ހަނދުގެ މައްޗަށް ޚިލާފްވެ، ޢާޝޫރާ ދުވަހުގެ މައްޗަށް ޚިލާފްވެއްޖެހިނދު ޢަމަލު ކުރާނީ ކިހިނެތް؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ހިޖުރީ މައްސަރު ތަކުގައި އެކި ޤައުމުތަކަށް ހަނދުފެނުމުގައި ތަފާތު އޮތުމަކީ ޢިލްމީ ގޮތުން އަދި ޙިއްސީ ގޮތުން ފެންނަންއޮތް ޙަޤީޤަތެކެވެ.
ސަޢުދީ ޢަރަބިއްޔާއަށް މުޙައްރަމް މައްސަރު ހަނދުފެނިގެން ވަންނަ ދުހަވުގެ ކުރީ ދުވަހުގައި ދިވެހިރާއްޖެއަށް ހަނދުފެނުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި އޭގެ އިތުރަށް، ހަނދުފެނުމުގައި ތަފާތުވެ ހަނދާއި ގުޅިފައިވާ ޢަމަލު ތަކުގައި ތަފާތުވެ ދިއުމަކީ ޢިލްމުވެރިންގެ މެދުގައި މުޢުތަބަރު ޚިލާފެކެވެ. އެހަބީ : އެންމެންގެ މައްޗަށް އެއް ހަނދަކަށް ޢަމަލު ކުރުމާއި ނުވަތަ ކޮންމެ ބަޔަކުވެސް އެބަޔަކަށް ހަނދުފެނި ޢަމަލު ކުރުމުގައި ޢިލްމުވެރިންގެ މެދުގައި އޮތް ޚިލާފަކީ ދަލީލުތަކުގެ މައްޗަށް އޮތް ޚިލާފެކެވެ.
އެގޮތުން މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން އެފަދައިން ދެކެވަޑައިގެންނެވިކަން ފެންނަން އެބަ އޮތެވެ. އިމާމް مسلم ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ. أم الفضل بنت الحارث ދިމާވި ޙާޖަތެއްގައި (ތާބިޢީ) كريب ޝާމްއަށް معاوية ގެ އަރިހަށް ފޮނުއްވި އެވެ. އަދި كريب ވިދާޅުވި އެވެ. ޝާމްއަށް ވަޑައިގެން އެތަނުގައި ހުންނަވައި އެ ޙަވާލު ކުރެވުނު ޙާޖަތް ފުރިހަމަ ކުރެއްވި އެވެ. އަދި ޝާމްގައި ހުންނަވަނިކޮށް ތިމަންނައާ ރަމާޟާން މައްސަރު ބައްދަލު ކުރި އެވެ. ފަހެ، އެތަނުގައި ހުންނަވައި ރަމަޟާން މަހުގެ ހަނދު ހުކުރު ވިލޭރޭގައި ދެކުނީ މެވެ. އަދި އެއަށްފަހު މަދީނާއަށް މައްސަރުގެ ފަހުކޮޅު އެނބުރިވަޑައިގެންނެވީ މެވެ. އަދި ތިމަންގެ އަހިރުގައި عبدالله بن عباس رضي الله عنهما، ސުވާލު ކުރެއްވި އެވެ. އަދި ހަނދުގެ ޚަބަރު ދެއްޥީމެވެ. އަދި ދެންނެވި އެވެ. ”(ޝާމްގައި) ތިޔަބައިމީހުންނަށް ހަނދުފެނުނީ ކޮން އިރަކު ތޯ އެވެ؟“ ތިމަން ދެންނެވީމެވެ. ”ތިމަންމެންނަށް ހުކުރު ވިލޭރޭގައި ހަނދު ފެނުނެވެ.“ އަދިވެސް ވިދާޅުވި އެވެ. ”ތިބާ ހަނދު ދެކުނީމު ހެއްޔެވެ؟“ ދެންނެވީމެވެ. ”އާދޭހެވެ. އަހުރެންވެސް ދެކުނީމެވެ، އަދި މީސްތަކުންވެސް ހަނދު ފެނުނެވެ. އަދި މީސްތަކުންވެސް ރޯދަ ހިފައި އަދި معاوية ވެސް ރޯދަ ހިއްޕެވި އެވެ.“ އަދި بن عباس ވިދާޅުވި އެވެ. ”އެހެނަސް އަހަރެމެންނަށް ހަނދު ފެނުނީ ހޮނިހިރު ވިލޭރޭގަ އެވެ. ފަހެ، އެހެންވުމުން 30 ދުވަސް ހަމަވަންދެން ނުވަތަ (ޝައްވާލުމަހުގެ) ހަނދު ފެނުމަށް ދާންދެން އަހަރެމެން ރޯދަ ހިފާނަމެވެ.“ كريب ވިދާޅުވި އެވެ. معاوية އަށް ފެނިވަޑައިގެންނެވި ހަނދުގެ މައްޗަށް ނުފުއްދަނީ ހެއްޔެވެ؟ އަދި އެ ގޮތުގައި ރޯދަ ނުހިއްޕަވަނީ ހެއްޔެވެ؟“ އެހިނދު ވިދާލުވި އެވެ. لا، هكذا أمرنا رسول الله صلى الله عليه وسلم ”ނޫނެކެވެ. (އެބަހީ : އެބައިމީހުންނަށް ފެނުނު ހަނދަށް ޢަހަރެމެން ޢަމަލު ކުރުމެއް ނުވެ އެވެ.) މިފަދައިން އަހަރެމެންނަށް ﷲގެ ރަސޫލާ صلى الله عليه وسلم އަމުރުފުޅު ކުރެއްވި އެވެ.“
އެކި ޤައުމުތަކަށް އެބައިމީހުން އަމިއްލައަށް ހަނދުބަލައި ޘާބިތުކުރުމަށް އޮތްކަން މި ޙަދީޘުން ދަލީލު ކުރެވެ އެވެ.
ވުމާއެކު، މިފަދަ ޚިލާފީ މައްސަލައެއްގައި މުސްލިމް ވެރިޔާ ވަކި ގޮތެއް އިޚްތިޔާރު ކޮށްފިހިނދު ވެރިންގެ ފަހަތުގައި ޤާއިމްވެ ދެމިތިބުން އެއީ އެކަމުގައި ޢަދުލުވެރި ޤައުލެވެ.
އެހެނަސް ސުވާލެކެވެ. ހަނދު ނުބަލާނަމަ ޢަމަލު ކުރާނެ ގޮތެވެ.
ޝައްކެތްވެސް ނެތެވެ. އެއް އަހަރު ދެއަހަރު ކުރިން ޙިސާބުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިސާބުގެ މައްޗަށް އޮތް ކަލަންޑަރަކަށް، އެ ކަލަންޑަރުގައިވާ ރަމަޟާން މަހުގެ ދުވަސް، ފިޠުރު ޢީދު ދުވަސް، ޢަރަފާތް ދުވަސް، ކަނޑައަޅައި ޢަމަލު ކުރުމަށް ބުއްދި ސަލާމަތުން ހުރި ކުޑަވެސް އިސްލާމް ދީނުގެ ޙުކުމްތައް ދަންނަ މީހަކު ނުބުނާނެ އެވެ.
ފަހެ، ޤައުމަށް ހަނދުބަލައި، އެ ހަނދު ތަފާތުވެ ދިއުމުން ތަފާތުކޮށް ޢަމަލު ކުރުމާއި، އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ ކަލަންޑަރަކަށް ބަލައި ޝަރުޢީ ޙުކުމްތައް ކަނޑައެޅުން އުޑާއި ބިމާ ދެމެދުހާ ތަފާތެވެ.
އެންމެހައި ސުންނަތުގެ ޢިލްމުވެރިންގެ އިއްތިފާޤުން ފަލަކީ ޙިސާބުގެ މައްޗަށް ބިނާކޮށް ޝަރުޢީ ކަންކަމުގައި ޢަމަލު ނުކުރެވޭނެކަމަށް ވިދާޅުވެފައިވާ ބަސްފުޅުތައް ނުހަނު ގިނަގުނަ އެވެ.
الإِمَامُ شَيْخُ الإِسْلاَم ابْن تَيْمِيَّة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަނދު ޘާބިތު ކުރުމުގައި ފަލަކީ ޙިސާބަށް ބަރޯސާވާމީހާ އަކީ، ޝަރީޢަތުގައި މަގުފުރެދިފައިވާ މީހެއްގެ އިތުރުން، ދީނުގައި ބިދުޢަވެރިވެސް މެ އެވެ. އަދި ފަހެ، ބުއްދީގެ ގޮތުންނާއި (ފަލަކީ) ޙިސާބުގެ ޢިލްމުގައިވެސް އެމީހަކުވަނީ ޙައްޤާއި ޚިލާފްވެފަ އެވެ.“ ممجموع الفتاوى ٢٠٧/٢٥
ވުމުން ހަނދު ބެލުމުގެ ސަބަބުން އެއް ޤައުމާއި އަނެއް ޤައުމުގައި އަންނަ ޚިލާފްއާ ހަނދެއް ބެލުމެއްނެތި ދުވަސްކަނޑައެޅުމާއި މުޅިން ތަފާތު ދެކަމެކެވެ.
އެއަށްފަހު ބުނަމެވެ.
މިއަހަރު (1443) ވަނަ އަހަރުގެ ހަނދުން މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް -ސަޢުދީ ޢަރަބިއްޔާގައި- ކަނޑައެޅީ 10 އޯގަސްޓް2021 ވީ އަންގާރަ ދުވަހެވެ.
އެއީ، ޛުލްޙިއްޖާ މަހުގެ 29 ވަނަ ދުވަހުގައި ހަނދު ނުފެނުމުން، 1442 ވަނަ އަހަރުގެ އެންމެ ފަހު މައްސަރު (ޛުލް ޙިއްޖާ) މަސް 30 ދުވަހުގެ ފުރިހަމަ މައްސަރެއްކަން ކަނޑައެޅުމުންނެވެ.
މިއީ ސަޢުދީ ޢަރަބިއްޔާގައި ކަނޑައެޅުނު ގޮތެވެ.
ދަންނަ އެވެ! އިސްލާމީ ޤައުމުތަކަށް ނަމޫނާއެއް ކަމުގައިވާ މިދަޥްލަތަށް ޝުކުރުވެރިވުން ޙައްޤުވެގެންވާ އެއް ސަބަބަކީ މި އެވެ. ހަނދު ޘާބިތު ކުރުމާއި، އެކަމަށް ޚާއްޞަ މުވައްސަސާތައް ކަނޑައެޅި، ކަލަންޑަރު އޮތްކަމުގައިވީނަމަވެސް، ޝަރުޢީ ގޮތުން ކަނޑައެޅިފައިވާ އަޅުކަންތައް ކަނޑައެޅުމަށް ހަނދުބަލައި އެ ދުވަސްތައް ޘާބިތު ކުރާ ދަޥްލަތެއް ކަމުގައި އެ ދަޥްލަތްވެ އެވެ.
ފަހެ، ދަންނަ ހުއްޓެވެ! ދިވެހި ރާއްޖެއަކީ ސަޢުދީއާ އެއް ބައްރެއް ނުވަތަ އިރުއަރާ އޮއްސުމާއި ހަނދުއަރާ އޮއްސުމުގައި އެއްދަނޑިއެއްގެ މައްޗަށް ކަނޑައެޅޭ ހިސާބެއް ކަމުގައި ނުވާތީ، ފަހަރެއްގައި ހަނދު ބަލައިފިހިނދު، 1442 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 29 ވަނަ ދުވަހުގެ ރޭގައި ރާއްޖެއަށް ހަނދު ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެފަދައިންވެއްޖެނަމަ، 9 އޮގަސްޓް 2021ވީ ހޯމަ ދުވަސް ކަނޑައެޅޭނީ މުޙައްރަމް މައްސަރުގެ 1ވަނަ ދުވަސް ކަމުގަ އެވެ. (ދިވެހި ރާއްޖެއަށް ވާނީ މުޙައްރަމް މައްސަރު 1 ދުވަސް ކުރިން ވަދެފަ އެވެ.)
އެހެނަސް ހަނދު ނުބެލުމުން އެކަމުގެ ޙަޤީޤަތް ނޭނގެ އެވެ. ހަނދު ފާޅުވިތޯ ނުވަތަ ނޫންތޯ ނޭނގެ އެވެ.
އެހެންވެއްޖެނަމަ، ސަޢުދީ ޢަރަބިއްޔާއަށް ޢާޝޫރާވާ ދުވަސް ދިވެހި ރާއްޖެއަށްވާނީ މުހައްރަމް 11ވަނަ ދުވަސް ކަމުގަ އެވެ. -އެބަހީ : އެއީ ސަޢުދީ ޢަރަބިއްޔާއަށް ވުރެ އެއްދުވަސް ކުރިން ހަނދު ފެނިފައި ވެއްޖެހިނދު އެވެ.-
މިކަން ދެނެގަތުން ހުއްޓެވެ.
އެންމެ ފަހު ނުކުތާގައި ބުނަމެވެ.
ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމުގެ ސިފަތަކުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ސިފަތަކެއްވެ އެވެ.
الإِمَام ابن القيِّم -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢާޝޫރާގައި ރޯދަހިފުމުގެ 3 ދަރަޖައެއްވެ އެވެ. އޭގެ އެންމެ ފުރިހަމަ ގޮތަކީ އެދުވަހުގެ ކުރިއަށް އަދި ފަހަށް އެއްދުވަސް ރޯދަ ހިފުމެވެ. މި ދަރަޖައާ ވިދިގެން އޮތް ދަރަޖައަކީ ދިހަވަނަ ދުވަހާއި ނުވަވަނަ ދުވަހުގައި ރޯދަ ހިފުމެވެ. މި ދަރަޖައަށްފަހުގައި އޮތީ ހަމައެކަނި ދިހަވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ.“ زاد المعاد (2-76)
މިފަދައިން الخَطَّابِي އަދި އެނޫން ބޭކަލުން ވިދާޅުވެފައިވެ އެވެ. ”ތިންވަނައީ : ހަނދުބެލުމުގައި އޮޅުން އަރާފައިއޮވެދާނެ ކަމަށްޓަކައި، އެބިރުން ރައްކާތެރިވުމަށްޓަކަ އެވެ. ފަހެ، ނުވަވަނަ ދުވަހަކީ އަޞްލު ޢަދަދުގައި ދިހަވަނަ ދުވަހަށްވެދާނެ ކަމަށްޓަކަ އެވެ.“ صحيح مسلم بشرح النووي (8-7، 254)
އަދި ހަމަ މިފަދައިން ހަނދުގެ މައްޗަށް އޮޅުންއަރާފައި ވެއްޖެހިނދު، 9 އާއި 10 އަދި 11 ގައި ހިފުން އެއީ އެންމެ އަޥްލާވެގެންވާ ގޮތް ކަމުގައި އިމާމް شيخ الإسلام ابن تَيمية -رحمه الله- ވެސް ވިދާޅުވެފައިވެ އެވެ. އެފަދައިން އިމާމް أحمد -رحمه الله- ގެ އަރިހުން ނަޤުކުރައްވާފައިވެ އެވެ.
ޝައްކެތްވެސް ނެތެވެ. ހަނދުބެލުމާއި ހަނދުފެނުމުގައި އޮޅުން އަރައިފައިވާ ފަރާތްތަކަށް އެންމެ އަޥްލާވެގެންވާ ގޮތަކީ މިއީ ކަމުގައި ބުނުމަކީ ނުހަނު ބާރުގަދަ ބުނުމެކެވެ.
ސަބަބަކީ 9 ވަނަ ދުވަހުގައި ހިފުމުން އެއީ ހަނދުން 10 ކަމުގައިވުންވެސް އެކަށީގެންވެ އެވެ. އެއްދުވަހުގެ ތަފާތު އުޅެދާނެ ތީ އެވެ.
އަދި އެމީހަކު 9 ވަނަ ދުވަހާއި 10 އަދި 11 ގައި ހިފައިފި ނަމަ، ޔަޤީނުންވެސް ހަނދު ބެލި ޤައުމުގެ ހަނދުގެ ދުވަސްތަކުން އަދި ހަނދު ނުބަލާ ޤައުމުގެ ސަބަބުން އެއްދުވަސް އިސްފަސްވެދާނެ ކަމުގެ ފުރުސަތު އޮތް އަހުލުވެރިންގެ ހަނދަށްވެސް ޢަމަލުކޮށް ޢާޝޫރާ ދުވަހުގައި ރޯދަހިފިފައި ވާނެ އެވެ.
ނޫނީ، ހަނދު ނުބަލައި 9 އަދި 10 ގައި ހިފައިފިހިނދު، ހަނދުން ފަހަރެއްގައި އޮޅުން އަރާފައި އޮތުމުގެ ސަބަބުން އެމީހަކަށް 10ވަނަ ދުވަސް ފާއިތު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ، އޭނާގެ 10 ވަނަ ދުވަހަކީ ޙަޤީޤަތުން ހަނދުން ބަލައިފިހިނދު 9 ކަމުގައިވެސް ވެދާނެތީ އެވެ.
އަދިވެސް މިފަދައިން ރޯދަ ހިފުމުގައިވާ ފައިދާއާ މަންފާތަކުގެ ތެރޭގައިވެ އެވެ.
ތިން ދުވަހު ރޯދަހިފާ މީހާ ވަނީ މުޙައްރަމް މައްސަރުގައި ގިނަ ރޯދަތަކެއް ހިފާ މީހެއްގެ ގޮތުގަ އެވެ. ފަހެ، ﷲ ގެ މައްސަރު ކަމުގައިވާ މުޙައްރަމް މައްސަރުގައި ގިނަ ރޯދަހިފުމަކީ މުސްތަޙައްބުވެގެންވާ އަޅުކަމެކެވެ. އަދި މުޙައްރަމް މައްސަރުގައި ހިފާ ރޯދައަކީ ރަމަޟާން މައްސަރަށްފަހުގައި ހިފޭ އެންމެ ހެޔޮކަން ބޮޑުވެގެންވާ ރޯދަ އެވެ.
އަދިވެސް ބުނެވެ އެވެ. މި ތިން ދުވަހުގައި ރޯދަ ހިފުމަކީ ނަފްސަށް ހިތްހަމަޖެހުމާއި ޝައްކުތަކުން ދުރުކޮށް ޔަޤީން ކަމާއެކު ޢާޝޫރާގައި ރޯދަހިފުނުކަން ޔަޤީންކޮށްދޭނެ ކަމެއް ކަމުގައިވެ އެވެ. ސަބަބަކީ ބައެއްފަހަރު، ހަނދުބެލުން އޮޅުންއަރައިފައިވެ، މައްސަރުގެ ފުރަތަމަ ދުވަހަކީ ކޮބައިކަން ޔަޤީންނުވެފައި އޮތުމެވެ.
ވުމުން، ތިން ދުވަހުގައި ރޯދަހިފުން، މިފަދައިން ޚިލާފް އުފެދިފައިވާ ދަނޑިވަޅުގައި އެދެވިގެންވެ އެވެ.
އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.