ރޯދައަށް ހުރެ މޫނުގައި އަދި ބޮލުގައި ހުންނަ އިސްތަށިތައް ފެމްކުރުމަކީ (ކުލަޖެއްސުމަކީ) ކޮންކަހަލަ ކަމެއް ތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:

ފެމްކުރުން އެއީ ހުދު (ނުރަ އިސްތަށިތައް ކަޅުކުރުން) ނުވަތަ އެހެން ކުލައެއް ޖެއްސުން ކަމެއް ސުވާލުން އެނގޭކަށް ނެތެވެ. ވީމާ، މި ކަމާއިގުޅިގެން ބަޔާންވާ ނުކުތާތަކަށް އިޝާރަތް ކޮށްލާނަމެވެ.

ކުލަ ބަދަލުކުރުން މިއީ ދީނުގައި ޙަލާލްވެގެންވާ މުޢާމަލާތްތަކުގެ ތެރެއަށް ވަންނާނެ ކަމެކެވެ. ދީނުގައި އަޞްލަކީ އަޅުކަންތައްތައް ފިޔަވައި އެހެނިހެން ކަންތައްތައް ދަލީލަކުން ނަހީކުރެވިފައި ނުވާ ނަމަ ޙަލާލު ހުކުމްގައި ވުމެވެ. ދަލީލުތަކުން ދެ ކަމެއް މިކަމުގައި ނަހީ ކުރެވިގެން ވެއެވެ.

1. ބޮލުގައިވާ ނުރަ އިސްތަށިތައް ކަޅުކޮށްގެން ނުވުމެވެ. ސަބަބަކީ މި ޢަމަލަކީ ޙަރާމްވެގެންވާ ޢަމަލެކެވެ. ނަބިއްޔާ ﷺ ވަނީ އެކަން ނަހީ ކުރައްވާފައެވެ. ޙަދީޘްގައި ވެއެވެ. (حينَ جاءَ أبو بكرِ الصديقُ بأبيهِ أبي قُحافَةَ يومَ فتحِ مكةَ يحملِهُ حتى وضعَهُ بينَ يدَيْ رسولِ اللهِ ورأَى رأَسَهُ كأنَّها الثُّغامَةُ بياضًا قال : غيِّرُوا هذا أيِ الشيبَ وجنِّبوهُ السوادُ) ”މައްކާ ފަޠަޙަ ކުރެވުނު ދުވަހުގައި أبو بكرِ الصديقُ ، ބައްޕާފުޅު أبي قُحافَةَ ގޮވައިގެން رسولِ اللهِ ގެ އަރިއަހަށް ވަޑައިގެންނެވިއެވެ. ނަބިއްޔާއަށް (أبو بكرِ الصديقُ ގެ ބައްޕާފުޅުގެ) އިސްތަށިފުޅު ޘުޣާމަ (ހުދުކުލަ ބަޔާންކޮށްދިނުމަށް ބޭނުން ކުރެވޭ ކަލިމައެއް) ފަދައިން ފެނި ވަޑައިގެންނެވިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. އިސްތަށިފުޅުގެ ނުރައިގެ ކުލަ ބަދަލުކުރުން ހުއްޓެވެ. އަދި ކަޅުކުލައާ ދުރުވާށެވެ“ (غاية المرام الألباني، صحيح 105)

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައި ވެއެވެ. ”ފަހެ އަންހެނާ އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުން؛ އިސްތަށިގަނޑު ނުރަވެފައި ވާ ހިނދުގައި، ކަޅު ނޫން ކުލައެއް ޖެއްސުން ހުއްޓެވެ. ސަބަބަކީ ޙަދީޘް ތަކުގައި ނަބިއްޔާ ﷺ އިސްތަށިތައް ކަޅުކުރުން ނަހީކުރައްވާފައި ވުމެވެ“(تنبيهات على أحكام تختص بالمؤمنات ص، 20).

2. ކާފަރު އަންހެނެއް، ފާސިޤު އަންހެނެއް ފެނި އެފަދަ އަންހެނަކާ އެއްވަތްތަރު ވުމަށްޓަކައި، އެފަދަ ސިފައިން ސިފަޖެހުމަށްޓަކައި އެކަން ކުރުމެވެ. ފަހެ، އެހިނދު އެއީ ޙަރާމްވެގެންވާ ޢަމަލަކަށް އަރައިގަނެވުނީއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

(لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320

”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަންކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވިއެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“

އަދި އެހެން ޙަދީޘެއްގައިވެއެވެ. (من تشبَّه بقومٍ فهو منهم) أبي داود 4031. “ބަޔާކާއި އެއްވަތްތަރު ވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ”.

ފަހެ، މިފަދަ އެއްވެސް ޤަޞްދެއް އަދި ސިފައެއް ނެތި ކުލަޖެއްސުން ކަމުގައިވާނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ރޯދައަށް ހުރެ އަދި ރޯދައިގައި ނޫނަސް މިޢަމަލަކީ ހުއްދަވެގެންވާ ޢަމަލެކެވެ. ރޯދައަށް ހުރެ ކުރުން މަނާވެގެންވާކަމަށް ދަލީލެއް ނުވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply