ގުނަވަން ހަދިޔާ ކުރުން ނުވަތަ ބަދަލު ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފުރަތަމައީ : ދަންނަހުއްޓެވެ! މި މައްސަލައަކީ އިންސާނުން އެކިއެކި ގޮތްތަކުން ކުރިއަރައި ގޮސް، ޑަކްޓަރީ ގޮތުން ގިނަ ވަޞީލަތްތައް ލިބި، ކުރިއެރުންތައް ހޯދާފައިވެ އެކަމާއި ގުޅިގެން ބިނާވެގެންވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެކެވެ.

ވުމުން، މި ޢަމަލަށް ކަނޑައެޅި ބަޔާންވެގެންވާ ސާފު ދަލީލެއް ނެތެވެ.

މިއީ އޭގެ ޙުކުމް ގޮތުގައި ބުނެ ނިންމާލެވޭކަށް ދަލީލެއް ނެތެވެ.

އޭގެ ބަދަލުގައި ޝަރީޢަތުގައި ކަނޑައެޅިގައިވާ، ޤަވާޢިދުތަކާއި، މަޞާލިޙުތަކާއި، ގެއްލުމަށްވުރެ ލިބޭ ހެޔޮކަން ބޮޑުވުމާއި ނުވަތަ ހެޔޮކަމަށްވުރެ ގެއްލުން ބޮޑުވުމާއި، މިފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް ޢިލްމުވެރިން އިޖްތިހާދު ކޮށްފައިވާ މައްސަލައެއް ކަމުގައިވެ އެވެ.

އެހެނަސް ގުނަވަންތައް ހަދިޔާ ކުރުމާއި ގުޅޭ ތަފާތު ގޮތްތަކާއި މައްސަލަތައްވެސް ވެ އެވެ.

އެއިން ކޮންމެ ކަމަކަށް އެކަމުގައި ތަފްޞީލުވެސްވެ އެވެ.

އެގޮތުން : އެ ގުނަވަނެއް ހަދިޔާ ކުރުމުގެ ސަބަބުން އިންސާނެއްގެ ދިރިހުރުން ހުއްޓި މަރުވާނެ ކަމުގައި ދެބަސްވުމެއްނެތް ގުނަވަންތަކެއްވެ އެވެ. މިޘާލަކަށް އިންސާނެއްގެ ހިތެވެ. މިފަދަ ގުނަވަނެއް އިންސާނެއް ދިރިހުއްޓައި ހަދިޔާ ކުރުން ހުއްދަނުވާނެ އެވެ. ސަބަބަކީ، އެހިނދު އެއީ ދީނުގައި އަމިއްލަ ނަފްސު ޙައްޤަކާ ނުލައި ޤަތުލުކޮށްލުން ކަމުގައި ކަނޑައެޅިފައިވާ ހުކުމުގެ ތެރޭގައި ހިމެނޭ ޢަމަލަކަށްވާތީ އެވެ. ﷲ ވަހީ ކުރެއްވި އެވެ. (وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا) ”އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާހު ކަމުގައި اللَّه ވޮޑިގެންވެއެވެ.“

ދެންއޮތީ، އެމީހަކު ހަށިގަނޑުން ހަދިޔާކުރާ ގުނަވަނީ އޭގެ ސަބަބުން އެމީހެއްގެ ފުރާނަ ހުއްޓޭނެ ގުނަވަނެއް ކަމުގައި ނުވާ ގުވަންތަކެވެ. މިޘާލަކަށް ކިޑްނީފަދަ ގުނަވަނެކެވެ.

މިފަދަ ގުނަވަންތައް ހަދިޔާ ކުރުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.

ފުރަތަމަ ޤައުލަކީ : އާދަމު ދަރިންގެ ގުނަވަންތައް އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް ބަދލުކުރުން ހުއްދައެއް ނުވާނެ ކަމެވެ.

ދެވަނަ ޤައުލަކީ : އާދަމު ދަރިންގެ ހަށިގަނޑުގެ ގުނަވަންތައް ބަދަލުކުރުން ހުއްދަވެގެންވާނެ ކަމެވެ.

ޝައްކެތްވެސްނެތެވެ. ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން އެކަން ހުއްދަ ކުރައްވަ އެވެ. އެއީ އިސްވެދިޔަ ޝަރުޠުގައިވާ ފަދައިންނެވެ. އޭނާގެ ފުރާނަ ހުއްޓޭނެ ގުނަވަނެއް ކަމުގައި ނުވުމެވެ.

މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީންވެސް ފަތުވާ ނެރުއްވާފައިވެ އެވެ.

އަދި ބައެއް ޢިލްމުވެރިން ގުނަވަންތައް އެފަދައިން ނެގުން ހުއްދަވެގެންވަނީ، ޙަރުބީ ކާފަރުންގެ ހަށިގަނޑުން ކަމުގައިވެސް ޝަރުޠުކޮށްފައިވެ އެވެ. ސަބަބަކީ، ޙަރުބީ ކާފަރަކީ ޙުރުމަތެއް އޮތް ނަފްސެއް ކަމުގައި ނުވުމެވެ. އެހެނަސް މުސްލިމެއްގެ ހަށިގަނޑަކީ ދިރިހުރި ޙާލަތުގައި އަދި މަރުވެފައިވާ ޙާލުގައިވެސް ޙުރުމަތްތެރިކަން ލިބިގެންވާ ހަށިގަނޑެކެވެ.

އިސްވެ ބަޔާން ކުރެވުނު ފަދައިން މައްސަލައަކީ ޢިލްމުވެރިން މެދުގައި ޚިލާފް ބޮޑުވެފައިވާ އަދި އިޖްތިހާދީ މައްސަލަ އެކެވެ. ހުއްދަ ނުކުރާ ޢިލްމުވެރިންނާއި އަދި ހުއްދަ ކުރާ ޢިލްމުވެރިންވެ އެވެ.

العلامة ابن العثيمين -رحمه الله ވިދާޅުވެފައިވެ އެވެ. ”އިންސާނާގެ ޙަޔާތުގައިވެސް އަދި މަރުވުމަށްފަހުގައިވެސް، އިންސާނަކަށް އޭނާގެ އެއްވެސް ގުނަވަނެއް ހަދިޔާއެއް ނުކުރެވޭނެ އެވެ.

ދެންފަހެ، ﷲ ތަޢާލާ އިންސާނާގެ ހަށިގަނޑުގައި އެ ގުނަވަނެއް (ތަކުރާރުވެވޭ ގޮތުގައި- މިޘާލަކަށް 2 ކިޑްނީ) ލައްވާފައިވަނީ އޭގެ ފައިދާއެއް އޮތުމުންނެވެ. އެގޮތުން އިންސާނަކު އޭނާގެ ޙަޔާތުގައި އޭނާގެ އެއް ކިޑްނީ ހަދިޔާ ކުރެ އެވެ. އަހަރެން ބުނަމެވެ. މިއީ ތިބާއަށް ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ، ތިބާއަށް ތިބާއަށް އިނގިލިތަކުގެ ތެރެއިން އިނގިއްޔެއް ބުރިކޮށްލުމަށްވެސް މިލްކުވެގެން ނުވެ އެވެ. ފަހެ، އެހެން ކަމުގައިވަނަމަ، ކިޑްނީއެއް ބުރިކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ. ތިބާ ކިޑްނީއެއް ހަދިޔާ ކުރުމުން ތިބާގެ ހަށިގަނޑުގައި ހުންނާނީ ކިތައް ކިޑްނީ ހެއްޔެވެ؟ ފަހެ، އެހިނދު އެއް ކިޑްނީއަށް ހުރިހައި މަސައްކަތެއް އުފުލަ އެވެ. އެއް ކިޑްނީ އޭގެ އަނެއް ބައިވެރިޔާ އަށް މަސައްކަތް ބަހާއިގެން ކުރަމުން ދިޔަގޮތް ހުއްޓި ހުރިހައި މަސައްކަތެއް އެކައްޗަށް ބަދަލުވެ އެވެ. އެއްކިޑްނީއަށް އަމަލު ކުރުން ބުރަކަމަކަށްވެ އެވެ. އަދި އެ ގުނަވަން ވަރުބަލިވެ ލޮޑުވުން ގާތްވެގެންވެ އެވެ. އެއީ މުޅި ހަށިގަނޑުގެ އެންމެހައި މަސައްކަތެއް އެ ގުނަވަނުން އެކަނި ކުރަން ޖެހުމެވެ. ފަހެ، އެހިނދު، އެމީހަކީ އެއީ އޭނާގެ ނަފްސަށް ގެއްލުން ހޯދައި ދިނުމަށް ސަބަބެއް ކަމުގައިވީ ފަރާތްތަކަމުގައިވެ އެވެ. ފަހަރެއްގައި، އެ ކިޑްނީ ހަލާކުވެ އޭނާ މަރުވެގެންދެ އެވެ. އޭނާ އެ ހަދިޔާކުރި ކިޑްނީ ހަށިގަނޑުގައި ހުރިނަމަ، އޭނާ ސަލާމަތްވީ ހެޔެވެ. މިއީ ފުރަތަމަ ގޮތެވެ.

ދެވަނައީ : ކިޑްނީ ހަދިޔާކޮށް އެ އެހެން މީހަކަށް ދިނުމުން އެ ކިޑްނީ ހަމަޔަޤީނުންވެސް މަސައްކަތްކޮށް ކުރިއަށް ދާނެ ކަމުގައި ޔަޤީންކަން އޮވޭ ހެއްޔެވެ؟ ނޯވެ އެވެ؟ ވުމުން، އެހިނދު މި ކުރެވުނު ޢަމަލަކީ، ޔަޤީނުން ކަށަވަރު ކަމާއެކު ގެއްލުންވާނެ ކަމަކަށް އަރައިގަނެ (2 ކިޑްނީން އެއްކިޑްނީ ދިނުން) ޔަޤީން ކަށަވަރުކާމާއެކު ފައިދާވާނެ ކަމަކަށް ނުބުނެވޭ ކަމަކަށް އެ ކިޑްނީ ހޭދަކުރުމެވެ.

އަދި މަރު ވުމަށްފަހުގައިވެސް ހަދިޔާ ކުރުން ހުއްދަ ނުވާނެ އެވެ. އެމީހެއްގެ ކިޑްނީ އޭނާ މަރުވުމަށްފަހުގައިވެސް ހުއްދައެއް ނުވާނެ އެވެ. އެއީ ނަބިއްޔާގެ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. (كَسْرُ عَظْمِ الميِّتِ ككَسْرِهِ حيًّا) “ މަރުވެފައިވާ މައްޔިތެއްގެ ކައްޓެއް ބިންދާލުން އެއްފަދަވެގެންވަނީ ދިރިހުއްޓާ އޭނަގެ ކައްޓެއް ބިންދާލުމާއެވެ .“

ފަހެ، މި ޙަދީޘްއިން ދަލީލު ކުރެވެނީ، މައްޔިތާއަކީ ދިރިހުރި މީހެއް ފަދައިން ޙުރުމަތްތެރިކަން ލިބިގެންވާ ފަރާތެއް ކަމެވެ. އޭނާ މަރުވުމަށްފަހު، އޭނާގެ ކިޑްނީ ފަދަ ގުނަވަން ދިނުމަށް ވަޞިއްޔަތް ކޮށްގެން ނުވާނެ އެވެ. ސަބަބަކީ، (މި އެންމެހައި ތަކެއްޗެއް) މިލްކުވޮޑިގެންވަނީ ﷲ އަށެވެ. އަދި އިންސާނާއަށް އަމުރުވެވިގެންވަނީ އޭނާގެ ނަފްސު ރައްކާތެރި ކުރުމަށެވެ. (ދީނުގައި މިކަން- އިންސާނާގެ ނަފްސު ރައްކާތެރި ކުރުން އިސްވެގެންވާކަން ބަޔާންވެގެންވާ ކަންތައްތަކުގެ ތެރޭގައި) މީހަކަށް އޭނާގެ ނަމާދުގެ ފަރުޟުތައްވެސް އޭނާގެ ނަފްސު (ޞިއްހަތް) ރައްކާތެރި ކުރުމަށްޓަކައި ވެއްޓިގެން ދެ އެވެ. ތިޔަބައިމީހުން ބަލި މީހުން ދެކެމު ހެއްޔެވެ؟ ފެން ބޭނުން ކުރުމުން އޭނާއަށް ގެއްލުންވެ އެވެ. އޭނާ ނަމާދު ކުރުމަށް އަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ އޭނާއަށް ވާޖިބުވެގެންވަނީ ތަޔައްމަމު ކުރުމެވެ. އެއީ އޭނާގެ ޞިއްޙަތް ރައްކާތެރި ކުރުމަށްޓަކަ އެވެ. ފަހެ، ދިރިހުރި މީހަކު އޭނާގެ ޞިއްޙަތަށް ގެއްލުންވާނެ ކަމެއް ކުރާނީ ކިހިނަކުން ހެއްޔެވެ؟ ނުވަތަ އޭނާ މައްޔިތެއްގެ ގޮތުވާހިނދު، އެ ހަށިގަނޑުގެ ޙުރުމަށް ގެއްލުވާ، ޙުރުމަތް ނަގާލާނީ ކިހިނަކުން ހެއްޔެވެ؟

ވުމުން، ޙަނާބިލާއިން ވިދާޅުވެފައިވަނީ، މައްޔިތާއަށް އެއްވެސް ޙާލެއްގައި އޭނާގެ ގުނަވަނެއް ނުދެވޭނެ އެވެ. އަދި އެފަދައިން ވަޞިއްޔަތް ކޮށްފައި ނަމަވެސް އެ ވަޞިއްޔަތެއް ފުއްދަގެން ނުވާނެ އެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ އެވެ. ) https://www.youtube.com/watch?v=iWnTthS39q8

ވުމުން މިކަން ހުއްދަވެގެން ނުވާކަމުގައި ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ބަސްފުޅުގައިވެސް ނުހަނު ބާރުގަދަ ބުނުން ވެ އެވެ. އަދި ޚާއްޞަކޮށް ނަފްސަށް މިލްކު ކުރެވިގެން ނުވާ އެއްޗެއް ދިނުމާއި، މަރުވުމަށްފަހު ހަށިގަނޑަށް އަނިޔާ ކުރުމުގައި އެކަން ހިމެނިގެންދާކަން އޮތް ޙަދީޘްގެ ތެރެއަށް އެ ވަދެގެން ދާނެ ކަމުގައި ނުހަނު ބޮޑަށް ދަލީލު ކުރެވުމަކީ، މިކަމުގެ މައްޗަށް ބިރުވެތިވާންޖެހޭ ކަމެކެވެ.

އަދި އޭގެ އިތުރަށް ބުނެވެ އެވެ. މަރުވެ ދުނިޔެ ދޫކުރާ މައްޔިތާ ވަޅުލެވެނީ މުޅި ހަށިގަނޑާއެކުގަ އެވެ. އެއްވެސް މީހަކަށް އޭނާގެ އަތް ނުވަތަ ފައި ނުވަތަ އެހެންބައެއް ދޫކޮށްފައި ވަޅެއް ނުލެވޭނެ އެވެ. ފަހެ، ވަޅުލުން އޮތީ މުޅި ހަށިގަނޑެވެ.

އަދިވެސް ބުނަމެވެ. އިންސާނެ ހަށިގަނޑު މަރުވެދިޔަޔަސް، އެ ހަށިގަނޑުގެ އެންމެހައި ގުނަވަންތަކެއް މިލްކުވޮޑިގެންވަނީ ޚާލިޤްވަންތަ ﷲ އަށެވެ. ވުމުން އިންސާނަކު ތިމާއަށް މިލްކުނުވާ އެއްޗެއް ﷲ އެކަމުގައި އަންގަވާފައިވާ ހިނދު (އެއީ މައްޔިތާ ވަޅުލުމަށް) އަންގަވާފައިވީހިނދު، ބައެއް ބައިތައް ނަގާފައި ވަޅުލުމަށް ބުނެވޭނެ ހެއްޔެވެ؟

އަޚާ އެވެ! މި މައްސަލައަކީ އެމައްސަލައިގެ މައްޗަށް (އެތައް ނުރައްކެލެއް ފެންނަން އޮތުމާއި، އަދި އެކަމަކަށް ހުއްދަވެގެންވާކަން ކަނޑައެޅި ބަޔާން ވުމަށް ދަލީލެއް ނެތުމުގެ ސަބަބުން ބައެއް ޢިލްމުވެރިން ބަސް ބުނުމަށް ހުއްޓިފައިވާ މައްސަލައެކެވެ.) އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العَزِيز بن باز -رحمه الله- ހިމެނިވަޑައިގަންނަވަ އެވެ.

ޝެއިޚްގެ ބަސްފުޅުގައި ބަޔާންވަނީ ޝެއިޚް އެކަމުގައި ބުރަވެވަޑައިގަންނަވަނީ އެއްވެސް ގޮތަކަށް ގުނަވަންތައް ދިނުމުން ދުރުވުމަށެވެ. އަދި ހަށިގަނޑަށް ގެއްލުންވެދާނެ އެއްވެސް ކަމަކަށް މަރުވުމަށްފަހު އަރައި ނުގަތުމެވެ.“

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިން މި މައްސަލައިގައި ނެރެފައިވާ ޤަރާރުގައި ގިނަ ބައިތަކަށް އިޝާރާތް ކުރައްވާފައިވެ އެވެ.

އޭގެ ތެރޭގައި : މަރުވެފައިވާ މީހާއަށް، މަރުވެފައިވާ މީހާ އެންމެހައި ވަޞީލަތްތަކުން، މަރުވެއްޖެކަން ޔަޤީންވުމަށްފަހު، ދިރިހުރި މީހާ އެގުނަވަނަށް ޙާޖަތްޖެހި އެ ގުނަވަން ނެތިއްޖެހިނދު އޭނާގެ ދިރިހުރުމަށް ބިރުއޮތްކަން އެނގި ބަޔާންވުމެވެ. އަދި އެކަމަށް ކަނަޑައެޅިފައިވާ ޝަރުޠުތަކުގެ ތެރޭގައި، މައްޔިތާ އެކަމަށް އިޒުނަ ދީފައި ވުމާއި، ނުވަތަ ވާރުވަ ވެރިން އިޛުނަ ދީފައި ވުމެވެ. ނުވަތަ އެމީހެއްގެ ވާރިޘުން ނެތްމީހެއްނަމަ، މުސްލިމުންގެ ވަލިއްޔުލް-އަމްރު އެކަމަށް ހުއްދަ ދިނުމެވެ. قرار مجمع الفقه الإسلامي 18-23 صفر 1408هـ الموافق 6-11 شباط ( فبراير ) 1988 م

ދަންނަ އެވެ! މައްސަލައަކީ އޭގެ އެތައް ގޮތަކުން ވިސްނުމާއި އަދި ބަލަންޖެހޭނެ ޢަމަލެކެވެ. ދިރިހުރި ފަރާތަކަށް އެ ގުނަވަން ދިނުމަށް ޙާޖަތްޖެހިފައިވާ މިންވަރާއި، ދިރިހުރި ފަރާތަށް އެ ގުނަވަން ނުލިބިއްޖެހިނދު ފުރާނައަށް އޮތް ނުރައްކަ ބަޔާންވެ އިނގުމާއި، އެ އެންމެހައި ކަންތައްތަކަށް ތަޤްވާވެރި ކަމާއި، ދީންވެރި އަހުލުވެރިން މެނުވީ ފަތުވާ ދިނުމެއް ނުވެ އެވެ.

ފަހެ، ހުއްދައޭ ބުނެ ދޫކޮށްލުމަކީ މިއީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށެހެޅިދާނެ ކަމެކެވެ. އެގޮތުން ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވަނީ، މަރުވުމުން ގުނަވަންތައް ހަދިޔާކުރުމަކީ ބައެއ މީހުން އެމީހުންގެ ފަޤީރުކަން ފޫބެއްދުމަށް ކުރާ ޢަމަލަކަށްވެ އެވެ. އެގޮތުން ބައްޕަ މަރުވާއިރު ގުނަވަންތައް ހަދަިޔާ ކުރުމަށް ބުނެ އެވެ. ފަހެ، ބައްޕައަށް އޭނާގެ ދަރިންތައް ދިރިއުޅޭ ދަތި ޙާލު އެނގި، މަރުވުމުން އެ ގުނަވަންތައް ނަގައި ވިއްކުމުން ފަޤީރުކަން ފިލައިދާނެ ކަން އެނގެ އެވެ.

ފަހެ، އެހިނދު އެކަން ފޫބެއްދުމަށްޓަކައި ގުނަވަންތައް ހަދިޔާ ކުރުމުގެ ”ޞޫރައިގެ ދަށުގައި“ އެ ގުނަވަނަތައް ނަގައި ވިއްކާލަ އެވެ.

މިފަދަ ނުރައްކާތައް މިކަމުގައިވެ އެވެ.

ފަހެ، ޚުލާޞާއަކީ ،އެމީހަކަށް ނުވަތަ ޢާއިލާގެ އެފަރާތަށް ދިމާވެފައިވާ އެ ޢަމަލުގައި ވަކި ޚާއްޞަ ޙާލަތުގައި ފަތުވާ ހޯދުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts