ފާފަތަކުގެ ސުންޕާކަމާއި އަދި ތަޥްބާވުމުގެ މުހިންމުކަން
އަޚުންނޭވެ. މި މައްސަރުގެ ފުރިހަމަ އަޖުރާއި ޘަވާބު ޙާޞިލްކޮށް މި މައްސަރު ވަކިވެދާއިރު ﷲއަށް ޚާލިޞް ގޮތުގައިވާ ފަރާތެއްގެ ގޮތުގައިވުން ހުއްޓެވެ.ދަރުމަ އާއި ޘަވާބު ލިބި އަދި އެންމެހައި ކުށްތަކުން އެއްކިބާވެގެންވާ ނަފްސެއްގެ ގޮތުގައި މި މައްސަރު ވަކިވެދާއިރު ޤާއިމްވުން ކޮންފަދަ ހެޔޮކަން ބޮޑުވެގެންވޭ ހެއްޔެވެ؟
ދަންނަ އެވެ! އިންސާނާއަކީ ކުށް ފާފަތަކުން އެއްކިބާވެގެންވާ ނަފްސެއް ނޫނެވެ. އަދި އަދި އުނި ކަންތަކާއި ނޭދެވޭ ޢަމަލުތަކުންވެސް ސަލާމަތްވެގެންނުވެ އެވެ. މިއީ ކޮންމެ ނަފްސެއްގެވެސް ޙާލަތެވެ. އެއާއި އެކުގައި، ﷲ އާއި އެއިލާހުގެ ރަސޫލާ ވަނީ ތަޥްބާވުމަށް ޝަރީޢަތުގައި ނުހަނު ބާރު އަޅުއްވާފަ އެވެ. އޭގެ އިތުރަށް ތަޥްބާއަކީ އެ ޢަމަލެއްގެ މައްޗަށް ﷲ ނުހަނު އުފާފުޅު ވޮޑިގަންނަވާ ޢަމަލެކެވެ. އެހިނދު މިއީ ކޮންފަދަ ބޮޑުވެގެންވާ ހެޔޮކަމެއްތޯ އެވެ؟
ލަސްކުރުން އެއްވެސް ޙާލެއްގައި އެދެވިގެންވޭ ހެއްޔެވެ؟ ލޯބިވާ އަޚުންނޭވެ! މަސައްކަތުގެ މައިދާނުގައި ނުވަތަ އެކަކު އަނެކަކާ ކުރާ މުޢާމަލާތުގައި، އޭނާގެ ވެރިޔާ ނުވަތަ އެކަމުގައި އޭނާއެކުގައިވާ ބައިވެރިޔާ އުފާވާނެ ޢަމަލެއް ކަމުގައި ވުމުން، އެ އުފާވެރިކަން ޙާޞިލްވުމަށްޓަކައި ދުނިޔޭގައި ކިހާ މަސައްކަތެއް ކުރާނެ ހެއްޔެވެ؟ ފަހެ، އެހެންވުމުން ﷲ ގެ އަޅުތަކުންގެ ގޮތުގައިވެ، ﷲ ލޯބިވެވޮޑިގަންނަވާ ޢަމަލެއްގެ ގޮތުގައި ތަޥްބާވުމުން އެޢަމަލަށް ފަސްޖެހޭނެ އެއްވެސް މުއުމިނު އަޅަކު ހުންނާނެ ހެއްޔެވެ؟ އެހެނަސް އަހަރެމެންގެ ފަރުވާކުޑަ ކަމުގެ ބޮޑު ކަމާ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. ( إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ) “ހަމަކަށަވަރުން ގިނަގިނައިން ތަޥްބާވާ މީހުންދެކެ ﷲ ލޯބިވޮޑިގެންވެ އެވެ. އަދި ޠާހިރުވާ މީހުންދެކެވެސް އެކަލާނގެ ލޯބިވޮޑިގެންވެ އެވެ.”
ޙަދީޘްގައިވެ އެވެ. أنس بن مالك ރިވާކުރައްވާފައިވެ އެވެ. :قال :رسول الله ﷺ : (لَلَّهُ أَشَدُّ فَرَحاً بِتَوْبَةِ عَبْدِهِ حِيْنَ يَتُوْبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلى رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ، وَعَلَيْهَا طَعَامُهُ وَشَراَبُهُ، فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِيْ ظِلِّهَا وَقَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَمَا هُوَ كَذَلِكَ إِذْ هُوَ بِهَا قَائِمَةً عِنْدَهُ، فَأَخَذَ بِخِطَامِهَا، فَقَالَ مِنْ شِدَّةِ الفَرَحِ : اللهُمَّ أَنْتَ عَبْدِيْ وَأَنَا رَبُّكَ، أَخْطَأَ مِنْ شِدَّةِ الفَرَحِ) البخاري و مسلم
أنس بن مالك رضي الله عنه ވިދާޅުވި އެވެ. رَسُولُ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު، ހަނަފަސް ބިމެއްގައި ސަވާރީއެއްގެ މަތީގައިވެ، އެ ސަވާރީގެ މަތީގައި އޭނާގެ ކާތަކެއްޗާއި ބުއިން ވަނިކޮށް، އެ ސަވާރީ ގެއްލި، އެ ސަވާރީ ފެނުމުގެ ހުރިހައި އުއްމީދެއްކެނޑި އޭނާ ގަހެއްގެ ހިޔަލުގެ ދަށުގައި އޮށޯވެ އޮންނަނިކޮށް، ހަމަކަށަވަރުން އޭނާގެ ސަވާރީ ފެނުމުގެ ހުރިހައި އުއްމީދެއް ކެނޑިފައިވާ ޙާލުގައި ހުއްޓައި، (ކުއްލިހަކަށް) އޭނާގެ ގާތުގައި އެ ސަވާރީވަނިކޮށް އޭނާއަށް ފެނުނެވެ. އަދި އޭގެ ލަގަނުގައި ހިފަހައްޓައިގެން ހުރެ، ވީ އުފަލެއްގެ ބޮޑުކަމުން ދޫ އޮޅިގެން މިފަދައިން ބުނެވުމެވެ. ” ﷲ އެވެ. ތިޔަފަރާތަކީ އަހަރެންގެ އަޅާ އެވެ. އަދި އަހަރެންނަކީ ތިޔަފަރާތުގެ އިލާހެވެ.”
ހަމަކަށަވަރުން ﷲ ގެ ޙަޟުރަތަށް އަޅަކު ތަޥްބާވުމުން، މިއަށްވުރެ ބޮޑަށް ﷲ އެކަމާ އުފާވެވޮޑިގަންނަވަ އެވެ .
ޙަދީޘްގައިވަނީ އިންސާނަކު ގޮތްހުސްވެ، ދުނިޔޭގެ އެންމެހައި ދިމާލެއް އޭނާއަށް ބަނދުވެ، މަރުގެ ތުންފަތްމަތީގައިވަނިކޮށް އޭނާ ސަލާމަތްވެ އަނބުރައި ޙަޔާތުގެ އުއްމީދު ލިބުނު ވާހަކަ އެވެ. މިއަށް ވުރެ ބޮޑު އުފަލެއް ކޮބައި ހެއްޔެވެ؟
މި އުފަލަށްވުރެ ބޮޑު އުފަލެއް އިންސާނަކާ ކުރިމަތިވާނެ ހެއްޔެވެ؟
އަޚާ އެވެ! އަޅަކު ﷲ އަށް ތަޥްބާވުމުން އެ އިލާހު އަޅާދެކެ މިއަށްވުރެ ބޮޑު އުފާފުޅަކުން އުފާފުޅުވޮޑިގަންނަވަ އެވެ. ފަހެ، މިކަން ދޫކޮށްލާނެ ނުވަތަ ލަސްކޮށްލުން އެދެވިގެންވޭ ހެއްޔެވެ؟
أبي موسى رضي الله عنه ރިވާކުރައްވާފައިވެ އެވެ. رسول الله صلى الله عليه وسلم قال : (إِنَّ اللهَ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوْبَ مُسِيْءُ النَّهَارِ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوْبَ مُسِيْءُ الَّليْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا) رواه مسلم.
أبي موسى رضي الله عنه ވިދާޅުވި އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. “ހަމަކަށަވަރުން އިރު މަޣްރިބުން (ހުޅަނގުފަރާތުން) އެރުމަށް ދާންދެން، ދުވާލުގައި ފާފަކުރާމީހުންނަށް ތަޥްބާ ލެއްވުމަށްޓަކައި ރޭގަނޑުގައި ﷲ އެ އިލާހުގެ އަތްޕުޅު ހުޅުއްވާ ލައްވަތެވެ. އަދި ރޭގަނޑުގައި ފާފަކުރާ މީހުންނަށް ތަޥްބާލެއްވުމަށްޓަކައި ދުވާލުގައި ﷲ އެ އިލާހުގެ އަތްޕުޅު ހުޅުއްވާލައްވަތެވެ.”
އެއިލާހު سبحانه و تعالى އުފާފުޅުވެވޮޑިގަންނަވާ ބޮޑުކަމުން ކޮންމެ ދުވާލަކު އަދި ކޮންމެ ރޭގަނޑަކު އެއިލާހުގެ އަތްޕުޅު އެބައިމީހުންނަށް ތަޥްބާ ލެއްވުމަށް ހުޅުއްވާ ލައްވަ އެވެ.
އަޚުންނޭޥެ! ޝަރީޢަތުގެ ދަލީލުތަކަށްފަހު، މި ޢަމަލުގެ ހެޔޮކަމާއި، މަތިވެރި އަދި މަޤާމުގެ ބޮޑުކަން ޛިކުރު ކުރައްވާ ޢިލްމުވެރިން ބަޔާންކޮށްފައިވާ ބައެއް ބަސްފުޅުތައް ހަނދުމަކޮށްލުން ހުއްޓެވެ. الإمام ابن القيم -رحمه الله-ވިދާޅުވެފައިވެ އެވެ .
”ޢަޅާ ދުނިޔެމަތީގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މުޠްލަޤުކޮށް އެންމެ ހެޔޮވެގެންވާ އަދި މަތިވެރި ދުވަހަކީ، އަޅާ ﷲ އަށް ތަޥްބާވި ދުވަހެވެ.“ زاد المعاد (٥٨٥/٣)
އަޚުންނޭވެ! މި ދުވަސް ހޯދުން ނުވޭ ހެއްޔެވެ؟ މި ދުވަސް ޙަޔާތުގައި ޙާޞިލްކޮށް އެ މަޤާމްބޮޑު އަޖުރުބޮޑު ޢަމަލަށް އައުމަށް ނޭދެން ހެއްޔެވެ؟ އަވަސްވެގަތުން ހުއްޓެވެ. الحَافِظ ابن رَجب الحَنبَلِي رحمه الله ވިދާޅުވެފައިވެ އެވެ.
”ތަޥްބާވުމުގައި ހުރެ މެނުވީ މުއުމިނުއަޅާ ހެނދުނާއި ހަވީރުވުން އެދެވިގެންނުވެ އެވެ. ފަހެ، ހަމަކަށަވަރުން އޭނާއާ މަރު ކުރިމަތިވާނީ ހެނދުނު ނުވަތަ ހަވީރުކަމެއް ނޭނގެ އެވެ. ނުވަތަ އޭނާގެ ފުރާނަ ހިއްޕެވިގެންދަނީ ﷲއަށް ކިޔަމަންތެރި ޙާލުގައިތޯ ނުވަތަ އުރެދޭ ޙާލުގައިތޯ ނޭނގެ އެވެ. ތަޥްބާނުވެ ހެނދުނާއި ހަވީރު ބައްދަލުކުރާ މީހާވަނީ ބޮޑުވެގެންވާ ނުރައްކަލެއްގަ އެވެ. އެފަދަ މީހާ ތަޥްބާނުވެހުރެ ﷲ އާ ބައްދަލުކުރަން ޖެހިދާނެ ކަމުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ. ފަހެ، އޭނާ އަނިޔާވެރިންގެ ތެރެއިންވާ މީހެއްގެ ގޮތުގައި މަޙްޝަރު ކުރެވިދާ ހުއްޓެވެ.
(وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ) ތަޥްބާނުވި މީހާ ދަންނާށެވެ. ފަހެ، އެބައިމީހުންނީ ހަމަ އަނިޔާވެރިންނެވެ“.
لطائف المعارف 458
الإِمَام العلامة العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެއްވެސް އިންސާނަކަށް ނޭނގޭނެ އެވެ. އެހެންވުމުން އޮތީ ތަޥްބާވުމަށް އަވަސްވެގަތުމެވެ. ސަބަބަކީ ތިބާގެ ގާތަށް މަރު ޙާޟިރުވާނެ ވަޤުތެއް ތިބާއަށް ނޭނގޭނެ އެވެ. ފަހެ މީސްތަކުންގެ ތެރެއިން ސިއްޙަތާއި ޢާފިޔަތުގައިވެ އެބައިމީހުންގެ ނިދާ ދާނުން އުފުލުނީ މަރުވެގެން ހިނަވާ ދާނަށެވެ. އަދި މީސްތަކުންގެ ތެރެއިން އެއްބަޔަކު އެބައިމީހުން ވަޒީފާގެ މަސައްކަތުގެ ގޮނޑިން އުފުލުނީ ހިނަވާ ދާނަށެވެ. މިއީ ހިނގަމުންދާ މިޘާލުތަކުން ބަޔާންވަނީ ކުއްލި މަރުގެ ގިނަކަމެވެ. ފަހެ، އަހަރެމެންގެ މައްޗަށް ވާޖިބުވަނީ ތަޥްބާވުމަށް އަވަސްވެގަތުމެވެ.“ لقاء الباب المفتوح (40)
އެކުވެރިންނޭވެ! ޙަޤީޤަތަކީ މިއީ ނޫން ހެއްްޔެވެ؟ ކިތައް މީހުން އެމީހުން އޮފީސް މޭޒުދޮށުން ހިނަވާ ގެއަށް ގެންދެވުނު ހެއްޔެވެ؟
އެމީހުން ނިދާ އެދުމަތިން ސަހަރާއަށް ގެންދެވުނު ކިތައް ހަށިގަނޑުވޭ ހެއްޔެވެ؟
ފަހެ، ތަޥްބާގެ މަތިވެރިކަމާއި، އެކަމަށް ﷲ އުފާފުޅުވެވޮޑިގަންވާކަން ދަންނަހިނދު، ﷲ ގެ ޙަޟުރަތަށް ދާންޖެހޭނެކަން އެނގިހުރެ އެފާފަތައް ކޮޑުގައި އަޅައިގެން ދާން ހުންނަނީ ހެއްޔެވެ؟ އަހަރެމެންނަށް ނުވިސްނޭ ކަމާއި ހެޔޮކަންތަކުގައި ފަސްޖެހިފައިވާ ބޮޑުކަމާ އެވެ. އަޚުންނޭވެ! ލޯހުޅުވައި ހޭލަން ވެއްޖެ އެވެ! ލިބިފައިވާ ހިތުގެ ނިޢުމަތާއި ބުއްދީގެ ނިޢުމަތުގެ އަގު ވަޒަން ކުރަންޖެހެ އެވެ. މިކަމުގެ ހުރި ހެޔޮކަމާއި މަތިވެރިކަން އެންމެ ފުރިހަމައަށް ދެނެވަޑައިގެންނެވި ނަބިއްޔާގެ ޢަމަލުފުޅު ބައްލަވާށެވެ. ޞަޙީހު البخاري 6307 ގައިވެ އެވެ. واللَّهِ إنِّي لَأَسْتَغْفِرُ اللَّهَ وأَتُوبُ إلَيْهِ في اليَومِ أكْثَرَ مِن سَبْعِينَ مَرَّةً “ﷲ ޤަންދީ ބުނަމެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާ އެއްދުވަހުގައި 70 ފަހަރަށްވުރެ ގިނައިން ﷲ އަށް އިސްތިޣްފާރުކޮށް އެއިލާހުއަށް ތަޥްބާވަމެވެ”.
މިއީ މި ޢަޤީދާ އަދި ﷲ މަޢުރިފާވެފައިވުން ދެނެވަޑައިގަންނަވާފައިވުމުގެ ނަތީއްޖާ ނޫން ހެއްޔެވެ؟ ރައްބު ނުހަނު އުފާފުޅުވެވޮޑިގަންނަވާ ޢަމަލުފުޅެއްގެ ގޮތުގައި ވުމުން ކުށްފާފަތަކުން އެއްކިބާވެވަޑައިގެންފައިވާ ހިނދުގައިވެސް ﷲއަށް އިސްތިޣްފާރު ކުރުމާއި ތަޥްބާވުމެވެ. އެކަމުގެ ގިނަ ކަމެވެ. އަކަރެމެން ކުށްތަކާއި ފާފަތަކާއި، ޢައިބު އުނި ކަންތައްތައް ކުރަމުންދާހިނދު، ކިތައްފަހަރު ދުވަހެއްގެ މައްޗަށް އިސްތިޣްފާރު ކުރުމާއި ތަޥްބާވެވޭ ހެއްޔެވެ؟
އެންމެހައި އަޚުންނޭވޭ! ކުށްފާފަތަކުން ތަޥްބާވުމަކީ ﷲގެ އަމުރުފު ކުރައްވާފައިވާ އަމުރުފުޅެކެވެ. އެއީ ނަބިއްޔާ އެފަދައިން އަމުރުކުރައްވާފައިވާ އަމުރެކެވެ. އެފަދައިން ކަނޑައެޅިފައިވުމުން އެކަން ކުޑަހިނދުކޮޅަކަށް ލަސްކުރުން އެވާނީ ފާފަވެރިވާނެ ޢަމަލަކަށެވެ.
الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ . ”ތަޥްބާވުމަކީ ހެޔޮއަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ އެންމެ ހެޔޮވެގެންވާ އަޅުކަމެވެ. އަދި އެންމެހައި އަޅުކަންތަކަށް ﷲ އަށް އެ އަޅުކަމުގައި އިޚްލާޞްތެރިވުމާއި، ﷲ ގެ ރަސޫލާއަށް ތަބަޢަވުން އަމުރު ކުރެވިފައިވެ އެވެ.“الفتاوى 11 /697
ފާފަތަކުގެ މަތީގައި ދެމިހުރުމުގެ އިތުރަށް އެފާފައިން ތަޥްބާނުވެ ލަސްކުރުމަކީވެސް އޭނާ އެކަމުގެ މައްޗަށް ފާފަވެރިވެ ﷲއަށް ތަޥްބާވާންޖެހޭ ބޮޑުވެގެންވާ ފާފަ އެކެވެ. ތަޥްބާވުން ލަސްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ފާފަތަކަކީ އޭގެ ސަބަބުން އެތައް ނުބައިވެގެންވާ ޢަމަލުތަކުގެ ތެރެއަށް އިންސާނާ ގެންގޮސްދޭ ނުރައްތެރި ވަބާ އެކެވެ.
އޭގެ ތެރޭގައި :
- ފާފަތަކުގެ މަތީގައި ދެމިހުރުން ވެގެންދަނީ ހިތް ގާވެ، ހިތައް ހިދާޔަތާއި ނޫރު ފޮހެވިގެން ދިއުމުގެ ސަބަބެއް ކަމުގަ އެވެ.
- އެއީ ﷲގެ ހަޟުރަތުން އަޅާ ދުރުކޮށްދޭނެ ކަމެއް ކަމުގައިވެ އެވެ.
- އެމީހެއްގެ އިމާންކަން ބަލިކަށި ކޮށްލާ ކަމެކެވެ. ފާފަތަކުގެ މަތީގައި ދެމިހުރުމުގެ ސަބަބުން އެއިން ދުރުވެ ވަކިވުން ނުހަނު ދަތިވެގެންވާ ކަމެއްގެ ގޮތުގައިވެ އެވެ.
- މީގެ އިތުރަށް ފާފައިގެ މަތީގައި ހުރުމުން ޝައިޠާނާ އޭނާގެ މައްޗަށް ފާފައިގެ އެހެނިހެން ދޮރުތައް ހުޅުވައި ފާފައިގެ ޢާލަމުގެ ތެރެއަށް އިންސާނާ ގަންބުވައި ޣަރަޤުކޮށްލަ އެވެ. އެންމެފަހުން އޭނާއަށް އެއިން ސަލާމަތް ނުވާނެ މިންވަރަށް އޭނާގެމައްޗަށް އެކަން ބޮޑުވެގެންދެ އެވެ.
- ފާފަތަކަކީ، އަޅާއަށް ލިބިފައިވާ ނިޢުމަތްތައް އަޅާގެ ކިބައިން ނިޢުމަތަކަށްފަހު ނިޢުމަތެއް ފާއިތުކުރަމުން ގޮސް މަޙްރޫމުކޮށްލާ ކަމެކެވެ. މިފަދައިން އެންމެފަހުން އެންމެހައި ނިޢުމަތްތަކެއް އަޅާގެ ކިބައިން ހިއްޕެވިގެންދާނެ އެވެ.
- އަދި މިއެންމެހައި ކަންތަކަށްވުރެ ނުރައްކާ ބޮޑުވެގެންވަނީ ފާފަތަކަކީ ކުފުރަށް ގެންގޮސްދޭ ހަރުފަތް ކަމުގައިވެ އެވެ. ދަރަޖައަކަށް އަރަމުން ގޮސް އޭގެ އަހުލުވެރިޔާ ދީނުން އެކުއެކީގައި ބޭރުކޮށްލަ އެވެ. نسأل الله العافية والسلامة.
ފާފަތަކުގެ ނުބައިކަން ބަޔާންކޮށް الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ.
” ﷲ ގެ ތައުފީޤް ލިބުން މަދުވެގެން ދިއުމެވެ.
އޭނާގެ ރައުޔު ފަސާދަވެގެން ދިއުމެވެ.
ޙައްޤު އޭނާއަށް ވަންހަނާ ވުމެވެ. ހިތް ފަސާދަވެ ދިއުމެވެ. ﷲ އަށް ޛިކުރު ކުރުން ހަނދުމަ ނެތިގެން ދިއުމެވެ.
ވަޤުތު ބޭކާރު ގޮތުގައި ހޭދަކުރުމެވެ.
އަޅުތަކުން އޭނާ ދޫކޮށްލުމެވެ.
އަޅާއާއި އޭނާގެ އިލާހާ ދެމެދުގައިވާ ކަންތަކުގެ މައްޗަށް ފޫހިވެ، އަޅާލުން ނެތިވެ ދިއުމެވެ.
ދުޢާ އިޖާބަ ކުރެއްވުން މަނާވެގެންދެ އެވެ.
ހިތް ހަރު ހިތެއްގެ ގޮތުގައި ވެދެއެވެ.
އޭނާގެ ޢުމުރުގައާއި ރިޒުޤުގައި ބަރަކާތް ކެނޑިގެންދެ އެވެ. ޢިލްމުން މަޙްރޫމުވުމެވެ.
ދެރަ، ނިކަމެތިކަމުގެ ފޭރާމުން ފޭރާން ލެވުމެވެ.
ހިތް ނުތަނަވަސްވެ، އޭނާގެ ޢަދުއްވުންގެ ފަރާތުން އިހާނާތްތެރިކަން ލިބުމެވެ.
ހިތް ފަސާދަކުރާނެ ފަދަ ބައެއްގެ ގޮތުގައި އޭނާގެ ރަޙްމަތްތެރިންވެ އެ އިމްތިޙާނާ ކުރިމަތިވެ ދިއުމެވެ. ހިތްދަތިވެ، މާޔޫސްކަމުގައި ދިގުދެމިގެން ދިއުމެވެ.
ދަތި އުނދަގޫ ދިރިއުޅުމެއްގައި ވުމާއި ވިސްނުން އުނިވެ ދިއުމެވެ.
ފާފަތަކުގެ ސަބަބުން ނުކުންނަ ނަތީޖާތަކުގެ ތެރޭގައި ﷲ ހަނދުމަކުރުމުން ޣާފިލުވުން ހިމެނެ އެވެ.
އެއީ ކުރާގަނޑުތަކުން ފެން ނުކުންނަ ފަދައިންނެވެ. އަދި އަލިފާނުން ތަކެތި އަނދާހުލިވެދާ ފަދައިންނެވެ.“ ﺍﻟﺪﺍﺀ ﻭﺍﻟﺪﻭﺍﺀ ١٤٦
މިއީ ޖުމްލަ 20 ނަތީއްޖާއެވެ.
އަދިވެސް ވިދާޅުވެފައިވެ އެވެ. ”ފާފަތައް ކުރުމުން (ފާފަތަކަށް އަރައިގަތުމުން) އަޅާއަށް އޭގެ ސަބަބުން ކުރާ އަޘަރުތަކުގެ ތެރޭގައި : ކަންތައްތައް އެނާއަށް ދަތިއުނދަގޫ ވުން ހިމެނެ އެވެ.
އޭނާ ކަމަކަށް ކުރިމަތިލައިފިހިނދު އެކަމެއް އޭނާގެ މައްޗަށް ބަންދުވެގެންދާތަން އޭނާއަށް ފެންނާނެ އެވެ. ނުވަތަ އޭނާގެ މައްޗަށް އެކަމަކީ ދަތި، ބުރަ އުނދަގޫ ކަމެއްގެ ގޮތުގައި ފެންނާނެ އެވެ.“ الداء والدواء» 134
އަޚުންނޭވޭ! މިއީ ކޮންފަދަ އަޘަރުގަދަ ބަސްފުޅުތަކެއް ހެއްޔެވެ؟
ތިމާ ކުރާ ފާފަތައް ތިމާއަށް އެނގިފައިވެ، އެއީ މުންކަރާތްތައް ކަމުގައި ތިމާ ދަންނަހިނދު، މި ބަސްތައް އަޑުއަހައި އެމީހެއްގެ ހިތައް މަޑުމޮޅިކަމާއި، ހިތާމަވެރިކަން ނުގެނެސްދޭމީހާ ވިސްނާލުން ހުއްޓެވެ.
ޙަޤީޤަތުގައިވެސް އޭނާ އެވަނީ އެހެންމީހެއްގެ އަޅުވެތިކަމުގެ ދަށުގައި ހެއްޔެވެ؟
الإمام ابن القيم ވިދާޅުވެފައިވެ އެވެ. ”ފާފަވެރިޔާ އަބަދާއި އަބަދުވަނީ އޭނާގެ މައްޗަށް ލެވިފައިވާ (ޤަރީނު) ޝައިޠާނާގެ ކަސްތޮޅުގަ އެވެ. އަދި އޭނާގެ ޝަހުވަތުގެ ޖަލުގަ އެވެ. އަދި އޭނާގެ ހަވަނަފްސުގެ ތެރެއަށް ގެނބި، އަޅުވެތިވެފަ އެވެ. ފަހެ، ފާފަވެރިޔާއަކީ ކަސްތޮޅު އެޅުވި، ޖަލުގެތެރޭގައި ހައްޔަރު ކުރެވިފައިވާ ފަރާތެކެވެ.“ الداء والدواء ـ صـ ١٩٠ (ދަންނަ އެވެ! ކޮންމެ މީހެއްގެ މައްޗަށް ފާވެގެންވާ އޭނާގެ ޤަރީނު، (ޝައިޠާނާ) އަކީ ރޯދަމަހުގަވެސް ކަސްތޮޅު އެޅުވޭ ޝައިޠާނެއް ނޫނެވެ. ޝައިޠާނުން ކަސްތޮޅު އެޅުވޭ ކަމުގައިވީނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ލެވިގެންވާ ޤަރީނެއް ކަސްތޮޅެއް ނޭޅުވޭނެ އެވެ. އެ ޤަރީނުގެ ނުބައިކަން ނުބައި ނަފްސްތަކަށް އަޘަރުކުރުމުގައިވާނެ އެވެ.)
ދެން އެއަށްފަހު! އޭނާގެ ޙާލަތާއިމެދު ވިސްނާލުން ހުއްޓެވެ؟!
އަޚުންނޭވެ! ޞާލިޙް އަޅުތަކުންނަށް މި ފާފަތަކާއި، މުންކަރާތްތަކާއި، ދީނުގައި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލުތަކުގެ ނުރައްކާ އެނގިވަޑައިގެންނެވި އެވެ. އޭގެ ހިތި ކަމާއި، ނުބައިކަމުގެ ރަހަ އެހިނދު ބަޔާން ކުރެއްވި އެވެ. މި ބަސްފުޅަށް ވިސްނާލުން ހުއްޓެވެ. ބައެއް ޞާލިޙް އަޅުތަކުން ވިދާޅުވެފައިވެ އެވެ.
”މި ޙަޔާތުގައި އަރައިގަނެވިފައިވާ ފާފަތަކުގެ ސަބަބުން އަހަރެމެން މާޔޫސްވެއްޖެ އެވެ “.މި ބަސްފުޅަށް އިޝާރަތް ކުރައްވާ الحَافظ ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ. ”މިއީ އެބޭކަލުން ޞާލިޙް ޢަމަލުފުޅުތައް ކުރައްވާފައިވާލެއް ގިނަކަމާ އެކުގަ އެވެ. ފަހެ، އެމީހެއްގެ މުޅި ޢުމުރު ވިއްސިވިހާލިވުމުގައި ހޭދަކޮށްފައިވާމީހާ ބުނާނީ ކީކޭތޯ އެވެ؟“
مجموع الرسائل ١/١٦٠
ﷲގެ ވާޤިފުޅާއެކު ދެން އޮތް ނަޞޭޙަތުގައި ބަޔާންވެގެންދާނީ މި ފާފަތައް ފުހެލުމަށް، ފާފައިން ސަލާމަތްވުމަށް އޮތް މަގުތަކީ ކޮބައި ކަމެވެ .ﷲ ތަޢާލާ އަޅަމެންނަށް ހިދާޔަތުގެ މަގު އަލިކޮށްދެއްވައި، ފާފަތަކުގެ ކަސްތޮޅުން ސަލާމަތްވެގެންވާ ހިދާޔަތުގެ އަލި މަގުގައި ޤާއިމްވެގެންވާ އަލުވެރިންގެ ގޮތުގައި ލައްވާންދޭވެ! އެމަޤަށް އަޅަމެންނަށް ރިޒުޤު ދެއްވާންދޭވެ!
والحمد لله رب العالمين.