ނަދުރު ރޯދަ ހިފާނީ ވިދިވިދިގެންތޯ ނުވަތަ ވަކިވަކިންތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަދުރެއް ބުނެ ހިފާ ރޯދަތަކެއްގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ސުވާލުގައި އިޝާރަތް ކުރެވިފައިވަނީ، އެ ފަދަ ރޯދަތަކެއް ހިފާނެ ސިފައާ މެދުގަ އެވެ.
ވިދިވިދގެން ހެއްޔެވެ؟ ނުވަތަ ފަސޭހަ ގޮތަކަށް ހިފުން ހެއްޔެވެ؟
އެންމެ ފުރަތަމަ ނަދުރު ބުނުމާއި މެދުގައި ބުނަމެވެ.
ނަދުރު ބުނުމަކީ ދަލީލު ތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެއީ ދީނުގައި މަކްރޫހަވެގެންވާ ކަމެއްގެ ގޮތުގައި ވުމެވެ. ޙަދީޘްގައިވެ އެވެ. (لا تَنذِروا فإنَّ النَّذْرَ لا يرُدُّ مِن القدَرِ شيئًا وإنَّما يُستخرَجُ به مِن البخيلِ) ”ތިޔަބައިމީހުން ނަދުރު ނުބުނާ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ނަދުރު ބުނުމަކީ ﷲ ގެ ޤަދަރުން -ﷲ ގެ ނިޔާއިން- އެއްވެސް ކަމެއް ރައްދު ކުރާނެ ކަމެއް ނޫނެވެ. އެވާކަން ކަށަވަރީ އޭގެ ސަބަބުން ދަހި މީހާގެ ފަރާތުން (އޭނާ ނެރެން ބޭނުން ނުވާ ކަމެއް) ނެރެވޭ ކަމަކަށެވެ.“
ދަންނަ އެވެ! ﷲ އަޅުތަކުންނަށް ދެއްވާފައިވާ އިސްލާމް ކަމުގެ ނިއުމަތަކާއި، ޞިއްޙަތާއި، ޢާފިޔަތް، އަމަން އަމާންކަން، ކެއުމާއި ބުއިން، ދިރިއުޅުމާއި ….. މިފަދަ ޢަދަދު ނުކުރެވޭހާ ނިޢުމަތްތައް ދެއްވުމުން، ޞާލިޙް ހެޔޮ ތެދުވެރިންގެ ސިފަ ކަމުގައިވާހުށީ އެ އިލާހުއަށް ޝުކުރުވެރި ވުމެވެ. ކިތަންމެ ގިނަގުނަ ޢަމަލުތަކެއް ކުރި ކަމުގައިވީނަމަވެސް އެ އިލާހަށް ޙައްޤުވެގެންވާ ޝުކުރު ކުރުމަށް ކުޅަދާނަވެގެންނުވާހިނދު، އެފަދައިން ﷲ އަށް ކުއްތަންވުމުގެ ބަދަލުގައި ބުނެ އެވެ. ”ބަލިން ޝިފާ ލިބިއްޖެހިނދު 5 ރޯދަ ހިފާނަމެވެ.“ އެ އެންމެހައި ނިއުމަތްތަކެއް ދެއްވައި، އެކަލާނގެއަށް ޝުކުރު ކުރުމަށް އޮތް ހިނދުވެސް، ބުނެ އެވެ. ތިމަންނަ 5 ރޯދަވެސް ހިފާހުށީ އަދިވެސް އިތުރަށް ދެއްވީމަ އެވެ.
ފަހެ، މިއީ ދަހި މީހުންގެ ސިފަ ނޫން ހެއްޔެވެ؟ ދަވެތި ކަމުގެ ޢަލާމާތް ނޫން ހެއްޔެވެ؟
މަކްރޫހު ކަމާއިއެކުގައިވެސް، ނަދުރާއި މެދުގައި އައިސްފައިވާ ދަލީލުތަކަށް ބަލާއިރު އެއީ ﷲއަށް ކިޔަމަންގަތުމަށް ބުނި ނަދުރެއް ކަމުގައިވާނަމަ، ނަދުރު އަދާކޮށް އަދި ނަދުރަށް ވަފާތެރި ގޮތުގައި ފުއްދަންޖެހެ އެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. (يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا) ”އެބައިމީހުން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އެބައިމީހުން ބިރުވެތިވެތެވެ.“
އިމާމް البخَارِي، ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން عائشة أم المؤمنين -رضي الله عنها- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައިވެ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (مَن نَذَرَ أنْ يُطِيعَ اللَّهَ فَلْيُطِعْهُ، ومَن نَذَرَ أنْ يَعْصِيَهُ فلا يَعْصِهِ) ”ﷲ އަށް ކިޔަމަންތެރިވުމަށްޓަކައި ނަދުރު ބުނެފި މީހާ އެ ނަދުރު ފުއްދާށެވެ. އަދި ﷲ އަށް އުރެދޭ ކަމަކަށް ނަދުރު ބުނެފި މީހާ، އެ އިލާހުއަށް އުރެދިގެން ނުވާނެ އެވެ.“
ވުމުން، ވަކި ޢަދަދަކަށް ރޯދަ ހިފުމަށް ނަދުރު ބުނެފި މީހާ އެ ޢަދަދަށް ރޯދަ ހިފުމަކީ އޭނާގެ މައްޗަށް އެހިނދު ވާޖިބުވެގެންވާ އަޅުކަމެކެވެ. އެ ރޯދަތައް ހިފުމަށް ވަކި މައްސަރައެއް ނަދުރުގައި ބުނެފިނަމަ، އެ ސިފަކުރި ގޮތަށް އެ މައްސަރެއްގައި ރޯދަ ހިފުން ހުއްޓެވެ. އެ ރޯދަ ހިފުމަށް ނަދުރުގައި ބުނެފައިވަނީ ވިދިވިދިގެން ކަމުގައިވާނަމަ އެފަދައިންނެވެ.
އަދިވެސް ބުނަމެވެ. ނަދުރަކީ ﷲ އަށް ކިޔަމަން ގަތުމަށްޓަކައި އެމީހެއްގެ ނަފްސަށް ވާޖިބު ކުރި ޢަމަލެކެވެ. ފަހެ، އެހެން ވުމުން އެމީހެއްގެ ޙައްޤުގައި ﷲ އަށް އެކަމެއް އަދާކޮށް ޒިންމާއިން ބަރީޢަވުން އަވަސްކުރުމަކީ ދީނުގައި ކަނޑައެޅިފައިވާ ގޮތެވެ. އަދި އެއީ ހެޔޮ އަހުލުވެރިންގެ ސިފައެއް ކަމުގައިވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.