ކާފަރުންގެ ޢީދުތަކަށް ކަތިލެވޭ ތަކެތީގެ މަސް ކެއުމާއި އަދި ތައްޔާރުކުރެވޭ އެހެނިހެން ކާނާތައް ކެއުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ސުވާލުގެ ޖަވާބުގައި އެންމެ ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރަމެވެ.

ޢިލްމުގެ އަހުލުވެރިންވަނީ، އިސްލާމް ދީންނަކީ ހައްޤުދީން ކަމުގައިވެ، އަދި އެއީ ޚާލިޤްވަންތަ ﷲ ފޮނުއްވި އިންސާނުން އެދީނެއްގެ މަތީގައި ޤާއިމްވެ ދެމިތިބުމަށް އަމުރުފުޅު ކުރެއްވި ދީން ކަމުގައިވެ، އެހެނަސް އިސްލާމްދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި، މީސްތަކުން ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ އެކިއެކި ބިދުޢަވެރި ޢީދުތަކުގައި ކަތިލެވޭ ތަކެތީގެ މަސް ކެއުމާއި އަދި ތައްޔާރު ކުރެވޭ ކާބޯތަކެތި ކެއުން ހުއްދަވެގެން ނުވާނަމަ. ކާފަރުންގެ ބާޠިލް އަދި ކުފުރާއި ޝިރުކީ ޢީދު ތަކުގެ މައްޗަށް ތައްޔާރު ކުރެވޭ ކާބޯތަކެއްޗާއި މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟

ނުވަތަ، މުސްލިމުންގެ ތެރެއިން ދީންވެރިކަން ކުޑަ ވެފައިވާ އަދި ކާފަރުންގެ ޢާދަތައް ހޯދައި އެ ކާފަރުންގެ ޢަމަލުތަކާއި އެއްފަދަ އެއްވަތްތަރު ޢީދުތައް ހޯދައި އެފަދަ ޢީދުތަކާއި ގުޅިގެން ތައްޔާރު ކުރެވޭ ކާނާތައްވެސް ހުއްދަ ނުވާނެ ކަމުގައި ކަނޑައަޅުއްވާފައިވީހިނދު، ކުފުރާއި ޝިރުކުގެ އަހުލުވެރިންގެ ބާޠިލް ޢީދުތަކުގެ ކާތަކެތީގެ މައްޗަށް އޮންނާނީ ކޮންފަދަ ގަދަފަދަ ޙުކުމެއް ހެއްޔެވެ؟

ދެވަނައީ ޢިލްމުގެ އަހުލުވެރިން ބަޔާން ކުރައްވާފައިވާ ފަތުވާތަކެވެ.

އިސްލާމް ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ބިދުޢީ ޢީދުތަކުގެ ތެރޭގައި މާތް ނަބިއްޔާގެ ޢީލު މީލާދުގެ ނަމުގައި ފާހަގަ ކުރާ ދުވަސްވެ އެވެ. އެންމެހައި ސުންނަތުގެ އަހުލުވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތް ގޮތުގައި މިއީ ބިދުޢަވެރި ޢަމަލެކެވެ. ބާޠިލް ޢީދެކެވެ. މިއީ ރަސޫލާ އަދި އެއްވެސް ޞަޙާބީއެއް އަދި ތާބިޢީ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް ފަރާތުން ބަޔާންވެގެންވާ ޢަމަލެއް ނޫނެވެ.

އަދި ކިޔެއްތަ އިސްލާމީ އުއްމަތުގެ ފުރަތަމަ 300 އަހަރު ފާއިތުވެދިޔަހިނދު މިއީ ދުނިޔެމަތީގައި ނެތް އެއްޗެކެވެ. ވުމުން، ޝައްކެތްވެސް ނެތް ގޮތުގައި މި ދުވަސް ފާހަގަކޮށް އެއީ ނަބިއްޔާގެ ޙައްޤުގައި ކުރެވޭ ޢަމަލެއްކަމުގައި ދެކުމަކީ ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ކަމެކެވެ.

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ އަދި ފަތުވާ ކޮމެތީގެ މެންބަރު الشَّيخ العَلاَّمة صالِح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.

ސުވާލު : ﷲ ތަޢާލާ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ. ނަބިއްޔާ صلى الله عليه وسلّم ގެ ޢީދު މީލާދު ފާހަގަ ކުރުމަށްޓަކައި ކަތިލާ ތަކެތީގެ މަސް ކެއުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު : ”ހުއްދައެއް ނުވާނެ އެވެ. މިއީ ބިދުޢައެކެވެ. މިއީ ބިދުޢައެކެވެ. އަދި ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢީދެކެވެ. ފަހެ، ބިދުޢަވެރި ޢީދުތަކަށް ކަތިލެވޭ ތަކެތި ޙަރާމްވެގެންވެ އެވެ. އަދި އެ ޢީދަށްޓަކައި ތައްޔާރު ކުރެވޭ ކާބޯތަކެތިވެސް ޙަރާމްވެގެންވެ އެވެ.

ސަބަބަކީ، ބިދުޢަ ދިރުވައި އިޙްޔާ ކުރުމަށްޓަކައި މެނުވީ އެކަންތައްތަކެއް ނުކުރެ އެވެ. ބިދުޢަ އިޙްޔާކޮށް ދިރުވުމާއި އަދި ބިދުޢަ މަތިވެރި ކުރުމަށް މެނުވީ އެކަން ނުކުރެ އެވެ. ވުމުން، އެއްވެސް ގޮތަކަށް އެބައިމީހުންނާއި ބައިވެރިވުމާއި އެމީހުން އެދުވަހަށް ތައްޔާރުކުރި ކާބޯތަކެއްޗެއް އަދި ކަތިލި އެއްވެސް އެއްޗެއް ޙުއްދައެއް ނުވާނެ އެވެ. ސަބަބަކީ، (އެކަންކޮށްފިނަމަ) އެއީ، އެބައިމީހުންނަށް ހިތްވަރު ދިނުމާއި އެމީހުންނަށް ވާގިވެރިވުމާއި އަދި އެމީހުންގެ އެ ބިދުޢަވެރި ޢަމަލަށް އެކަމުގައި އިޤްރާރުވުމެވެ.“

މިއީ އިސްލާމް ދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި ޢީދުތަކުގެ މައްޗަށެވެ. އެފަދަ ޢީދުތަކަށް ތައްޔާރު ކުރެވޭ ކާބޯތަކެތީގެ މައްޗަށް އޮތް ޙުކުމެވެ.

ފަހެ، ކާފަރުން ފާހަގަ ކުރާ ބާޠިލް ޢީދުތަކުގެ ތެރޭގައި އުފަންދުވަސްތައް ފާހަގަ ކުރުންވެ އެވެ. ނުވަތަ ކައިވެނީ އެނިވާސަރީ ފަދަ ދުވަސްތަކެވެ.

މި ދުވަސްތަކަށް ތައްޔާރު ކުރެވޭ ކާނާތަކުގެ މައްޗަށް އޮތީ ކިހިނެތް ހެއްޔެވެ؟

މި މައްސަލައިގައި މިއަދު ދުނިޔެމަތީގައިވާ ސުންނީ ސަލަފީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިން މި ސުވާލުތަކަށް ތަފްޞީލުކޮށް ޖަވާބު ދެއްވާފައިވެ އެވެ.

އޭގެ ތެރޭގައި މަދީނާގެ، މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައިދެއްވާ ޑރ. الشيخ سُلَيمَان الرحَيلي -حفظه الله- ހިމެނިވަޑައިގަންނަވަ އެވެ. ވިދާޅުވެފައިވެ އެވެ.

ސުވާލު : އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ތައްޔާރު ކުރެވޭ ކާބޯތަކެތި، އެ ޙަފްލާއަށް ޙާޟިރު ނުވެ ކެއުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ތިކަމުގައި ތަފްޞީލުވެ އެވެ. ”އެ ކާބޯތަކެއްޗަކީ އެ އެ މުނާޞަބާތަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ ކާބޯ ތަކެއްޗެއް ކަމުގައިވެއްޖެހިނދު، މިޘާލަކަށް ”އުފަންދުވަހުގެ ހަދިޔާ -ކާތަކެތި-“ މިފަދަ ތަކެތި ކެއުން ހުއްދައެއްނުވާނެ އެވެ. ދެންއޮތީ، މި ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ އެއްޗެއް ނޫނެވެ. މުޅި އަހަރު ދުވަސްތެރޭގައިވެސް އެ އެއްޗެއް ތައްޔާރުކޮށް ކެއުމާއި ބުއިމުގައިވެ އެވެ. ފަހެ، މިފަދަ ތަކެތި ކެއުން މައްސަލައެއް ނެތެވެ. އެހެނަސް ދަންނަ އެވެ. ތިބާއަށް އެ ހަދިޔާ ކުރެވުނީ އެވެ.

 

އެހިނދު ތިބާއަށް އެދެވިގެންވަނީ އެ އެއްޗެއް އެމީހަކަށް ރައްދު ކޮށްލުމެވެ. އެއީ އެ ކާބޯތަކެތީގެ ޛާތުގައި ނޫނެވެ. އެހެނަސް އެއީ، ދީނުގައި މަނާ ކުރެވިގެންވާ ޙަފްލާ ބޭއްވުން އިންކާރު ކުރުމަށްޓަކަ އެވެ. މިޘާލަކަށް، ނަބިއްޔާ ގެ ޢީދު މިލާދު، އެމީހެއްގެ އުފަންދުވަސް، އާ އަހަރު ފާހަގަކުރުން، އެފަދަ ޙަފްލާއަށް ތައްޔާރު ކުރެވުނު ކާބޯތަކެތި ތިބާއަށް ހަދިޔާ ކުރެވުނީ އެވެ. ފަހެ، ރައްދު ކޮށްލުން ހުއްޓެވެ. އެ ކާއެއްޗަކީ ޢާދަވެ ތައްޔާރު ކުރެވޭ އެއްޗެއް ކަމުގައިވީނަމަވެސް އެވެ. އެހެނަސް މި ޙަފްލާއަށްޓަކައި އެވަނީ ގެނެސްފަ އެވެ. ފަހެ، އެ ރައްދުކޮށްލާށެވެ.

އެއީ، ކީއްވެ ހެއްޔެވެ؟

އެއީ، އެ ފަދައިން ބޭއްވޭ ޙަފްލާ އިންކާރު ކުރުމަށްޓަކަ އެވެ. އެހެނަސް، އެއީ އެ ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވުނު އެއްޗެއް ނޫން ކަމުގައިވުމުން، އެ ކެއުން ހުއްދަވެގެންވެ އެވެ…“

ވުމުން، މިފަދަ ޢީދުތަކުގެ މައްޗަށް އޮތް ޙުކުމަކީ މިއީ ކަމުގައިވެއްޖެހިނދު، ކުފުރު އަދި ޝިރުކުގެ އަހުލުވެރިންގެ ޝިކުރީ ކުފުރުގެ ޢިދުތަކުގެ މައްޗަށް މި ޙުކުމް ކޮންފަދަ ވަރުގަދަވާނެ ހެއްޔެވެ؟

ޝައްކެތްވެސް ނެތެވެ! އެތައް ގޮތްތަކުން އަދި ސަބަބުތަކުން އެ ކާތަކެތި ހުއްދަ ނުވާނެ އެވެ.

އެންމެ ބޮޑުވެގެންވާ އެއްސަބަބަކީ، އެ ކާތަކެތި ނެގުމާއި އަދި ކެއުންވެގެންދަނީ، އެމީހުންގެ ޢީދުތަކުގައި އެމީހުންނާއި ބައިވެރިވެ އެކަމުގައި އެމީހުންނަށް ވާގިވެރިވެވޭ ޢަމަލެއްގެ ގޮތުގަ އެވެ.

މުސްލިމެއްގެ ހިތުގައި އަދި ނަފްސުގައި އެންމެ ބޮޑުވެގެނެންވާ ނަފްރަތާއި ރުޅިވެރިކަން ވާހުށީ ކުފުރާއި ޝިކުރުގެ މައްޗަށެވެ. އަދި އެ ކުފުރާއި ޝިރުކީ ޢަމަލުތަކާއި އަދި އޭގެ އަހުލުވެރިންގެ މައްޗަށެވެ.

އޭގެ ބަދަލުގައި އެމީހުންގެ މިފަދަ ދުވަސްތަކުގައި ތައްޔާރު ކުރެވޭ ތަކެއްޗާއި، ހަދިޔާތައް ނެގުމަކީ މި ކަންތައްތަކަށް އިންކާރުކޮށް ނަފްރަތު ކުރުމާއި ފުށޫއަރާ ކަމެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts