ނިޔަތްނުގަނެ ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަވާބު : “ ރޯދައަށް ނިޔަތްގަތުމާއި މެދުގަ ބުނަމެވެ.

ނިޔަތެއް ނެތި (ނިޔަތް ނުގަނެ) ރޯދަ ޞައްޙަ އެއް ނުވާނެ އެވެ. އެންމެހައި މަޛްހަބް ތަކުގެ އިމާމުން الحنفيَّة، المالكيَّة، الشَّافعيَّة، الحَنابِلة މި ކަމުގެ މައްޗަށް އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.

އަދި އިޖްމާޢުވެސް މިކަމަށް ކަނޑައެޅިފައިވެ އެވެ.

މި ކަމަށް ދަލީލު ކުރެވިގެންވާ ބައެއް ދަލީލުތަކުގެ ތެރޭގައި، ޞަޙާބީ عُمَرَ بنِ الخَطَّابِ ރިވާކޮށްފައިވާ ޙަދީޘް އެވެ. النَّبيَّ ﷺ ޙަދީޘް ކުރެއްވި އެވެ. (إنَّما الأعمالُ بالنيَّاتِ، وإنَّما لكُلِّ امرئٍ ما نوى) ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ކަމެއްވެ އެވެ.“

ދެވަނަ ދަލީލަކީ : ހަމަކަށަވަރުން ރޯދައަކީ، ދެބަސްވުމެއް ނުވާގޮތުގައި އަޅުކަމެކެވެ. އެހިނދު އެ ޢަމަލަށް ނިޔަތް އޮންނަން ޖެހޭނެ އެވެ. އެއީ ނަމާދު އަދި އެހެނިހެން އަޅުކަންތަކަށްވެސް ނިޔަތް ލާޒިމުކުރުވާ ފަދައިންނެވެ.

އެއަށްފަހު ފަރުޟު ރޯދައަށް ނިޔަތްގަތުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރިން، ފަތިސް ވަޤުތު ވަނުމުގެ ކުރިން އެދުވަހުގައި ރޯދައަށް ހުރުމަށްޓަކައި ނިޔަތް ގަތުން އެމީހެއްގެ ޙައްޤުގައި ވާޖިބުވެގެންވެ އެވެ. މިއީ މި ކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. المالكيَّة، الشَّافعيَّة އަދި الحَنابِلة ގެ ބަސްފުޅެވެ. ޞަޙާބީން ތާބިއީ ބޭކަލުންގެ ތެރެން އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ގިނަ ބޭކަލުން މިފަދައިން ވިދާޅުވެފައިވެ އެވެ.

ޖުމްހޫރު ޢިލްމުވެރިންގެ ޤައުލު (ފަތިސް ވުމުގެ ކުރިން ނިޔަތް ގަންނަން ޖެހޭނެކަން ބަޔާންވެގެންވާ ޤައުލު) ބިނާކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި :

ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (إنَّما الأعمالُ بالنيَّاتِ، وإنَّما لكُلِّ امرئٍ ما نوى) ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ކަމެއްވެ އެވެ.“ މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލު : ރޯދައަކީ އަޅުކަމެކެވެ. ޢަމަލެކެވެ. ޢަމަލެއް ކަމުގައި ކަނޑައެޅިފައިވެއްޖެހިނދު އެ ޢަމަލަކަށް ނިޔަތް އޮންނަން ޖެހޭނެ ކަމެވެ.

އަދިވެސް ދަލީލު ތަކުގެ ތެރޭގައި ހިމެނެ އެވެ. ނަބިއްޔާ ﷺގެ އަނބިކަނބަލުން حفصَةَ -رَضِيَ الله عنها- ވިދާޅުވެފައިވެ އެވެ. لا صِيامَ لِمَن لم يُجمِعْ قبلَ الفجرِ ފަތިސް ކުރިން ނިޔަތް ނުގަތްމީހާ ގެ މައްޗަށް ރޯދައެއް ނުވެ އެވެ. أخرجه النسائي 2336

ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް ގަތުން :

ޔަޢުނީ : ކޮންމެ ދުވަހަކަށް ރޯދައަށް ހުރުމަށް ފަތިސް ވުމުގެ ކުރިން ވަކި ނިޔަތެއްގެ ގޮތުގައި ނިޔަތްގަތުމެވެ. ޢިލްމުގެ އަހުލުވެރިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ޚާއްޞަ ނިޔަތެއް އޮންނަން ޖެހުމާއި މެދުގައި ޚިލާފްވަޑައިގަންނަވާފައިވެ އެވެ.

ފުރަތަމަ ޤައުލަކީ : ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް، އެ ދުވަހަށް ޚާއްޞަކޮށް ނިޔަތް ގަތުން ޝަރުޠުކޮށްފައިވުމެވެ. މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެބޭކަލުންގެ ތެރޭގައި الحنفيَّة، الشَّافعيَّة، الحَنابِلة ހިމެނިވަޑައިގަންނަވަ އެވެ. އެކަމުގެ ދަލީލަކީ النَّبيَّ ﷺ ޙަދީޘް ކުރެއްވި އެވެ. (إنَّما الأعمالُ بالنيَّاتِ، وإنَّما لكُلِّ امرئٍ ما نوى) ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ކަމެއްވެ އެވެ.“

މި ދަލީލުގެ މައްޗަށް ބިނާކޮށް ވިދާޅުވެފައިވެ އެވެ. ”ކޮންމެ ދުވަހަކީ އެއީ ވަކި އަޅުކަމެއްގެ ގޮތުގައި ހިފޭ ރޯދައެކެވެ. ފަހެ، ވަކި އަޅުކަމެއްގެ ގޮތުގައި ކަނޑައެޅިފައި ވުމުން ކޮންމެ ދުވަހަކަށް ވަކިން ރޯދައަށް ހުރުމަށް ނިޔަތްގަތުން ޝަރުޠު ކުރެވެ އެވެ.

އަދިވެސް އެބޭކަލުން ގެންނަވާފައި ޙުއްޖަތްތަކުގެ ތެރޭގައިވެ އެވެ. ނަމާދުގެ މައްޗަށް ޤިޔާސްކޮށް ވިދާޅުވެފައިވެ އެވެ. އެއީ : ރޭގަނޑާއި ދުވާލުގައި ކުރެވޭ ނަމާދުތައް ފަދައިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކީ ވަކި އަޅުކަމެކެވެ. ކޮންމެ ނަމާދަކަށް ވަކި ނިޔަތެއް އޮންނަން ޖެހޭފަދައިން، ކޮންމެ ދުވަހަކަށް ރޯދައަށް ހުރުމަށް ވަކި ނިޔަތެއް ޝަރުޠު ކުރެވެ އެވެ.

ދެވަނަ ޤައުލު : ތަބަޢަވެ، ވިދިވިދިގެން ކުރެވޭ އަޅުކަންތަކުގައި (އެބަހީ : އެއަޅުކަމެއް މެދުކެނޑުމެއްނެތި، ވިދިވިދިގެން ކުރެވޭ ގޮތުގައި ވުމެވެ.

މިޘާލަކަށް ފަރުޟު ރޯދަ އެވެ. އެ އަޅުކަން ފެއްޓުމުގައި ނިޔަތް ގަނެފިހިނދު، ނިޔަތަށް ފުދޭނެ އެވެ. ފަހެ، ވިދިވިދިގެން އަޅުކަން ކުރުން، ހުއްދަވެގެންވާ ޢުޛުރެއްގެ މައްޗަށް ބިނާކޮށް މެދުކެނޑިއްޖެހިނދު އަދި އަލުން އަނެއްކާވެސް އެއަޅުކަން އަދާކުރުމަށް ފަށާހިނދުގައި ނިޔަތް އާކުރުން ހުއްޓެވެ.

މި ޤައުލަކީ المالكِيَّة މަޛްހަބުގެ ޤައުލެވެ. އަދި الحَنَفيَّة މަޛްހަބުގެ ބައެއް ބޭކަލުން މިފަދައިން ވިދާޅުވެފައިވެ އެވެ. ފަހުގެ ޢިލްމުވެރިންގެ ތެރެއިން العلاَّمَة ابن العُثَيمِين -رحمه الله- މި ޤައުލު އިޚްތިޔާރު ކުރެއްވި އެވެ. (الشرح الممتع) 6/356

މައްސަލައިގެ އެންމެ ޞައްޙަ ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެއީ ކޮންމެ ދުވަހަކު ރޯދައަށް ހުރުމަށްޓަކައި ނިޔަތް ގަތުމެވެ. ސަބަބަކީ ކޮންމެ ދުވަހެއްގައި ރޯދައަށް ހުރުމަކީ ވަކި ޚާއްޞަ މުސްތަޤިއްލު ޢަޅުކަމެއްގެ ގޮތުގައިވުމެވެ.

އެހެނަސް ދަންނަ އެވެ. އޭނާގެ ހިތުގައި މާދަމާ ރޯދައަށް ހުރުމަށް ޤަޞްދުކުރުން އެއީ ނިޔަތް ކަމުގައި ފުދޭނެ އެވެ. މާނައަކީ : ހާރުކެއުމަށް ކަނޑައެޅިފައިވާ ވަޤުތުގައި ނުހޭލެވުނު ކަމުގައިވީނަމަވެސް އޭނާ ހިތުން އެފަދައިން ޤަޞްދުކޮށްފިހިނދު އެވަނީ އެދުވަހުގައި ނިޔަތް ޤަނެފަ އެވެ.

الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެމީހަކު މާދަމާ ރޯދަ ހިފާނެކަން ދަނެ އެވެ. ފަހެ އެއީ އެހިނދު ނިޔަތް ކަމުގައި ފުދޭނެ އެވެ.“ الإمام شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. ”މާދަމާއަކީ ރަމަޟާންމަސްކަމުގައި އެނގިފައިވާ މީހާ އަދި އޭނާ ވަނީ ރޯދަހިފުމަށް ބޭނުންވެފަ އެވެ. ފަހެ ހަމަކަށަވަރުން އޭނާވަނީ ރޯދައަށް ނިޔަތްގަނެފަ އެވެ.“ فتاوى الكبرى (3/ 469)

ނިންމާލުމުގެ ކުރިން ބުނަމެވެ. ނިޔަތް ޤަތުމުގެ ގޮތުން ދުލުން ލަފްޟެއް ކަނޑައެޅިފައިނުވެ އެވެ. އަދި ނިޔަތް ދުލުން ކިޔުމަކީ ޘާބިތުކަމެއް ނޫނެވެ. އެއީ ދީނަށް އަލަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލެކެވެ.

الإمام شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. ”އެންމެހައި މުސްލިމުން އިއްތިފާގުވެގެންވާ ގޮތުގައި ނިޔަތް އަޑުހަރުކޮށް ބާރަށް ކިޔުމަކީ، ވާޖިބު އަދި މުސްތަޙައްބު ވެގެންވާ ކަމެއް ނޫނެވެ. އެހެނަސް ނިޔަތް އަޑުހަރުކޮށް ބާރަށްކިޔާ މީހާއަކީ ބިދުޢަވެރި އަދި ޝަރީޢަތާ ޚިލާފަށް ޢަމަލުކޮށްފައިވާ މީހެކެވެ.“ مجموع الفتاوى2/88

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts