ބޮޑެތި ފާފަ އެނގިހުރެ ކުރާ މީހާ، އެ ގޮތުން އިސްބާލު ކޮށްގެން ހުންނަ މީހާ ގެ ނަމާދު ޞައްޙަ ވާނެ ހެއްޔެވެ؟ އަދި އެފަދައިން އެނގިހުރެ ނަމާދުކުރާ އިމާމެއްގެ ފަހަތުގައި ނަމާދު ޞައްޙަ ވާނެ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އެނގިހުރެ ގަސްތުގައި އަދި ނޭނގި ހުރެ ކަމުގައިވީނަމަވެސް ބޮޑެތި ފާފަތަކަށް އަރައިގަނެފައިވާ މީހާ ނަމާދާއި މެދު ކޮށްފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.
އިސްބާލު ކުރުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ފާފަ އެކެވެ.
އެކަމުގެ ދަލީލު ތަކުގެ ތެރޭގައި ވެ އެވެ. رسولُ اللهِ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إِزْرَةُ المؤمنِ إلى عضَلَةِ ساقِه، ثم إلى نصفِ ساقِه، ثم إلى كعبِه، وما تحت الكعبَين من الإزارِ ففى النَّارِ) ”މުއުމިނު އަޅާގެ އިޒާރުހުށީ އޭނާގެ ފައިގެ ކުޑަކަޅުވާ ހަމައަށެވެ. (އެއަށްވުރެ ތިރިއަށް ބަހައްޓާނަމަ) އޭނާގެ ފައިގެ މެދާ ހަމައަށެވެ. (އެއަށްވުރެ ތިރިއަށް ބަހައްޓާނަމަ) އޭނާގެ ތަނބިކަށްޓާ ހަމައަށެވެ. އަދި އޭނާގެ އިޒާރުން ތަނބިކަށްޓަށްވުރެ ތިރީގައިވާބައި ވަނީ ނަރަކައިގަ އެވެ.“ صحيح الترغيب 2029
އެހެން ޙަދީޘެއްގައި ވެ އެވެ. (ما أسفلَ من الكعبين من الإزارِ ففي النارِ) ”ތަނބިކަށްޓަށްވުރެ ތިރީގައި އިޒާރުންވާ ކޮންމެބައެއް ވަނީ ނަރަކައިގަ އެވެ.“ صحيح البخاري 5787
ބޮޑެތި ފާފަތަކުގެ ތަޢުރީފްއަށް ބަލާއިރު، ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާން ކުރައްވާ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލު ابن عَبَّاس رضي الله عنهما ވިދާޅުވެފައިވެ އެވެ. ” ބޮޑު ފާފައަކީ : އެ ފާފައަކަށް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކޮންމެ ފާފަ އެކެވެ. ނުވަތަ ނަރަކައިގެ ވަޢީދު ޛިކުރު ކުރެވިފައިވާ ކޮންމެ ފާފައެކެވެ. ނުވަތަ ލަޢުނަތް ވާރިދުވެގެންވާ ކޮންމެ ފާފަ އެކެވެ. ނުވަތަ އީމާންކަން ނަފީ ކުރެވިގެންވާ ކޮންމެ ފާފަ އެކެވެ.“ جامع البيان للطبري 6-652
ވުމުން އިސްބާލު ކުރުމަށް ބަލައިފިނަމަ އެ ފާފައަށް މިފަދައިން ނިޞްބަތް ކުރެވިފައިވާކަން ފެނެ އެވެ.
ތުބުޅި ބޭލުމަކީވެސް ދަލީލުތަކުން އަދި ޢިލްމުވެރިން ބަސްފުޅުތަކުން ބަޔާންވެގެންވާ ގޮތުގައި ބޮޑު ފާފައެކެވެ. الإمام الأَلبَانِي رحمه الله ވިދާޅުވެފައިވެ އެވެ. ”ތުބުޅި ބޭލުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ (ބޮޑު ފާފަ) އެކެވެ. ހަމައެކަނި ޙަަރާމްކަމެއް އެކަންޏެއް ނޫނެވެ.“ فتاوى جدة ش ٢٨
ދެންއޮތީ ބޮޑެތި ފާފަތަކުގެ އަހުލުވެރިން އެ ފާފަތަކުގެ މަތީގައި ދެމިހުރުމަކީ އިސްލާމް ދީނުން ބޭރުވާނެ ކަމެއްތޯ އެވެ؟
ފަހެ އެހިނދުގައި އެކަމަށް ޖަވާބު ލިބިގެންދެ އެވެ. މި މައްސަލައިގައި އަހުލުއް-ސުންނަތް ވަލް-ޖަމާޢަތްގެ ބަސްފުލަކީ، ބޮޑު ފާފައަކަށް އަރައިގަނެގެން އޭގެ ޞާހިބާ މިއްލަތުން ބޭރު ނުވާނެ ކަމެވެ. އެހެނަސް އެއީ ފާސިޤު ޢަމަލެއް ކަމެވެ. އެ ބޮޑު ފާފަ، މިޘާލަކަށް ބަނގުރާ، ޒިނޭ … ފަދަ ފާފަތައް އެމީހަކު ޙަލާލު ނުކުރާހާ ހިނދެއްގައި އެމީހަކު ކާފަރު ނުވާނެ އެވެ. އެ ގޮތުން ބަގުރާއަކީ ހަރާމްކަމެއްކަން އެނގިހުރެ، ބަގުރާ ބޯ މީހާއަކީ ކާފަރެއް ކަމުގައި ނުވެ އެވެ. އަދި އޭނާއަކީ ބަނގުރާ ބުއިމުގެ ސަބަބުން މުރުތައްދުވެ ދީނުން ބޭރުވެ މެރުމަށް އޮތް ފަރާތެއްވެސް ނޫނެވެ.
ވުމުން ބޮޑެތި ފާފަތަކަކީ އެއީ އިސްލާމް ދީނުން ބޭރު ކުރުވާ ކަމެއް ގޮތުގައި ނުވުމުން އެމީހާގެ އިސްލާމްކަން ބަޔާންވެ އެވެ. ފަހެ، މުސްލިމެއްގެ ނަމާދު ޞައްޙަވާނެ ކަމާއި މެދުގައި ޝައްކެތްވެސް ނެތެވެ. އޭނާގެ ނަމާދު ޞައްހަ ނުވާނެ އޭ ބުނުމަކީ ކަނޑައެޅިގެން ދީނުގެ ޢަދުލުވެރި އަދި ޞައްޙަ މަންހަޖުގައިވާ ގޮތާއި ޚިލާފް ގޮތެވެ.
ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم: ޙަދީޘް ކުރެއްވި އެވެ. (لا يزني الزاني حين يزني وهو مؤمن، ولا يشرب الخمر حين يشرب وهو مؤمن، ولا يسرق حين يسرق وهو مؤمن) “ޒިނޭ ކުރާ މީހާ ޒިނޭކުރާހިނދު އޭނާ މުއުމިނެއްގެ ގޮތުގައިވެހުރެ ޒިނޭ އެއް ނުކުރާނެ އެވެ. އަދި ރާބޯ މީހާ އޭނާ ރާބޯހިނދު، މުއުމިނެއްގެ ގޮތުގައިހުރެ ރަލެއް ނުބޯނެ އެވެ. އަދި ވައްކަން ކުރާ މީހާ އޭނާ ވައްކަންކުރާހިނދު، މުއުމިނެއްގެ ގޮތުގައި ނުވާނެ އެވެ.” ފަހެ، އޭނާގެ ކިބައިން ނެތިގެން ދިޔައީ ފުރިހަމަ އީމާން ކަމެވެ. އެހެނީ ވައްކަން ކުރާ މީހާ އަދި ބަގުރާ ބޯ މީހާއަށްވެސް އެކަން ކުރުމުގެ ސަބަބުން ކާފަރެއްގެ ގޮތުގައިވެ މެރުމެއް ނޯވެ އެވެ.
ވުމުން އަޚާ އެވެ! ބޮޑެތި ފާފައިގެ އަހުލުވެރިޔާ ވަނީ ﷲ އަށް އުރެދި އީމާންކަން ބަލިކަށިވެފައިވާ ފަރާތެއްގެ ގޮތުގަ އެވެ. އޭނާ މުޖައްރަދު އެ ފާފައަށް އަރައިގަތުމުން ކާފަރެއް ނުވާހުއްޓެވެ.
ބޮޑު ފާފައިގެ އަހުލުވެރިން ކާފަރު ކުރުމުގައިވަނީ އުއްމަތަށް ފާޅުވި ޚަވާރިޖުންނެވެ. ނުބައިވެގެންވާ އަދި ޝަރުޢީ އިންތަކުން ޙައްދުފަހަނައަޅައިފައިވާ ބައިގަނޑެކެވެ. އެބައިމީހުން ގެންނަ އެންމެހައި އޮޅުވާލުންތަކަށް، އަދި އެކަމަށް ގެނެސްފައިވާ ޝުބުހާތްތައް ސުންނަތުގެ އަހުލުވެރިންވަނީ ހާމަކޮށް އެ ދަލީލުތަކުގެ ޙައްޤު މަފްހޫމް ބަޔާންކޮށް ދެއްވާފަ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.