ރޯދަ ނުހިފޭ މީހުން ކައްފާރާދޭނީ ކިހިނެއްތޯ؟

 بسم الله الرحمن الرحيم الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه :

أما بعد :

ކޮށްފައިވާ ސުވާލުގައި ކައްފާރާއަށް ކާންދެނީ ކޮން ސަބަބެއް މެދުވެރިވެގެންކަމެއް ބަޔާން ކޮށްފައި ނުވުމުން އެއީ ކޮން ކަމެއް ކަމަށް ބަޔާން ކުރަން ދަތިވެ އެވެ.

އަދި ގިނަ ފަހަރު އެއީ ރޯދަ ހިފުމާއި ގުޅޭ ގޮތުން ކަމުގައިވުމުން، ސުވާލުގައި ރޯދަ ނުހިފޭ މީހުން ކައްފާރާ ދިނުމުގައި ޢަމަލުކުރަންވީ ކިހިނެތް ކަމާއި މެދުގައި ޖަވާބު ދެމެވެ.

މިފަދަ އަހުލުވެރިންގެ މައްޗަށް އޮތް ޙުކުމް ބަޔާންކުރައްވާ މި ޒަމާނުގައި ފާޅުވި އެންމެބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العَلاَّمَة مُحمد بن صَالح العُثَيمِين -رحمه الله- ދެއްވާފައިވާ ޖަވާބު މިތަނުގައި ބަޔާން ކުރަމެވެ.

ސުވާލު : އަހަރެންނަށް ދިމާވެފައިވާ ބަލީގެ ސަބަބުން ޢުމުރުން ބާކީ އޮތް ބައިގައި އަބަދުގެ އަބަދަށް ބޭސް ކާން މަޖްބޫރުވެފައިވެ އެވެ. އަދި ޑޮކްޓަރުން ބުނެފައިވާ ފަދައިން މެދުކެނޑުމެއްނެތި ފެން ބުއިމަކީވެސް ބަލީގެ ބޭސްފަރުވާގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ. ރަމަޟާންމަހުގެ ރޯދަހިފުމަށް އަހަރެން މިވަނީ ވަރަށްބޮޑަށް ބޭނުންވެ ޝައުޤުވެރިވެފަ އެވެ. އަހަރެން މަތިވެރިވެގެންވާ ރަމަޟާންމަހުގެ ޘަވާބައި ދަރުމަ، އަޖުރު ހޯދުމަށް ނުހަނު ބޭނުންވެ އެވެ. އަހަރެން ޢަމަލުކުރަންވީ ކޮންފަދައަކުންތޯ އެވެ؟ މިކަމަށް ޝެއިޚް އަހަރެންނަށް ނަޞޭޙަތެއް ދިނުމަށް އެދެމެވެ.  بارك الله فيكم.

ޖަވާބު : ދާއިމީގޮތަށް ތިބާއަށް ބޭސްފަރުވާކުރަންޖެހި، އެ ބޭސްފަރުވާކުރުން ހުއްޓާލެވޭކަށް ތިބާއަށް ކުޅަދާނަނުވާ ހިނދުގައި، ފަހެ، އެ ޙާލަތުގައި ތިބާ ރަމަޟާންމަހު ރޯދަ ދޫކުރުން ހުއްދަވާނެ އެވެ. ތިބާއަށް ދިމާވެފައިވާ ޙާލަތުގެ އަހުލުވެރިންނަށް އޮތީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. މިއީ ބަލިން ޝިފާލިބުމުގެ އުއްމީދު ކެނޑިފައިވާ މީހާއަށް، އޭނާ ޢަމަލުކުރަންޖެހޭގޮތް ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވާ ގޮތެވެ. އެގޮތުން، އެފަދަ ޙާލުގައިވާ މީހާ އަކީ އުމުރުން ދޮށިވެ ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ ޙާލަތަށް އައިސްފައިވާ މީހެއް ކަމުގައި ވިދާޅުވެފައިވެ އެވެ.

ފަހެ، އޭނާއަށް ވާޖިބުވެގެންވަނީ ފިދިޔަ ދިނުމެވެ. އެއީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. ފަހެ، މިޙާލުގައި އެމީހާ އަކީ ރަމަޟާންމަހުގެ ރޯދަ ހިފި މީހެއް ފަދައިން ވާނެ އެވެ. އަދި ތިބާއަށް ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ހާސިލްކުރުމަށްޓަކައި، ޞާލިޙް އެހެނިހެން ޢަމަލުތަކުގައި ޤާއިމްވެ ދެމިހުރުން ހުއްޓެވެ. އެއީ މިޘާލަކަށް ޞަދަގާތް ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި އަދި ނަމާދުކުރުން ފަދަ ޢަމަލުތަކާއި އެނޫންވެސް އެފަދަ ޢަމަލުތަކުގައި ޤާއިމްވެ ހުރުމެވެ.

އަދިވެސް ޝެއިޚް ވިދާޅުވެފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.  

ސުވާލު : ބައްޔެއް ޖެހި، އެބަލި ރަނގަޅުވާނެ ކަމުގެ އުއްމީދު ކެނޑިފައިވާ މީހާ އަދި ރޯދަ ހިފުމުގެ ކުޅަދާނަކަމެއް ނެތް މީހާ، ފަހެ މިފަދަ މީހާ ކައްފާރާ ނެރޭނީ ކިހިނަކުންތޯ އެވެ؟ 

ޖަވާބު : ކައްފާރާ ދިނުން އޮތީ، އެއްގޮތަކީ މިސްކީނުންނަށް މެންދުރު ކެއުމެއް ދިނުމެވެ. ނުވަތަ މިސްކީނުންނަށް ރޭނގަޑު ކެއުމެއް ދިނުމެވެ. އެއީ أَنَس بِنْ مَالك رضي الله عنه އަމަލުފުޅު ބެހެއްޓެވިފަދައިންނެވެ. ނުވަތަ ފަސްރޯދައަށް ފަސް މިސްކީނަކަށް ކާބޯތަކެތީން ޞާޢެއްގެ މިންވަރު ދިނުމެވެ. (މާނައީ އެއް ޞާޢު ފަސް މިސްކީނުންނަށް ބަހާލާނީ އެވެ.)  

ފަހެ، އެހެންވުމުން  އެ ރަމަޟާންމަހަކީ 30 ދުވަހުގެ ރަމަޟާންމަހެއް ކަމުގައިވާނަމަ އެ 30 ރޯދައަށް ނެރެންޖެހޭނީ 6 ޞާޢު އެވެ. އެއީ 29 މަހުގެ ރޯދަމަހެއްވިއްޔާ އެ 29 ދުވަހަށް ނެރެންޖެހޭނީ 5 ޞާޢު އަދި ޞާޢުއެއްގެ ފަސްބައިކުޅަ އެއްބައެވެ.  

މިފަދައިން ކާބޯތަކެތި ނެރޭ ހިނދުގައި އެތަކެއްޗާ އެކީގައި ކެއުމަށް ބޭނުންކުރާނެ (ރިހަ، މަސް) މިފަދަ އެއްޗެއް ނެރުން ހެޔޮކަންބޮޑުވެގެންވެ އެވެ. والله أعلم. 

މިއީ ޢަމަލު ކުރުމަށް އޮތް ގޮތެވެ. ރޯދަ ހިފުމެއް ނުވެ އެވެ. އޭގެ ބަދަލުގައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ.

އަޚާ އެވެ! މަތީގައި ބަޔާންކުރި ބަސްތައް ބަޔާންވެ ފަހުމްވެއްޖެ ކަމަށް އުއްމީދު ކުރަމެވެ. އެއަށްފަހު ދެވަނަ ބައިގައި ބަޔާން ކުރަމެވެ.

