ޠަވާފް ކުރާއިރު އަޑު އުފުލައި ދުޢާ ކުރާ މީހެއް ބަހައްޓައި ޖަމާޢަތުގެ އެންމެން އޭނާގެ ފަހަތުން ދުޢާ ކުރުމުގެ ޙުކުމަކީކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޠަވާފް ކުރާއިރު އަޑު އުފުލައި ދުޢާ ކުރާ މީހެއް ބަހައްޓައި ޖަމާޢަތުގެ އެންމެން އޭނާގެ ފަހަތުން ދުޢާ ކިޔައި ޢަމަލު ކުރާ މި ޢަމަލުގެ މައްޗަށް ބުނަމެވެ.
ފުރަތަމައީ : ޤުރުއާނާއި ސުންނަތުގައި ދުޢާ ކުރުން އަޅުކަމެއްގެ ގޮތުގައި ބަޔާންވެގެންވެ އެވެ. ޙަދީޘްގައިވެ އެވެ. (الدُّعَاءُ هو الْعِبَادَةِ).
”ދުޢާ އަކީ އަޅުކަމުގެ މައިގަނޑެވެ.“
މި އަޅުކަން އޭގެ އަޞްލުގައި ޤާއިމްކުރުން އޮތީ ވަންހަނާވެގެންވާ ގޮތުގައި ﷲއާ ދެމެދު ކުރެވޭ ޢަމަލެއްގެ ގޮތުގަ އެވެ. ﷲ ވަޙީކުރެއްވި އެވެ. (وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً) ”މަޑުމޮޅިވެ، ބިރުވެތިވާ ޙާލުގައި އިބަ ނަބިއްޔާގެ ނަފްސުން، ނަބިއްޔާގެ ވެރިއިލާހު ހަނދުމަކުރައްވާށެވެ.“
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ. (ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ) ”މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރި އިލާހުއަށް ދުޢާ ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.“
މި އާޔަތުން ވަރަށް ގިނަ ޢިލްމުވެރިން ނަންގަވާފައިވާ ދަލީލުތަކުގެ ތެރޭގައި، އެމީހަކު ދުޢާކުރުމުގައި އަޑު އުފުލައި ދުޢާ ކުރުމަކީ ޙައްދުފަހަނައަޅައި ދިއުމުގެ ތެރޭގައި ވުން ކަމުގައި ބަޔާން ކޮށްފައިވެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (يا أيها الناسُ ارْبَعوا على أنفسِكم، فإنكم لا تدعون أصمَّ ولا غائبًا، إنما تدعون سميعًا بصيرًا)”އެންމެހައި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ލުއިކުރުން ހުއްޓެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ދުޢާ ކުރާ ފަރާތަކީ އަޑުނީވޭ އަދި ޣާއިބު ފަރާތެއް ނޫނެވެ. އެހެނަސް ތިޔަބައިމީހުން ދުޢާ ދަންނަވާ ފަރާތަކީ އައްސަވާ ވޮޑިގެންވާ އަދި ބައްލަވާ ވޮޑިގެންވާ ފަރާތެކެވެ.“
صحيح البخاري 6610
އަދި ކިޔެއް ހެއްޔެވެ؟ އަޑު ހަރުކޮށް ދުޢާކޮށް، އެކަމުގައި އަޑު އުފުލުމަކީ ޙައްދުފަހަނައަޅައި ދިއުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައި ވުމުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ.
ދެވަނައީ : ދުޢާ އަކީ އަޅުކަމެކެވެ. އެ އަޅުކަމެއް ގޮތުގައި ވުމުން އެ އަޅުކަން ކުރެއްވި އަދި ނަމޫނާ ދައްކަވައިދެއްވި ނަބިއްޔާ ﷺ އަށް ތަބަޢަވުން އެއީ އެންމެހައި އަޅުތަކުންގެ މައްޗަށް އޮތް ޙުކުމެވެ. ފަހެ، މާތް ނަބިއްޔާ ﷺ އަކީ ޢުމުރާ ކުރައްވައި ޙައްޖު ކުރައްވައި ޠަވާފް ކުރައްވައި އަދި ސަޢުޔު ކުރެއްވި ބޭކަލެކެވެ.
އެހެނަސް މީސްތަކުންނަށް ނުހަނު ބޮޑަށް ހެވަށް އެދިވަޑައިގަންނަވާ ބޭކަލެއް ކަމުގައިވީހިނދުވެސް، ނަބިއްޔާ ﷺ އަޑު އުފުއްލަވައި ދުޢާ ވިދާޅުވެ އަޞްޙާބު ބޭކަލުން އެ ދުޢާ ތަކުރާރު ކުރުމުގައިވާ ސިފައިގައި ޙަޔާތްޕުޅުގައި ދުވަހަކުވެސް ޢަމަލުފުޅު ކުރައްވާފައި ނުވެ އެވެ. އެކަން ހުއްދަ ކަމެއް ކަމުގައިވާނަމަ، އެންމެ ފަހަރަކުވެސް އެކަން ކުރައްވައި އުއްމަތަށް އެއީ ހުއްދަ ކަމެއް ގޮތުގައި ދެއްކެވީ ހެވެ.
އެހެނަސް ނަބިއްޔާ ﷺ މި ޢަމަލުފުޅު ކުރެއްވުމަށް އެންމެހައި ގޮތްތަކުން ފުރުސަތު ލިބިވަޑައިގެންފައިވާ ޙާލުކޮޅުގައި ދޫކުރެއްވި އެވެ. އަދި އަޞްޙާބު ބޭކަލުން ވެސް ދޫކުރެއްވި އެވެ. ވުމާއެކު އެއަށްފަހު ބަޔާންވަނީ މިއީ އިސްލާމް ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ޢަމަލެއް ކަމެވެ.
ޙަދީޘްގައިވެ އެވެ. عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) عَائِشَةَ رَضِيَ اللَّهُ عَنْهَا ވިދާޅުވެފައިވެ އެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“
މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.
ތިންވަނައީ : މުޅި ތަވާފްގައި ވަކި ޚާއްޞަ ދުޢާއެއްގެ ގޮތުގައި ވާރިދުވެފައިވާ ދުޢާއަކީ الرُّكْن اليَمَانِي އަދި لحَجَر الأَسْوَد ދެމެދުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާ އެކެވެ. އެއީ (رَبَّنَا آتِنَا فِيْ الدُّنْيَا حَسَنَةً وَفِيْ الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار) މި ދުޢާ އެވެ.
އެއަށްފަހު، ޠަވާފުގައި ޛިކުރު ކުރުމާއި، ޤުރުއާން ކިޔުމާއި، ތަހްލީލާއި ތަސްބީޙަ އަދި އެހެނިހެން އެންމެހައި ވިރުދުތައްވެސް ކިޔުން ހުއްޓެވެ. ދެދުނިޔޭގެ ހެވާއި ބާއްޖަ ވެރިކަމުގެ މައްޗަށް ތިމާގެ އަމިއްލަ ނަފްސަށް އަދި އެހެނިހެން ފަރާތްތަކަށްވެސް ދުޢާކޮށްދިނުން ހުއްޓެވެ. އެބަހީ، އެކަމުގައި ތަނަވަސްކަމާއި އަދި ފުޅާކަން ވެ އެވެ.
ވުމާއެކު، ދީނުގައި މިފަދައިން ލުއިކަމާއި ފަސޭހަކަން އޮތް ހިނދު، އެތައް ބަޔަކަށް ދުޢާކޮށް ޤުރުއާން ކިޔަވައި ޛިކުރު ކުރެވޭ ތަނެއްގައި ތަކްލީފު ޖެހިގަންނަނީ ކިހިނަކުން ހެއްޔެވެ؟
ހަތަރުވަނައީ :
މި ދީނާ ޚިލާފް އަދި ސުންނަތާއި ޚިލާފް ޢަމަލުގެ މައްޗަށް އެންމެހައި ޢިލްމުވެރިން ވިދާޅުވެފައިވަނީ މި ޢަމަލުން ދުރުވެ އެއްކިބާވުމެވެ. އަދި އެއީ ގިނަ ސަބަބުތަކަކަށްޓަކަ އެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އިމާމް الشيخ محمد ابن عثيمين – رحمه الله – ވިދާޅުވެފައިވެ އެވެ.
”ޠަވާފްކުރާ ބައެއް ފަރާތްތަށް އަރައިގަނެފައިވާ ކުށްތަކުގެ ތެރޭގައި، (ޠަވާފް ކުރުމަށް) ޖަމާޢަތެއް ހަދައި އެބައިމީހުންގެ މައްޗަށް ލީޑަރެއް އައްޔަނު ކުރެ އެވެ. އަދި އަޑު އުފުލައި އޭނާ އެންމެނަށް ދުޢާ ތަލްޤީނުކޮށްދެ އެވެ. އަދި ޖަމާޢަތުގެ އެންމެން އެއް އަޑުން އެ ދުޢާތައް ކިޔަ އެވެ. ފަހެ، އެހިނދު އަޑުތައް އުފުލިގެން ދެ އެވެ. އަދި އޮޅުން ބޮޅުން އަރައިގެން ދެ އެވެ. ޠަވާފް ކުރުމުގައި ދެން ތިބޭ ފަރާތްތަކަށް އުނދަގޫވެ އެވެ. ފަހެ، ކިޔަނީ ކޯންޗެއް ކަމެއް ނޭނގެ އެވެ. އަދި މިއީ ހުޝޫޢަތްތެރިކަން ގެއްލި ދިއުމުގެ ސަބަބެއް ކަމުގައިވެ އެވެ. އަދި މިއީ (މި ޙުރުމަތްތެރިވެގެންވާ) ތަނުގައި މީސްތަކުންނަށް و العياذ بالله އުނދަގޫކޮށް (ގޯނާ) ކުރުމެކެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)
سبحان الله! މި މީސްތަކުންނަށް މި މަތިވެރި މާތް، ޙުރުމަތްތެރިކަން އެތައް ގުނައަކުން އުފުލިގެންވާ ތަނުގައި މިވަނީ ކިތައް ނުބައިކަން ބޮޑުވެގެންވާ ޢަމަލުތައް ހިންގާފަ ހެއްޔެވެ؟
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العَزِيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހެޔޮވެގެންވަނީ އެމީހާއާ އެމީހާގެ ވެރި ރައްބު ދެމެދުގައި ވާ ދުޢާއެއްގެ ގޮތުގައި ދުޢާ ކުރުމެވެ. މީސްތަކުންނަށް (ދުޢާ ކުރުމުގައި) އުނދަގޫ ނުކުރުމެވެ. އަދި އޭނާގެ އަތުގައި ދުޢާތައް ލިޔެފައިވާ ފޮތެއް އޮވެއްޖެހިނދު، އޭނާގެ އަމިއްލަ ނަފްސަށް ކިޔުން ހުއްޓެވެ. ޠަވާފް ކުރާ އެހެން މީހުންނަށް އުނދަގޫ ނުކުރުމެވެ. އޭނާއަށް ފަސޭހަވެގެންވާ ނަމަ، އޭނާގެ ހިތުދަސްކޮށްފައިވާ އެއްޗެއް ކިޔާނީ އެވެ. ނުވަތަ ފޮތަކުން ބަލައިގެން ކިޔާނީ އެވެ. އެ ގޮތުން سبحان الله، والحمد لله، ولا إله إلا الله (މި މިންވަރަށް ޛިކުރު ކިޔުންވެސް) މީސްތަކުންނަށް އުނދަގޫކޮށް (އަޑު އުފުލައި ކިޔުމަށްވުރެ) ހެޔޮކަން ބޮޑުވެގެންވެ އެވެ. އަދި سبحان الله، والحمد لله، ولا إله إلا الله، والله أكبر، ولا حول ولا قوة إلا بالله މި (ޛިކުރުތައް ކިޔައި) ޛިކުރުތައް ތަކުރާރު ކުރުންވަނީ އޭނާގެ ޠަވާފްގައި ބޮޑުވެގެންވާ ހެޔޮ ޢަމަލެއް ގޮތުގަ އެވެ.“ (ޝެއިޚްގެ ބަސްފުޅު ނިމުނީ)
ވުމާއެކު، އެމީހަކަށް ހިތުދަސްވެފައިވާ މިންވަރެއް ތަކުރާރުކޮށް ކިޔުން ވަނީ މީސްތަކުންގެ މައްޗަށް އަޑު އުފުލައި އެޠަވާފް ކުރާ މީހުންނަށް ގޯނާކޮށް ދަތިކުރުމަށްވުރެ ހެޔޮވެގެންވާ ޢަމަލެއް ކަމުގަ އެވެ.
ސަޢުދީ ޢަރަބިއްޔާގެ މިހާރުގެ މުފްތީ لعلامة عبد العزيز آل الشيخ -حفظه الله- އަރިހުގައި މިފަދައިން އެންމެން ޠަވާފްގައި އަޑު އުފުލައި ދުޢާ ކުރުމުގެ ޙުކުމާއި މެދު ސުވާލު ކުރެވުނުހިނދު ވިދާޅުވި އެވެ.
”ތިޔައީ ސުންނަތާއި ޚިލާފްވެގެންވާ ގޮތެކެވެ. އަދި ސުންނަތާއި ޚިލާފްވެއްޖެހިނދު، ފަހެ، އެއީ މަގުފުރެދުމެކެވެ. އަދި ދުޢާ ކޮށް އަޑު އުފުލުމަކީ އެނޫން ޠަވާފް ކުރާ މީހުންނަށް އުނދަގޫވާ ކަމެއްކަމުގައިވެ އެވެ. އަދި މިއީ ޝަރުޢުގައި ހުއްދަވެގެން ނުވާ ކަމެކެވެ.“ من فتاوى الحج – حكم رفع الصوت بالدعاء الجماعي أثناء الطواف
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
