hukuru dhuvahu dhathuru

ހުކުރު ދުވަހުގައި ދަތުރު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހުކުރު ދުވަހުގައި ދަތުރު ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ހުކުރު ދުވަހުގައި ދަތުރު ކުރާ މީހާއަށް ގިނަ ސިފަތަކެއްވެ އެވެ. އެބަހީ އެއީ އެއް ސިފައެއްގެ މައްޗަށް ކުރެވޭ ޢަމަލެއް ނޫނެވެ.

ފުރަތަމައީ : ހުކުރު ދުވަހުގައި ފަތިސް ވަޤުތުގެ ކުރިން މީހަކު ދަތުރަށް ނުކުތުމެވެ. ނުވަތަ ހުކުރު ނަމާދަށް ފަހުގައި ހުކުރު ދުވަހުގައި ދަތުރަށް ނުކުތުމެވެ.

އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވާ ގޮތުގައި މިއީ ހުއްދަވެގެންވާ ޢަމަލެކެވެ. އެބަހީ އެމީހަކު ދަތުރު ކުރުމުގައި އެއްވެސް މަނާކަމެއް ނެތެވެ.

ދެވަނައީ : ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހުގައި އަދި ހުކުރު ނަމާދަށް ގޮވުމުގެ ކުރިން ދަތުރަށް ފެށުމެވެ.

މި ޙާލުގައި ދަތުރު ފެށުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.

1. އެއްވެސް ކަރާހަތްތެރި ކަމެއް ނެތް ގޮތުގައި އެއީ އެމީހަކަށް ހުއްދަވެގެންވާ ކަމެވެ. މިއީ الحنفية މަޛްހަބުގެ ޤައުލެވެ. އަދި މި ޤައުލަކީ ޞަޙާބީ عمر بن الخطاب އާއި الزبير بن العوام އާއި أبو عبيدة ދެކެވަޑައިގަންނަވާ ގޮތެވެ. ތާބިޢީ ބޭކަލުންގެ ތެރޭގައި الحسن އާއި ابن سيرين މިފަދައިން ވިދާޅުވެ އެވެ. އަދި މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ.

2. ކަރާހަތްރެރި ކަމެއްގެ ގޮތުގައި ވުމެވެ. މި ޤައުލަކީ المالكية އާއި الحنابلة ގެ މަޛްހަބުގައި މަޝްހޫރުވެފައިވާ ޤައުލެވެ. އެބޭކަލުން ކަރާހަތްތެރި ޢަމަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވީ އެމީހަކަށް ހުކުރު ނަމާދުގެ މަތިވެރިކަމާއި މާތްކަން ފާއިތުވެގެންދާނެތީ އެވެ.

3. ޙަރާމްވެގެން ވުމެވެ. މިއީ الشافعية ގެ ޤައުލެވެ.

މި ވަޤުތުގައި ދަތުރު ކުރުމުގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު ބުރަވެވެނީ އެއީ ހުއްދަވެގެންވާ ކަމެއްގެ ގޮތުގަ އެވެ. މިވަޤުތުގައި ދަތުރު ކުރާ މީހާއަށް ދަތުރު ކުރުމަށް އެއްވެސް ކަރާހަތްތެރިކަމެއް ނުވުމެވެ. ސަބަބަކީ، މިވަޤުތުގައި ދަތުރު ކުރުމަށް ޙަރާމްވެގެންވާ ކަމުގައި ބުނުމަށް އެއްވެސް ދަލީލެއް ވާރިދުވެގެން ނުވުމެވެ. އަދި ކަރާހަތްތެރި ކަމުގައި ބުނުމަށްވެސް އެއްވެސް ދަލީލެއް ވާރިދުވެގެންނުވުމެވެ.

އަދި މިފަދައިން ބުނުމަށް (ޙަރާމް ނުވަތަ ކަރާހަތް) އެއްވެސް ޞައްޙަ ޙަދީޘެއް ވާރިދުވެގެން ނުވެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް عبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ، ދަތުރަށް ފަށަނީ ހުކުރު ނަމާދުގެ ބަންގީގެ ކުރިން ކަމުގައިވާނަމަ -އިރު މެދުގައި ޖެހި ފިލައިދާ ވަޤުތުގެ ކުރިން ކަމުގައިވާނަމަ- ފަހެ، إن شاء الله، އެކަމުގައި މައްސަލައެއް ނެތެވެ. އަދި ތިބާއަށް އެންމެ ހެޔޮވެގެންވަނީ ހުކުރު ކޮށްފުމަށް ދާންދެން ދަތުރު ނުކުރުމެވެ. މިއީ ތިބާއަށް އެންމެ ހެޔޮވެގެންވާ ގޮތެވެ. އެހެނަސް ވަޤުތު ވަނުމުގެ ކުރިން ތިބާ ދަތުރު ފަށައިފިހިނދު ފަހެ، އެކަމުގައި ތިބާއަށް އެއްވެސް ކުށެއް ނެތެވެ…“

އަދިވެސް ބުނަމެވެ. ހުކުރު ވަގުތުގެ ކުރިން ދަތުރަށް ފަށާ މީހާއަށް މަނާ ކުރާ ދަލީލުތަކެއްނެތުމުގެ އިތުރަށް ބަސްފުޅުތަކުންނާއި އަޘަރުތަކުން ބަޔާންވަނީ މި ވަޤުތުގައި ދަތުރު ކުރުން ހުއްދަވެގެންވާކަމުގެ މައްޗަށް ބަސްފުޅުތައް ވާރިދުވެފައި ވުމެވެ.

عُمَر بن الخطَّاب އަށް ދަތުރުވެރިއެއްގެ ސިފައިގައިވާ މީހަކު ފެނިވަޑައިގެންނެވި އެވެ. އަދި އެމީހަކު ބުނާއަޑު އިވިވަޑައިގެންނެވި އެވެ. މިއަދަކީ ހުކުރު ދުވަސް ކަމުގައި ނުވާނަމަ ދަތުރަށް ނުކުތީހެވެ. ފަހެ، عُمَر އެހިނދު ވިދާޅުވި އެވެ. ދަތުރަށް ނުކުންނާށެވެ. ފަހެ، ހަމަކަށަވަރުން ހުކުރު ދުވަހަކީ ދަތުރުކުރުން މަނާކުރާ ދުވަހެއް ނޫނެވެ.“ صحيح مُسند الشافعي ص١٦

ހުއްދަވެގެންވާކަން ބަޔާން ކުރައްވާ އިމާމް العراقي ވިދާޅުވެފައިވެ އެވެ. ”މިއީ ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. ޞަޙާބީންގެ ތެރޭގައި عمر بن الخطاب އާއި الزبير بن العوام އާއި أبو عبيدة އަދި ابن عمر ހިމެނިވަޑައިގަންނަވަ އެވެ. އަދި ތާބިޢީ ބޭކަލުންގެ ތެރޭގައި الحسن އާއި ابن سيرين އާއި الزهري ހިމެނިވަޑައިގަންނަވަ އެވެ. އަދ އިމާމުންގެ ތެރޭގައި أبو حنيفة އަދި مالك ގެ ފަރާތުން މަޝްހޫރުވެފައިވާ ގޮތެވެ. އަދި الأوزاعي އަދި أحمد بن حنبل ގެ ފަރާތުން މަޝްހޫރުވެފައިވާ އެއް ރިވާޔަތެވެ…“

އަދިވެސް ބުނެވެ އެވެ. ހުކުރު ވަޤުތު ނުވަންނަހިނދު އެމީހެއްގެ މައްޗަށް ހުކުރު ނަމާދު ވާޖިބެއްވެގެން ނުވެ އެވެ. ވުމުން އެމީހެއްގެ މައްޗަށް އެކަމެއް ވާޖިބު ނުވާހާ ހިނދެއްގައި އެމީހަކު ކުށްފާފަވެރި ވާނެ ކަމުގައި ނުބުނެވޭނެ އެވެ.

ތިންވަނައީ :

އެމީހަކަށް ހުކުރު ވާޖިބުވެފައިވާ މީހާ، އޭނާގެ މައްޗަށް ހުކުރު ވަޤުތު ވަނުމަށްފަހުގައި، އެއީ ހުކުރު ނަމާދަށް ގޮވައިލެވިއްޖެހިނދު އެފަދާ މީހާގެ ޙައްޤުގައި ހުކުރު ފާއިތުވެ ދެވޭ ގޮތަށް ދަތުރަށް ފެށުން ޙަރާމްވެގެންވާނެ އެވެ.

ހަމައެކަނީ ޟަރޫރީ ޙާލަތެއްގައިވާ މިހެއް ފިޔަވަ އެވެ. އެބަހީ، އޭނާ އަށް މިގަޑީގައި އޮތް ފްލައިޓް ނޫން ފްލައިޓެއް ދަތުރު ކުރެވޭކަށް ނެތުމެވެ.

ނުހަނު ބޮޑަށް އެއަށް ބޭނުން ޖެހިފައިވާ ޟަރޫރީ ބޭނުމެއްފަދަ ބޭނުމެއް އެ ފްލައިޓުން ދަތުރު ނުކޮށްފިނަމަ އޭނާއަށް ފާއިތުވެގެން ދަނީ އެވެ. އެބަހީ، އެ ނޫން ގޮތެއް، ދަތުރު ކުރާނެ އެހެން އެއްވެސް ގޮތެއް ނެތުންފަދަ ޙާލަތެއް އައުމެވެ.

ފަހެ، މިފަދަ ޙާލުގައި އެމީހާ އެ ވަޤުތުގައި މިފަދައިން ދަތުރުކުރުން ހުއްދަ އެވެ.

އެވަރުގެ ޙާޖަތެއް ފްލައިޓް ނުވަތަ އޮޑި ދޫކޮށްލުމުން ފާއިތުވެގެން ނުދާ މީހާއަށް އޮތީ ހުކުރު ވަޤުތުގެ ފްލައިޓް ނޫން ފްލައިޓެއް އިޚްތިޔާރުކޮށް ދަތުރު ކުރުމެވެ.

ފަހެ، ހުކުރު ވަޤުތު ވަނުމަށްފަހުގައި ދަތުރު ކުރުން ޙަރާމްވެގެންވާކަން ބަޔާންވެގެންވާ ދަލީލު ތަކުގެ ތެރޭގައި ވެ އެވެ. ﷲ ވަޙީކުރެއްވި އެވެ.

{يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ • } “ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުތުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.“

ވުމުން އާޔަތުގައި ބަޔާންވެގެންވާ ފަދައިން، އެމީހެއްގެ މައްޗަށް ހުކުރު ވަޤުތު ވަދެފައިވާ މީހާ ހުކުރު ފާއިތުވެދާ ގޮތަށް ދަތުރެއް ކުރުން ޙަރާމްވެގެންވެ އެވެ. އިސްވެ ބަޔާންކުރި އިސްތިސްނާ ޙާލަތު ފިޔަވަ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts