރުގެ މުރާދަކީ ކޮބައިކަން ނޭނގެ އެވެ.
މުސްލިމުން ދަންނަންޖެހެނީ، ދަރިފުޅު ބާލިޣްވެ ބޮޑުވެފައިވާ ދަރިއެއް ކަމުގައި ވުމަށް ދީނުގައި ކަނޑައަޅައިފައި ކަންތައްތައް އެނގިގަތުމެވެ.
އެގޮތުން، ޢުމުރުން 15 އަހަރު ފުރިއްޖެހިނދު އެއީ ބާލިޣް ވެފައިވާ ދަރިއެކެވެ.
މިކަން ބަޔާންވެގެންވާ ދަލީލު ތަކުގެ ތެރޭގައިވެ އެވެ. އިމާމް البخاري ގެ ޞަޙީހުގައި، ޞަޙާބީ عبدالله بن عمر -رضي الله عنهما- އަރިހުން ރިވާވެގެންވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. (أنَّ رَسولَ اللَّهِ -صلى الله عليه وسلم- عَرَضَهُ يَومَ أُحُدٍ، وهو ابنُ أرْبَعَ عَشْرَةَ سَنَةً، فَلَمْ يُجِزْنِي ثُمَّ عَرَضَنِي يَومَ الخَنْدَقِ، وأَنَا ابنُ خَمْسَ عَشْرَةَ سَنَةً، فأجَازَنِي) ”ތިމަން ޞަޙާބީ ޢުމުރުފުޅުން 14 އަހަރުގައި އުހުދު ހަނގުރާމައިގައި ބައިވެރިވުމަށް ނުކުންނެވުމުން رَسولَ اللَّهِ -صلى الله عليه وسلم- ތިމަން ޞަޙާބީ ރައްދު ކުރެއްވި އެވެ. (ހުއްދަ ނުދެއްވި އެވެ.) އަދި ޚަންދަޤު ހަނގުރާމައިގައި ތިމަން ޞަޙާބީގެ ޢުމުރުފުޅަކީ 15 އަހަރެވެ. ފަހެ، (ހަނގުރާމައިގައި ބައިވެރި ވުމަށް) ހުއްދަ ދެއްވި އެވެ. “ صحيح البخاري 2664
އަދިވެސް ދަރިން ބާލިޣްވެފައިވާ ކަމުގެ ސިފަތަކުގެ ތެރޭގައި، އިޙްތިލާމް ވުމާއި، ކުރިމަތި ފަރާތުން އިސްތަށި ފެޅުންވެ އެވެ. މާނައަކީ، މިފަދަ އެއްވެސް ޢަލާމާތެއް ފާޅުވެއްޖެހިނދު އެއީ ބޮޑުވެފައިވާ ކުއްޖެކެވެ.
ފަހެ، 11 އަހަރުން އިޙްތިލާމްވެއްޖެހިނދު، ޢުމުރުން 15 އަހަރު ނުފުރުނަސް އެއީ ބާލިޣްވެފައިވާ ކުއްޖެ އެވެ.
މީގެ އިތުރަށް އަންހެން ދަރިން، ޙައިޟުވުމަކީ ބާލިޣް ވެފައިވާ ކަމުގެ އެއް ސިފަ އެވެ.
ވުމުން، އެއީ 18 އަހަރަށް އޮތް ކަމެއް ނޫންކަމުގައި ދަންނަން ޖެހެ އެވެ.
ދެވަނައީ :
ދަރިއެއް ބާލިޣްވެ ބޮޑު ފިރިހެނަކަށް ނުވަތަ ބޮޑު އަންހެނަކަށް ވެއްޖެހިނދު، މައިން ބަފައިން އެ ދަރިންނަށް އަދާކުރަންޖެހޭ ކަންތައްތަކެއްވެ އެވެ.
1.ދަރިން އަދަބުވެރި ކުރުވުމެވެ. މިއީ ޅަފަތުން ފެށިގެން ކުރުމަށް އޮތް ޢަމަލެކެވެ. އެހެނަސް އެކަން އެއަށްވުރެ ބޮޑަށް ބާލިޣް ޢުމުރަށް ދިއުމުން ދަރިންގެ ނަފްސުގައި އަށަގެނުވުން ހުއްޓެވެ.
عَلِيُّ بنْ أَبِيْ طَالِبٍ -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”ތިޔަބައިމީހުންގެ ނަފްސުތަކަށާއި ތިޔަބައިމީހުންގެ އަހުލުންނަށް އެންމެހައި ހެޔޮކަންތައް އުނގަންނައި ދޭހުއްޓެވެ. އަދި އެބައިމީހުން ރިވެތިގޮތުގައި އަދަބުވެރި ކުރުވާށެވެ.“
2. ދަރިންނަށް މާތް މަތިވެރި އަޚުލާޤު އުނގަންނައި ދިނުން ހުއްޓެވެ. އެއީ ވަޢުދަށް ތެދުވެރިވުމަށާއި، ބަލި ނިކަމެތި މީސްތަކުންނަށް ރަޙްމަތްވުމަށާއި، ތެދުބަހުން ވާހަކަ ދެއްކުމަށާއި، ﷲ تعالى އަށް އިޚްލާޞްތެރިވުމަށާއި، ރަސޫލާ އަށް ތަބަޢަވުމަށާއި، ވަޤުތަށް ފަރުވާތެރިވުމަށާއި، އަމާނާތްތައް ފުރިހަމައަށް އަދާކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށާއި، އަވަށްޓެރިންގެ ޙައްޤުތަކަށް ރައްކައުތެރިވުމަށާއި ލަދުވެތިކަމާއި މީސްތަކުންނަށް ޢަފޫކޮށް މީސްތަކުންގެ ތެރޭގައި ރިވެތިގޮތުގައި އުޅުންފަދަ ހެޔޮ ރިވެތި އެހެން އަޚުލާޤުތައް ދަރިންނަށް އުގަންނައިދިނުމުގައި ދެމިހުރުމެވެ.
3. ފަހެ، ދަރިންގެ މެދުގައި ޢަދުލުވެރިވުމަކީ ނުހަނު މުހިއްމުވެގެންވާ ކަމެކެވެ. މިކަމުގައި ފަރުވާކުޑަކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އޭގެސަބަބުން އޭނާގެ މައްޗަށް ﷲ ގެ ކޯފާ ވާޖިބުވެދެ އެވެ. ރަސޫލާ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (اتَّقُوا اللَّهَ وَاعْدِلُوا بَيْنَ أَوْلَادِكُمْ) ”ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ.“ الإمام البخاري (2587) އަދި الإمام مسلم (1623)
4. ދަރިން ބާލިޣުވުމުން އެދަރިންނަށް ދީނުގައި މުހިންމު ވެގެންވާ އެންމެހައި ކަންތައް އުނގަންނައި ދިނުމެވެ.
އެގޮތުން ބާލިޣް ވުމުގެ ޙުކުމްތަކެވެ.
އަޅުކަންތަކުގެ މައްޗަށް ފަރުވާތެރިވެ، އެކަމަށް ސަމާލުކަން އަބަދާ އަބަދުމެ ގެނެސް ދިނުމެވެ.
މަލާއިކަތް ބޭކަލުން އޭނާގެ މައްޗަށް ލިޔުއްވުމުގައިވާނެކަން އަންގައި، ނަމާދު ކުރުންފަދަ އެންމެހައި ވާޖިބު އަޅުކަންތަކެއް އޭނާގެ މައްޗަށް ލާޒިމްވެ ވާޖިބުވެއްޖެކަން އަންގައިދީ އުނގަންނައި ދިނުމެވެ.
5. މައިންބަފައިން އެބައިމީހުންގެ ފިރިހެން ދަރިންނަށް ނުވަތަ އަންހެން ދަރިންނަށް، ހެޔޮލަފާ އަނތްބެއް އަދި އަންހެން ދަރިއަށް ހެޔޮލަފާ ފިރިއެއް ހޯދައިދިނުމަށް ފަރުވާތެރިވެ އެކަމަށް މަސައްކަތްކުރުމެވެ.
6. ދަރިން ދުނިޔެއަށް ފާޅުވުމަށްފަހު، ނުވަތަ ދުނިޔެއަށް ވިހެއުމަށްފަހުގައި އެދަރިން އިޞްލާޙުވުމަށް އެދި އަދި އެއީ ޞާލިޙް ދަރިންކަމުގައި ވުމަށް އެދި އަދި އެދަރިންނަށް ﷲ ތަޥްފީޤުދެއްވުމަށް އެދި ދުޢާކުރުމެވެ.
7. ފިރިހެން ދަރިންނާއި އަންހެން ދަރިންނަށް ބޭނުން ޖެހިފައިވާ ޙާޖާތްތައް ބަލައި، އެ ދަރިންނާ އެކުގައި އިށީނދެ އެ ދަރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ދެމިހުރުމެވެ.
ފަހެ، މިފަދަ އެންމެހައި މަސްއޫލިޔަތެއް އުފުލުމުގައި ބަދަލު ވެރިޔާ ޤާއިމްވެ ދެމިހުރުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.