(ދެވަނައީ) : އެފަދަ މީހާއަށް ކޮންމެ ރޯދައަކަށް ފިދުޔަ ދިނުން އޮތުމުން، ފިދުޔަ ދިނުމުގައި ޖުމްހޫރު ފިޤުހު ޢިލްމުވެރިން  المَالكية، الشافعية، އަދި  الحنَابِلة ދެކެވަޑައިގަންނަވަނީ ރޯދައަށް ފިދުޔަ ދޭ މީހާ ފައިސާއިން ފިދުޔަ ދިނުން ހުއްދައެއް ނުވާނެ ކަމެވެ.

އޭނާގެ މައްޗަށް ފިދުޔަ ދިނުން ވާޖިބުވެގެންވަނީ ކާބޯތަކެތީންނެވެ. އެއީ ﷲގެ ވަޙީބަސްފުޅުގެ މައްޗަށެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މާނައަކީ ”އަދި އުދަގޫކަމާއެކު އެކަމަށް ކުޅަދާނަވެގެންވާ މީހުންގެ މައްޗަށް އޮތީ (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާން ދިނުމެވެ.“

މި އާޔަތުގެ މައްޗަށް ތަފްސީރުގައި البخاري 4505 ގައި ޞަޙާބީ ابن عبَّاس ގެ ތަފްސީރު ގެންނަވާފައިވެ އެވެ. ޞަހާބީ ވިދާޅުވި އެވެ. ”އެއީ ދުވަސްވެ މުސްކުޅި ބަލީގައިވާ މީހާ (އަންހެނުންނާއި ފިރިހެނުން) ފަހެ، ރޯދަ ހިފުމަށް ކުޅަދާނަވެގެންނުވާހިނދު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ.

އަޚާ އެވެ!  

ރޯދަ ހިފުމުގެ ޞިއްޙަތެއްނެތިވެ، ނޫނީ މާބަނޑުވެ ނުވަތަ ގާތުން ކިރުދޭ މައެއްގެ ގޮތުގައިވާ ފަރާތް، ރޯދަ ހިފުމުގެ ކުޅަދާނަކަން ނުލިބިގެން، އެފަދަ ޤާބިލްކަން ނެތިގެން ރޯދަ ދޫކޮށްފިހިނދު، އެ ރޯދަތަކަށް ކައްފާރާ ދިނުމުގައި އޮތީ ފަޤީރުންނަށް މިސްކީނުންނަށް ކާބޯތަކެތި ދިނުން ކަމުގައި ކަނޑައެޅުއްވީ އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑިގަންނަވާ ޢާލަމް ތަކުގެ ވެރި ރައްބެވެ.  

ވިސްނާލުން ހުއްޓެވެ.  

އާޔަތްތައް ބާވައިލެއްވުނު ޒަމާނުގައި، އެ ޒަމާނުގައި މުޖުތަމަޢުގައި ނުހަނު ފަޤީރުން ގިނަ އެވެ. މިސްކީނުން ނުހަނު ގިނަގުނަ އެވެ. އެމިސްތަކުން ފައިސާއަށް ބޭނުންވަނީ އިންތިހާއަށް ޖެހިފަ އެވެ. 

އެހެނަސް މޮޅަށް ދެނެވޮޑިގަންނަވާ އިލާހު، ކާބޯތަކެތި ނެރުމަށް އަމުރުފުޅުކުރެއްވި އެވެ.  

އެބޭކަލުން ވަނީ ފައިސާއަށް ނުހަނު ބޭނުންޖެހިފަ އެވެ. އެހެނަސް ކާބޯތަކެތި ނެރުމަށް އަމުރުފުޅު ކުރެއްވި އެވެ.  

ގެތައް ބިނާ ކުރުމަށްޓަކައި އެއަށް ބޭނުންވާ ސާމާނުތަކަށް ވަނީ ނުހަނު ބޭނުން ޖެހިފަ އެވެ. އެހެނަސް ކާބޯތަކެތި ނެރުމަށް އަމުރުފުޅު ކުރެއްވި އެވެ. 

