ރޯދަތަކުގެ ޢަދަދު ނޭނގޭހާ ގިނަ ރޯދަތައް ދޫކޮށްފައިވާ މީހާ ޢަމަލު ކުރާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޖަވާބު: “ޢަދަދު ނޭނގޭހާ ގިނަ ރޯދަތަކެއް ދޫކޮށްފައިވާ މީހާ އެ ރޯދަތަކާއި މެދުގައި ޢަމަލުކުރާނެ ގޮތާއި މެދުގައި ކޮށްފައި ސުވާލުގައި ބުނަމެވެ.
މިތަނުގައި އެކިއެކި ރޯދަމަހުގައި ގެއްލިފައިވާ ރޯދަތަކުގެ ޢަދަދެއް ނޭނގޭ، މީގެ މުރާދަކީ ކޮބައިތޯ ސާފުވާން ޖެހެއެވެ.
މިތަނުގެ މުރާދަކީ ރޯދަހިފަމުން އަންނަ މީހަކު ޝަރުޢީ ޢުޛުރު ތަކަކާއެކު، އެމީހަކަށް އެކި ރަމަޟާން މައްސަރުތަކުގައި ގެއްލިފައިވާ ރޯދަތައް ނުހިފި އެ ރޯދަތަކުގެ ޢަދަދު އެމީހަކަށް ޔަޤީން ނުވުމެވެ.
ފުރަތަމަ ސިފައަކީ: އެބަހީ؛ އެމީހަކީ ޤަޞްތުގައި ޢުޛުރެއްނެތި ރަމަޟާން މަހުގެ ރޯދަނުހިފާ ދޫކޮށްލި މީހެއް ނޫނެވެ. މިޙާލަތުގައި އެމީހަކަށް އޮތީ ޔަޤީނުން ވެސް ޛިންމާއިން ބަރީޢަވާ ޢަދަދެއްގެ މައްޗަށް ބިނާކޮށް އެރޯދަ ޤަޟާ ކުރުމެވެ. އަދި ހަމައެފަދައިން އެއް ރަމަޟާން މަހުގެ ރޯދަ އަނެއް ރަމަޟާން އައުމުގެ ކުރިން ނުހިފައި ލަސްކުރި ކަމަށްޓަކައި ކޮންމެ ރޯދައަކަށް ފިދުޔަ ދޭންޖެހޭނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެއީ ނުހަނު ބާރުގަދަ ބުނުމެއްކަމުގައިވެސް ވެއެވެ. އަދި ބައެއް ޢިލްމުވެރިން މި ޙާލަތުގައި ފިދުޔަ ދިނުމަކީ ވާޖިބެއް ނޫން ކަމާއި، އެހެނަސް ފުރިހަމަ ކަމެއް ކަމުގައި ވިދާޅުވެއެވެ.
ދަންނާށެވެ! ޝަރުޢީ ޢުޛުރަކާ ލައިގެން ދޫކޮށްފަ ހުރި ރޯދަތައް ޤަޟާނުކޮށް ހުރީ އެޙުކުމުގެ މައްޗަށް ޖާހިލުވުމުގެ ސަބަބުން ކަމުގައި ވީނަމަވެސް ޙުކުމް ވަނީ އިސްވެ ބަޔާން ކުރެވުނު ފަދައިންނެވެ. އޭގެ މިޘާލަކީ، ޙައިޟުވުމުގެ ސަބަބުން ގެއްލޭ ރޯދަތައް ޤަޟާކުރަން ޖެހޭނެކަން ނޭނގުމުގެ ސަބަބުން ގެއްލުނު ސީދާ ޢަދަދު، ޢަދަދު ކުރަން ނޭނގޭވަރަށް އެކިއެކި ރަމަޟާން މައްސަރުގައި ގެއްލިފައިވާ ރޯދަތައް ނުހިފައި ހުރުމެވެ. މި ޙާލަތުގައި އެ ރޯދަތައް ޤަޟާކޮށް ފިދުޔަދޭން ޖެހޭނެކަމަށް ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިގެ ފަތުވާގައިވެއެވެ. ހަމައެފަދައިން الشيخ ابن باز رحمه الله މި ގޮތް އިޚްތިޔާރު ކުރައްވާފައިވެއެވެ.
ދެވަނަ ސިފައަކީ: އެހެނަސް އެ ޖުމްލައިގެ މުރާދަކީ އެމީހަކީ އެ މައްސަރުތަކުގައި އެއްވެސް ގޮތަކަށް ރޯދަހިފި މީހެއް ކަމުގައި ނުވުމެވެ. އެބަހީ، އެމީހެއްގެ ޛިންމަތުގައި ނުހިފައި ހުރި ރޯދަތަކަކީ، ޝަރުޢީ ސަބަބުތަކާ އެކު ދޫކޮށްފައިވާ ރޯދަތަކަށް ނުވުމެވެ.
މިޙާލަތުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ. ބައެއް ޢިލްމުވެރިން އެފަދަ މީހާވެސް އެ ރޯދަތައް ޤަޟާކުރަން ޖެހޭނެކަމަށް ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެމީހާގެ މައްޗަށް އެކަމުގައި އޮތީ ތަޥްބާވުން އެކަނި ކަމުގައި ވިދާޅުވެއެވެ.
މި ޢިލްމުވެރިން ވިދާޅުވަނީ، ޤަޟާކުރުންވަނީ ޝަރުޢީ ޢުޛުރުގެ މައްޗަށް ބިނާވެގެންވާ ކަންކަމުގައެވެ.
މިޘާލަކަށް ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން ވަޤުތުގައި ނަމާދު ކުރުމަށް ހަދާންނެތިގެން ނުވަތަ ނިދުނު މީހާ އެމީހަކު ހޭލެވުމާއެކުގައި ނުވަތަ ހަނދާންވުމާ އެކުގައި ނަމާދު އަވަހަށް ކުރުމެވެ.
މިފަދައިން ޝަރީޢަތުގައިވާ ނުޞޫޞްއަކުން (ޝަރުޢީ ދަލީލަކުން) ޝަރުޢީ ސަބަބަކާއެކު ނޫން ގޮތަކަށް ޤަޟާ ކުރުމަކަށް ދީނުގައި އަމުރެއް ނެތެވެ.
ވުމާއެކު އެނޫން ގޮތަކަށް ޤަޟާ ކުރުމަކީ ދީނުގައި އެކަމަށް އަމުރެއްނެތް ބިދުޢީ ކަމެއްގޮތުގައި މި ޢިލްމުވެރިން ދެކިލައްވައެވެ. މިއީ މިކަމުގައި الشيخ ابن العثَيمِين رحمه الله އިޚްތިޔާރު ކުރައްވާ ގޮތެވެ.
ތިންވަނަ ސިފައަކީ: ހަމައެފަދައިން އެއްގޮތަކަށްވެސް ރޯދަ ނުހިފައި ދޫކޮށްލީ ނަމާދު ގަސްތުގައި އެޅުމާއެކުގައި ވާނަމަ، ޤަޟާކުރުމެއް ނެތްކަން ބުނެވުން ޤާތެވެ. (ސުވާލުގައި ބަޔާންކޮށްފައިވާ ފަރާތް ނިޞްބަތްވުން ގާތްކަން ބޮޑީ މި ސިފައިގެ މައްޗަށްކަމުގައި ގިނަފަހަރުވެއެވެ. ނަމާދު ނުކޮށް އަދި އެހެނިހެން އަޅުކަންތައް ވެސް އޭނާ ވަނީ ދޫކޮށްލާފައެވެ.) އެއީ، އެދުވަސްތަކުގައި އެއްގޮތަކަށްވެސް ނަމާދު ނުކުރާނަމަ އެމީހަކު އިސްލާމްދީނުގެ މަތީގައިވަނީ ކިހިނެތް ހެއްޔެވެ؟ އެފަދަ މީހަކަށްއޮތީ ތަޥްބާވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.