ރަމަޟާން މައްސަރު އަންނަ ކަމުގެ ޚަބަރު އެހެން މީހަކަށް ދިނުމުން ނަރައިން ސަލާމަތްވާނެ ކަމަށް ބުނުން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
[މިފަދަ ބަސްތައް ފަތުރާ ފަރާތްތައް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ޢަޛާބުގެ މައްޗަށް ރައްކާތެރިވުން ހުއްޓެވެ.]
”ރަމަޟާން މައްސަރު އަންނަ ކަމުގެ ޚަބަރު އެހެން މީސްތަކުންނަށް ފޯރު ކޮށްދީފި މީހާ ނަރަކައިން ސަލާމަތް ކުރައްވާނެ“
މާތް ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކޮށްފައިވާ މި ބަސްތަކަކީ އެއްވެސް ގޮތަކަށް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅެއް ނޫނެވެ.
ސުންނަތް ޖަމަޢަކޮށް ލިޔެފައިވާ އެއްވެސް ފޮތެއްގައި މިއީ ނެތް އެއްޗެކެވެ.
މިއީ ވުޖޫދުގައިވެސް ނެތް ބަސްތަކެވެ.
ރަމަޟާން މައްސަރާއި އަދި އެ މައްސަރުގެ މާތް މަތިވެރިކަމާ މެދުގައި ލިޔެފައިވާ އެއްވެސް ޙަދީޘް ފޮތެއްގައި ނެތް، ވުޖޫދުވެސް ނެތް ބަސްތަކެކެވެ.
އިސްލާމީ އުއްމަތުގައި ނަބިއްޔާގެ ސުންނަތަށް ޚިދުމަތް ކުރެއްވި ބޮޑެތި އިމާމުން އެކި ފަންނުތަކާއި މައުޟޫތަކުގައި ޙަދީޘްތައް ޖަމަޢަ ކުރެއްވި އެވެ.
އެ ގޮތުން ބަލިކަށި ޙަދީޘްތައް ބަޔާން ކުރެއްވި އެވެ.
ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ހަދައިފައިވާ ދޮގު، ބުހުތާނު ޙަދީޘްތައް ބަޔާން ކުރެއްވި އެވެ.
އެފަދަ ފޮތްތަކުގައި މި ބަސްތައް ނެތުމުން، ބަޔާންވަނީ މިއީ ފަހުގެ ދުވަސްތަކުގައި ބަޔަކު ދީނަށް ވައްދާފައިވާ މާތް ނަބިއްޔާ ﷺގެ މައްޗަށް ހަދަހަދައިގެން ދައްކާފައިވާ ބަސްތަކެއް ކަމެވެ.
މިއީ، ކަނޑައެޅިގެން މާތް ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކޮށް ދޮގު ހެދުމެވެ.
އެންމެހައި މުސްލިމް އަޚުންނާއި އުޚްތުންނޭވެ!
ﷲއަށް ބިރުވެރިވުން ހުއްޓެވެ. އެކަލާނގެ ޢަޛާބާއި ޢުޤޫބާތައް ބިރުވެތިވުން ހުއްޓެވެ.
ﷲ ވަޙީ ކުރެއްވި އެވެ.
âإِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لا يُؤْمِنُونَ بِآيَاتِ اللَّهِ وَأُولَئِكَ هُمُ الْكَاذِبُونَá النحل 105
”ދޮގުހަދާކަން ކަށަވަރީ ﷲގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެބައިމީހުންނަކީ ދޮގުވެރިންނެވެ.“
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.
(إِيَّاكُمْ وَالكَذِبَ، فَإِنَّ الكَذِبَ يَهْدِيْ إِلى الفُجُوْرِ، وَالفُجُوْرُ يَهْدِي إِلى النَّارِ)
”ދޮގު ހެދުމުގެ މައްޗަށް ތިޔަބައިމީހުން އިންޒާރު ލިބިގަތުން ހުއްޓެވެ. ހަމަކަށަވަރުން ދޮގުހެދުން މަގުދައްކައިދެނީ ފުޖޫރަށެވެ. (ފާޖިރު، ފާޙިޝް، ނުބައި މުޑުދާރު ފާފަތަކަށެވެ.) އަދި އެ ފުޖޫރު މަގުދައްކައިދެނީ ނަރަކައަށެވެ.“ صحيح البخاري 6094
ދީނުގެ މައްޗަށް ހަދަހަދައިގެން، ބަސްތައް ބުނުމަކީ ކުޑަ ކަމެއް ނޫނެވެ. އާދައިގެ ޢަމަލެއް ނޫނެވެ. ތިމާ ﷲ އޭ ކިޔައިގެން ބަސްތައް ބުނުން އެއީ ކުޑަ އާދައިގެ ކަމަކަށް ވާނެ ކަމަށް މުސްލިމަކު ދެކޭނެ ހެއްޔެވެ؟
ﷲ ފޮނުއްވި މާތް މަތިވެރި ރަސޫލާ އޭ ކިޔައިގެން، ޙަދީޘޭ ކިޔައިގެން ބަސްތައް ހަދަހަދައިގެން ކިޔުން ކުޑަ ކަމެއްގެ ގޮތުގައި ވާނެ ހެއްޔެވެ؟
ވިސްނައި ފިކުރު ކޮށްލުން ހުއެޓެވެ.
މުތަވާތިރުކޮށް ނަބިއްޔާ ﷺ އަރިހުން ޘާބިތުވެގެންވެ އެވެ. ޙަދީޘް ކުރެއްވި އެވެ. (من كذب عليَّ فليتبوأْ مقعدَه من النارِ ) ”ތިމަން ނަބިއްޔާގެ މައްޗަށް ގަސްތުގައި ދޮގުހަދައިފި މީހާ ދަންނަހުއްޓެވެ. ނަރަކައިގައި އެމީހަކަށްވާ ޖާގަ އޭނާ ހޯދާހުށި ކަމެވެ.“ صحيح البخاري 107 صحيح مسلم 3004
ޤަސްތުގައި ތިމާއެނގިހުރެ، ނަބިއްޔާ އޭ ކިޔައިން صلى الله عليه وسلم ނަބިއްޔާގެ މައްޗަށް ދޮގު ހަދައިފި މީހާގެ މައްޗަށް އޮތް ޢުޤޫބާތުގެ ބޮޑު ކަމާ އެވެ. އޭނާ އެވަނީ ނަރަކައިން އޭނާގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.
މާތް ނަބިއްޔާގެ މައްޗަށް ދޮގު ހަދައި ބަސް ބުނެފި މީހާގެ އެ ނުބައި ޢަމަލާއި އަދި އޭގެ ޢުޤޫބާތުގެ ބޮޑުކަމުގެ މައްޗަށް މި ޙަދީޘް ފުދެ އެވެ.
ނަބިއްޔާ ގެ މައްޗަށް ހަދަހަދައިގެން ބަސްބުނެ ދޮގުބަސް ފެތުރުމުގެ ނުބައިކަން ބަޔާންވެގެންވާ އެހެނިހެން ޙަދީޘްތަކުގެ ތެރޭގައި އިމާމް البخاري 1229 ގައި ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إن كذبا علي ليس ككذب على أحد، من كذب علي متعمدا فليتبوأ مقعده من النار) ”ހަމަކަށަވަރުން ތިމަން ނަބިއްޔާގެ މައްޗަށް ދޮގު ހެދުމަކީ އެހެން އެއްވެސް މީހެއްގެ މައްޗަށް ދޮގު ހެދުމާއި -އެއްފަދަ ވެގެންވާ- ކަމެއް ނޫނެވެ. ތިމަން ނަބިއްޔާގެ މައްޗަށް ގަސްތުގައި ގޮދު ހަދައިފި މީހާ، ދަންނާށެވެ! ނަރަކައިން އެމީހަކަށްވާ ޖާގަ އޭނާ ހޯދާހުށި ކަމެވެ.“
އިސްވެ ބަޔާން ކުރި ގޮތަށް ”ރަމަޟާން މައްސަރު އަންނަ ކަމުގެ ޚަބަރު އެހެން މީސްތަކުންނަށް ފޯރު ކޮށްދީފި މީހާ ނަރަކައިން ސަލާމަތް ކުރައްވާނެ“
މިއީ ނަބިއްޔާގެ މައްޗަށް ނިސްބަޔްކޮށް ހަދައިފައިވާ ބޮޑުވެގެންވާ ބުހުތާނު ބަހެއް ކަން ދަންނަ އެވެ.
ތިމާއަށް އެއީ ނަބިއްޔާ ﷺގެ މައްޗަށް ހަދައިފައިވާ ދޮގެއްކަން އެނގިހުރެ، އެ ފަތުރައި މީސްތަކުންގެ ތެރެއަށް ގެންދިޔަ މީހާވެސް ކައްޛާބުން (ދޮގުވެރިންގެ) ތެރެއިން ކަނޑައެޅޭނެ އެވެ.
މިފަދަ ބަސްތައް މީސްތަކުންގެ ތެރޭގައި އޭގެ ޙަޤީޤަތް ހާމަ ކުރުމަށްޓަކައި މެނުވީ ފެތުރުން ހުއްދައެއް ނުވާނެ އެވެ. މީސްތަކުންނަށް މިބަސްތަކުގެ މައްޗަށް އިންޒާރު ދިނުމަށް މެނުވީ ފެތުރުން ހުއްދައެއް ނުވާނެ އެވެ.
މިފަދަ ތަކެތި ފެތުރުމުގައި ﷲއަށް ބިރުވެތިވުން ހުއްޓެވެ.
ޞައްޙަ އެއްޗެއްކަން އެ ފަތުރާ މީހާ ޔަޤީން ކުރަން ޖެހޭނެ އެވެ. ޚާއްޞަކޮށް އެ ވާރިދުވެފައިވާ ފޮތާއި، މަސްދަރު ނެތްހިނދު އެއީ ޞައްޙަ އެއްޗެއް ކަމުގައި ދެކޭނީ ކިހިނަކުން ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.