ދަތުރުވެރިޔާއަށް މޮޅު އިތުރީ ދަތުރުމަތީގައި ރޯދަ ދޫކޮށްލުންތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ދަތުރުމަތީގައި ރޯދަ ހިފުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : ހަތަރު މަޛްހަބުގެ އިމާމުން އިއްތިފާޤުވަޑައިގެންފައިވާ ގޮތުގައި ދަތުރުމަތީގައި ރޯދަ ހިފުން ހުއްދަވެގެންވެ އެވެ. އަދި ކިޔެއްތަ، ތަކްލީފު އުފުލައި ބުރަ އުފުލައިގެންވެސް އޭނާ ރޯދަ ހިފައިފިހިނދު، އޭނާގެ ރޯދަ ޞައްޙަ ވެގެންވާކަމަށް އިޖްމާޢު ނަގުލުކުރެވިގެންވެ އެވެ. މި އިޖްމާޢު الإمام ابن العربِي -رحمه الله- ލިޔުއްވި ފޮތް أحكام القرآن ގައި ޛިކުރު ކުރައްވާފައިވެ އެވެ.

ދެވަނައީ : އެމީހަކަށް ރޯދަ ހިފުމުގައި ގެއްލުމެއްނެތްހިނދު، އެފަދަ މީހާ ދަތުރު މަތީގައި ރޯދަ ހިފުމުގައި ރޯދަ ދޫކޮށްލުމާއި މެދުގައި ހެޔޮކަން ބޮޑުވެގެންވަނީ ކޮން ގޮތަކަށް ކަމާއި މެދުގައި ޚިލާފްވަޑައިގެންފައިވެ އެވެ.

ފުރަތަމަ ޤައުލަކީ : ރޯދަ ހިފުމަށްވުރެ އެމީހަކަށް ހެޔޮކަން ބޮޑުވެގެންވަނީ ރޯދަ ދޫކޮށްލުމެވެ. މި ޤައުލު الإمام أحمد ވިދާޅުވެފައިވެ އެވެ.

ފަހެ، ދަތުރުވެރިޔާއަށް ހެޔޮކަން ބޮޑުވެގެންވަނީ ދަތުރު މަތީގައި ރޯދަ ދޫކުރުން ކަމުގައި ޞަޙާބީ ބޭކަލުންގެ ތެރެއިން عُمر، ابن عباس، ابن عُمر -رضي الله عنهم- މިފަދައިން ބުރަވެވަޑައިގަންނަވާކަމުގައި الإمام عبد الرزاق- ގެ مصنف ގައި އަދި الإمام ابن أبي شيبة ގެ مصنف ގައި އަޘަރުތައް ވާރިދުވެގެންވެ އެވެ.

އަދި ހަމަ އެފަދައިން ތާބިޢީ ބޭކަލުންގެ ތެރެއިން سعيد بن جُبير، عطاء، الحسن البصري، الشعبي، الزهري، الأوزاعي -رحمهم الله- ދެކެވަޑައިގަންނަވަ އެވެ.

އެބޭކަލުން މިފަދައިން ދެކެވަޑައިގަންނަވަނީ ކީއްވެތޯ އެވެ؟

އެއީ ﷲ ގެ ވަހީބަސްފުޅުގެ މައްޗަށް ބުރަވެވަޑައިގެންނެވެ. އެ އިލާހު ވަޙީ ކުރެއްވި އެވެ. (يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ) “ اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.“

އަދި އެބޭކަލުން މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅު މިކަމުގައި ނަންގަވާފައިވެ އެވެ. ރިވާޔަތުގައިވެ އެވެ. عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ: «كَانَ رَسُولُ اللَّهِ -صلى الله عليه وسلم- فِي سَفَرٍ فَرَأَى زِحَاماً وَرَجُلاً قَدْ ظُلِّلَ عَلَيْهِ، فَقَالَ: مَا هَذَا؟ فَقَالُوا: صَائِمٌ، فَقَالَ: لَيْسَ مِنَ البِرِّ الصَّوْمُ فِي السَّفَرِ».

ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا ވިދާޅުވެފައިވެ އެވެ. ރަސޫލު ﷲ ﷺ ދަތުރުފުޅެއް މަތީގައި ވަނިކޮށް، މީސްތަކުން ބޮނޑިވެގެން ތިބެ، މީހަކަށް ހިޔާއެޅިފައިވާ ތަން ނަބިއްޔާ ދެކެވަޑައިގަތެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”މިއީ ކޮންކަމެއްތޯއެވެ؟“ އެބައިމީހުން ދެންނެވިއެވެ: އެއީ ރޯދަވެރިއެކެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ދަތުރު މަތީގައި ރޯދައަށް ހުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ.“ (އެބަހީ: މިހާވަރުން ރޯދަ ހިފުމަކީ ކުއްތަންވުމުގެ ތެރެއިންވާ ކަމެއް ނޫނެވެ.)

«عَلَيْكُمْ بِرُخْصَةِ اللَّهِ الَّتِي رَخَّصَ لَكُمْ».

އަދި މުސްލިމުގެ ރިވާޔަތުގައި ވެ އެވެ: ”ތިޔަބައިމީހުންގެ މައްޗަށް އޮތީ، ތިޔަބައިމީހުންނަށް ޓަކައި ﷲ ފަސޭހަ ކޮށްދެއްވި ލުއިފަސޭހަކަމުގައި ހިފުމެވެ.“ (އެބަހީ: ދަތުރު މަތީގައި ރޯދަ ދޫކޮށްލުމެވެ.)

ފަހެ، މި ޙަދީޘްއިން ދަލީލު ކުރެވެނީ ރޯދަ ދޫކޮށްލުން ހެޔޮކަން ބޮޑުވެގެންވާކަމެވެ.

އަދި މި ޤައުލު އިޚްތިޔާރު ކުރެއްވި ބޭކަލުން މި ނޫނަސް މިފަދައިން ވާރިދުވެގެންވާ ރިވާޔަތްތައް ނެންގެވި އެވެ.

ދެވަނަ ޤައުލު : ދަތުރު މަތީގައި ރޯދަ ދޫކުރުމަށްވުރެ ރޯދަ ހިފުން ހެޔޮކަން ބޮޑުވެގެންވާކަމެވެ. ފަހެ، މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. الإمام أبو حنيفة، الإمام مالك، الإمام الشافعي މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

ގިނަ އަޞްޙާބު ބޭކަލުންގެ ބަސްފުޅަކީވެސް މިފަދައިންނެވެ. އެ ގޮތުން عائشة، ابن مسعود، أبو موسى الأشعري، أنس، حذيفة، عثمان بن أبي العاص މި އެންމެހައި ޞަޙާބީން މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

ތާބިޢީ ބޭކަލުންގެ ތެރެއިން إبراهيم النخعي، عروة، مجاهد، ابن المبارك މިފަދައިން ވިދާޅުވެފައިވެ އެވެ.

އެބޭކަލުން މިފދައިން ނަންގަވާފައިވާ ދަލީލުތައްވެސް ގިނަގުނަ އެވެ.

އެގޮތުން ރޯދައާ މެދުގައި އެކަލާނގެ ޛިކުރު ކުރެއްވި އާޔަތްތަކުގައި ބަޔާން ކުރައްވާ ވަޙީ ކުރައްވާފައިވެ އެވެ. (وَأَن تَصُومُوا خَيْرٌ لَّكُمْ) “ އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.“ ފަހެ، އާޔަތުން ބަޔާންވަނީ ރޯދަ ހިފުމަށް ބާރުއަޅުވާފައި ވުމާއި ރޯދައަށް ހުރުމަށް ހިތްވަރު ދެވިފައިވުމެވެ.

މިފަދައިން ހެކިދޭ ޙަދީޘްފުޅުތަކުގެ ތެރޭގައި ވެ އެވެ.

أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ قَالَ: «خَرَجْنَا مَعَ رَسُولِ اللَّهِ -صلى الله عليه وسلم- فِي شَهْرِ رَمَضَانَ فِي حَرٍّ شَدِيدٍ؛ حَتَّى إِنْ كَانَ أَحَدُنَا لَيَضَعُ يَدَهُ عَلَى رَأْسِهِ مِنْ شِدَّةِ الحَرِّ، وَمَا فِينَا صَائِمٌ إِلَّا رَسُولُ اللَّهِ -صلى الله عليه وسلم- وَعَبْدُ اللَّهِ بْنُ رَوَاحَةَ».

أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ: ރަމަޟާން މަހު ވަރަށް ގަދަ ހޫނުގައި، ރަސޫލު ﷲ ﷺ ގެ އަރިހު ތިމަންމެން (ދަތުރެއްގައި) ނުކުތީމެވެ. ހޫނުވެގެން ގޮސް ތިމަންމެން ކުރެ މީހަކު އޭނަގެ އަތް ބޯމަތީ އަޅައިގެން އުޅުނެވެ. އަދި ތިމަންމެންގެ ތެރޭގައި ރަސޫލު ﷲ -صلى الله عليه وسلم- އާއި عبد اللَّهِ بْنُ رَوَاحَةَ ފިޔަވައި އެހެން ރޯދަވެރިއަކު ނެތެވެ.“

ޖުމްހޫރު ޢިލްމުވެރން މި ޙަދީޘްއިން ދަތުރު މަތީގައި ރޯދަ ދޫކުރުމަށްވުރެ ރޯދަ ހިފުން ހެޔޮކަން ބޮޑުވެގެންވާކަމުގެ މައްޗަށް ވިދާޅުވެފައިވެ އެވެ. ސަބަބަކީ ގަދަ ހޫނުގައިވެސް ނަބިއްޔާ ﷺ ރޯދަ ހިއްޕެވުމުގައި ވުމެވެ.

ބުނަމަވެ. މި ނޫނަސް އެބޭކަލުން މިކަމުގައި ނަންގަވާފައިވާ ދަލީލުތަކެއްވެ އެވެ.

ތިންވަނަ ޤައުލު : މުޠްލަޤުކޮށް ހެޔޮކަންބޮޑީ ރޯދަ ހިފުން އަދި މުޠްލަޤުކޮށް ހެޔޮކަންބޮޑީ ރޯދަ ދޫކުރުން ކަމުގައި ވިދާޅުނުވުމެވެ. އެހެނަސް ދަތުރުވެރިޔާއަށް އެކަމުގައި ފަސޭހަގޮތް އިޚްތިޔާރު ކުރުމެވެ.

ވުމުން، ދަތުރުވެރިޔާއަށް އެ ޙާލަތުގައި ފަސޭހަގޮތް ބަލާނީ އެވެ. އޭނާގެ ޙައްޤުގައި އެ ހުރި ޙާލަތުން ރޯދަ ދޫކުރަން ޖެހިއްޖެނަމަ ރޯދަ ދޫކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ. އަދި ރޯދަ ހިފުން އެއީ އޭނާގެ ޙައްޤުގައި ފަސޭގޮތް ކަމުގައިވާނަމަ އެޙާލުގައި ރޯދަ ހިފުމުގައި ވުން ހެޔޮކަން ބޮޑުވެގެންވެ އެވެ.

މިބަސްފުޅަކީ ޞަޙާބީ ابن عباس -رضي الله عنهما- ގެ އަރިހުން ވާރިދުވެގެންވާ ބަސްފުޅެވެ. އަދި މިފަދައިން عمر بن عبد العزيز، ابن سيرين ގެ އަރިހުން ވާރިދުވެގެންވެ އެވެ.

ބޮޑެތި ޢިލްމުވެރިންނާއި އިމާމުންގެ ތެރެއިން ابن المنذر، الطبري، ابن خزيمة، الشوكانِي މިފަދައިން އިޚްތިޔާރު ކުރެއްވި އެވެ.

މިބަސްފުޅަށް އެބޭކަލުން ބުރަވެވަޑައިގެންނެވި ދަލީލުތަކުގެ ތެރޭގައި ﷲގެ ވަޙީބަސްފުޅުވެ އެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ) ”ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.“

އެބޭކަލުން ވިދާޅުވި އެވެ. ބަލި ޙާލަތުގައިވާ މީހާ އަދި ދަތުރުމަތީގައިވާ މީހާއަށް އެކަލާނގެ ވަނީ ރޯދަ ދޫކުރުން ހުއްދަ ކުރައްވާފަ އެވެ. މިއެންމެހައި ކަންތަކުން އެނގިގެންދަނީ އެކަލާނގެ އިރާދަފުޅު ކުރައްވަނީ ލުއި ފަސޭހަ ގޮތަށެވެ. ބުރަ އަދި ދަތި ގޮތަކަށް ނޫނެވެ.

ވުމުން، އެހިނދު ބެލުން އޮތީ ދަތުވެރިޔާގެ ޙާލަތެވެ. އޭނާގެ ޙައްޤުގައި ރޯދަ ހިފުން ދަތި ކަމުގައި ނުވާނަމަ އެންމެ ހެޔޮކަން ބޮޑީ ރޯދަ ހިފުމެވެ.

އަދި އޭނާގެ ޙައްޤުގައި ރޯދަ ހިފުން ދަތި އަދި ބުރަ ކަމުގައިވާނަމަ ރޯދަ ދޫކޮށްލުމެވެ.

މިފަދައިން އެބޭކަލުން ދަލީލު ކުރައްވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ.

أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: «كُنَّا نُسَافِرُ مَعَ النَّبِيِّ -صلى الله عليه وسلم- فَلَمْ يَعِبِ الصَّائِمُ عَلَى المُفْطِرِ، وَلَا المُفْطِرُ عَلَى الصَّائِمِ».

أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ: ނަބިއްޔާ -صلى الله عليه وسلم- ގެ އަރިހުގައި ތިމަންމެން ދަތުރުކޮށް ހެދީމެވެ. ފަހެ ރޯދާ ހިފާ މީހަކު، ރޯދަ ދޫކޮށްލާ މީހަކަށް އައިބު ކިޔައި ނަހަދައެވެ. އަދި ރޯދަ ދޫކޮށްލި މީހަކު، ރޯދަ ހިފާ މީހަކަށް އައިބު ކިޔައި ނަހަދައެވެ.“

ޞަޙާބީ أبو سعِيد الخدري -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”އެބޭކަލެއްގެ ނަފްސަށް ގަދަކަމާއި ބާރުލިބިފައިވެ ރޯދަހިފައިފިނަމަ އެގޮތް ހެޔޮކަން ބޮޑުކަމުގައި އެބޭކަލުން ދެކެވަޑައިގަންނަވަ އެވެ. އަދި އެބޭކަލެއްގެ ނަފްސު ބަލިކަށިވެ ރޯދަ ދޫކޮށްފިމީހާ، ފަހެ އެ ގޮތް ހެޔޮކަން ބޮޑުކަމުގައި އެބޭކަލުން ދެކެވަޑައިގަންނަވަ އެވެ.“

ޝައްކެތްވެސް ނެތެވެ. މި ޤައުލުގެ އަހުލުވެރިން ވަނީ ދަލީލުތައް ޖަމްޢު ކުރައްވައި އެންމެ ޢަދުލުވެރި ޤައުލު ނަންގަވައިފަ އެވެ.

ފަހެ މިއީ މި މައްސަލައިގައި އެންމެ ޢަދުލުވެރި ޤައުލެވެ.

އެއީ ދަތުރުވެރިއެއްގެ ގޮތުގައިވެ، އެމީހަކަށް އެކަމުގައި ބުރަވެ، އުދަގޫވެ، އަދި ނަފްސު ވަރުބަލިވެ، އެމީހަކު އެ ދަތުރުގައި ކުރުމަށް ކަނޑައެޅިފައިވާ ކަންތަކުގެ މައްޗަށް ބުރަވާ ކަމުގައިވާނަމަ ރޯދަ ދޫކޮށްލުން ހުއްޓެވެ.

އެއީ ފަރުޟު ރޯދަ ކަމުގައިވާނަމަ ފަހުން ޤަޟާ ކުރާނީ އެވެ.

ހަމައެފަދައިން އެމީހަކު ޢާދަވެ ސުންނަތް ރޯދަ ހިފާ މީހެއްގެ ގޮތުގައިވާނަމަވެސް، އޭނާއަށް ދަތުރުމަތީގައި ސުންނަތް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެ އެވެ. އަދި ޙަދީޘްގައިވާ ފަދައިން ދަތުރުވެރިއެއްގެ ގޮތުގައިވެ ޢާދަކޮށް ހިފަމުންގެންދާ ސުންނަތް ރޯދަ ދޫކޮށްލި ކަމުގައިވީނަމަވެސް އޭނާއަށް އެކަމުގައި އަޖުރު ލިޔުއްވިގެންވާނެ ކަމުގައި ޙަދީޘްގައި ވާރިދުވެގެންވެ އެވެ.

ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރައްވާފައިވެ އެވެ. (إذا مَرِضَ العبد أو سافر كُتِبَ له مِثلُ ما كان يعمل مقيمًا صحيحًا) صحيح البخاري 2996

”އަޅަކު ބަލިވުމުން ނުވަތަ ދަތުރު ކުރަންޖެހުމުން (އޭގެ ކުރިން ޢާދަވެ ކުރަމުންދާ ޢަމަލުތައް ކުރުމަށް ނުކުޅަދާނަވުމުން) އޭނާ ރަށުގައި ޤާއިމްވެހުންނަހިނދު އަދި ޞިއްޙަތު ސަލަމާތް ޙާލުގައިވި ހިނދު ކުރަމުންދިޔަ ޢަމަލުތައް އޭނާއަށްޓަކައި ލިޔުއްވޭނެ އެވެ.“

ހަމަ އެފަދައިން، ސުންނަތް ރޯދަތަކުގެ ތެރޭގައިވާ ޚާއްޞަ ރޯދަތައް ކަމުގައިވާ ޢާޝޫރާ ރޯދަ ފަދަ ރޯދަތައް ދަތުރު މަތީގައިވެސް ބުރަ އަދި ދަތިކަމެއްނެތި ހިފޭ ކަމުގައިވާނަމަ ހިފުން އެދެވިގެންވެ އެވެ. އެއީ އަޞްޙާބު ބޭކަލުން އެފަދައިން ހިއްޕަވާފައިވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply