ރޯދައަށް ހުރިކަން ހަނދާންނެތި، ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭ ހެއްޔެވެ؟

ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބު މިވަނީ އަންނަނިވި ޕޮއިންޓްތަކުގެ މައްޗަށް އެކުލަވާލެވިފައެވެ. އެހެންކަމުން ޖަވާބު ފަހުމް ވުމަށްޓަކައި ހުރިހާ ޕޮއިންޓްތަކެއް ވެސް ވިސްނުންތެރިކަމާއެކު ކިޔާލުން ހުއްޓެވެ.

1. ރޯދަ ގެއްލޭ ކަންތައްތައް ޛިކުރުކޮށްފައިވާހިނދު ނޭފަތުން ހަށިގަނޑު ތެރެއަށް އެއްޗެއް ތަކެތި ފޮނުވުމަކީ ރޯދަ ގެއްލޭނެ ކަމެކެވެ. ސަބަބަކީ ލޮލާއި، ކަންފަތާއި ޚިލާފަށް ނޭފަތަކީ، ހަށިގަނޑުގެ ތެރެއަށް ކާބޯތަކެތި ފޮނުވައިދޭ އެއް މަގެވެ. އެގޮތުން އަނގައިން ކާބޯތަކެތި ފޮނުވުމަށް ނުކުޅެދޭ ޙާލަތުގައިވާ މީހުންގެ، ނޭފަތުން ހޮޅި ލައްވައި ކާބޯތަކެތި ނޭފަތުން ފޮނުވާކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހިނދު ބަޔާންވަނީ، ނޭފަތަކީ ކާބޯތަކެތި ފޮނުވާ މަގެއް ކަމެވެ. މި ބަޔާން ކުރެވޭ ޙަދީޘްއަށް ބަލައިލުން ހުއްޓެވެ. لَقِيط بن صَبرة رضي الله عنه ވިދާޅުވެފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (وَبَالغ في المَضمَضَةِ و الإِستنشَاق إلاَّ أَن تَكُونَ صَائِمًا) ”(ވުޟޫކުރާހިނދުގައި) އަނގައަށާއި އަދި ނޭފަތަށް ބޮޑަށް ފެންލައި ދޮންނާށެވެ. ތިބާ ރޯދައަށް ނުހުންނަ ކަމުގައި ވާނަމައެވެ. (އެބަހީ : ރޯދައަށް ހުރެއްޖެހިނދު ފަރުވާތެރިވެހުރެ އެކަން ކުރާށެވެ.)“ (رواه أبوداود، 142).

ފަހެ، ޙަދީޘްގައި ބަޔާންވެގެން ވަނީ ރޯދައަށް ހުންނަ މީހާ އަނގައަށާއި އަދި ނޭފަތަށް ފެންލުމުގައި ކަރުތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ފަރުވާތެރިވުމަށްޓަކައި ބޮޑަށް އެކަން ނުކުރުމެވެ. ސަބަބަކީ، ނޭފަތުން ފެން ހަށިގަނޑަށް ދިއުމަކީ ރޯދަ ގެއްލޭނެ ކަމެއް ކަމުގައި ވުމުންނެވެ. ފަހެ، އެހެންވުމުން ނޭފަތަށް ބޭސް އެޅުމުން ވެސް ރޯދަ ގެއްލޭނެއެވެ.

2. ރޯދަވެރިޔާގެ ރޯދަ ގެއްލޭނީ އެކުރެވުނު ކަންތައްތަކުގެ މައްޗަށް ޝަރުޠުތަކެއް ފުރިހަމަ ވުމުންނެވެ. އެ ޝަރުޠުތައް ޢިލްމުވެރިން ކަނޑައަޅާފައިވެއެވެ.

މި ޝަރުޠުތަކުގެ ތެރެއިން ފުރަތަމަ ޝަރުޠަކީ: ޢިލްމެވެ. އެއީ ރޯދަވެރިޔާއަށް އެކަމަކީ ރޯދަ ގެއްލޭކަމެއްކަން އެނގިފައިވުމެވެ. ޖާހިލެއްގެ ގޮތުގައިވެ، ރޯދަގެއްލޭ ކަމެއްކަން ނޭނގިހުރެ، އެކަމެއް ކޮށްފިހިނދު އޭނާގެ މައްޗަށް އެއްވެސް ޙުކުމެއްނުވެއެވެ. އަދި އޭނާގެ ރޯދަ ފުރިހަމަކުރުން ހުއްޓެވެ.

ދެވަނައީ : (ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއްކޮށްފިހިނދު، އޭނާ ރޯދަ ގެއްލޭނީ) ހަނދާންހުރެ އެކަމެއް ކުރުމެވެ. ރޯދަވެރިޔާ ރޯދައަށްހުރެ، ހަނދާން ނެތިގެން ރޯދަ ގެއްލޭ ކަމެއްކޮށްފި ހިނދު، މިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވާ އެންމެ ޞައްޙަގޮތަކީ، އޭނާގެ ރޯދައަށް އެއްވެސް ގެއްލުމެއްނެތެވެ.

ތިންވަނަ ޝަރުޠަކީ : އިޚްތިޔާރުގައި އެކަމެއް ކުރުމެވެ. ރޯދަގެއްލޭ އެއްވެސް ކަމެއް އޭނާއަށް މަޖްބޫރުކޮށްގެން ކޮށްފިހިނދު، އޭނާއަށް އެކަމުގައި އެއްވެސް ގެއްލުމެއް ނުވެއެވެ. އަދި އޭނާގެ ރޯދަ ފުރިހަމަކުރުން ހުއްޓެވެ.

ވީމާ، އަޚާއަށް ނޭނގި، އޭގެ ޢިލްމު ލިބިފައިނުވެ، ނޭނގުމުގެ ތެރޭގައި އެކަން ކުރެވިފައިވާތީ ރޯދައަށް އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ރޯދަ ފުރިހަމަ ކުރުމުގައި ދެމި ހުންނާނެވެ. ރޯދައަކީ ޞައްޙަ ރޯދައެއް ކަމުގައި ވާނެއެވެ.

Similar Posts

Leave a Reply