ރޯދަމަހު ޖުނުބުވެރި ޙާލުގައި ހިނައިނުގަނެހުއްޓާ ފަތިސްވަޤުތާއި ބައްދަލުކުރި މީހާގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ރަމަޟާން މަހުގެ ރޭގަނޑުގެ ވަޤުތުގައި އަނބިމީހާއާ އެއްދާން ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ. (أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ) “ ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ.“

ވުމުން ފިރިމީހާ އޭނާގެ އަނބިމީހާއާ އެއްދާންކޮށް، ޖިމާޢުވެ ދެމަފިރިން ޖުނުބުވެރި ވެފައިވީ އެވެ.

ނުވަތަ ފިރިމީހާ އަނބިމީހާގެ ކިބައިން އެދުން ފުއްދައި ފިރިމީހާ ރަމަޟާންމަހުގެ ރޭގަނޑު ވަޤުތުގައި ޖުނުބުވެރި ވެފައި ހުރީ އެވެ.

ވުމުން، ރަމަޟާން މަހުގެ ރޭގަނޑު ފަތިސް ވުމުގެ ކުރިން އެއްދާންކޮށް ނިމި ޖުނުބުވެރި ޙާލުގައި ހުރީ އެވެ.

މާނައަކީ، ފަތިސް ވަޤުތު އައިސް ބައްދަލު ކުރީ ޖުނުބުވެރި ޙާލުގަ ހުއްޓަ އެވެ. ދެމަފިރިން ނުވަތަ އެކަކު ވަނީ ހިނައި ނުގަނެ އެވެ.

މިފަދައިން، ޖުނުބް ޙާލުގައި ހުރެ އެ ދުވަހުގެ ރޯދަ ހިފުމުގެ ނިޔަތުގެ ތެރެއަށް ވަނުމުގައި އެއްވެސް މަނާކަމެއް ނުވެ އެވެ. ޔަޢުނީ، އޭނާ ޖުނުބުވެރި ޙާލުގައި ހުރެ ފަތސްވަޤުތުވެ އެ ދުވަހުގައި ރޯދައަށް ހުރުމަށް ނިޔަތް ގަތުމުގައި އެއްވެސް މައްސަލައެއް ނުވެ އެވެ.

ނުވަތަ، ޖުނުބުވެރި ޙާލުގައި ހުރެ ހާރު ކެއީ އެވެ. އަދި އެ ގޮތުގައި ހުރެ ފަޖުރުއްޞާދިޤުގެ ވަޤުތާއި ބައްދަލު ކުރީ އެވެ.

މިފަދައިން ރޯދައަށް ހުރުން އެއްވެސް މައްސަލައެއް ނެތެވެ. ހުއްދަވެގެންވެ އެވެ.

ސަބަބަކީ މާތް ނަބިއްޔާ ﷺ  އަރިހުން މި ފަދައިން ވާރިދުވެގެންވު މެވެ.

އިމާމް البخاري 1925 ގައި ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. عَائِشَة އަދި أُم سَلَمَة -رضي الله عنهما- ވިދާޅުވެފައިވެ އެވެ. (كانَ يُدْرِكُهُ الفَجْرُ وهو جُنُبٌ مِن أهْلِهِ، ثُمَّ يَغْتَسِلُ، ويَصُومُ)

”رسولَ اللهِ -صلى الله عليه وسلم- އަނބިންނާއެކުގައި އެއްދާންކުރައްވައި، ޖުނުބުވެރި ޙާލުގައިވެ ފަތިސްވަޤުތާއި ބައްދަލު ކުރައްވަ އެވެ. އެއަށްފަހު ހިނައިވަޑައިގެން އަދި ރޯދައަށް ހުންނަވަ އެވެ.“

މާނައަކީ، ހިނައިވަޑައިގަންނަވަނީ ފަތިސް ނަމާދު ވަޤުތު ވަނުމަށްފަހުގަ އެވެ. ރޯދައަށް ހުންނަ ވަޤުތާއި ބައްދަލުކޮށްފައިވަނީ ޖުނުބެރި ޙާލުގައި ހުންނަވައިގެންނެވެ.

الحَافِظ ابن حَجر -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މިއީ މުޠްލަޤުކޮށް ހުއްދަވެގެންވާ ކަމެއްގެ ގޮތުގައި އެވެ.“ فتح الباري 4-143

މި ޒަމާނުގައި ފާޅުވި ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި އުޅުއްވި العلامة الشيخ عُبيد الجابِري -حفظه الله- ވިދާޅުވެފައިވެ އެވެ. (މަތީގައި ޛިކުރުކޮށްފައިވާ ޙަދީޘް ޝަރަޙަ ކުރައްވާ ވިދާޅުވި އެވެ.)

”މި ޙަދީޘްއަކީ ވަރަށް ޞަރީޙަ ކަމުގައިވާ ދަލީލުތަކުގެ ތެރެއިން ދަލީލެކެވެ. އެއީ ޖުނުބުވެރި ޙާލުގައިވާ ފިރިހެނެއް ނުވަތަ އަންހެނެއް ކަމުގައިވާނަމަވެސް ފަތިސް ނަމާދު ވަޤުތަށް އޭނާ ހިނައިގަތުން ލަސްކޮށް ރޯދައަށް ހުރުން ހުއްދަވެގެންވެ އެވެ. އަދި ހަމަކަށަވަރުން މިއީ އޭނާއަށް އޮތް ކަމެއް ކަމެވެ.“ شرح كتاب الصيام من عمدة الأحكام

ވުމުން، އެމީހެއްގެ ރޯދަ ޞައްޙަވާނެ ކަމާއި މެދުގައި ޝައްކެތް ނެތެވެ.

ދަންނައެވެ! ފަތިސް ވަޤުތު ވަނުމާއެކު ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply