ރަމަޟާން މަހާއި ތަޥްބާ

ރަމަޟާން މަހުގެ ނަޞޭހަތްތަކުގެ ތެރެއިން 14 ވަނަ ނަޞޭޙަތް އަޚުންނަށް ހުށެހެޅިގެން ދިޔައީ ފާފަތަކުގެ ސުންޕާކަމާއި އަދި ތަޥްބާވުމުގެ މުހިންމު ކަމުގެ މައްޗަށެވެ. މިއަދުގެ ނަޞޭޙަތުގައި އަޚުންނަށް ހަނދުމަކޮށްދެނީ، ހުތުރަން ބޮޑުވެގެންވާ މި މުޑުދާރު ފާފަތަކުގެ އަހުލުވެރިޔާ އެއިން އެއްކިބާވެ ބަރީއަވެގަތުމަށް ދީނުގައި ކަނޑައެޅިފައިވާ ސިފައަކީ ކޮބައި ކަމެވެ.

ޚާލިޞް ތަޥްބާ ނުވަތަ ނަޞޫޙް ތަޥްބާއަކީ އެއީ ތަޥްބާވުމަށް ﷲ އަމުރުފުޅު ކުރައްވާފައިވާ ތަޥްބާގެ ސިފަ އެވެ. يَاأَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ نُورُهُمْ يَسْعَى بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، إخلاص ތެރި توبة އަކުން، ތިޔަބައިމީހުން اللَّه އަށް توبة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ إيمان ވިމީހުން، اللَّه ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ نور، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ”.

އާޔަތުގައި ޛިކުރު ކުރެވިފައިވާ އިޚްލާޞްތެރި ތަޥްބާ ބަޔާންކުރައްވާ، އެ ތަޥްބާގައި ޖަމަޢަވެގެންވާ ނުކުތާތަކަކީ ކޮބައިކަން ޛިކުރު ކުރައްވާ الإمام البغوي ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. “القرطبي ވިދާޅުވެފައިވެ އެވެ. އެއީ 4 ކަމެއް ޖަމަޢަވެގެންވާ ތަޥްބާ އެވެ. ދުލުން އިސްތިޣްފާރު ކުރުމާއި، ހަށިގަނޑު އެފާފައިން ދުރު ކުރުމާއި، އެ ފާފައަށް އަނބުރައި ނައުމަށް ހިތުން ކަނޑައެޅުމާއި އެންމެހައި ނުބައި އިޚްވާނުންގެ ކިބައިން ދުރުވުމެވެ.” تفسير البغوي 8/169

ފަހެ، މިއީ ޝަރިޠުތަކެއް ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތީގައި ވެވޭ ތަޥްބާއެއްކަން ދަންނަ ހުއްޓެވެ. އަދި އިޚްލާޞްތެރި ތަޥްބާއަކީ އެ ތަޥްބާވުމުގައި 5 ޝަރުޠު ފުރިހަމަވެގެންވާ ތަޥްބާ އެކެވެ.

ފުރަތަމައީ : ﷲގެ ވަޖްހުފުޅަށްޓަކައި، އެކަމަށް އެދޭ ޙާލުގައި ވެވޭ ތަޥްބާ އެކެވެ. އެނޫން އެއްވެސް އެދުމެއް ނުވެ އެވެ. ފަހެ، ތަޥްބާވުމަށް އޭނާ ބޭނުންވި މަޤްޞަދު ކަމުގައިވަނީ، ﷲގެ މަތިވެރިކަމާއި އެ އިލާހުގެ ޙަޟުރަތުން ލިބިގެންދާނެ ޘަވާބާއި އަދި އެ އިލާހުގެ ޙަޟުރަތުގައި އޮތް ޢަޛާބުގެ ބޮޑުކަމުގެ ސަބަބެވެ. ދުނިޔެވީ އެއްވެސް ޙާޖަތެއް، އެއްވެސް މަޚްލޫޤެއްގެ ފަރާތުން އެއްވެސް ދުނިޔަވީ ޙާޖަތެއް އޮވެގެން ނޫނެވެ. މިފަދަ އެއްވެސް އެދުމެއް އޮވެއްޖެނަމަ އެމީހާއަކީ ﷲއަށްޓަކައި ތަޥްބާވި މީހެއް ކަމުގައި ނުވާނެ އެވެ. އަދި ﷲ އެމީހެއްގެ ތަޥްބާ ޤަބޫލުވޮޑިއެއްވެސް ނުގަންނަވާ އެވެ.

ދެވަނައީ : ކުރެވުނު ފާފައިގެ މައްޗަށް ހިތާމަ ކުރުމެވެ. އެފަފާއަށް އަރައިގަނެވުނީތީވެ އެކަމާއި ދެރަވެ ދަތިވުމެވެ. ނަފްސަށް ފާޅުވި މޮޅިވެރިކަމާއި ދަތިކަމުގެ ބޮޑުކަމުން އެ ފާފައަށް އަރައިނުގަނެވުން ކޮންފަދަ ރަނގަޅު ބުނާހެން އިޙްސާސު ވުމެވެ. ފަހެ، އެކަން އުފެދިގެން ދިޔައީ، ނަފްސު ކޮށްފައިވާ އެ ޢަމަލުގެ ސަބަބުންނާއި އަދި ﷲގެ މަޤާމް ވިސްނި އެކަލާނގެ ޙަޟުރަތަށް ބިރުވެތި ވުމުގެ ސަބަބުންނެވެ. ފަހެ، އެހިނދު ތަޥްބާ ވެވުނީ ޢަޤީދާއާއި ޢިލްމުގެ މަތީގައި އެވެ.

ތިންވަނައީ : ވަޤުތުން ވަޤުތަށް އެ ފާފައިން އެއްކިބާވެ އެއިން ދުރުވުމެވެ. އެ އުރެދުމަކީ އެއީ ޙަރާމްވެގެންވާ ޢަމަލެއް ކަމުގައިވެއްޖެހިނދު އެ ވަޤުތުން ޙަރާމް ޢަމަލު ދޫކޮށްލުމެވެ. އެ ފާފައަކީ ވާޖިބުވެގެންވާ ޢަމަލެއް ދޫކޮށްލުން ކަމުގައިވާނަމަ، ވަޤުތުން އެ ވާޖިބު ޢަމަލުގައި ޤާއިމްވެ އެ ޢަމަލު ކުރުމުގައި ދެމިހުރުމެވެ. މާނައަކީ، ފާފައިން ތަޥްބާވެ އެ ފާފައިގެ މަތީގައި ދެމިހުންނަ ކަމުގައިވާނަމަ، އެއީ ޞައްޙަ ވެގެންވާ ތަޥްބާއެއް ކަމުގައި ނުވާނެ އެވެ. އެފާފައަކީ އެހެން އިންސާނުންގެ ޙައްޤުތައް އެކުލެވިގެންވާ ޢަމަލެއް ކަމުގައިވެއްޖެހިނދު، އެ ހައްޤު އަދާނުކުރަނީސް އެ ތަޥްބާ ޞައްޙަ އެއް ނުވާނެ އެވެ. އެ ހައްޤު އެފަރާތަށް އަދާކުރުމަށް ދާންދެން ތަޥްބާ ޞައްޙައެއް ނުވާނެތެވެ. އެ އިންސާނާ ދިރިހުރި ކަމުގައިވާނަމަ އޭނާއަށް އެ ހައްޤު ދިނުމެވެ. މަރުވެފައިވާނަމަ އޭނާގެ ވާރިޘުންނަށް އެ މުދާ އަދާކޮށްދިނުމެވެ.

