ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި އަނބިމީހާއާ ޖިމާޢުވެއްޖެ މީހާއަށް އޮތް ޙުކުމަކީ ކޮބައިތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރަމަޟާން މަހުގެ ރޯދައަށް ހުރެ، އެ މީހާގެ އަނބިމީހާއާ ޖިމާޢު ވެއްޖެ މީހާގެ މައްޗަށް ޙުކުމްތަކެއް ދީނުގައި ކަނޑައެޅިފައިވެއެވެ. ސުންނަތުގައި ވަރަށް ޞާފު ޞަރީޙަ ދަލީލުން މި ޙުކުމްތައް ޘާބިތު ވެގެންވެއެވެ. މިގޮތުން މި ޙުކުމް އަދި އޭގެ ތަފްޞީލު ހާމަކުރުމަށްޓަކައި الإمام العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن -رحمه الله- ބަޔާން ކުރައްވާފައިވާ ޖަވާބެއް މިތަނުގައި ލިޔަމެވެ.

ސުވާލު : ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި އަނބިމީހާއާ ޖިމާޢުވެއްޖެ މީހާއަށް އޮތް ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު : ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި އަނބިމީހާއާ ޖިމާޢުވުމަކީ، ރޯދަވެރިޔާގެ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ފަހެ، އޭނާއަކީ ދަތުރުވެރިއެއްގެ ގޮތުގައިވެއްޖެ ހިނދުގައި، ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ޖިމާޢުވުން މައްސަލައެއްނެތެވެ. އެއީ އޭނާ އެ ދަތުރުގައި ރޯދަވެރިއެއްގެ ގޮތުގައި ނުވަތަ ރޯދަ ދޫކޮށްލާފައިވާ މީހެއްގެ ގޮތުގައި ވިޔަސްއެވެ. އެހެންނަމަވެސް އޭނާ ރޯދައަށްހުރެ، ޖިމާޢުވެއްޖެ ހިނދުގައި، އެ ދުވަހުގެ ރޯދަ އަލުން ޤަޟާކުރުން ވާޖިބު ވެގެންވާނެއެވެ.

ހަމައެހެންމެ، އޭނާއަކީ ރަމަޟާންމަހުގެ ރޯދަ ހިފުން ލާޒިމްވެގެންވާ މީހެއްގެ ގޮތުގައިވެ، އެހެނަސް ހަނދާން ނެތިގެން ނުވަތަ އެ ޙުކުމުގެ މައްޗަށް ޖާހިލުކަމުގައިހުރެ، އެކަން ކުރުމުން ވެސް އޭނާއަށް އެއްވެސް ޙުކުމެއް ނުވެއެވެ. ސަބަބަކީ ރޯދަގެއްލޭ އެންމެހައި ކަންތައްތަކަކީ، އެއިންކަމެއް އެ މީހަކު ހަނދާން ނެތިގެން ކުރެވުނު ކަމެއްގެ ގޮތައިވާނަމަ، ފަހެ އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ.

ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ހަނދާންހުރެ އަދި އެނގިހުރެ ޖިމާޢުވެއްޖެ މީހާގެ މައްޗަށް 5 ކަމެއް ވެއެވެ. އެއީ:

  1. އެކަމުގެ ސަބަބުން އޭނާ ފާފަވެރިވާނެއެވެ.
  2. އެދުވަހުގެ ރޯދަ ފަސާދަވުމެވެ.
  3. އަދި އެ ދުވަހުގެ ބާކީއޮތް ބައިގައި ރޯދައަށް ހުރުމެވެ.
  4. އެ ރޯދަ ޤަޟާކުރުމާއި އަދި ކައްފާރާ ދިނުމެވެ.
  5. ކައްފާރާއަކީ، އަޅަކު މިނިވަންކުރުމެވެ. އަޅަކު މިނިވަންކުރަން ނުލިބިއްޖެ ހިނދުގައި ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމެވެ. ފަހެ، އެކަމަށް ނުކުޅެދިއްޖެ މީހާ 60 މިސްކީނުންނަށް ކާންދިނުމެވެ.

އެއީ أبوهريرة رضي الله عنه ގެ އަރިހުން އައިސްފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަރިހައަށް ފިރިހެނަކު އައެވެ. އަދި އޭނާ ބުންޏެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަހަރެން ހަލާކުވެއްޖެއެވެ. ފަހެ އެހިނދުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (ما أهلكك) “ތިބާ ހަލާކުވީ ފަހެ ކޮންކަމަކުން ތޯއެވެ؟ އޭނާ ބުންޏެވެ. އަހަރެން ރޯދައަށްހުރެ، އަހަރެންގެ އަނބިމީހާއާ ޖިމާޢު ވެއްޖައީމެވެ”. ފަހެ، އެހިނދުގައި ނަބިއްޔާ صلى الله عليه وسلم އޭނާއަށްއޮތް ކައްފާރާ ބަޔާންކޮށް އަޅެއްމިނިވަންކުރުމަށް ޙަދީޘް ކުރެއްވިއެވެ. އެހިނދުގައި އޭނާ ބުންޏެވެ. ތިކަން ކުރުމަކަށް ތިމަންނައަށް ކުޅަދާނަކަމެއްނެތެވެ. ފަހެ، އެހިނދުގައި ޙަދީޘް ކުރެއްވިއެވެ. “ތިބާއަށްއޮތީ އެހިނދުގައި ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމެވެ”. އެހިނދުގައި އޭނާ ބުންޏެވެ. ތިކަމަށް ކުޅަދާނައެއް ނޫނެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. “ތިބާ 60 މިސްކީނުންނަށް ކާންދޭށެވެ”. އޭނާ ބުންޏެވެ. އެކަމަށް އޭނާއަށް ކުޅަދާނައެއް ނޫނެވެ. އެއަށްފަހުގައި އޭނާ އެތަނުގައި އިށީނދެ އިނެވެ. އަދި ނަބިއްޔާ صلى الله عليه وسلم ކަދުރުތަކެއް ހިއްޕަވައިގެން އޭނާގެ ކައިރިއަށް ވަޑައިގެންނެވުމަށްފަހު، ޙަދީޘް ކުރެއްވިއެވެ. (خذ هذا فتصدق به) “މީގައި ހިފާށެވެ. އަދި މިއިން މީސްތަކުންނަށް ޞަދަޤާތްކުރާށެވެ”. އޭނާ ބުންޏެވެ. ﷲ ގެ ރަސޫލާއެވެ! އަހަރެންނަށްވުރެ ފަޤީރު މީހަކު ވޭތޯއެވެ؟ އަހަރެން ﷲ ޤަންދީ ބުނަމެވެ. މި މަދީނާގެ އަހުލުވެރިންގެ ތެރޭގައި އަހަރެންނަށްވުރެ ފަޤީރު މީހަކު ނުހުންނާނެއެވެ. ފަހެ އެހިނދުގައި ނަބިއްޔާ صلى الله عليه وسلم ގެ ކޮލުގެ ދަތްޕުޅުތައް ފެނިގެންދާ މިންވަރަށް ހިނިފުޅު ވެޑުވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. (أطعمه أهلك) “ތިބާގެ އަހުލުވެރިންނަށް މިއިން ކާންދޭށެވެ”.

ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل ج 19 ص 334

ދަންނާށެވެ! މިތަނުގައި ބަޔާންވެގެންވާ ބޮޑު ކައްފާރާއަކީ ރަމަޟާން މަހުގައި ރޯދައަށް ހުރެ ޖިމާޢުވުމުން ދޭން ޖެހޭ ކައްފާރާ އެކެވެ. އެހެން މަހެއްގައި ރޯދައަށް ހުރެގެން ނޫނެވެ.

الشَّيْخ د. عَرَفَات بن حَسَن المحمدي حفظه الله ވިދާޅުވެފައި ވެއެވެ. ”ރޯދައަށްހުރެ ޖިމާޢުވެއްޖެހިނދު، ދޭންޖެހޭ ކައްފާރާއަކީ ރަމަޟާން މަހުގައި ރޯދައަށްހުރެ، ޖިމާޢުވުމުން އޮތް ކައްފާރާއެކެވެ.

ވާޖިބު ރޯދައެއް ޤަޟާކުރަނިކޮށް، ރޯދައަށްހުރެ، ޖިމާޢުވުމަކުން ޖިމާޢުވުމުގެ ކައްފާރާއެއް ނޯންނާނެއެވެ. އޭނާއަށް އޮތީ އެހިނދު ތަޥްބާވެ ﷲ ގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. ޖިމާޢުވުމުގެ ކައްފާރާއަކީ ރަމަޟާން މައްސަރަށް ޚާއްޞަވެގެންވާ ޙުކުމެކެވެ“.

 والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts