ޖިހާދުކުރުމުގައިވާ ބައެއް ޖަމާޢަތްތައް ޖިހާދުކުރުމުގެ ޞައްޙަ މާނައިން ބޭރުވެފައިވާ ބައެއްކަން ބަޔާންކޮށްދިނުން
ލިޔުއްވީ الشَّيخ د. عَبد السَّلام السُّحَيمِي حفظه الله
ތަރުޖަމާ ކުރެއްވީ އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله
އިސްލާމްދީނުގައި ޖިހާދުކުރުމުގެ މާނައިގައި މިޒަމާނުގައި އުފެދިފައިވާ ބައެއް ބައިގަނޑުތައް މީސްތަކުންނަށް (ޖިހާދުކުރުމުގެ ޙައްޤުމާނަ) އޮޅުވާލާފައިވެ އެވެ. އިސްލާމްދީނުގައި ޖިހާދުކުރުމާ ނަފީވެފައިވާ ނުހަނު ބޮޑެތި ޖަރީމާތަކަކީ އެއީ ޙައްޤު ޖިހާދުކުރުން ކަމުގައި މި ޖަމާޢަތްތަކުގެ އަހުލުވެރިންބުނެ އެވެ. އިސްލާމްދީންވަނީ މި ނުބައިވެގެންވާ (ޙައްޤުގޮތާއި) ޚިލާފްވެގެންވާ ޢަދާވާތްތެރި އަހުލުވެރިންގެ ފަރާތުން ބަރީއަވެގެންނެވެ.
މުސްލިމް ބައެއް ޤައުމުތަކުގައި ދެވުނު ޖާނުންފިދާވުމުގެ ޙަމަލާތަކާއި، ބޮންގޮއްވުމުގެ ސަބަބުން އެތަކެއް މަޢުޞޫމް އަހުލުވެރިން އޭގެ ޝިކާރައަކަަށް ވެގެން ހިނގައްޖެ އެވެ. އޭގެ ސަބަބުން މަޢުޞޫމް އެތަކެއް މުސްލިމުންގެ ލެއާއި އަދި ޢަހުދުތަކުގައިވާ މަޢުޞޫމް އެތައްބަޔަކު ދުނިޔެ ދޫކޮށް ހިނގައްޖެ އެވެ. އޭގެ އިތުރުން އެތައްބައެއްގެ މުދާތައް ސުންނާފަތިކޮށް، ޤައުމުގެ އަމަންއަމާންކަން ބިރުވެރި ޙާލަތަކަށްދެ އެވެ. މިއީ ޖިހާދުކުރުމުގެ ތެރޭގައި އެކުލެވިގެންވާ ކަމެއްގެގޮތުގައި ހަދައި އެގޮތުގައިދެކެ އެވެ. ބައެއް ޒުވާނުން މި ނުރައްކާތެރި ނުބައި އަނދަވަޅުގެ ތެރެއަށް ވެއްޓިގެން ގޮސްފައިވެ އެވެ. އެ ޒުވާނުންނަށް އެނގިފައިވަނީ އެއީ ﷲ ގެ ހަޟުރަތަށް ޝަހީދުވެގެން ދިއުންކަމުގައެވެ. އެ ޝަހާދަތު ހޯދުމަށްޓަކައި އަވަސްވެގަންނަނީ އެވެ. ސުވަރުގެއަށް ވަނުމަށާއި، ޙޫރުލްޢީނުން ހޯދައިގަތުމަށް އަވަސްވެގަންނަނީ އެވެ.
އެހެނަސް ޙަޤީޤަތުގައި މި ނުރައްކައުތެރިކަން ބޮޑުވެގެންވާ މުންކަރާތެއްގެ ގޮތުގައިވާ ޢަމަލަކީ ނުހަނު އަވަސްކަމާ އެކުގައި ނަރަކައަށް ވަދެވިގެންދާ ޢަމަލެކެވެ. وَالعِيَاذُ بالله. ވުމާއެކު ދަންނަހުއްޓެވެ. ހަމަކަށަވަރުން ސުވަރުގެއަށް ދެވޭނެ މަގަކީ ﷲ އަށް ކިޔަމަން ގަތުމުގައި އަދި رَسُوْلُ اللهِ ﷺ އަށް ކިޔަމަން ގަތުމުގައި ލާޒިމްވެގެންވާ ގޮތުގައި ދެމިހުރުމެވެ. ﷲ އަށް އުރެދުމުގައި އަދި رَسُوْلُ اللهِ ﷺ އަށް އުރެދުމުން އެއްކިބާވެ ހުރުމުންނެވެ. އަދި ﷲ ކޯފާވެވޮޑިގަންނަވާ އަދި ރުހިވޮޑިނުގަންނަވާ އެންމެހައި ކަންތައް ދޫކޮށްގެންނެވެ.
ހަމަކަށަވަރުން المملكة العربية السعودية އަދި އެނޫން ޤައުމުތަކުގައި ދެވިފައިވާ ބޮންގޮއްވުމާއި ޖާނުންފިދާވެ ދެވޭ އެންމެހައި ޙަމަލާތަކަކީ ﷲ އަށް އުރެދުމުގައި ކުރެވިފައިވާ ކަންތައްތަކެވެ. އެއީ ހަމަކަށަވަރުން ނަބިއްޔާ ގެ ބަސްފުޅުތަކާއި ނަބިއްޔާ ގެ ޢަމަލުފުޅުތަކާއި ސީރަތާ އިދިކޮޅަށް އެއާ ޚިލާފަށް ކުރެވޭ ކަންތަކެވެ.
ހަމަކަށަވަރުން އިސްލާމް ދީނުގައި މުއުމިނު އެއްވެސް ނަފްސެއް ޙައްޤަކާ ނުލައި މަރާލުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއްބަސްވުމާއި އަޙުދުތަކުގައި ތިބި މީސްތަކުން މަރާލުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ދޮގުހެދުމާއި، އެއްބަސްވުންތަކުގެ މައްޗަށް ބޭފަވާތެރިވުމާއި، ޚިޔާނާތްތެރިވުމާއި މުސްލިމްވެރިންނާ ދެކޮޅަށް ނުކުތުން އަދި ވެރިން އަމުރުކުރާ ހެޔޮކަންތައްތަކަށް ކިޔަމަން ނުވުމަކީ ޙަރާމްވެގެންވާ ކަމެކެވެ.
އަމިއްލަ ނަފްސު ޤަތުލުކުރުމަކީ ޙަރާމް ކަމެއްގެ ގޮތުގައި ޝަރީޢަތުގައިވެ އެވެ. މި ބައިގަނޑުގެ އަހުލުވެރިން މި އެންމެހައި ކަންތަކެއް ކޮށްފި އެވެ. وَالعِيَاذُ بالله. އަދި ކިޔެއްތޯ؟ ހަމަކަށަވަރުން އެބައެއްގެ މައްޗަށް ޖިހާދު ޝަރުޢުވެގެންވާ މީސްތަކުން ކަމުގައިވާ ކާފަރުންނާ ދެކޮޅަށް ޖިހާދުކުރެވޭއިރު (އެފަދަ ޖިހާދުތަކުގައިވެސް) ކާފަރުންނާއި އެކުގައި ޢަމަލީގޮތުން ބައިވެރިނުވާ މީސްތަކުން ޤަތުލުކުރުން ނަހީކުރެއްވި އެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން، އަދި މުސްކުޅިވެ ދުވަސްވެފައިވާ މީހުން ފަދަ މީސްތަކުން ޤަތުލުކުރުން ނަހީކުރެއްވި އެވެ.
އެހެންކަމުގައިވީ ހިނދު އަމަންއަމާން ކަމުގައިވާ މުސްލިމުން ޤަތުލުކުރެވޭނީ ކިހިނަކުންތޯ އެވެ. ނުވަތަ ޢަހުދުތަކުގައި ދެމިތިބި، އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަމުންދާ ޤައުމެއްގައި އެބައެއްގެ ނަފްސަށް އަދި މުދަލަށް އަމާންކަން ލިބިދީފައިވާ ބަޔަކު ޤަތުލު ކުރެވޭނީ ކިހިނަކުންތޯ އެވެ؟
ހަމަކަށަވަރުން އީމާންކަމުގައި ދެމިތިބި ނަފްސުތައް ޙައްޤަކާ ނުލައި ޤަތުލުކުރުމާއި، މުސްލިމުންގެ ވެރިންނަށް ހެޔޮކަންކަމުގައި ކިޔަމަންތެރި ނުވުމާއި، ވެރިންނާ ދެކޮޅަށް ނުކުތުމާއި، އެއްބަސްވުންތަކާ ޚިލާފުވުމާއި ޚިޔާނާތްތެރި ވުމަކީ އެތަށް ގުނައަކަށް ޝަރުޢީގޮތުން ވާރިދުވެގެންވާ ދަލީލުތަކުން ޙަރާމްވެގެންވާ ކަންތައްތަކެއްގެ ގޮތުގައިވާ ކަންތައްތަކެއް ކަމުގައިވެ އެވެ. އަދި އެންމެހައި މުސްލިމުންވަނީ އެއީ ޙަލާލުވެގެން ނުވާ ކަމެއްގެ ގޮތުގައި އިޖްމާޢުވެގެންނެވެ. އެކަން ކުރާ މީސްތަކުންނަކީ ޖަރީމާތަކުގެ އަހުލުވެރިން ކަމުގައި ބަޔާންކޮށްފަ އެވެ. އަދި އެ ކަންތައްތަކަކީ ޙަލާލުވެގެންވާ ކަންތަކެއް ކަމުގައި ބަޔާންކުރާ މީހުންނަކީ ކާފަރުންކަމުގައި ބަޔާންކޮށްފައިވެ އެވެ. ފަހެ މި އެންމެހައި ކަންތައްތަކާއެކުގައި އެއީ ޖިހާދުކަމުގައި ބެލެވޭނީ ކިހިނަކުންތޯއެވެ؟! އެއީ ސުވަރުގެއަށް ދެވޭނެ މަގެއްކަމުގައި ވާނީ ކިހިނަކުންތޯއެވެ؟!
ހަމަކަށަވަރުން މި އެންމެހައި ޖަރީމާތައް، އެބައިމީހުން ދެކޭ މަންހަޖުގައި އަދި މަގުގައި ކުރަމުން ގެންދާ މީހުންނަކީ ނަބިއްޔާ ގެ އަރިއަހުން عَلِيُّ بن أَبِيْ طَالِب رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘްގައި ބަޔާންކުރައްވާފައިވާ މީހުންނެވެ.
(سَيَخْرُجُ قَوْمٌ فِي آخِرِ الزَّمَانِ أَحْدَاثُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ لَا يُجَاوِزُ إِيمَانُهُمْ حَنَاجِرَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ)
”ފަހުޒަމާނުގައި މީސްތަކުންގެ ތެރެއަށް ބައިގަނޑެއް ފާޅުވާނެ އެވެ. އެއީ ޢުމުރުގެ ގޮތުން ހަގު އަދި އުނި ސިކުޑިތަކެއްގެ ބައެކެވެ. އެބައިމީހުން ބުނަމުންދާނީ އެންމެ ހެޔޮވެގެންވާ (ޤުރުއާންގެ) ބަސްތަކެވެ. އެބައިމީހުންގެ އީމާންކަން އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އެތެރެއަކަށް ނުދާނެ އެވެ. (ޝިކާރަ ކުރުމަށް) ފޮނުވާލެވޭ ތީރު ޝިކާރައަށް ހެރި (އެ ޝިކާރައިގެ އެއްވެސް މިންވަރެއް އޭގައި ނުޖެހި) ނުކުމެގެންދާ ފަދައިން އެބައިމީހުން (ދީނުން އެއްވެސް މިންވަރެއް ލިބިގެންނުވާ ޙާލު) އެބައިމީހުން ދީނުން ނުކުމެގެންދެ އެވެ. ތިޔަބައިމީހުންނަށް އެބައިމީހުން ފެނުނު ކޮންމެތަނަކުން އެބައިމީހުންނާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން އެބައިމީހުން ޤަތުލުކުރި މީހަކަށް ޤިޔާމަތް ދުވަހުގައި މަތިވެރިވެގެންވާ ދަރުމަ ލިބިގެންވެ އެވެ.“
މިބައިމީހުންނަށް މިޘާލެއްކަމުގައި ވި މިބައިމީހުންގެ ސަލަފުންނަކީ عُثْمَانُ رضي الله عنه ގެ މައްޗަށް ނުކުމެ ހަޅުތާލުކުޅަ މީހުންނެވެ. އެބައިމީހުން ޚަލީފާ ޤަތުލުކުޅަ އެވެ. އަދި އެބައިގަނޑުގެ މީހުން عَلِيُّ رضي الله عنه ކާފަރުކުޅަ އެވެ. އަދި ޤަތުލުކުޅަ އެވެ. އެއަށްފަހު އެކި ޒަމާންތަކުގައި އެބައިމީހުން ނުކުމެ ފާޅުވި އެވެ. އެތަކެއް ތަންތަނުގައި އެބައިމީހުން ފާޅުވި އެވެ. ހަމަކަށަވަރުން މި ޢަމަލުތައް ކުރާ މީހުންގެ ސަލަފުން ނަބިއްޔާ ގެ އަޞްޙާބުންގެ ފަރާތްޕުޅުން ފައިދާ ހޯދުމުގެ ބަދަލުގައި، ޞަޙާބީން ކާފަރުކޮށް، ޞަޙާބީންތައް ޤަތުލުކުރީ އެވެ. އަދި އެ ޢަމަލުތަކަކީ ޖިހާދެކޭ ބުންޏެވެ.
މިބައިގަނޑުގެ އަހުލުވެރިން السعودية ޢަރަބިއްޔާގައި ދެމިތިބި ސުންނަތަށް ތަބަޢަވުމުގައި ދެމިތިބި ޞާލިޙް ރައްބާނީ ޢިލްމުވެރިން އަދި އެހެނިހެން ދައުލަތްތަކުގައިވި ޢިލްމުވެރިންގެ ފަރާތުން މަންފާ ޙާޞިލް ކުރުމުގެ ބަދަލުގައި އެ ޢިލްމުވެރިންގެ މައްޗަށް ނުބައިކަން ބޮޑުވެގެންވާ އެތަކެއް ބަސްތަކެއް އެ ޢިލްމުވެރިންގެ މައްޗަށް މިބައިގަނޑުގެ އަހުލުވެރިން ބުންޏެވެ.
މީސްތަކުން އެ ޢިލްމުވެރިންގެ ކައިރިން ދުރުކުޅަ އެވެ. މުސްލިމުންގެ ވަލިއްޔުލް އަމުރަށް ކިޔަމަންގަތުމުން އެއްކިބާވި އެވެ. އަދި ވަލިއްޔުލް އަމްރާ އިދިކޮޅަށް ނުކުތެވެ. އެބައިމީހުން މުސްލިމުންގެ ތެރެއަށް ހަތިޔާރު އުފުލި އެވެ. ލޮލުން ކަރުނަ އޮހޮރިގެންދާ އެތަކެއް ޢަމަލުތަކެއް އެބައިމީހުންކުޅަ އެވެ.
ހަމަކަށަވަރުން ނުރައްކާތެރިކަން ބޮޑީ މި ތަކްފީރީންނަށް، ޙައްޤުމަގުން އެއްކިބާވެފައިވާ ފިކުރުތައް އުނގަންނައިދޭ މީހުންނެވެ. ޝަރުޢީ ދަލީލުތައް އޭގެ އަޞްލު މާނައިން ނެރެ، ޞައްޙަގޮތުގައި މާނަކުރެވޭ ދަލީލުތަކުން ބޭރުކޮށް އެބައިމީހުން ކުރަމުންދާ މި ނުބައި ޢަމަލުތަކުގެ ޞައްޙަކަމަށް ދަލީލުތައް ނެރެހަދަ އެވެ. އެއީ އެންމެ ކުރީންސުރެ ޚަވާރިޖުންގެ ފިކުރުތައް އުނގަންނައިދީ އެބައިމީހުންނާ އެކުގައި ހަނގުރާމަ ކުޅައުމަށް ނިކުންނަ މީހުންނަކީ قَعْدَةُ الخَوَارِجُ ”ޤަޢްދަތުލް ޚަވާރިޖު“ ނުވަތަ الخَوَارِجُ القَعْدة ”އަލްޚަވާރިޖު އަލްޤަޢްދަ“ އެވެ. މާނައަކީ ޚަވާރިޖުންގެ ފިކުރުތައް ފަތުރައި އަދި މީސްތަކުންގެ މައްޗަށް ނުކުތުމަށް ބާރުއަޅައި އެކަމަށް ބާރުވެރިވުމެވެ.
އެބައިމީހުންނަށް ތަބަޢަވުމުގައި ހުންނަ ޒުވާނާގެ ހުރިހައިވެސް މުހިންމުކަމަކީ މިސްތަކުން ޤަތުލުކުރުމާއި ތަންތަން ސުންނާފަތިކޮށްލުމެވެ. ޖިހާދުގެ ނަމުގައި މީސްތަކުން ނަހަމަގޮތުގައި ޤަތުލުކުޅައުމެވެ. ފަހެ، މި އަލްޚަވާރިޖު އަލްޤަޢިދަ ގެ މައްޗަށް ސަމާލުވެތިބުން ހުއްޓެވެ. އެމީހުންނަކީ ނުހަނު ގިނަބައެކެވެ. ﷲ އެބައިމީހުންގެ ޢަދަދު ގިނަ ނުކުރައްވާހުއްޓެވެ. އަދި އެންމެހައި މުސްލިމުން މިބައިމީހުންގެ ނުބައިކަމުންނާއި، ފިތުނައިން ރައްކާތެރިކޮށްދެއްވުން ހުއްޓެވެ.
މިބައިގައި ކޮންމެހެން ބަޔާންކުރަން ޖެހިފައިވާ އެކައްޗަކީ މިޒަމާނުގައި ފާޅުވެފައިވާ މި ހަތިޔާރު އުފުލުމުގައިވާ ބައިގަނޑުގެ އަހުލުވެރިންނަކީ، އެބައިމީހުންނާ ޚިލާފުވެގަންނަ އެންމެހައި މީސްތަކުން ކާފަރު ކުރަމުންދާ ބައިގަނޑެކެވެ. މުސްލިމް ވެރިންގެ މައްޗަށް ނުކުތުމަށް އެބައިމީހުންވަނީ އެބައިމީހުންގެ ނަފްސުތަކަށް ރުހިގެންފައެވެ. މުސްލިމުންގެ ޖަމާޢަތާއި ވަކިވެގަނެ އެއްފަރާތް ވެގެންވާ ބައެއްގެ ގޮތުގައި ވުމަށް އެބައިމީހުން އެދެ އެވެ.
އެގޮތުން ޖިހާދުގެ ނަންމަތީގައި މުސްލިމުންގެ މަޢުޞޫމްވެގެންވާ ލެއަކީ އެބައިމީހުން ހުއްދަކޮށްފައިވާ އެއްޗެކެވެ. މިބައިމީހުން ޚިޔާރުކޮށްފައިވާ ބޮންގޮއްވުމާއި ތަންތަން ސުންނާފަތިކުރުމުގެ މަގަކީ އިސްލާމްދީން އޭގެ ރިވެތިވެގެންވާ ޞޫރައިން ނެރެ ކިލަނބުކޮށްފައިވާ މަގެކެވެ.
ފަހެ، މިޒަމާނުގައި ފާޅުވެގެންވާ މިބައިގަނޑުގެ ފިކުރުތަކަކީ އޭގެ ކުރިގައި ފާޅުވެގެންވި ޚަވާރިޖުންގެ އެންމެހައި ފިކުރުތަކެވެ. ޚަވާރިޖުންނަށް ދެވޭ އެންމެހައި ރައްދުތަކަކީ މިބައިމީހުންނަށް ދެވޭ ރައްދުތަކެވެ. މި އެންމެހައި ފިކުރުތަކަށް ރައްދުދެއްވާ ޢިލްމުވެރިން ލިޔުއްވާފައިވާ ނުހަނު ގިނަ ފޮތްތަކެއްވެ އެވެ. އެ ފިކުރުތައް ނެރެ، އެއީ ޚަވާރިޖުންގެ ފިކުރުތައް ކަމުގައި ބަޔާންކޮށް، ޚަވާރިޖުންގެ އެ އެންމެހައި ފިކުރުތައް އާފެށުމަކުން އަލުން ފާޅުވެފައިވަނީ އެވެ.
ހަމަކަށަވަރުން ކުރީގެ ޚަވާރިޖުންނާ މިއަދު ފާޅުވެފައިވާ ޚަވާރިޖުންނާ ދެމެދުގައިވާ ޚިލާފަކީ ހަމައެކަނި ނަމުގައި އޮތް ޚިލާފެކެވެ. މާނައިގައްޔާއި އަދި އެބައިމީހުން ކުރިއަށްގެންދާ ޢަމަލުތަކުގައި އެއްވެސް ޚިލާފެއް ނެތެވެ. އަދި ޖިހާދުކުރުމާ އެއްވެސް ގުޅުމެއްނެތެވެ. ޖިހާދުގެ މަފްހޫމާއި، ޖިހާދުގެ މަޤްޞަދާއި ޖިހާދުގެ ބޭނުމާ އެބައިމީހުން ކުރަމުންގެންދާ ޢަމަލުތަކާ އެއްވެސް ގުޅުމެއްނުވެ އެވެ. އަދި ކީއްހޭ އެއީ ޖިހާދުގެ މަފްހޫމާއި، މަޤްޞަދާ އެކުއެކީގައި ބަދަލުކޮށް އަދި ޝަރުޢީގޮތުން ބަޔާންވެގެންވާ ޞައްޙަ މާނަ ބަދަލުކުރުމެކެވެ.
ބަސްތައް ނަގާފައިވަނީ : الجِهاَد في الإسلام مفهومه و ضوابطه زأهدافه و أنواعه