ވާރިޘުން ނެތިއްޖެހިނދު ބައިތުލް މާލަށް އެ މުދާ ގެންދިއުމެވެ. އެ މުދަލުގެ ޞާޙިބާއަކީ ކާކުކަން ނޭނގޭނަމަ، އެމީހެއްގެ ނަމުގައި ޞަދަޤާތް ކުރުން ހުއްޓެވެ. ﷲ އެފަރާތެއް މޮޅަށް ދެނެވޮޑިގެންވެ އެވެ.

ހަތަރުވަނައީ : މުސްތަޤްބަލުގައި އެފަފާއަށް އަރައިނުގަތުމގެ ޢަޒުމް އޮތުމެވެ. ސަބަބަކީ ތަޥްބާވުމުގެ މޭވާއަކީ މި އެވެ. ތަޥްބާވި އަހުލުވެރިޔާގެ ތެދުވެރިކަން އަންގައިދޭ ހެއްކަކީ މި އެވެ. އޭނާ ތަޥްބާވެއްޖައީމޭ ބުނެ މުސްތަޤްބަލުގައި ފާފައަށް އަރައިގަތުމުގެ ޤަޞްދު އޮވެ ނުވަތަ “އަރައި ނުގަންނާނެ ކަމެއް ނޭނގޭ” މިފަދައިން ބުނެފިހިނދު ނުވަތަ، ޤަޞްދުކޮށްފިނަމަ އޭނާގެ ތަޥްބާ ޞައްޙައެއް ނުވާނެ އެވެ.

ފަސްވަނައީ : ތަޥްބާ ޤަބޫލުކުރެވޭ ވަޤުތު ފާއިތު ވުމުގެ ކުރިން ތަޥްބާވުމެވެ. ތަޥްބާ ޤަބޫލުކުރެވޭ ވަޤުތު ދެބަޔަކަށް ބެހިގެންވެ އެވެ. ފުރަތަމައީ : އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ ވަޤުތެވެ. އެއީ މަޝްރިޤުން އަރާ އިރު މަޣްރިބުން އެރުމަށް ދާންދެނެވެ. ފަހެ، އެހިނދު އެންމެހައި މިސްތަކުންގެ މައްޗަށް ތަޥްބާގެ ދޮރު ބަންދުވީ އެވެ.

ދެވަނައީ ޚާއްޞަވެގެންވާ ވަޤުތެވެ. އެއީ އެމީހެއްގެ ފުރާނަ، މަރުގެ ވަޤުތު ޙާޟިރުވުމެވެ. އެހިނދު އޭނާގެ މައްޗަށް ތަޥްބާގެ ދޮރު ބަންދުވީ އެވެ.

އަޚުންނޭޥެ! ތަޥްބާގެ މި ޞާލިޙް ޢަމަލުގެ މައްޗަށް އަވަސްވެގަތުން ހުއްޓެވެ. ނުޞްޙުވެގެންވާ ތަޥްބާއަށް ރުޖޫޢުވެ ދަރުމައާއި ޘަވާބަށް ކުރިމަތިލުން ހުއްޓެވެ. މަރު ބައްދަލުވެ، ދޮރު ބަންދު ވުމުގެ ކުރިން ﷲގެ ޙަޟުރަތަށް ރުޖޫޢަވުން ހުއްޓެވެ.

(މަތީގައި ބަޔާން ކުރެވިގައިވާ، ތަޥްބާގެ ޝަރުޠުތައް ނަގައި ޚުލާޞާ ކުރެވިފައިވަނީ العلامة ابن العثيمين-رحمه الله- މި މަޢުޟޫގައި ދެއްވާފައިވާ ބަސްފުޅަކުންނެވެ. مجموع الفتاوى ج20 ص 402-404)

އަޚުންނޭވެ! އަހަރުމެންގެ ޝެއިޚް العلامة عُبيد الجابِرِي -حفظه الله- މި މައުޟޫގައި ވަރަށްވެސް ޢިބްރަތްތެރި ބަސްފުޅެއް ވިދާޅުވެފައިވެ އެވެ.

“ﷲ ވަޙީކުރެއްވި އެވެ. ﴿وَهُوَ الَّذي يَقبَلُ التَّوبَةَ عَن عِبادِهِ وَيَعفو عَنِ السَّيِّئَاتِ وَيَعلَمُ ما تَفعَلونَ﴾ الشورى 25

“އެ އިލާހުއީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތަޥްބާ ޤަބޫލު ކުރައްވައި، ނުބައިކަންތައްތަކަށް ޢަފޫ ކުރައްވާ އިލާހެވެ. އަދި އެބައިމީހުންކުރާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެ އެވެ”.

العلاّمة عبيد الجابري حفظه الله ވިދާޅުވެފައިވެ އެވެ.

“އެހެންވުމުން ތަޥްބާވާ އަހުލުވެރިޔާ އެވެ. ތިބާދެނެގަތުން ހުއްޓެވެ. ހަމަކަށަވަރުން ތިބާއަށްވަނީ ނުހަނު އުފާވެރި ޚަބަރެއް ވަޢުދުކުރެވިގެންނެވެ.

ފުރަތަމައީ : ﷲ ތިބާގެ ތަޥްބާ ޤަބޫލުވެވޮޑިގެންވުމެވެ. ފަހެ، އެހިނދު ތިބާއަށް ޝައިޠާނާގެ ވަކިތަކުން ސަލާމަތްވެ އެއިން ޚަލާޞްވެގަތުމަށް އަވަސްވެގަތުމަށް ބާރުއެޅުވިފައިވެ އެވެ. އަދި الرحمٰن ވަންތަ އިލާހުގެ ދޮރުގައި ޓަކިޖަހައި އެދޮރުން ވަނުމަށް ޝައުޤުވެރިކޮށްދެ އެވެ.

ދެވަނައީ : ތިބާއަށް ޢަފޫ ލިބިގެންދިއުމެވެ.

ތިންވަނައީ : ﴿وَيَعلَمُ ما تَفعَلونَ﴾ މިތަނުގައި ﷲ ވަނީ ތިބާ ސަމާލުކަމަށް ގެނެސްދެއްވާފަ ވެއެވެ. އެއީ މި ތަޥްބާ ވުމުގައި ތިބާ އިޚްލާޞްތެރި ކަމުގައިވާނަމަ އެއިލާހު ތިބާގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ކަމެވެ”.

ފަތުވާ ނަގާފައިވަނީ : مجموع الرسائل الجابرية جـ ٢ صـ ١٠

އެކުވެރި، ލޯބިވާ އަޚުންނޭވެ! ﷲ ތިޔަ ހިތްތަކުގައިވާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވެ އެވެ. ތަޥްބާވާހިނދު، ތަޥްބާ ވުމަށްފަހު، ހިތްތަކުގައި ވަނީ ކޮންފަދައިން، ކޮން ޤަޞްދެއްކަން މޮޅަށް ދެނެވޮޑިގަންނަވަ އެވެ. ފަހެ، އެހިނދު އެ އިލާހުގެ ޙަޟުރަތަށް ޝަރުޠުތައް އެކުލެވޭގޮތަށް ފުރިހަމަވެގެންވާ ތަޥްބާއެއްވުން ހުއްޓެވެ.

ދުޢާއަކީ ﷲ އަޅަމެން އެންމެހައި އަޚުންނާއި އުޚްތުންނަށް އެ އިލާހު ރުއްސަވައި ވޮޑިގަންނަވާ މަގަށް ހިދާޔަތްލިބި ﷲ ގެ މަތުގައި ޘާބިތުކަންމަތީގައި ޤާއިމްވެގެންވާ ބައެއް ކަމުގައި ލެއްވުމެވެ.

والله ولي التوفيق.

Similar Posts

Leave a Reply