އެބޭކަލުން، އަޞްޙާބު ބޭކަލުން އޮނުއޮރިޔާން ކިރިޔާ ނިވާކުރެވޭ ފަދަ ނިކަމެތި ޙާލުގައި ވަނީ ފޭރާމަށް ޙާޖަތް ޖެހިވަޑައިގަންނަވާފަ އެވެ. އެހެނަސް ކާބޯތަކެތިން ފިދުޔަ ނެރުމަށް އަމުރުފުޅު ކުރެއްވި އެވެ.  

(وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މާނައަކީ ”އަދި އުދަގޫކަމާއެކު އެކަމަށް ކުޅަދާނަވެގެންވާ މީހުންގެ މައްޗަށް އޮތީ (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާން ދިނުމެވެ.“   

އެއަށްފަހު، މަޞްލަޙަތު ބޮޑީ މި ޒަމާނުގައި ހެއްޔެވެ؟ ޙާޖަތް ބޮޑީ މި ޒަމާނުގައި ހެއްޔެވެ؟  

މިފަދައިން ބުނުމަކީ ވަރަށްބޮޑު ނުރައްކާތެރި ބަހެކެވެ.  

الأَلْبَانِي رحمه الله  ވިދާޅުވެފައިވެ އެވެ. ”ފަހެ މީހަކު އައިސް ބުނެ އެވެ. ”ނޫނެކެވެ. ފިޠުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުން ފަޤީރުންނަށް ފައިދާ ބޮޑެވެ.“ 

މިފަދައިން ބުނާ މީހާވަނީ، 2 ގޮތަކަށް ކުށް ކޮށްފަ އެވެ. 

ފުރަތަމައީ : ހަމަކަށަވަރުން އޭނާވަނީ ދަލީލާ ޚިލާފްވެގެންނެވެ. (ފިޠުރު ޒަކާތް) ނެރުމަކީ ﷲ އަށް ކުއްތަން ކުރެވޭ އަޅުކަމެކެވެ. މިއީ އެންމެ ދަށް ދަރަޖައިން ބުނެވޭނެ ގޮތެވެ. 

އެހެން ނަމަވެސް ދެވަނައީ އިންތިހާއަށް ނުރައްކާތެރި ވެގެންވާ ކަމެކެވެ. ސަބަބަކީ، ޝަރުޢު ކުރައްވާ ޙިކުމަތްވަންތަ، ޢާލަމްތަކުގެ ވެރި އިލާހު، އެ އިލާހުގެ މާތް ނަބިއްޔާއަށް ވަޙީ ބާވައިލައްވައި އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުމަށް އެންގެވީ (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތިން ޞާޢު އެއްގެ މިންވަރުން ނެރުމަށެވެ. އެއަށްފަހު، މި މީސްތަކުން ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި އެބައިމީހުންނަށް ފައިދާބޮޑު ގޮތް ދަންނަ ކަމުގައި ދަޢުވާކޮށް ފައިސާއިން ޒަކާތް ނެރެން ގޮވާލުމުން، އެއިން ދޭހަކޮށްދެނީ ﷲ އަށް ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި ފައިދާބޮޑު ގޮތަކީ ފައިސާއިން އެ ޒަކާތް ނެރުނުކަން އެނގިވޮޑިގެންފައި ނުވާއިރު، އެކަން މިބައިމީހުންނަށް އެނގިފައިވާކަމަށް އެބައިމީހުން ޤަބޫލުކުރުމެވެ.“ ފަތުވާ ނަގާފައިވަނީ : سلسلة الهدى و النور شريط 274 

ވުމުން، ފިދުޔައިގެ މިންވަރު ފައިސާއިން ނެރެ، މުވައްސަސާ ތަކަށް، ފަންޑުތަކަށް، އެކި އެކި ހިޔާތަކާއި، ޖަމުޢިއްޔާ ތަކަށް ދިނުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ 

އެ ނެރުން އޮތީ ކާބޯތަކެތީންނެވެ.  

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައި -10-198) ގައި ބަޔާންކުރައްވާފައިވެ އެވެ.

”ޑޮކްޓަރުން އެބައްޔަކާއި ގުޅިގެން އެބަލި ތަޙައްމަލުކުރަމުންދާ މީހާއަށް ރޯދަ ނުހިފޭނެ ކަމާއި، އަދި ބައްޔަކީ އެއިން ޝިފާ ލިބުގެ އުއްމީދެއް ނެތް ބައްޔެއްކަން އިޤްރާރުވެ ބަޔާންކޮށްފިހިނދު، އޭނާއަށް ވާޖިބުވެގެންވަނީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. އެއީ އޭނާގެ ރަށު (ދިރިއުޅޭތަނެއްގައިވާ) އަހުލުވެރިން ކާބޯތަކެތީގެ ގޮތުން ބޭނުންކުރާ ތަކެތީގެ ޞާޢުގެ ދެބައިކުޅަ އެއްބައި މިންވަރެވެ.  ފަހެ، (ކާބޯތަކެތީގެ ބަދަލުގައި) ފައިސާ ނުދެވޭނެ އެވެ.  ”

އަޚާ އެވެ! ޞާޢުގެ ދެބައިކުޅަ އެއްބަޔަކީ އެއީ ގާތްގަނޑަކަށް 1.5 ކިލޯ ޤުރާމް ހަނޑުލެވެ. (ހަނޑުލުން ބަލައިފިނަމަ އެވެ.)

ތިންވަނައީ : ކާންދިނުން އޮތީ 2 ގޮތަކަށެވެ.

  1. ކޮންމެ ރޯދައަކަށް 1.5 ކިލޯގެ ހަނޑުލުގެ މަގުން ހަނޑޫ ނެރެ މިސްކީނުންނަށް ބަހާލުމެވެ. މިޘާލަކަށް ރަމަޟާން މަސް ނިމުނީ އެވެ. 30 ރޯދައިފެ ރަމަޟާން މަހެކެވެ. އެހެން ވުމުން އެއީ ޖުމްލަ 45 ކިލޯ ހަނޑުލެވެ. އެމިންވަރަށް ހަނޑޫ އެންމެ ފައިދާވާ ގޮތަކަށް އެއަށް ޙާޖަތްޖެހިފައިވާ މީހަކަށް ދޭނީ އެވެ. އެއީ އެކަކު ނުވަތަ އެއަށްވުރެ ގިނަ ޢަދަދެއް ކަމުގައިވީނަމަވެސް އެވެ.
  2.  ކައްކާފައި ކާން ދިނުމެވެ. އެތަނެއްގެ އަހުލުވެރިން ޢާންމުކޮށް ކެއުމުގެ މިންގަނޑުން ކާން ދިނުމެވެ. (ރާއްޖޭގައިނަމަ، ބަތް، ރިހަ، ތަރުކާރީ، ޖޫސް ފެން) މި މިންގަޑު މެންދުރު ކެއުމަކަށް 10 މިސްކީނުންނަށް ތައްޔާރުކޮށް ގެނައީ އެވެ. 10 މިސްކީނުން ކައިގެން ދިއުމުން އެއީ 10 ރޯދަ އަދާކުރެވުނީ އެވެ. އަނެއް ދުވަހު 10 މިސްކީނުންނަށް ކާން ދިނީ އެވެ. ނުވަތަ ހޮޓަލަކަށް އަރުވާ ކާންދިނަސް މައްސަލައެއް ނެތެވެ.

ސުވާލުގެ ޖަވާބު ތަފްޞީލުކޮށް ފަހުމް ވެއްޖެކަމަށް އުއްމީދު ކުރަމެވެ.

އަދި އެއަށްފަހު، 1 ކިލޯ ހަނޑޫ ދީފައިވާ ކަމުގައި ބުނެފައިވާ ބަސް ޖަބާވުގައި ބުނެފައިވާ ޙިސާބުން ޙިސާބުކޮށް އެކަމުގައި އިޞްލާޙް ކުރަންޖެހޭނަމަ އިޞްލާޙު ކުރުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts