ނަމާދުގައި އަދި ނަމާދުން ބޭރުގައި ފިރިހެނާގެ ޢަޥްރަ އަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދުގައި އަދި ނަމާދުން ބޭރުގައި ފިރިހެނާގެ ޢަޥްރަ އަކީ ކޮބައި ކަމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : ނަމާދުގައި އެމީހެއްގެ ޢަޥްރަ ނިވާކުރުން ވާޖިބުވެގެންވެ އެވެ. އަދި ކިޔެއްތަ ނަމާދުގައި ޢަޥްރަ ނިވާ ކުރުމަކީ ނަމާދުގެ ޝަރުޠުތަކުގެ ތެރެއިންވާ ޝަރުޠެކެވެ. އެބަހީ : ނަމާދުގައިވެ އެމީހެއްގެ ޢަޥްރަ ކަޝްފުކޮށްފިނަމަ އެމީހެއްގެ ނަމާދު ބާޠިލްވާނެ އެވެ. އެގޮތުން ޢަޥްރަ ނިވާކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލުގައި، ޢަޥްރަ ކަޝްފުކޮށް ބަހައްޓައިގެން ނަމާދު ކޮށްފި މީހާގެ ނަމާދު ފަސާދަވާނެ ކަމުގައި ޢިލްމުގެ އަހުލުވެރިން އިޖްމާޢުވަޑައިގަންނަވައިފައިވެ އެވެ. މި ޢިޖްމާޢު އިމާމް ابن قدامة المغني (2/284) ގައި ބަޔާންކުރައްވާފައިވެ އެވެ.

ދެވަނައީ : ނަމާދުގައި ފިރިހެނާގެ ޢަވްރަ އެވެ. މި މައްސަލައިގައި ވަރަށް ސާފު ޞަރީޚަ ދަލީލުތައް ބަޔާންވެގެންވެ އެވެ. އޭގެ ތެރޭގައި :

1. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާފައިވެ އެވެ. ”احفظ عورتك إلاّ من زوجتك، أو مما ملكت يمينك“ ”އަނބިމީހާއާއި އަޅުއަންހެނާ ފިޔަވާ އެހެން މީސްތަކުންގެ ކުރިމަތީގައި ޢައުރަ ރައްކައުތެރިކުރާށެވެ.“ މިޙަދީޘް އިމާމް الترمذي (2769) معاوية بن حيدة ގެއަރިހުން ރިވާކުރައްވާ ވިދާޅުވެފައިވެއެވެ. الإمام الألبَانِي -رحمه الله- މި ރިވާޔަތް ޙަސަން ކުރައްވަ އެވެ. صحيح أبي داود 4016

2. ފިރިހެނާގެ ޢައުރައަކީ ފޫޅުގެމަތިންފެށިގެން ކަކުލާހިސާބަށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ފަދައިންނެވެ. عبد الله بن عمرو بن العاص -رضي الله عنه- ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. ”وإذا زوج أحدكم خادمه عبده أو أجيره، فلا ينظر إلى ما دون السرّة وفوق الركبة“ ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޅުއަންހެނާ އެހެން ފިރިހެނަކާ ކައިވެނިކޮށްފި ހިނދެއްގައި އެ އަޅުއަންހެނާއަށް އެޙާލުގައި އެސައްޔިދުގެ ފޫޅާއި ކަކުލާދެމެދަށް ބަލައިގެންނުވާނެއެވެ.“ މިޙަދީޘަކީ أبو داود (496) ގައި ރިވާކޮށްފައިވާ ޙަދީޘެކެވެ. މި ރިވާޔަތް صحيح أبي داود 4114 ގައި އިމާމް الإمام الألبَانِي -رحمه الله- ޙަސަން ކުރައްވާފައިވެ އެވެ.

3. އަދިވެސް ޙަދީޘްފުޅުކުރައްވާފައިވިއެވެ. ”غطِّ فخذك فإنها من العورة“ ”ފައިގެ ފަލަމަސްގަޑު ނިވާކުރާށެވެ. ހަމަކަށަވަރުން އެއީ ޢައުރައިގެ ތެރެއިންވާ ބައެކެވެ.“ މިޙަދީޘް އިމާމް الترمذي (2798) جرهد -رضي الله عنه- ގެ ފަރާތުން ރިވާކުރައްވާފައި ވިދާޅުވެފައިިވެއެވެ.

4. އިމާމް އަލް-ބުޚާރީ ޞަޙީޙުގައި ބާބެއް ބަންނަވައި ވިދާޅުވެފައިވެ އެވެ. [ފައިގެ ފަލަމަސްގަނޑާމެދު ޒިކުރުކޮށްދޭ ބާބު، ابن عباس ، جرهد އަދި محمد بن جحش، ރަސޫލާ صلى الله عليه وسلم ގެ ފަރާތްޕުޅުން ރިވާކުރައްވާފައިވެއެވެ. ”ފައިގެ ފަލަމަސްގަނޑަކީ ޢައުރައިގެ ތެރެއިންވާ ބައެކެވެ.“ އަނަސް ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ފައިގެ ފަލަމަސްގަނޑު ފޮރުއްވިއެވެ. އަނަސްގެ ޙަދީޘްފުޅަކީ ސަނަދުގެ ގޮތުން އެންމެ ހެޔޮޙަދީޘްފުޅެވެ. ޖަރުޙަދުގެ ޙަދީޘްފުޅަކީ ޝައްކުތަކުން ދުރުވެވެެންއޮތް ގޮތެވެ. އެގޮތުން އިޚްތިލާފުން ނިކުމެވެންއޮތީ މިގޮތުންނެވެ.

5. ނަމާދުގައި ފިރިހެނާގެ ޢަވްރަކި ކޮބައިކަން ބަޔާންކުރައްވާ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ނަމާދުގައި އަދި ނަމާދުން ބޭރުގައި ފިރިހެނާގެ ފަލަމަސްގަނޑު ޢަޥްރަ ކަމުގައި ކަނޑައެޅިފައިވެ އެވެ. އަދި މީގެ އިތުރަށް ނަމާދުގައި ކުޅަދާނަވެގެންވާނަމަ ދެކޮނޑުމަތި ރިދާއެއް (ފޮތިގަނޑެއްގެ މިންވަރު އަޅައިގެން ނަމަވެސް) ނިވާކުރުން ހުއްޓެވެ. އަދި ނަމާދުގައި ފޫޅާއި ކަކުލާދެމެދުގެ ތެރެއިން އެއްވެސް މިންވަރެއް ނަމާދުގައި ފާޅުކުރުން ހުއްދަވެގެންނުވާނެ އެވެ. މިއީ ޖުމްހޫރު ޢިލްމުވެރިން ޤާއިމްވެގެންވާ ގޮތެވެ. އަދި ޞައްޙަ ގޮތަކީވެސް މި އެވެ.

ފަލަމަސްގަނޑަކީ ޢަޥްރައެއް ނޫން ކަމުގައި ބައެއް ޢީލްމުގެ އަހުލުވެރިން ވިދާޅުވެފައިވާ ބުނުމަކީ (ދަލީލުތަކުން ދުރުވެގެންވާ) މަރްޖޫހު ޤައުލެކެވެ. ރަސޫލާ عليه الصلاة والسلام  ގެ ޙަދީޘްފުޅުތަކުން ދަލީލު ކުރެވެނީ ހަމަކަށަވަރުން އެއީ ޢަޥްރައެއް ކަމެވެ. އެންމެހައި ވަޤުތުތަކުގައި ފޫޅާއި ކަކުލާއި ދެމެދަކީ ޢަޥްރަ އެވެ. އެހެނަސް ނަމާދުގައި ދެކޮނޑުމަތި ނިވާކުރުން ހުއްޓެވެ…“

އިސްވެ ބަޔާންވެގެންވަނީ ނަމާދުގައި ކޮންމެހެންވެސް ފޫޅާއި ކަކުލާއި ދެމެދުގެ އެއްވެސް މިންވަރެއް ފާޅު ނުވާނެ ގޮތަށް ނިވާކުރުން ވާޖިބުވެގެންވާކަމެވެ. އަދި އެއީ ޢަޥްރައިގެ ތެރޭގައި އެންމެހައި ވަޤުތު ތަކުގައި ހިމެނިގެންވާ ކަމުގެ ދަލީލުތަކެވެ.

ޖަބާވުގައި އެއަށްފަހު ހިމަނާލަނީ، ނަމާދުގައި ދެކޮނޑު ނިވާކުރުމަށް އަމުރު ވެގެންވާ ބަސްފުޅަށެވެ.

ކޮނޑު ނިވާނުކޮށް ހާމައަށް ބަހައްޓައިގެން ނަމާދު ކުރާ މީހާގެ ނަމާދުގެ މައްޗަށް ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.

ފުރަތަމަ ޤައުލަކީ : އިމާމް أحمد ގެ އަރިހުން މަޛްހަބުގައި ވާރިދުވެގެންވާ ރިވާޔަތެކެވެ.

އަދި ކުޅަދާނަވެގެންވާ މީހާ އެމީހާ އެފަދައިން ދެކޮނޑު ނިވާނުކޮށް ހުރެ ނަމާދު ކޮށްފިހިނދު، އެމީހާގެ ނަމާދު ޞައްޙަ ނުވާނެ ކަމާއި އަދި ނަމާދު ބާޠިލްވާނެ ކަމެވެ.

މި ޤައުލު އުއްމަތުގެ ގިނަ ސަލަފުއް ޞާލިޙުންގެ ތެރެއިން ބޭކަލުން ބަޔާންކުރައްވާފައިވެ އެވެ. މި ޒަމާނުގެ އިމާމްވެރި ބޭފުޅުންގެ ތެރެއިން الإمام ابن بَاز-رحمه الله- އިޚްތިޔާރު ކުރައްވާފައިވާ ޤައުލަކީވެސް މި އެވެ.

ދަލީލުތަކުގެ ތެރޭގައި އިމާމް البخاري ގެ ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ. ނަބިއްޔާ صلَّى الله عليه وآله وسلَّم ޙަދީޘް ކުރެއްވި އެވެ. : «لا يصلي أحدكم في الثوب الواحد ليس على عاتقه منه شيء رواه البخاري ومسلم وعنده عاتقيه و عاتقه أيضا

أبي هريرة ގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. އެ ފޮތިގަނޑަކުން ކޮނޑުމަތި އެއްވެސް ވަރަކަށް ނިވާނުވާ ފޮތިގަނޑެއްގައި ތިޔަބައިމިހުންކުރެ އެކަކުވެސް ނަމާދު ނުކުރާށެވެ.“

އަދި އިމާމް މުސްލިމްގެ ރިވާޔަތުގައި ”އެއް ކޮނޑު“ އަދި “ ދެ ކޮނޑު“ މި ދެގޮތަށްވެސް ބަޔާންވެގެންވެ އެވެ.

ފަހެ، ނަހީ ވާރިދުވެގެންވެގެންވުމުން އެއިން ދަލީލުކޮށްދެނީ އެމީހާގެ ނަމާދު ފަސާދަވާނެ ކަމެވެ.

އެހެނަސް ސުންނަތް ނަމާދުގައި ލުއި ދެވިގެންވާކަމަށް الإمام أحمد ގެ އަރިހުން ވާރިދުވެގެންވެ އެވެ.

ސަބަބަކީ ސުންނަތް ނަމާދުގައި އެކިއެކި ކަންކަމުގައި ލުއި ދެވިގެންވުމެވެ.

އަދިވެސް ގެންނަވާފައި ވާ ދަލީލު ތަކުގެ ތެރޭގައި : أبو داود ٦٣٦ ރިވާކޮށްފައިވާ ޙަދީޘްވެސް ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ. «نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُصَلِّيَ الرَّجُلُ فِي سَرَاوِيلَ وَلَيْسَ عَلَيْهِ رِدَاءٌ»

”ކޮނޑުމަތި ނިވާކުރާނެ ފޭރާމެއް ނެތި ތިރިން ފޭރާމެއް އަނދެގެންހުރެ، އެމީހަކު ނަމާދު ކުރުން ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަހީކުރެއްވި އެވެ.“

ފަހެ، މި ޙަދީޘްތަކުގެ ޟާހިރު މާނައަކީ އެމީހާގެ ނަމާދު ޞައްޙަވެގެން ނުވާނެ ކަމެވެ.

ދެވަނަ ޤައުލަކީ : ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެބޭކަލުން ވިދާޅުވެފައިވަނީ، ފަހެ އިސްވެ ދިޔަ ޙަދީޘްތަކުގެ މާނައަކީ ކަރާހާތްތެރިކަމެވެ. އެފަދައިން ނަމާދު ކޮށްފި މީހާގެ ނަމާދު ބާޠިލް ވުމެއް ނޫނެވެ

. ސަބަބަކީ، ނަމާދު ޝަރުޠު ތަކުގެ ތެރޭގައި ހިމެނިގެންވާ ޢަޥްރަ ނިވާކުރުމުގެ ފިރިހެނުންގެ މައްޗަށް ކަނޑައެޅިގެންވާ ޢަޥްރަ ނިވާކުރުމެވެ.

އެހެނަސް (ކޮނޑު ނިވާކޮށް ނަމާދު ކުރުމަކީ) މިއީ މުސްތަޙައްބުވެގެންވާ ޙުކުމެވެ.

ފަހެ އެފަދައިން ނަމާދު ކޮށްފި މީހާއަކީ އޭނާގެ ހަށިގަނޑު ނިވާކޮށްފައިވާ މީހެއް ކަމުގައި ވާނެ އެވެ.

މިބޭކަލުން މިކަމަށް ދަލީލުކޮށްފައިވަނީ ދަލީލުން އަދި ޤިޔާސުންނެވެ.

ދަލީލުތަކުގެ ތެރޭގައި، އެ ދަލީލު ތަކުގެ ތެރޭގައި ޞަޙާބީ جَابِر -رضي الله عنه- ގެ ޞާޙިބާ ވިދާޅުވެފައިވެ އެވެ. ”ތިމަން ޞަޙާބީ އެއް ފޮތިގަނޑުގައި ނަމާދު ކުރައްވަނިކޮށް ދެކެވަޑައިގެންނެވީމެވެ.“

ފަހެ، އެކަމާއި ގުޅިގެން ޞަޙާބީ جابر -رضي الله عنه ވިދާޅުވި އެވެ. ”ނަބިއްޔާ صلى الله عليه وسلم އެންމެ ފޮތުގަނޑެއްގައި ނަމާދު ކުރައްވަނިކޮށް ތިމަން ޞަޙާބީ ދެކެވަޑައިގެންނެވީ މެވެ.“

މާނައީ : އެއްފޮތުގަނޑެއްގައި ނަމާދު ކުރާނަމަ ފުޅިހަށިގަނޑު އެކުއެކީގައި ނިވާނުވާނެ ކަމެވެ.

ސަބަބަކީ ނަބިއްޔާ. صلى الله عليه وسلم އަރިހުން އެހެން ޙަދީޘްތައް މި މައުޟޫގައި ވާރިދުވެގެންވުމެވެ.

އޭގެ ތެރޭގައި އިމާމް البخاري ٣٥٨ ގައި ރިވާކޮށްފައިވެ އެވެ. ޙަދީޘްގައިވެ އެވެ. «أَوَلِكُلِكُمْ ثَوْبَانِ» ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ދެ ފޭރާން (ދެ ފޮތިގަނޑެއް) ލިބިގެންވޭ ހެއްްޔެވެ؟“

ފަހެ، މި ޤައުލުތަކުން ޞައްޙަވެގެންވާ ޤައުލަކީ، و الله أعلم ފުރތަމަ ބަސްފުޅެވެ.

އެމީހަކަށް ކުޅަދާނަކަން ލިބިފައިވެ، އޭނާގެ ދެކޮނޑުމަތިން ފޭރާމެއް އަޅައި ނިވާނުކޮށް ނަމާދު ކޮށްފި މީހާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ.

ސަބަބަކީ އެއީ ޞަރީޙަ އަދި ފާޅުވެގެންވާ އެންމެ ފާޅުކަންބޮޑުގޮތުގައި ދަލީލުގައި ނައްޞުގައި ވާރިދުވެގެންވާ ގޮތެވެ.

ދެންފަހެ، ފިރިހެނާގެ ޢަޥްރަ އެއީ ވަކި ހިސާބެއްގެ ކަމުގައި ބުނެފައިވާ ބުނުމަށް ދެވޭ ރައްދަކީ، ނަމާދުގައި ޢަޥްރަ ނިވާ ކުރުމަކީ ވަކި ޚާއްޞަ ކަމެކެވެ.

އަދި ނަމާދުން ބޭރުގައި ވަކި ޚާއްޞަ ކަމެކެވެ.

އެހިނދު ދެ ބަޔަށް އެއް ޙުކުމެއް ދަލީލު އައުމަށްފަހު ނުނެގޭނެ ކަމެވެ.

ދަންނަ އެވެ! އަތުގައި އެންމެ ފޭރާމެއް ނޫން އެއްްޗެއް ނެތް މީހެކެވެ. ފަހެ، އެމީހާ މި ޙުކުމުގެ ތެރެއަށް ނުވަންނާނެ އެވެ. ފަހެ، ނައްޞުގައި އެމީހާ ވާޖިބުވެގެންވާ ޢަޥްރަ ނިވާކޮށްފިހިނދު އެމީހާގެ މައްޗަށް ފުދޭނެ އެވެ.

ޙަދީޘްގައިވެ އެވެ. عن جابر بن عبد الله رضي الله عنهما قال خرجت مع النبي {صلى الله عليه وسلم} في بعض أسفاره فجئت ليلة لبعض أمري فوجدته يصلي وعلي ثوب واحد فاشتملت به وصليت إلى جانبه فلما انصرف قال ما السرى يا جابر فأخبرته بحاجتي فلما فرغت قال ما هذا الاشتمال الذي رأيت قلت كان ثوب – يعني ضاق – قال فإن كان واسعا فالتحف به وإن كان ضيقا فاتزر به رواه البخاري بهذا اللفظ ورواه مسلم ولفظه إذا كان واسعا فخالف بين طرفيه وإن كان ضيقا فاشدده على حقوك

جابر بن عبد الله رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ކުރެއްވި ބައެއް ދަތުރުތަކުގައި ނަބިއްޔާ އެކު ތިމަންނަ ނުކުތީމެވެ. އެއް ރެއެއްގައި ތިމަންނަ އަމިއްލަ ކަނތައްތަކުގެ ތެރެއިން ކަމެއްގައި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތީމެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ނަމާދު ކުރަށްވަނީއެވެ. ތިމަންނަ ގައިގައި އޮތް އެންމެ ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާކުރުމަށްޓަކައި ގުދުވެ ވީހާވެސް ބޮޑަކަށް ހަށިގަނޑުގައި އެފޮތިގަނޑު އޮޅާލުމަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ އެއްފަރާތުގައި ހުރެ ނަމާދު ކުރީމެވެ. ނަބިއްޔާ صلى الله عليه وسلم ނަމާދުކޮށް އަވަދިވި ހިނދު ދެންނެވިއެވެ. “ އޭ ޖާބިރެވެ. ކޮންކަމަކާއިގެން ނުވަތަ ކޮން ޚަބަރަކާއިގެންތޯއެވެ؟.“ ތިމަންގެ ބޭނުން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވީމެވެ. ދެން ތިމަންނާ ވާހަކަ ދައްކާ ނިމުމުން ޙަދީޘްފުޅު ކުރެއްވިއެވެ. “ ގުދުވެ ފޮތިގަނޑުތެރެއަށް ބޮނޑިވެގަތްގަތުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟.“ ތިމަންނާ ދެންނެވީމެވެ. ތިމަންނާ އަތުގައި އޮތް ހަމައެކަނި ފޮތިގަނޑު މުޅި ހަށިގަނޑު ނިވާ ކުރާކަށް ތަނަވަސްވެގެންނުވެއެވެ. އެހިންދު ޙަދީޘްފުޅު ކުރެއްވިއެވެ. “ އެފޮތިގަނޑު ތަނަވަސްވެގެންވާނަމަ އޭގެން މައްޗާއި ތިރި ނިވާކުރާށެވެ.( އެބަހީ: އިޒާރެއްގެ އިތުން ރިދާ އެއްގެ ގޮތުގައި ބޭނުންކުރާށެވެ.) އެހެނަސް އެ ފޮތިގަނޑު އެކަމަށް ހަނިވެގެންވާނަމަ ހަމައެކަނި ތިރި ނިވާކުރާނެ އިޒާރެއްގެ ގޮތުގައި ބޭނުންކުރާށެވެ. މިއީ އެ ލަފްޒުކުން އިމާމް البخَاري ރިވާކުރެއްވި ލަފްޛެވެ.

އިމާމް مسلم މި ޙަދީޘް ރިވާކުރެއްވި ލަފްޒަކީ “ އެ ފޮތިގަނޑު ފުޅާވެ ތަނަވަސްވެގެން ވާނަމަ ހަށިގަނޑު ގައި އޮޅާލައި ތިރިއާ މަތި ނިވާކުރާށެވެ. ( އެގޮތުން ًއުނަގަނޑުގައި ފޮތިގަނޑު ބެންނެވުމަށްފަހު ކަނާތްފަޅި ވާތު ކޮނޑުމައްޗަށް އެއްލާ އަދި ވައަތްފަޅި ކަނާތު ކޮނޑުމައްޗަށް އެއްލާށެވެ. އެއީ އޭގެ ސަބަބުން މޭމަތި ނިވާކުރުމަށްޓަކައެވެ.) އެހެނަސް އެފަދައިން ކަނތައްކުރުމަށް ފޮތިގަނޑު ހަނިވެގެންވާނަމަ އުނގުގައި އެފޮތިގަނޑު ބަންނާށެވެ.

ނިންމާލުމުގެ ކުރިން ބުނަމެވެ. މިޒަމާނުގައި އިޙްރާމް ބަނުމަށްފަހު، އިޙްރާމުގައި ތިބޭ ބައެއް މީހުން ކޮނޑު ހާމަކޮށް ނަމާދުކޮށްހެދުމުގެ މި އަމަލުގެ މައްޗަށް ސަމާލުވާން ޖެހެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts