ނުވިހާ އޮޕަރޭޝަން ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނުވިހާ އޮޕެރޭޝަން (ޙަޔާތުގައި އަބަދުގެ އަބަދަށް ނުވިހާ ގޮތަށް ހެދުން) މި ކަމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
މިއަދު އުއްމަތުގައިވާ ސުންނަތުގެ ޢިލްމުވެރިން މި މައްސަލައިގައި ޙުކުމް އެކިއެކި ބައިތަކުގެ މައްޗަށް ބިނާކޮށް ޛިކުރު ކުރައްވާފައިވެ އެވެ.
އޭގެ ތަފްޞީލުތައް މިތަނުގައި ބަޔާން ކުރަމެވެ.
ފުރަތަމައީ : ދަރިން ވިހެއުމާއި އަދި އިންސާނާއަށް ދެއްވާފައިވާ އެ ނިޟާމަކީ ﷲ ތަޢާލާގެ ފަޟްލުވަންތަވެރިކަމުގެ ތެރެއިން އިންސާނާއަށް ހިބަކޮށްދެއްވާ ނިޢުމަތެއްކަމުގައި މެނުވީ ނުވެ އެވެ. ވުމުން، މި ނިޢުމަތް ނައްތާލުން ހުއްދައެއް ނުވާނެ އެވެ. މިއީ މިކަމުގެ އަޞްލު ޙުކުމެވެ.
ދެވަނައީ : ފިޤުހީ ޤަވާޢިދުގައިވެ އެވެ. ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެ އެވެ. މިއީ ޝަރުޢުގައި ކަނޑައެޅިފައިވާ އުޞޫލެކެވެ. ވުމުން، ގެއްލުމާއި ހަލާކު އަދި ނަފްސަށް ފުރާނައަށް ގެއްލުން ލިބޭނެ ކަމުގައި ޔަޤީންކަން ނުވަތަ ޔަޤީންކަމާއި ގާތްކުރާވަރަށް އިތުބާރުހިފޭ އަމާނާތްތެރި ޑަކްޓަރުން ލަފާދީފިހިނދު އެ ގެއްލުމުން ސަލާމަތްކަން ހޯދުމަށްޓަކައި މެނުވީ އެކުއެކީގައި ނުވިހާ ގޮތަށް ހެދުން ހުއްދައެއް ނުވާނެ އެވެ. ފަހެ، އެހިނދު ހުއްދަވެގެންވަނީ ލިބިދާނެ ގެއްލުމަކަށްޓަކަ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى التَّهْلُكَة) “ އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!“ ފަހެ، ނަފްސު ހަލާކުވެދިއުމުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި މެނުވީ ހުއްދަ ނުވެ އެވެ. އެއީވެސް ޝަރުޢީ ޤަވާޢިދެކެވެ. ”ދެ ގެއްލުން ޖަމަޢަވެއްޖެހިނދު، އެތަނުން ބޮޑުވެގެންވާ ގެއްލުމުން ސަލާމަތްވުމަށްޓަކައި ކުޑަ ގެއްލުމުގައި ހިފުމެވެ.“
ބޮޑު ގެއްލުމަކީ، ފުރާނަ އަދި ޙަޔާތް ނެތިވެ ދިއުމުގެ ގެއްލުމެވެ. ކުޑަ ގެއްލުމަކީ ﷲ ދެއްވާފައިވާ ނިޢުމަތް ނަގާލުމެވެ. ވުމުން ބޮޑު ފަސާދައިން ދުރުވުމަށްޓަކައި ކުޑަ ފަސާދައަށް އަރައިގަތުމެވެ.
މިއީ މި މަތިވެރިވެގެންވާ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކުގެ ތެރެއިން ޤަވާއިދެކެވެ.
ދަންނަ އެވެ! މި ޢަމަލު ހުއްދަވެގެންދިޔައީ، އަންހެން މީހާގެ ޙަޔާތާއި، ޞިއްހަތަށް އޮތް ބޮޑު ނުރައްކަލަކުން އަންހެން މީހާ ރައްކާތެރިކޮށް ސަލާމަތްތެރިކަން ހޯދުމުގެ ނިޔަތާއި އެކަމުގެ ޤަޞްދެވެ. ފަހެ، މިފަދައިން ވެދާނެ ކަމުގެ މިންގަނޑު ކަނޑައަޅާ ފަރާތް ކަމުގައިވާހުށީ އެކަމަށް ޚާއްޞަވެގެންވާ ޑަކްޓަރުންނާއި އަދި ޞިއްހީ ފަންނުވެރިންނެވެ.
ތިންވަނައީ : ބޭނުންވާވަރަށް ކުދިން ލިބިއްޖެ، ހޯދަން ކަނޑައަޅާފައިވާ ވަރަށް ވިހައިފި، މިފަދަ އެއްވެސް ޙާލަތެއްގައި ﷲ ދެއްވި މި ނިޢުމަތް އަދި ގުނަވަން ބަދަލުކޮށް ޢައިބުކުރުން ހުއްދަވެގެން ނުވާނެ އެވެ. އަދި އަބަދުގެ އަބަދަށް ނުވިހާގޮތް ހެދުން ހުއްދަވާނެ ޙާލެއް ކަމުގައި މިޙާލަތުގައި ނުވެ އެވެ. އެއީ، އިސްވެ ބަޔާން ކުރެވުނު ފަދައިން ވިހެއުމަކީ އަންހެނާގެ ޙަޔާތަށް އަދި ޞިއްޙަތަށް އޮތް ގެއްލުމެއް ކަމުގައި ނުވާތީ އެވެ.
ހަތަރުވަނައީ : ބައެއް ޢިލްމުވެރިން މި މައުޟޫގައި ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާލުމެވެ.
މިއަދު މަދީނާގައި ތިއްބެވި ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ أ. د. سليمان الرحيلي -حفظه الله ވިދާޅުވެފައިވެ އެވެ.
”އެކަން ކުރުން ހުއްދަކުރާ ބޮޑުވެގެންވާ ފަދަ ޟަރޫރީ ޙާލަތެއް މެދުވެރިނުވެ އަބަދުގެ އަބަދަށް ދަރިން ނުލިބޭގޮތް ހަދައި، އެފަދައިން އޮޕަރޭޝަން ކުރުން ހުއްދަވެގެން ނުވެ އެވެ. ސަބަބަކީ، މިއީ ﷲ ދެއްވާފައިވާ ނިޢުމަތެއް ކަމުގައި ވުމާއި އަދި ﷲ އިންސާނާއަށް ހިބަކޮށްދެއްވާފައިވާ އެއިލާހުގެ ފަޟުލުވަންތަ ކަމުގެ ތެރެއިން ހިމެނިގެންވާ ކަމެއް، ބަދަލު ކޮށްލުމުގެ ތެރެއިން އެކުލެވޭ ކަމެއް ގޮތުގައި ވުމެވެ.
އަދިވެސް މި ޢަމަލު ހުއްދަވެގެން ނުވާ ސަބަބުތަކުގެ ތެރޭގައި ޢިލްމުވެރިން ޛިކުރު ކުރައްވާފައިވަނީ، މި ޢަމަލު ހިމެނިގެންދަނީ ނިޢުމަތްތަކަށް ކުފުރު ވުމުގެ ތެރެއިންނެވެ.
އިންސާނާއަށް އޭނާގެ މައްޗަށް ނިޔާކުރެވޭ ގޮތް ނޭނގިފައިވެ، ދިމާވާ ކަންތަކާއި ގުޅިގެން އަނބުރައި ދަރިން ހޯދުމަށް ޙާޖަތް ޖެހިދާނެ ކަމަށްޓަކަ އެވެ. އޭގެ ތެރޭގައި ދަރިން ލިބިފައިވާ އަންހެނަކު އެވަރުން ފުދޭ ކަމުގައި ބުނެ، ނުވިހާ ގޮތް ހަދައިފައިވަނިކޮށް ދަރިންތައް ދުނިޔެ ދޫކުރުމެވެ. ފަހެ، އަންހެން މީހާ ވިހާ ޢުމުރުގައި މިފަދައިން ޢަމަލު ކުރުމުން ޙަޔާތުގެ ބާކީބައި ފާއިތުވަނީ ދަރިން ނުލިބޭ ގޮތުގަ އެވެ.
އަދިވެސް އޭގެ ސަބަބުތަކުގެ ތެރޭގައި، ފިރިމީހާ އަނބިމީހާ ވަރިކޮށް، އެންމެހައި ދަރިން ފިރިމީހާ ނަގައިފިހިނދު، އަންހެން މީހާ އެހެން ފިރިހެނަކާ ކައިވެނި ކޮށް ދަރިން ބޭނުންވި ކަމުގައިވީނަމަވެސް ދަރިން ހޯދުމަކީ ނެތް ކަމެއް ގޮތުގައި ވުމެވެ.
ވުމުން، އަބަދުގެ އަބަދަށް ދަރިން ނުވިހާ ގޮތް ހެދުން ހުއްދަވެގެންނުވެ އެވެ.
އެހެނަސް އޭގެ ބަދަލުގައި ދީނުގައި ހުއްދަވެގެންވަނީ، ވަކި ތަރުތީބެއްގެ ގޮތުގައި، ވަކި ނިޟާމެއްގައި ދަރިން ހޯދާނެ ވަޞީލަތެއް ހޯދުމެވެ. އެގޮތުން އަންހެން މީހާއަށް އެކަމުގައި މަޞްލަޙަތު އޮތް ގޮތް ކަނޑައެޅުމެވެ. ކޮންމެ 5 އަހަރަކުން ނުވަތަ 6 އަހަރަކުން ނުވަތަ އެފަދައިން ނިޟާމެއްގެ ދަށުގައި ދަރިން ހޯދުމެވެ. ދެމަފަރިން އެކުގައި މިފަދައިން ރުހިއްޖެހިނދު، މި ފަދައިން ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ.
އެހެނަސް އޭގެ ބަދަލުގައި އަބަދަށް ނުވިހާގޮތް ހެދުން ހުއްދައެއް ނުވާނެ އެވެ.“ – ޝެއިޚްގެ ބަސްފުޅު ޛިކުރުކޮށްފައިވަނީ އޭގެ މާނައިގަ އެވެ.-
.والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم