ނުރަ އިސްތަށިތައް ކަޅު ކުރުމުގެ ޙުކުމަކީކޮބާތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކަޅު އިސްތަށި ނުރަށް ވުމަށްފަހުގައި އެ އިސްތަށި އަނެއްކާވެސް ކަޅު ކުރުމާއިމެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ނުރަ އިސްތަށި ކަޅުކުރުން ހުއްދަވެގެން ނުވާ ކަމުގައި ގިނަ ދަލީލުތަކެއް ވާރިދުވެގެންވެ އެވެ.
އަދި ބައެއް ދަލީލުތަކުގައި އެ ޢަމަލު ކުރާ ފަރާތަށް ޢުޤޫބާތެއްގެ ގޮތުގައި ސުވަރުގެ ނުވަނުން، ސުވަރުގޭގެ ވަސްވެސް އެބަޔަކަށް ނުދުވާނެ ކަމުގައި ވާރިދުވެގެން ވުމުން މިއީ ބޮޑުވެގެންވާ ފާފައެއް ކަން ބަޔާންވެގެންވެ އެވެ.
ވުމުން، މައްސަލައިގައި އެފަދައިން ވާރިދުވެގެންވާ ދަލީލުތައް ބަޔާން ކުރަމެވެ.
އިމާމް مسلم 2102 ގައި ޞަޙާބީ جابر بن عبدالله އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. أُتِيَ بأَبِي قُحَافَةَ يَومَ فَتْحِ مَكَّةَ وَرَأْسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضًا، فَقالَ رَسولُ اللهِ صَلَّى اللَّهُ عليه وَسَلَّمَ: غَيِّرُوا هذا بشيءٍ، وَاجْتَنِبُوا السَّوَادَ ”މައްކާ ފަތަޙަ ކުރެވުނު ދުވަހު أبو قُحَافَة ގެނެވުނެވެ. އެހިނދު އެ ޞަޙާބީގެ ތުބުޅިފުޅާއި އިސްތަށިފުޅުވަނީ ހުދުކަމުން ثَّغَامَة އެއް (އޭގެ ވަރަށް ހުދުކަން ހުންނަ ގަހެއް) ފަދައިންނެވެ. ފަހެ، އެހިނދު ރަސޫލާ ﷺ ހަދީޘް ކުރެއްވި އެވެ. ”މި ނުރަތައް (ކުލަ) ބަދަލު ކޮށްލާށެވެ. އަދި ކަޅު ކުރުމުން ދުރުވެގަންނާށެވެ.“
މި ޙަދީޘްއިން ބަޔާންވަނީ، ނުރަ އިސްތަށީގެ ކުލަ ކަޅު ކުލަ ނޫން ކުލައަކަށް ބަދަލު ކޮށްލުމަށެވެ.
ނަފްސަށް ސުވާލު ކޮށްލުން ހުއްޓެވެ. އެ ޒަމާނުގައިވެސް ގިނަ ކުލަތައް ބޭނުން ކުރަމުން ގެންދެވުނެވެ. ފަހެ، ރަސޫލާ ﷺ ޚާއްޞަކޮށް ކަޅު ކުލައާ ދުރުވުމަށް، ކަޅު ކުލައިން އެއްކިބާވުމަށް ޚާއްޞަކޮށް އަމުރުފުޅު ކުރައްވާފައި ވުމުން އެއީ ހުއްދަވެގެން ނުވާ ޢަމަލެއްކަން ވަރަށް ސާފުކޮށް ބަޔާންވެގެން ނުވޭ ހެއްޔެވެ.
ނުރަ އިސްތަށި ކަޅުކޮށްފި މީހާ އަދި އޭނާގެ މައްޗަށް އުޤޫބާތް ބަޔާން ކުރެވިގެންވާ ޙަދީޘްތަކުގެ ތެރޭގައި އިމާމް أبوداود އާއި النسائي އަދި أحمد ރިވާކޮށްފައިވާ ابن عباس ގެ ރިވާޔަތް ވެ އެވެ.
ރަސޫލާ صلَّى اللهُ عليهِ وسلَّم ޙަދީޘް ކުރެއްވި އެވެ. قومٌ يَخْضِبون بهذا السوادِ آخِرَ الزمانِ كحواصلِ الحمامِ لا يريحون رائحةَ الجنةِ ”ފަހު ޒަމާނުގައި ކޮތަރުތަކެއްގެ މޭތަކެއް ފަދައިން ކަޅު ކުލައިން (ބޮލާއި ތުބުޅީގެ އިސްތަށިތައް) ބަދަލު ކުރާ ބަޔަކު ވާނެ އެވެ. އެބައިމީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭނެ އެވެ.“ صحيح أبي داود 4212
މި ޙަދީޘްގައި ނަބިއްޔާ ﷺ ވަނީ ފަހު ޒަމާނުގައި ހިގާނެ ކަންތަކެއްގެ ވާހަކަ ބަޔާން ކުރައްވައި އެކަމުގެ ޚަބަރު ދެއްވާފަ އެވެ.
އެއީ އެބަޔަކު އެބައިމީހުންގެ ބޮލުގެ އިސްތައްޓާއި އަދި ތުބުޅި ކަޅު ކުލަ ޖައްސާނެ ބަޔަކު ފާޅު ވާނެ ކަމުގައި ޙަދީޘް ކުރައްވާފައި ވުމެވެ. އެމީހުންނަށް ޤިޔާމަތް ދުވަހު އޮތް ޖަޒާއަކީ ސުވަރުގޭގެ ވަސްވެސް ނުދުވާނެ ކަމުގައި ޚަބަރު ދެއްވި އެވެ.
މިދަފަ ޢުޤޫބާތެއް އެބައެއްގެ މައްޗަށް ކަނޑައެޅޭނީ ބޮޑުފާފައެއް ކަމުގައި ވުމުންނެވެ. އެބަހީ، މިއީ ބޮޑު ފާފައިގެ ޢުޤޫބާތްތަކުގެ ތެރެއިން ކަނޑައެޅޭ ޢުޤޫބާތެކެވެ.
އަޚާ އެވެ. އުޚްތާ އެވެ.
ނަބިއްޔާ ﷺ ޚަބަރު ދެއްވާފައިވާ ފަދައިން މިއަދު މި ޒަމާނުގައި މިވަނީ މި ބައިގަނޑު ފާޅު ވެފަ އެވެ. އެބައިމީހުންގެ ހަށިގަނޑުގެ އިސްތަށީގައި ކަޅު ކުލަ ޖައްސައި އެފަދައިން ޢަމަލު ކުރުމުގައި މި ޒަމާނުގައި މިވަނީ އެއީ ޙަރާމްވެގެންވާ ޢަމަލެއް ކަމުގައި މީސްތަކުންގެ ތެރޭގައި ނުދެކޭ މިންވަރަށް އެ ޢަމަލު ޢާންމުވެފަ އެވެ.
އެއީ ކޮންމެހެން ކުރަންޖެހޭ ލާޒިމްވެގެންވާ ޢަމަލެއް ކަމުގައި ހަދައިފަ އެވެ.
ﷲއަށް އީމާންވެގެންވާ މުއުމިނު އަޅާ އެވެ!
ﷲ ތަޢާލާ އެކިއެކި ކަންތައްތަކުގައި ކަނޑައަޅުއްވާފައިވާ އެކަލާނގެ ލައްވާފައިވާ ނިޒާމެއް ވެ އެވެ.
އެއީ އެކަލާނގެ ލައްވާފައިވާ އެ އިލާހުގެ ސުންނަތެވެ.
އެ ގޮތުން ކަޅު އިސްތަށި ދުވަސްވުމުގެ ސަބަބުން އޭގެ ކުލަ ހުދު ކުލައަށް ބަދަލުވެ އެވެ. މިއީ އެކަލާނގެ ޙިކްމަތްވަންތަ ކަމުގައި ލައްވާފައިވާ އެއިލާހު މޮޅަށް ދެނެވޮޑިގެންވާ ޙާލުގައި ލައްވާފައިވާ ނިޒާމެވެ.
ފަހެ، އެމީހާގެ ބޮލުގެ ނުވަތަ ތުބުޅީގެ އިސްތަށި ﷲ ގެ އިރާދަފުޅާ އެކު ކަޅުން ހުދުކުލައަށް ބަދަލުވުމުން، ﷲ އެ ބަދަލު ކުރެއްވި ގޮތަށް ނުރުހެނީ ހެއްޔެވެ؟ ﷲ ތަޢާލާގެ ޙިކްމަތުގައި ލައްވާފައިވާ ގޮތް އެއީ ހެޔޮ ގޮތް ކަމުގައި ނުދެކެނީ ހެއްޔެވެ؟
ވުމުން، މިއީ ﷲއަށް އީމާންވެގެންވާ ޞާލިޙް މުއުމިނު އަޅާގެ ޢަމަލު ކަމުގައި ނުވާނެ އެވެ. އެކަލާނގެ އެ ކަޅު ކުލައިން އެހެން ކުލައަކަށް ބަދަލު ކުރެއްވުމުން، އެ އިލާހު އެ ބަދަލު ކުރެއްވި ކުލައަށް އަނބުރާ އޭނާގެ ދިއުން ވަންނާނީ ކޮންކަހަލަ ޢަމަލެއްގެ ތެރެއަށް ހެއްޔެވެ؟
ހުދުވެފައިވާ އިސްތީގެ ކުލަ އެހެން ކުލައަކަށް ބަދަލު ކުރުމަށް ދީނުގައި ހުއްދަ ދެއްވާފައިވެ އެވެ. އަދި ވަކި ކުލައެއް ޖެއްނުން ނަހީ ކުރައްވާފައިވެސް ވެ އެވެ.
އެހެނީ އެއީ ކާބޯތަކެތި ބިންމަތީގައި ލައްވައި ޙަލާލު ތަކެތި އަދި ހަރާމް ތަކެތި ލައްވާފައިވާ ފަދައިންނެވެ.
ފޭރާން ލައްވައި އެ ފޭރާމުގެ ތެރޭގައި ހަލާލު ފޭރާމާއި ޙަރާމް ފޭރާން ކަނަޑައަޅުއްވާފައިވާ ފަދައިންނެވެ.
ވުމުން، ކުލަ ތަކުގެ ތެރެއިން ހަލާލުވެގެންވާ ކުލަތައް ލައްވާފައިވެ އެވެ. އަދި ކުލަ ބަދަލު ކުރުމުގެ ގޮތުން ބޭނުން ކުރުން ޙަރާމްވެގެންވާ ކުލަވެސް ލައްވާފައިވެ އެވެ.
އަޅާއަށް އޮތީ ކިޔަމަންތެރިކަން ދައްކައި ބޯލެބުމާއެކު އެކަމަށް ރުހި ޤަބޫލުވެގެން ހުރުމެވެ.
އިސްތައްޓަށް ރަތްކަން ނުވަތަ ރީދޫކަން ގެނެސްދޭ ހީނާފަތް އަދި އެފަދަ އެއްޗެއް ބޭނުންކޮށްގެން ތުބުޅީގައި ކުލަޖެއްސުމަކީ ޝަރުޢު ކުރެވިގެންވާ ކަމެކެވެ. އެއީ ވާރިދުވެގެންވާ ޙަދީޘްގެ ސަބަބުނެނެވެ.
(أن النبي صلَّى اللهُ عليهِ وسلَّم كان يصبغ بالصفرة) ”ހަމަކަށަވަރުން ނަބިއްޔާ صلَّى اللهُ عليهِ وسلَّم ރީދޫ ކުލައިން (ތުބުޅިފުޅުގެ އިސްތަށިފުޅުގެ) ކުލަ ބަދަލުކުރައްވަ އެވެ.“ މި ޙަދީޘް އިމާމް أبوداود 4-86 އަދި النسائي 8-162 ރިވާ ކުރެއްވި އެވެ.
އަދިވެސް ވާރިދުވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. (إن أحسن ما غيرتم به الشيب الحناء و الكتم) ”ހަމަކަށަވަރުން ތިޔަބައިމީހުން ހަށިގަނޑުގައިވާ ނުރަ ފިލުވާލަން ބޭނުންކުރާ އެންމެ ރިވެތި ތަކެއްޗަކީ : ހީނާފަތާއި އަލް-ކަތަމް އެވެ.“ މި ޙަދީޘް أبوداود، الترمذي، النسائي ރިވާކުރެއްވި އެވެ.
ވުމާއެކު، މައްސަލައިގައިވާ ދަލީލުތައް ޙުއްޖަތްތައް ވަރަށް ސާފުކަން ބޮޑެވެ.
ޙަލާލު ގޮތްތަކާއި ޙަލާލު ހުއްދަވެގެންވާ ޢަމަލަކީ ކޮބައިކަން ބަޔާންވެގެންވެ އެވެ. މިއީ ﷲ އާއި އެކަލާނގެ ކަނޑައަޅުއްވާފައިވާ ގޮތެވެ.
މިއީ ﷲ ލައްވާފައިވާ މާތް މަތިވެރި ޒީނަތެވެ. ރިވެތިވެގެންވާ ސިފަ އެވެ.
ފަހެ، މި ސިފައިގައި ޒީނަތްތެރިވި ފަރާތަށް ހުރި ހެޔޮކަމާއި ރިވެތި ކަމުގެ ބޮޑުކަމާ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.