ޑަޔަލަސިސް ހަދާ މީހުން ރޯދަހިފުން އޮތީ ކިހިނަކުންތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޑަޔަލަސިސް ހަދާ މީހުންގެ ރޯދަ ހިފުމާއި މެދުގައި ބުނަމެވެ.

ޑަޔަލަސިސް ހަދާ މީހުން ރޯދަ ހިފުމާއި ގުޅޭގޮތުން ބަސްތައް ބަޔާންވަނީ އެއް ސިފައެއްގައި ނޫނެވެ. އޭގައި އެއްސިފައަށްވުރެ ގިނަ ސިފަވެ އެވެ.

ފުރަތަމައީ : ޑަޔަލިސް ހަދާ ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކެވެ.

ފަހެ، އެގޮތުން ޑަޔަލަސިސް ހަދާ މީހެއްގެ ގޮތުގައިވެ، ޑަޔަލަސިސް ހަދާ ދުވަސްތައް ނޫން އެހެން ދުވަސްތަކުގައިވެސް އެފަދަ ޞިއްޙަތެއް ލިބިފައި ނުވުމެވެ.

އެގޮތުން، ރޯދައަށް ހުރުމުން، ގައިގައި ވަރު ދެރަވުމާއި، ބޯއެނބުރުމާއި، ކޮޅަށް ނުހުރެވުމާއި މިފަދަ ޞިއްޙަތަށް ކުޅަދާނަ ނުވާ ވަރު ވާނަމަ، އެމީހާގެ ޙުކުމަކީ ރަމަޟާން މަހުގައި ރޯދައަށް ނުހުރެވޭ މީހުންގެ ޙުކުމެވެ.

އޭގެ މިޘާލަކީ، ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގައި ބާރުދެރަވެ، ރޯދައަށް ހުރުމުގެ ކުޅަދާނަކަށް ގެއްލިފައިވާ މީހުންފަދަ އެވެ. އެފަދަ މީހުންނާ މެދުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ) ” އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ.“ (ފިދުޔަ ގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. 

ވުމުން، މިއީ އެފަދަ މީހާގެ ޙުކުމެވެ.

އެހެނަސް ޑަޔަލަސިސް ނަހަދާ ދުވަހެއްގެ ގޮތުގައިވެ، އެ ދުވަހުގައި ރޯދައަށް ހުރެވޭކަމުގައިވާނަމަ، އަދި އެފަދަ ޞިއްޙަތެއް ލިބިގެންވާނަމަ ރޯދަ ހިފުން ހުއްޓެވެ.

ދެވަނައީ : ޑަޔަލަސިސް ހަދާ ދުވަސްތަކެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި ޑަޔަލަލިސް ހެދުމަކީ ރޯދަ ގެއްލޭނެ ޢަމަލެވެ. އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންނާއި އިމާމުންގެ ބަސްފުޅަކީ މި އެވެ.

މި ޒަމާނުގައި އުފެދުނު އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العزيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.

”(ޑަޔަލަސިސް) ހެދުމުގެ ސަބަބުން އެދުވަހުގެ ރޯދަ ޤަޟާކުރަން ޖެހޭނެ އެވެ. އޭގެ ސަބަބަކީ، ހަށިގަނޑުގެ ތެރެއަށް ސާފު ލޭ ފޮނުވައިދިނުމާއި އަދި އޭގެ އިތުރަށް ރޯދަގެއްލޭ އެހެނިހެން މާއްދާތައް ހަށިގަނޑަށް ފޮނުވާފައިވުމެވެ.“ مجموع فتاوى ابن باز 15/274 – 275

ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީން ފަތުވާ ދެއްވާފައިވެ އެވެ. (މި ފަތުވާ ފަތުވާ ކޮމެޓީން ނެރުއްވާފައިވަނީ، ޑަޔަލަސިސް ހެދޭ ގޮތަކީ ކޮބައިކަން ސަޢުދީގެ ބޮޑެތި ހޮސްޕިޓަލް ތަކުން ބެލުމަށްފަހުގައި އެކަމުގެ ފަންނީ އަހުލުވެރިންނާއި މަޝްވަރާ ކުރުމަށްފަހުގަ އެވެ.)

”ހަމަކަށަވަރުން ޑަޔަލަސިސް ހެދުމަކީ، އެއީ މަސްނުޢީ މެޝިނަކަށް ބަލިމީހާގެ ލޭ ނެރުމަށްމަފު، އެ ލޭ ސާފުކުރުމަށްފަހު ބަލި މީހާގެ ހަށިގަނޑަށް އަބުރައި އިޢާދަކުރުމެވެ. އަދި އެއާއެކު، ބައެއް ކެމިކަލްގޮތުގައިވާ (އައިވީ) ހަށިގަނޑުގައި ވަރުޖައްސައިދޭ ހަކުރާއި އަދި ލޮނުގެ -މާއްދާ-ވެސް އެ ލެއާ އެކު ފޮނުވެ އެވެ.

ފަހެ، ފަތުވާކޮމެޓިން މިފަދައިން މައްސަލަ ދިރާސާކޮށް ބެލުމަށްފަހުގައި، ޑަޔަލަސިސް ހެދުމުގެ ޙަޤީޤަތަކީ ކޮބައިކަމުގެ މައްޗަށް ބަލައި ނަޟަރު ހިންގައި އަދި އެކަމުގެ ފަންނީ މާހިރުންގެ ބަސްތަކަށްފަހު، (ބަޔާންކުރަނީ) ހަމަކަށަވަރުން އިސްވެދިޔަ ގޮތުގައި ޑަޔަލަސިސް ހެދުމުން ރޯދަ ފަސާދަވާނެ އެވެ.“ (10/190)

ވުމުން، ޚުލާޞާއަކީ، ޑަޔަލަސިސް ހެދުމުން ރޯދަ ގެއްލޭނެ އެވެ. އަދި އެ ރޯދަ ހިފުމުގެ ޞިއްޙަތެއް ރަމަޟާން މަހުގައި ލިބިފައިވާނަމަ ރޯދަ ޤަޟާ ކުރުން ހުއްޓެވެ. ނަމަވެސް ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން އެފަދަ ޞިއްޙަތެއް ލިބިފައި ނުވާނަމަ، އެމީހަކީ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިފައި ނުވާ ފަރާތެކެވެ. އަދި އޭނާއަށް އޮތީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ.

އެއީ ހަޑުލުން ބަލާނަމަ 1.5 ކިލޯ ހަޑުލުގެ މަގުން ނެރުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply