ފަޖުރުއް ޞާދިޤުގެ ވަގުތު ވަތްކަން ނޭނގި، ކައިބޮއި ހެދުމަށް ފަހު، ރޯދައަށް ހުރި މީހެއްގެ ރޯދަ ސައްޙަވާނެ ހެއްޔެވެ؟
ފަޖުރުއް ޞާދިޤުގެ ވަގުތު ވަތްކަން ނޭނގި، ކައިބޮއި ހެދުމަށް ފަހު، ރޯދައަށް ހުއްޓާ ބަޔާންވެގެން ދިޔައީ އޭނާއަށް ހާރު ކެއުމުގެ ގޮތުން ކައިބޮއި ހެދުނީ ފަތިސް ވަގުތު ވަނުމަށް ފަހުގައި ކަމެވެ. އެފަދަ މީހެއްގެ ރޯދަ ސައްޙަވާނެ ހެއްޔެވެ؟
ރޭގަނޑު ކަމަށް ހީކޮށް އަދި ފަޖުރުއް ޞާދިޤުގެ ވަގުތު ނުވަންނަ ކަމުގައި ދެކިގެން މީހަކު ކައިބޮއި ހެދުމަށް ފަހު، ރޯދައަށް ހުއްޓާ، އޭނާއަށް ހާރު ކެއުމުގެ ގޮތުން ކައިބޮއި ހެދުނީ ފަތިސް ވުމަށްފަހުގައިކަން ބަޔާންވެގެން ދިޔައީއެވެ. މިފަދަ މީހާގެ ރޯދަ ޞައްޙަވުމާއި އަދި ރޯދަ ފަސާދެވާނެ ކަމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި 2 ޤައުލެއް ވެއެވެ.
އޭގެ އެންމެ ޞައްޙަ ބުނުމަކީ އޭނާގެ ރޯދަ ޞައްޙަވާނެ ކަމެވެ. މިފަދައިން ތާބިޢީ ބޭކަލުންނާއި އޭގެ ފަހުގައި ވަޑައިގެންނެވި އިމާމުންގެ ބަސްފުޅުތައް ވެއެވެ. އެފަދަ މީހެއްގެ ރޯދަ ޞައްޙަވާނެ ކަމުގައި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ شيخ الإسلام ابن تيمية ވިދާޅުވެފައިވެއެވެ. އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި ފިޤުހު ޢިލްމުވެރިޔާ الشيخ محمد الصالح العثيمين -رحمهما الله- މި ޤައުލު އިޚްތިޔާރު ކުރެއްވިއެވެ.
ފަހެ ދަންނާށެވެ! މިއީ ފަތިސް ނުވަންނަ ކަމާއި އަދި ރޭގަނޑުކަމަށް ހީކުރެވި ނޭނގުމުގެ ތެރޭގައި ކައިބޮއިހެދުނު މީހާގެ މައްޗަށްވާ ޙުކުމެވެ. ފަޖުރުއް ޞާދިޤުގެ ވަގުތު ވަދެއްޖެކަން އެނގިހުރެ ކައިބޮއިހެދި މީހާގެ މައްޗަށް މި ޙުކުމެއް ނުވެއެވެ. އެފަދަ މީހާގެ ރޯދަ ފަސާދަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.