|

ރަމަޟާން މައްސަރު އައުމުގެ މުނާސަބަތުގައި ކާބޯތަކެތީގެ މައްޗަށް މީސްތަކުން ޖަމަޢަވެ ހަފްލާ ބޭވުން

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރަމަޟާން މައްސަރު އައުމުގެ މުނާސަބަތުގައި ކާބޯތަކެތީގެ މައްޗަށް މީސްތަކުން ޖަމަޢަވެ ހަފްލާއެއް ބާއްވައި، މާހެފުމުގެ ޤަޞްތުގައި ކުރާ ޢަމަލުގެ މައްޗަށް ބުނަމެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި އަދި އަޑު އިވިފައިވާ ބަސްފުޅުތަކުން ބަޔާންވަނީ، މި ޢަމަލަކީ ނަޞާރާއިން ނުވަތަ އެހެނިހެން މިއްލަތްތަކުގެ އަހުލުވެރިން މުސްލިމުން ހޯދާފައިވާ އެއްޗެއް ކަމެވެ.

އިސްލާމީ އުއްމަތަކަށް ފާޅުވި އެންމެ ކުރީގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް އިމާމް ކަމުގައިވާ الإِمَامُ ابن رَجَب الحنبَلِي رحمه الله ވިދާޅުވެފައިވެ އެވެ. މި އިމާމް އަކީ ހިޖުރައިން 795 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި ބޭކަލެލެވެ. ވިދާޅުވެފައިވެ އެވެ.

”މި ޢާދައަކީ ނަޞާރާއިންގެ ތެރޭގައިއޮތް ޢާދައެކެވެ. އެބައިމީހުން އެއަށް (ތަންޙީސް) އޭ ކިޔަ އެވެ. އެއީ އެބައިމީހުން ރޯދަހިފަން ފެށުމުގެ ކުރިން ކާބޯތަކެތީގެ މައްޗަށް ޖަމަޢަވުމަށް އެމީހުންގެ ތެރޭގައި އޮންނަ ޢާދައެކެވެ. މިފަދައިން އެމީހުން ކަންތައް ކުރަނީ ރޯދަ ފެށުމުގެ ގޮތުން ކާބޯތަކެއްޗަށް އަލްވަދާޢު ކިޔުމުގެ ގޮތުންނެވެ. ފަހެ، މިކަމުގައިވަނީ ﷲ އާމެދު ނުބައިވެގެންވާ އަދަބުވެރިކަމެކެވެ. ފަހެ، ހަމަކަށަވަރުން މީސްތަކުންގެ މައްޗަށް އޮތް ޢަޛާބެއްގެ ގޮތުގައި ﷲ ރޯދަހިފުން ކަނޑައަޅުއްވާފައެއް ނުވެ އެވެ. އެހެނަސް ރޯދަހިފުން ލައްވާފައިވަނީ ތަޤްވާވެރިކަން އިތުރު ކުރުމަށާއި، ﷲ އާ ކުއްތަންވުމަށެވެ.“ لطائف المعارف ٢٧٦

އިސްވެ ބަޔާންވެފައިވަނީ މި ޢަމަލަކީ ނަޞާރާއިންގެ ޢަމަލެއް ކަމެވެ. އެމީހުން ރޯދަ ހިފުމުގެ މޫސުން އަންނަހިނދު، ކާބޯތަކެއްޗަށް އަލްވަދާޢު ކިޔުމަށްޓަކައި، ކާތަކެތީގެ މައްޗަށް އެމީހުން އޭގެ ކުރިން ޖަމަޢަވެ އެވެ. ފަހެ، މިއީ މިއަދުގެ ބަސްތަކުން ބުނާނަމަ މާހެފުމެވެ.

އިމާމް ވިދާޅުވެފައިވާ ފަދައިން، ރަމަޟާން މައްސަރު، މާތް މައްސަރު، ފާފަތަކާއި އަދި ކުށްތައް ފުހެވިގެން ދިއުމަށްޓަކައި އަދި އަޖުރާއި ޘަވާބުގައި ކުރިއަރައިދިުމަށްޓަކައި އަދި ހެޔޮ ކަމުގެ އިންސާނާ ކުރިއަރައި ދިއުމަށްޓަކައި މި މޫސުން ލައްވައިފައި ވުމަކީ ﷲ ދެއްވި އަގު ނުކުރެވޭ ބޮޑު ފަޟްލުވަންތަވެރި ކަމެކެވެ. ކާބޯތަކެތީ ދޫކޮށް ރޯދައަށް ތިބެންޖެހޭތީ އެކަމުގެ ބަދަލުގައި ކާބޯތަކެތީގެ މައްޗަށް އަލްވަދާޢުކިޔާ ފަދައިން ޢަމަލު ކުރުމަށް އޮތް ކަމެއް ނޫނެވެ.

ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރި، އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ޢިލްމުވެރިޔާ العلاَّمَة محمد بن صَالح العُثيمين -رحمه الله- އަރިހުގައި، ރަމަޟާން މައްސަރުގެ ކުރިއަށް މިފަދައިން މީސްތަކުން ކާބޯތަކެތީގެ މައްޗަށް ޖަމަޢަވެ އެންމެން އެކުއެކީގައި ކެއުމަކީ ބިދުޢަތަކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.

ޖަވާބު : ”ތިޔައީ ސުންނަތުގައި އައިސްފައިވާ ކަމެއް ނޫނެވެ. …. އަދި ތިފަދައިން ޢަމަލު ކުރުމަށް އަހަރެން ލޮތްބެއް ނުކުރަމެވެ.“

މާހެފުމުގެ ގޮތުގައި މިއަދު މި ކުރެވޭ ޢަމަލުތަކަކީ، މި މިއްލަތުގެ އަހުލުވެރިންގެ ފަރާތުން މުސްލިމުންގެ ތެރެއަށް ވަދެފައިވާ ޢަމަލެއް ކަމުގައި ބުނުމަކީ ދުރުކަމެއް ނޫނެވެ.

ކުރީގެ މިއްލަތްތަކުގެ އަހުލުވެރިން ކޮށްފައިވާ މިފަދަ ޢަމަލުތަކުން ދުރުވުން އެއީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކެމެވެ. ނަބިއްޔާ صلى الله عليه وسلم އަދި އަޞްޙާބު ބޭކަލުންނަކީ ރަމަޟާން މައްސަރަށް އިސްތިޤްބާލު ކުރެއްވުމުގައިވެސް އަހަރެމެންނަށް އެންމެ ރިވެތި ހެޔޮ ނަމޫނާ ކަމުގައިވާނެ އެވެ.
މިފަދައިން ޤަބޫލު ކުރަންޖެހެ އެވެ.

މި ޢަމަލުގެ މައްޗަށް މިއަދު މަދީނާގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުގެ ތެރޭގައިވެ އެވެ.
الشَّيْخ عَبد الرزَّاق بن عَبد المُحسن البدر حفظه الله ވިދާޅުވެފައިވެ އެވެ.
”ބައެއް މީސްތަކުން ރަމަޟާން މައްސަރު އައުމުގެ ކުރިން ”މާހެފުން“ ގެ ނަމުގައި ކުރާކަންތަކުގައި އެބައިމީހުންގެ ދަޢުވާއަކީ، އެކަން އެބައިމީހުން ކުރުމުގެ މަޤްޞަދަކީ، ރަމަޟާން މައްސަރު އައުމުގެ ކުރިން ޚިލާފުތަކުން އެއްކިބާވެ ދުރުވުމެވެ. އަދި މާހެފުން ފަށަނީ، ޝައުބާން މައްސަރު ދެބައިވުމަށް ފަހުގަ އެވެ.
މާފެހުން، އެއީ މީސްތަކުން ކާބޯތަކެތި ތައްޔާރު ކުރުމަށްފަހު، ރޭގަނޑުގެ ވަޤުތެއްގައި އެ ކެއުމަށްޓަކައި ޖަމަޢަވުމެކެވެ. ބައެއް ފަހަރު ގެތަކުގައި، ރަށްބޭރުގައި، ޕާކްތަކުގައި އެއްވެ އެވެ. ޢާންމުކޮށް މިފަދަ ކެއުންތައް ކުރިއަށްދަނީ މިއުޒިކާ އެކުގަ އެވެ. އެއީ ރޭގަނޑު ދަންވަންދެން (މުނިފޫހި ފިލުވުމަށްޓަކައި) ކެއުމާއެކުގައި، މިއުޒިކްވެސް އެ މާހެފުމުގައިވެ އެވެ.
މިކަންތައްތަކާ އެކު އެބައިމީހުންގެ ދަޢުވާއަކީ މިއީ އެކިއެކި ދެބަސްވުންތަކާއި ޚިލާފްތަކުން އެއްކިބާވެ ހިތްތައް ޖަމަޢަކުރާނެ ކަމެއް ކަމުގަ އެވެ.
ފަހެ، ދަންނަންޖެހެ އެވެ. ސުންނަތުގެ ތިބެގެން މެނުވީ ހިތްތައް ޖަމަޢައެއް ނުކުރެވޭނެ އެވެ. ޝަރީޢަތުގައި އެއަށް އެއްވެސް އަޞްލެތް ކަންތައްތަކެއް ކޮށްގެން ހިތްތައް ޖަމަޢަކުރުމެއް ނޯވެ އެވެ.“ވުމުން، މިޢަމަލުތައް ދޫކޮށް ދީނުގައި ރަމަޟާންމަހާއި ކުރިމަތިލައި އިސްތިޤްބާލު ކުރުމަށް އޮތް ފަދައިން ޢަމަލުތައް ބެހެއްޓުމަށް ނަޞޭޙަތްތެރިވަމެވެ.ފަހަރެއްގައި މީހަކު ބުނެފާނެ އެވެ. މިފަދަ ޤަޞްދެއް އަދި ނިޔަތެއްނެތި ކުރާ ޢަމަލެއް ކަމުގައި ތިމަންނަމެން ވަމު އެވެ.
އެހިނދު ބުނަމެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އަޅުކަމެކެވެ. އެއީ ޝަރުޢު ކޮށްފައިވާ ޢަމަލެކެވެ. ފަހެ، އެ ޢަމަލަށް ނިސްބަތްވާ ގޮތުނުން ކުރެވޭ ޢަމަލެއް ކަމުގައި ވުމުން، މި ޢަމަލުން ދުރުވުން އެދެވިގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts