ޢިލްމުވެރިންކައިރިން ޢިލްމު ހޯދުމާއި، ރޯނުއެދުރުން ކިބައިން ދުރުވުން
الحمد لله رب العالمين، و الصلاة والسلام على رسوله و على آله و صحبه أجمعين. و بعد :
ކޮންމެ ޒަމާނެއްގައިވެސް ބިމުގައި ފަސާދަކޮށް އުޅޭ މީސްތަކުންނަށް ނަހީކޮށް އުޅޭނެ، ދީންވެރިކަމާއި ހެޔޮވިސްނުމުގެ ޢިލްމުވެރި ބަޔަކު އުންމަތުގެ ތެރެއިން ލެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޘަނާހުއްޓެވެ.
ހައްދުފަހަނަޅައި ގޮސްފައިވާ މީހުންގެ ބަދަލުކުރުންތަކުންނާއި ބާތިލުގެ އަހުލުވެރިންގެ އޮޅުވާލުންތަކުގެ އިތުރުން ޖާހިލުންގެ މާނަކުރުންތައް ނަފީކުރުމުގައި އެޢިލްމުވެރިން ޤާއިމްވެ ވަޑައިގަންނަވައެވެ. ﷲ މެނުވީ ޙައްޤުވެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި محمد ﷺ އަކީ އެއިހާލުގެ ރަސޫލާކަމަށް އަޅުހެކިވަމެވެ. ހިދާޔަތާއި ހެޔޮމަގުގެ އިތުރުން އަނިޔާވެރި ކުއްވެރީންގެ މަގުވެސް ބަޔާންކޮށްދޭ ފުރުޤާނަކައި އެކު އެ ނަބިއްޔާ ﷺ ވަޑައިގެންނެވިއެވެ. އެ ނަބިއްޔާގެ އާލުންނާއި އަޞްޙާބު ބޭކަލުންނަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.
އެއަށްފަހު ބުނަމެވެ. ދީން އުނގެނި އެދީން މަތީގައި ފިޤުހުވެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. الإمام البخَاري އަދި الإمام مسلم ރިވާކުރައްވާފައި ހަދީޘްފުޅެއްގައިވެ އެވެ. ރަސޫލާ ﷺ ޙަދީޘްފުޅުކުރައްވާފައިވެ އެވެ. (إِنَّ مَثَلَ مَا بَعَثَنِيَ اللَّهُ بِهِ عَزَّ وَجَلَّ مِنَ الْهُدَى وَالْعِلْمِ، كَمَثَلِ غَيْثٍ أَصَابَ أَرْضًا، فَكَانَتْ مِنْهَا طَائِفَةٌ طَيِّبَةٌ قَبِلَتِ الْمَاءَ، فَأَنْبَتَتِ الْكَلَأَوَالْعُشْبَ الْكَثِيرَ، وَكَانَ مِنْهَا أَجَادِبُأَمْسَكَتِ الْمَاءَ، فَنَفَعَ اللَّهُ بِهَا النَّاسَ، فَشَرِبُوا مِنْهَا وَسَقَوْا وَرَعَوْا، وَأَصَابَ طَائِفَةً مِنْهَا أُخْرَى، إِنَّمَا هِيَ قِيعَانٌ ؛ لَا تُمْسِكُ مَاءً، وَلَا تُنْبِتُ كَلَأً، فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينِ اللَّهِ وَنَفَعَهُ بِمَا بَعَثَنِيَ اللَّهُ بِهِ، فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا، وَلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ) مسلم 2282 ”ހަމަކަށަވަރުން އެ ހިދާޔަތަކާއި އަދި ޢިލްމަކާއި އެކު މާތް ﷲ ތިމަންނަބިއްޔާ ފޮނުއްވި ހިދާޔަތާއި ޢިލްމުގެ މިޘާލުވަނީ (ތަފާތު ވައްތަރުގެ ފަސްތައް އެކުލެވޭ) ބިމަކަށް ބޯކޮށްވެހުނު ވާރޭގަނޑެއް ފަދައިންނެވެ. އޭގެތެރޭގައި ގޮވާން ކުރުމަށް ހެޔޮވެގެންވާ ފަސްގަނޑެއްވެއެވެ. އެ ފަސްގަނޑުގެ ތެރެއަށް ފެން ދަމައިގަތެވެ. (ނަތީޖާއެއްގެ ގޮތުން) ނުހަނު ގިނަ ގޮވާންތަކާއި ވިނަތައް (އެބިމުގައި) ފެޅިއެވެ. އަދި އޭގެ ތެރޭގައި ހަރު ފަސްގަނޑެއް ވެއެވެ. (އެ ފަސްގަނޑުގެ އަޑިއަށް ފެން ދަމައިނުގަތް ކަމުގައި ވިޔަސް) އެ ފަސްގަނޑު މަތީގައި ފެން ހަރުލާފައި ހުރެއެވެ. ވުމާއި އެކު މީސްތަކުން އެ ފެނުން މަންފާ ލިބިގަނެއެވެ. އެގޮތުން ބުއިމަށާއި ނަޢަމްސޫފިތައް ފަދަ ތަކެއްޗަށް ފެންދިނުމަށާއި އަދި ގޮވާން ކުރުންފަދަ ކަންތައްތަކަށް އެ ފެން ބޭނުންކުރެއެވެ. އަދި (ތިންވަނަ ފަސްގަނޑަކީ) ފެން ދަމައިނުގަތުމުގެ އިތުރުން އެބިމުގައި އެއްވެސް ފެހިކަމެއްނުވާ ހަނަފަސް ބިމެކެވެ. އެއީ (އެބަހީ:މި ޙަދީޘްގައި ބަޔާންވެގެން ދިޔައީ) ދީނުގައި ފިޤުހުވެރިވެ، ތިމަންނަބިއްޔާ އެކަންތައްތަކައިގެން ފޮނުވުނު ކަންތައްތަކުން މަންފާ ލިބިގެނެ، އެ އުނގެނި އަދި އުގަންނައިދިން މީހާގެ މިޘާލެވެ. އޭގެ އިތުރުން އެ ހިދާޔަތަކާއިގެން ތިމަން ނަބިއްޔާ ފޮނުއްވުނު ހިދާޔަތް ޤަބޫލު ކުރުމުގެ އިތުރުން އެ ބަލައިގަތުމަށްޓަކައި އެމީހެއްގެ ބޯވެސް ހިއްލާނުލި މީހާގެ މިޘާލެވެ.“
الإِماَم البُخَاري رحمه الله ވިދާޅުވެފައިވެއެވެ. ”ބާބު : ބަހާއި ޢަމަލުގެ މައްޗަށް ޢިލްމު އިސްވެގެންވެ އެވެ.“ މިބަސްފުޅުގެ މުރާދާއިމެދު الحافظ ابن الحجر رحمه الله ފަތުހުލްބާރީގައި ވިދާޅުވެފައިވެ އެވެ.“ الإِماَم البُخَاري ގެ މުރާދަކީ ބަހާއި ޢަމަލު ޞައްޙަވުމަށްޓަކައި ޢިލްމު ޝަރުތުވެގެންވުމެވެ. ސަބަބަކީ ޢަމަލްތައް ޞައްޙަވުމުގެ ޝަރުތުކަމުގައިވާ ނިޔަތް އިސްލާޙުކުރަނީ ޢިލްމު ކަމުގައި ވާތީ އެވެ.“
ދީން އުގެނުމުގެ އިތުރުން އެއަށް ޢަމަލުކުރުމަށް ދެކޮޅުހަދައި ފުރަގަސްދިނުމަކީ މުސްލިމެއްގެ ސިފައެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ ﴾ السجدة: ٢٢ ”އެމީހެއްގެ ވެރި އިލާހުގެ އާޔަތްތަކުން، އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންއިލާހު، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ.“ ވުމާއިއެކު ޢިލްމަކީ ދީނުގެ މައިގަނޑު އަސާސެއްކަން ބަޔާންވެގެންދެއެވެ. ޢިލްމަކީ އެއާލައިގެން މެނުވީ ޢަމަލްތައް ޞައްޙަނުވާނެ އެއްޗެއްކަން އެނގި ދިޔުމުން އެޢިލްމު ޙާސިލްކުރުމުގައި ތެދުވެރިވެ އަމާނާތްތެރިވުން ހުއްޓެވެ. مُحمد بن سيرين رحمه الله ވިދާޅުވެފައި ވެއެވެ. (إن هذا العلم دين فانظروا عمن تأخذون دينكم ) رواه مسلم في المقدمة ”ހަމަކަށަވަރުން މި ޢިލްމަކީ ދީނެވެ. އެބައްގެ ކިބައިން ތިބާ ދީންނަގާބަޔަކީ ކޮންބައެއްތޯ ބަލާހުށިކަމެވެ.“
މިބަސްފުޅުގެ މައްޗަށް އިޝާރާތްކުރައްވައި الحافظ النووى رحمه الله ވިދާޅުވެފައިވެ އެވެ. ”އެމީހެއްގެ ޤާބިލިއްޔަތުކަން ފުރިހަމަވެ އަދި ދީންވެރިކަން ފާޅުވެ އެމީހެއްގެ ޢިލްމާއި މެދު ޔަޤީންވުމުގެ އިތުރުން ޢިލްމާއިމެދު ރައްކާތެރިވުމުގައި މަޝްހޫރުވެފައިވާ މީސްތަކުންގެ ކިބައިން މެނުވީ ޢިލްމު އުނގެނުމެއް ނުވެ އެވެ.“ التبيان في آداب حملة القرآن 1-25
އިސްވެދިޔަ ސިފަތައް ލިބިވަޑައިގެންފައިވާ ރައްބާނީ ޢިލްމުވެރިން ނުތިބެ އެއްވެސް ޖީލެއް ނުދާނެއެވެ. ابن العَرَبِي رحمه الله ވިދާޅުވެފައިވެ އެވެ. ”އެއްބަޔަކު އަނެއްބަޔަކަށް ތަޒްކިޔާ ދިނުމުގައި ސަލަފުއް ޞާލިޙުން ވަނީ އަދިވެސް ޤާއިމްވެގެންނެވެ. އިހުގެ މީހުންގެ ފަރާތުން ފަހުގެ މީހުން ތަޒްކިޔާތައް ވާރުތަކުރެއެވެ. ތަޒްކިޔާއެއް ނުވަތަ އެމީހެއްގެ ޝެއިޚުންގެ ކިބައިން ސަނަދު އޮންނަ މީހެއްގެ ކިބައިން މެނުވީ އަހަރެމެންގެ ޢިލްމުވެރިން ޢިލްމުނަގައި ނުއުޅެ އެވެ.“ الجنوب ص 4
سير أعلام النّبلاء ގައި عبد الملك بن عبد العزيز بن جريج رحمه الله (ت 150 هـ) ގެ ސީރަތު ޛިކުރުކުރައްވަމުން، الإمام الذّهبي އެބޭފުޅާގެ ސަނަދު عبد الرّزّاق الصّعناني رحمه الله އާއި ހަމަޔަށް ޛިކުރުކުރައްވައި ގެނެސްދެއްވާފައިވެ އެވެ. عبد الرّزّاق رحمه الله ވިދާޅުވި އެވެ. ”މައްކާގެ އަހުލުވެރިން ބުނެއެވެ. ابن جُريج ނަމާދު ނެންގެވީ (އެބަހީ: ދަސްކުރައްވައި ރިވާކުރެއްވީ) عطاء ގެ އަރިހުންނެވެ. އަދި عطاء އެ ނެންގެވީ ابن الزّبير ގެ އަރިހުންނެވެ. އަދި ابن الزّبير އެ ނެންގެވީ أبو بكر ގެ އަރިހުންނެވެ. އަދި أبو بكر އެ ނެންގެވީ ނަބިއްޔާ ﷺ ގެ އަރިހުންނެވެ.“
تذكرة الحفّاظ ގައި الإمام أبو داود رحمه الله (ت 275) ގެ ސީރަތުގައި الإمام الذّهبي ގެނެސްދެއްވާފައިވާ ރިވާޔަތެއްގައިވެ އެވެ. ”ސަލަފުންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. އުޅުއްވި ގޮތާއި، މަޑުމައިތިރިކަމުގައި أحمد بن حنبل އާއި أبوداود އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި وَكيع އާއި أحمد އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި سفيان އާއި وَكيع އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި مَنصور އާއި سفيان އެއްވައްތަރު ވެގެންވެ އެވެ. އަދި އެކަންކަމުގައި إبراهيم އާއި منصور އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި عَلقَمة އާއި إبراهيم އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި ابنُ مسعود އާއި علقمة އެއްވައްތަރުވެގެންވެ އެވެ. އަދި علقمة ވިދާޅުވި އެވެ. އުޅުއްވި ގޮތާއި، މަޑުމައިތިރިކަމުގައި ابن مسعود ނަބިއްޔާ ﷺ އާ އެއްވައްތަރުވެވަޑައިގެންވެ އެވެ.“
ކޮންމެ ޢިލްމުވެރިޔަކުވެސް ޢިލްމާއި، ހިދާޔަތާއި، އަދަބު އަޚްލާޤު އުގެނިވޑައިގެންނެވީ އެބޭކަލެއްގެ ޝެއިޚުގެ އަރިހުންނެވެ. އެގޮތުގައި އެ ސިލްސިލާ ނަބިއްޔާ ﷺ އާ ހަމަޔަށް ވާޞިލްވެއްޖައުމަށް ދާންދެނެވެ. ފަހެ، ޢިލްމުވެރިންގެ އަރިހުން ޢިލްމު ނުހޯދައި، ޢިލްމުވެރިންގެ އަރިހުން ހިދާޔަތާއި ރިވެތި އަދަބުތައް ނުހޯދައިފިމީހަކަށް ތިމަންނާއަކީ ޢިލްމުވެރިއެކޭ، ނުވަތަ ޙައްޤުގޮތުގައި ޢިލްމު އުނގެނޭ މީހެކޭ ބުނެވިދާނެހެއްޔެވެ؟ ނަބިއްޔާ ﷺ އާއި ހަމަޔަށް އޭނާގެ ’ސަނަދު’ އުފުލިގެން ދާނޭ ހެއްޔެވެ؟ އަދި އޭނާ ދައްކާ ދީނީ ވާހަކަތަކުގައި އޭނާއަށް އިތުބާރު ކުރެވޭނެހެއްޔެވެ؟
ހަމައެފަދައިން އެމީހެއްގެ ކިބައިން ޢިލްމުނެގޭ މީހާގެ ސިފަ ބަޔާންކުރައްވަރުން الحافظ السيوطي ވިދާޅުވެފައިވެ އެވެ. ”އެމީހަކީ ޢިލްމުވެރިންގެ މެދުގައި އެމީހެއްގެ ޢަދާލާތްތެރިކަން މަޝްހޫރުވެ އެމީހަކާއި މެދު ޘަނާގެ ބަސްތައް އާންމުވެފައިވާ މީހާއެވެ.“ تدريب الراوي
މިއީ ކީރިތި ޤުރުއާނުގައިވެސް ކަނޑައެޅިފައިވާ މަންހަޖެވެ. އެހެނީ، ނޭގޭ ކަންތައްތަކުގައި ޣާފިލްކަމާއި ޖާހިލުކަމުގެ އަހުލުވެރީންނަށް ރުޖޫޢަވުމުގެ ބަދަލުގައި ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުމަށް ﷲ ތަޢާލާ ވަނީ އަހަރެމެންނަށް އަމުރުކުރައްވާފައެވެ.
﴿ وَمَا أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۖ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴾ الأنبياء: ٧ ”އިބަ ނަބިއްޔާގެ ކުރިންވެސް ތިމަންއިލާހު އެބައިމީހުންނަށް ވަޙީ އިއްވަވާ ފިރިހެނުން މެނުވީ ރަސޫލުކަމާއިގެން ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާ ވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލު ކުރާށެވެ.“
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ. ﴿ وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ﴾ النساء: ٨٣ ”އަދި އެބައިމީހުންގެ ގާތަށް އަމާންކަމުގެ ތެރެއިން ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ އެކަމެއް އެންމެންގެ ތެރެއަށް ފަތުރާލަ އެވެ. އަދި ރަސޫލާގެ އަރިއަހަށާއި އެބައިމީހުންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެ ތެރެއިން އެފަދަ ކަންތައްތަކުގެ ޙަޤީޤަތްތައް ހޯދައިގަންނަ މީހުންނަށް އެކަމެއް އެނގުނީސްކަން ކަށަވަރެވެ.“
އާދެ، މި ދަންނަވާ ރައްބާނީ ޢިލްމުވެރިންނަކީ ކޮންބައެއްކަން ބަޔާންކުރައްވަމުން الأصول الستة ގެ ޝަރަޙައިގައި الإمام الأمان الجامي رحمه الله ވިދާޅުވެފައިވެއެވެ. ”ރައްބާނީ ޢިލްމުވެރިންނަކީ އެމީހުންގެ އަތް މައްޗަށް ކިޔަވާކުދިން ތަރުބިއްޔަތު ކުރާ ޢިލްމުވެރިންނެވެ. ބޮޑެތި ޢިލްމުތަކުން ފެށުމުގެ ބަދަލުގައި، ކުއްޖާއާއި އެކަށީގެންވާ ކުޑަ ޢިލްމުތަކުން ފަށައިގެން ގޮސް ޢިލްމުގައި އެކުއްޖާ ފައިތިލަ ޘާބިތުވަންދެން ފަހަރަކަށްފަހު ޢިލްމެއް ތަރުތީބުން އުގަންނައިދީ ހަދާ ތަރުބިއްޔަތުކުރާ ޢިލްމުވެރިންނެވެ.“ އެހެންކަމުން އާންމު މީސްތަކުންނާއި ޢިލްމުވެރިންގެ ދެމެދުގައިވާ ވަޞީލަތްކަމުގައި މިކިޔަވާ ކުދިން ވެގެންދެއެވެ. އެހެންކަމުން މި ޢިލްމުވެރިންނަކީ ކޮންބައެއްކަން ދެނެގަންނަން އެބަޖެހެއެވެ. كشف الشبهات ޝަރަޙައިގައި الشَّيخ ابن العُثَيمِين ވިދާޅުވެފައި ވެއެވެ. ”މީސްތަކުން އެބައިމީހުންގެ ވެރި ރައްބުގެ ޝަރީޢަތުގެ މަތީގައި ތަރުބިއްޔަތުކުރާ ރައްބާނީ ބޮޑެތި ޢިލްމުވެރިންނަކީ ކޮންބައެއްކަން ދެނެގަތުން ވާޖިބުވެގެންވެއެވެ. އެއީ ޢިލްމުވެރިން ކަމަށް ހެދިގެން އުޅޭ މީހުންނާއި ރައްބާނީ ޢިލްމުވެރިން ތަފާތުކޮށް ވަކިކުރުމަށްޓަކައެވެ.“
ޢިލްމުގެ އަހުލުވެރިން ކަމުގައި ނުވެ ތިބެ ޢިލްމުގެ މައްޗަށް ދަޢުވާކުރާނެ ބަޔަކު ވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. شَيخُ الإِسلام مُحمَّد بن عَبد الوهَّاب رحمه الله ހަތަރުވަނަ އަސްލުގެ ގޮތުގައި މިކަމުގެ މައްޗަށް ޢުސޫލުއް ސިއްތައިގައި އިޝާރާތްކުރައްވާފަ އެވެ. އެއްވެސް ތަނަކުން ކިޔަވައިފައި ނުވާ ޖާހިލު ރޯނުއެދުރުންތައް ރުޤުޔާ ހަދާ ބައެއްގެ ގޮތުގައި މުޖުތަމަޢުގެ ތެރެއަށް ދަނީ ފާޅުވަމުންނެވެ. އެގިފައިވާ ކަމަށް އެބައިމީހުން ދަޢުވާ ކުރާ އެއްޗެއް އެނގުނީ ކޮންތާކުން ކިހިނެއްކަމެއްވެސް މި މީހުންނަކަށް ނޭގެ އެވެ. ހަމައެކަނި އޮތްގޮތަކީ ފޮތްތަކުން އަމިއްލައަށް އެދުރުވެގެންއުޅޭ ބައެއް ކަމުގައި މިމީހުން ވުމެވެ. އުނގަންނައިދޭނެ މީހަކާ ނުލައި ފޮތްތަކުން އެދުރުވެރިވުމަކީ ވާނެ ކަމެއްނޫނެވެ.
الموافقات ގެ ބާރަވަނަ މުޤައްދިމާގައި މިކަމުގެ މައްޗަށް الشّاطبي ވަނީ އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ޢިލްމުވެރިންގެ އަރިހުން ޢިލްމު ލިބިގަނެވޭ ދެގޮތެއް ބަޔާންކޮށްދެއްވި އެވެ. އޭގެ ތެރެއިން ފުރަތަމަ ގޮތަކީ އެބޭކަލުންގެ ބަސްފުޅުތައް ސީދާއަޑުއެހުމެވެ. އެބޭކަލުންގެ މަޖިލިސްތަކަށް ޙާޟިރުވުމެވެ. މިގޮތަކީ މިއީ ޢިލްމު ހޯދުމުގައި އެންމެ މަންފާކުރުވަނިވި، އަދި އެންމެ ސަލާމަތްކަން ބޮޑުވެގެންވާ ގޮތް ކަމުގައި ޛިކުރުކުރެއްވި އެވެ. އަދި އެއީ ކީއްވެކަން 2 ގޮތަކުން ބަޔާންކޮށްދެއްވި އެވެ. އެއަށްފަހު، ޢިލްމުވެރިންގެ އަރިހުން ޢިލްމު ލިބިގަނެވޭނޭ ދެވެނަ ގޮތެއްގެ ގޮތުގައި އެބޭކަލުން ލިޔުއްވާފައިވާ ފޮތްތައް ކިޔުން ޛިކުރުކުރެއްވި އެވެ. ނަމަވެސް މިފޮތްތައް ކިޔުމުގައި 2 ޝަރުޠެއްވާކަން ބަޔާންކޮށްދެއްވި އެވެ. އެގޮތުން ވިދާޅުވިއެވެ. ”ފުރަތަމައީ: އެފޮތް ރަނގަޅަށް ކިޔުމަށް މަގުފަހިކޮށްދޭނޭ ކަންކން އެނގުމެވެ. އެގޮތުން، އެހޯދަން އުޅޭ ޢިލްމެއްގެ މަޤާޞިދުތައް ފަހުމްވުމާއި، އެ ޢިލްމެއްގެ އަހުލުވެރިން ބޭނުންކުރާ މުޞްޠަލަޙާތްތައް އެނގިފައިވުމެވެ. އަދި އެކަން ޙާޞިލްވެވޭނީ ފުރަތަމައަށް ބަޔާންކުރި ގޮތުންނެވެ. ޢިލްމުވެރިންގެ ދޫފުޅުތަކުގެ މަތިންނެވެ. ނުވަތަ އެއަށް ރުޖޫޢަވާ ކަންކަމުންނެވެ.“ އެއަށްފަހު އަންނަނިވި ބަސްފުޅު ނަޤުލުކުރެއްވިއެވެ. ”ޢިލްމު ވީ ޢިލްމުވެރިންގެ ހިތްޕުޅުތަކުގެ ތެރޭގަ އެވެ. އެއަށްފަހު އެ ޢިލްމު ފޮތްތަކަށް ނަޤުލުކުރެވުނެވެ. އަދި އޭގެ (އެބަހީ: އެ ފޮތްތަކުގެ) ތަޅުދަނޑިތައް ވަނީ ޢިލްމުވެރިންގެ އަތްޕުޅުގަ އެވެ.“ އެއަށްފަހު ވިދާޅުވި އެވެ. ”ޢިލްމުވެރިން އެފޮތްތަށް ހުޅުއްވައިދެއްވާފައި ނުވާ ހިނދު، ފޮތްތަކުން އެކަނި ޢިލްމު އުނގެނޭ ދަރިވަރަށް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. މިއީ ޔަޤީންކަމާއެކު ފެންނަން އޮތް، ކަންހިނގަމުންދާ ގޮތެވެ!“ ދެން އެއަށްފަހު ދެވަނަ ޝަރުޠެއްގެ ގޮތުގައި އެ ހޯދަން އުޅޭ ޢިލްމެއްގައި އެންމެ ކުރީގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކަށް ރުޖޫޢަވުން ޛިކުރުކުރެއްވި އެވެ.
عوائق الطّلب (ص. 40) ގައި الشيخ عبد السّلام بن برجس رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން، -الحمد لله- މަދު ޢަދަދެއްގެ މައްޗަށް އެކުލެވިގެންވާ ބައިގަނޑެއްގެ އުނދަގުލާ އަހަރެމެންނާއި މިވަނީ ކުރިމަތިވެފަ އެވެ. އެއެއްފޮތް ނުވަތަ ދެފޮތް ކިޔުމަށްފަހު، ނުވަތަ އެއް މައްސަލަ ނުވަތަ ދެމައްސަލަ ކިޔެވުމަށްފަހު، ޢިލްމު އުނގެނުމުގައި އެބައިމީހުންގެ ޢުމުރުން އެއްދުވަސް ނުވަތ ދެދުވަސް ހޭދަކުުރުމަށްފަހު، ތިމާމެންނަކީ މުޖުތަހިދުންތަކުގައި އެބައިމީހުން ދެކެ އެވެ. މި އޮށްޓަރެއްނެތް ޚިޔާލުގެ މައްޗަށް ފުއްދައިލާނޭނަމަ އެވެ! ނަމަވެެސް، ޢިލްމުވެރިންނާއި، ޢިލްމު އުނގެނޭ ދަރިވަރުންނާއި، ދަޢުވަތްދޭ މީސްމީހުންނަކީ އެމީހުންނަށްވުރެ ދަށުގައިވާ ބައެއްކަމުގައި ދެކެއެވެ. އަދި، އެ މާތްކަމަކަށް އެހެން އެއްވެސް މީހަކު ވާސިލް ނުވާނޭފަތަ މާތް މަޤާމެއް ތިމާމެންނަށް ލިބިގެންވާކަމުގައި ދެކެ އެވެ. އެބައިމީހުން ލާ ހެނދުންތަކުންނާއި، ހިނގައިއުޅޭ ގޮތުންނާއި، އެބައިމީހުން ދައްކާ ވާހަކަތަކުން މިކަން ފާޅުވާނެ އެވެ. إنّا لله وإنّا إليه راجعون! އެބައިމީހުންގެ ކިބައިން (އުއްމަތަށް) ލިބޭ ގެއްލުމުގެ ބޮޑު ކަމާ އެވެ! އެބައިމީހުންގެ ކިބައިން ލިބޭ މަންފާގެ ކުޑަކަމާ އެވެ! އެބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުން އެދި އަހަރެމެން ﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ.“
ދަންނާށެވެ. މިފަދަ ރޯނުއެދުރުންނަކީ ވަރަށްވެސް ނުރައްކާތެރި ބައެކެވެ. އެބައިމީހުން ނުރައްކާތެރިކަން ކީރިތި ޤުރުޢާނާއި ރަސޫލާ ﷺ ގެ ސުންނަތުން ބަޔާންވެގެން ދެއެވެ. އެގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ.
﴿ قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ ﴾ الأعراف: ٣٣ ”ނަބިއްޔާ ވިދާޅުވާށެވެ! ތިމަން ނަބިއްޔާގެ ވެރި އިލާހު ޙަރާމް ކުރެއްވިކަން ކަށަވަރީ، ފާޙިޝް ކަންތައްތަކެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ވަންހަނާ ވެގެންވާ ކަންތައްތަކެވެ. އަދި ފާފަ ކުރުމާއި، ޙައްޤަކާ ނުލައި މީސްތަކުންނަށް އަނިޔާވެރި ވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ޙުއްޖަތެއް ދެއްވާފައިނުވާ އެއްޗެއް ތިޔަބައިމީހުން ﷲ އަށް ޝަރީކު ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެން ނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނުމެވެ.“
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُون ﴾ النحل: ١١٦ ”ﷲ އާމެދު ތިޔަބައިމީހުން ދޮގު ހެދުމަށްޓަކައި ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި ސިފަކޮށްއުޅޭ ކަންތަކަށް މިއީ ޙަލާލު ކަމެކޭ އަދި މިއީ ޙަރާމް ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ. ހަމަކަށަވަރުން ﷲ އާމެދު ދޮގުހަދާ މީހުން ނުދިންނަވާނޭ ހުއްޓެވެ.“
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ ﴾ النجم: ٣٢ ”ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތަޢުރީފުކޮަށް، ފަޚުރުވެރި ނުވާށެވެ! ތަޤްވާވެރިވީ މީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.“
އަމިއްލަ ނަފްސަށް ތަޒްކިޔާ ދިނުމުގައި ހައްދުފަހަނައަޅައިފައިވާ ބައެއްގެ ގޮތުގައި މި ރޯނުއެދުރުންތައް ވެއެވެ.
ނަބިއްޔާ ﷺ ހަދީޘްފުޅުކުރައްވާފައިވެ އެވެ. (إن الله لا يقبض العلم انتزاعا ينتزعه من العباد، ولكن يقبض العلم بقبض العلماء، حتى إذا لم يبق عالما اتخذ الناس رؤوسا جهالا، فسئلوا فأفتوا بغير علم، فضلوا وأضلوا) .متفق عليه ”އެކީ އެއްފަހަރާ އަޅުތަކުންގެ ހިތްތަކުން ފޮހެވިގެންދާ ގޮތުގައި ﷲ ތަޢާލާ މި ޢިލްމު ނުހިއްޕަވާނެ އެވެ. އެހެނަސް ﷲ ތަޢާލާ މިޢިލްމު ހިއްޕަވާނީ ޢިލްމުވެރިންގެ މަރު ހިއްޕެވުމާއި އެކުގަ އެވެ. އެހެންގޮސް އެއްވެސް ޢިލްމުވެރިއެއް ނެތިދާހިނދު، މީސްތަކުން އެބައިމީހުންގެ ބޮޑެތި އިސްމީހުންކަމުގައި ޖާހިލުން ހަދައެވެ. ފަހެ އެބައިމީހުންނާއި ސުވާލުކުރެވުމުން ޢިލްމެއްނެތި ފަތުވާ ދެ އެވެ. އަމިއްލައަށް މަގުފުރެދި އެހެންމީހުންވެސް މަގުފުރައްދަ އެވެ.“
އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ. (إنما أخاف على أمتي الأئمة المضلين) رواه الدارمي وأبو داوود ”އުންމަތުގެ މައްޗަށް ތިމަން ނަބިއްޔާ ބިރުފުޅުވަޑައިގަންނަވާކަން ކަށަވަރީ މަގުފުރައްދާ އިމާމުންގެ ކިބައިންނެވެ.“
އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ. (إن من أشراط الساعة أن يلتمس العلم عند الأصاغر) رواه ابن المبارك والطبراني ”އުމުރުން ހަނގު މީސްތަކުންގެ ކިބައިން ޢިލްމު ޙާސިލް ކުރުންވަނީ ޤިޔާމަތުގެ ޢަލާމާތުގެ ތެރެއިންކަން ކަށަވަރެވެ.“
ކޮންމެ ރޯނުއެދުރަކީ ޢިލްމުގެ މައިދާނުގައި އުމުރުން ހަނގު މީހެކެވެ. އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ. (الْمُتَشَبِّعُ بِمَا لَمْ يُعْطَ كَلَابِسِ ثَوْبَيْ زُورٍ) رواه البخاري ”އެމީހަކަށް ދެވިފައިވާ ނުވާ އެއްޗަކުން ބަނޑުފުރަން އުޅޭ މީހާ، ދޮގު ވެރިކަމުގެ ދެ ހެދުން ލައިގެން ހުރި މީހެއް ފަދައެވެ.“
الحافظ النووى رحمه الله މި ޙަދީޘުގެ ޝަރަހައިގައި ޢިލްމުވެރިންގެ ކިބައިން ޒިކުރުކުރައްވާ ފައިވެއެވެ. ”އެއީ ތިމާގެ އަތުގައި ނެތް އެއްޗަކުން މީސްތަކުންނަށް އޭނާގެ ގިނަކަން ދައްކަން އުޅޭ މީހާއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެއީ އެމީހެއްގެ ހިތުގައި ޚުޝޫޢަތާ ބިރުވެރިކަމާ ޒުހުދުވެރިކަން ނެތް މިންވަރަށް މީސްތަކުންނަށް ދެއްކުމުގެ ގަސްތުގައި ޒުހުދުވެރިކަމާ އަޅުވެތިކަމާ ވަރަޢުވެރިކަމުގެ އަހުލުވެރިންނާ އެއްގޮތަށް ހެދުން އަޅާ މީހާއެވެ. އެއީ ދޮގާ ދެއްކުންތެރި ކަމުގެ ފޭރާމެކެވެ.“ صحيح مسلم، كتاب اللباس و الزينة، باب النهي عن التزويد في اللباس و غيره الحديث 2129، انظر المنهاج، شرح مسلم للنووي
އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ. (لا تعلموا العلم لتباهوا به العلماء، ولا لتماروا به السفهاء، ولا تخيروا به المجالس، فمن فعل ذلك فالنار النار) رواه ابن ماجه وابن حبان ”ޢިލްމުވެރިން ގާތުގައި ކިބުރުވެރިވެ ބޮޑާވެރިވުމަށްޓަކައި، އަދި ޖާހިލުންނާ ޖިދާލުކޮށް ކޯޅުމަށްޓަކައި، އަދި މަޖިލިސްތަކުގައި އިސްވުމުގެ ނިޔަތުގައި ތިޔަބައިމީހުން ޢިލްމު އުނގެނި ނުގަންނާށެވެ. ފަހެ އެފަދައިން ކަންތައް ކޮށްފި މީހަކަށް ހުރީ ނަރަކައެވެ. ނަރަކައެވެ.“
ރޯނުއެނދުރުން އެމީހުންގެ މަޖިލިސްތަކުގެ މައިގަނޑު މަޤަޞަދަކީ މިއެވެ.
ޢިލްމު އުނގެނުމުގައި ކިޔަވާކުދިން އަދާކުރަންޖެހޭ މަސްޢޫލިއްޔަތާއި މެދު ނަސޭހަތް ދެއްވަމުން އަލްޢައްލާމާ ޞާލިޙް އަލް ފަޥްޒާން ވިދާޅުވެފައިވާ ބަސްފުޅަކުން މިލިޔުން ނިންމާލަމެވެ. ”ޢިލްމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިވާ ޢިލްމުވެރިންގެ ކިބައިން ޢިލްމު އުގެނުމަށް އުންމަތުގެ ޒުވާނުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. ޢިލްމާއި އެކު ޙައްޤުގެ މަތީ ފައިތިލަ ޘާބިތުކޮށް އޭގެ މަތީގައި ޤާއިމްވެ ތިބޭ ބަޔަކު ގޮތުގައި އެ ޢިލްމުވެރިން އެނގި މަޝްހޫރުވެގެންވެއެވެ. އެއީ ޔުނިވަރސިޓީ، ކުއްލިއްޔާ ނުވަތަ މައުހަދުތައް ފަދަ ރަސްމީކޮށް ކިޔަވައިދޭ ތަންތަނުގައި އާއި އަދި މިސްކިތްތަކާއި ގެތައް ފަދަ މަޖިލިސްތައް ކަމުގައި ވީނަމަވެސް މެއެވެ. (ކޮންމެ ހާލަތެއްގައިވެސް ކިޔަވާ ކުއްޖާގެ މައްޗަށް އޮތީ ޢިލްމުގެ އަހުލުވެރިންގެ ކިބައިން ޢިލްމު އުނގެނުމެވެ. އެބައިމީހުންގެ ޢިލްމުގެ މައްޗަށް އުންމަތް އިތުބާރުކުރާ ޢިލްމުވެރިންގެ ކިބައިންނެވެ. ޢިލްމު ހޯދުން އޮތީ މިފަދަ ޢިލްމުވެރިންގެ ކިބައިންނެވެ. ރޯނުއެނދުރުންނާއި ޖާހިލުންގެ ކިބައިން ޢިލްމު ހޯދައިގެން ނުވާނެއެވެ. އެބައިމީހުންނަކީ ޢިލްމުގެ އަހުލުވެރިންނާއި ގާތްވުމަކާއި ނުލައި އަމިއްލައަށް ޢިލްމުވެރިންނަށް ވެގެން އުޅޭމީހުންނެވެ. ޢިލްމުވެރިންގެ ކިބައިން ޢިލްމު ހާސިލުކުރުމުގެ ބަދަލުގައި ފޮތްތަކުން އެބައިމީހުން ޢިލްމު އުނގެނެއެވެ. ނޫނީ އެބައިމީހުން ފަދަ ޖާހިލު ރޯނުއެނދުރުންގެ ކިބައިންނެވެ. އެހެންކަމުން ޢިލްމު އޭގެ އަހުލުވެރިންގެ ކިބައިން ނެގުމަކީ އަމާނާތެކެވެ.“
އަޚުންނޭވެ! ދީނުގެ މައްޗަށް އިންތިހާއަށް ހުށިޔާރުވާން ޖެހެ އެވެ. ރައްކާތެރިކަމާއި ސަމާލުކަން ހޯދަންޖެހެ އެވެ. އެމީހެއްގެ ޢަޤީދާ އަދި މަންހަޖާއި، ސުންނަތުގައި ޘާބިތުކަމުގައި ޤާއިމްވެފައިވާ ފަރާތްތަކުގެ ކިބައިން މެނުވީ ޢިލްމު ހޯދުމެއް ނުވެ އެވެ. ރައްބާނިއްޔަ އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްތަކުގެ މައްޗަށް މީސްތަކުން ތަރުބިއްޔަތު ކުރާ މީހުންގެ ކިބައިން ޢިލްމާއި ދީން ހޯދުން ހުއްޓެވެ. އެމީހެއްގެ ބަސްތަކާއި، ޢަމަލުތައް އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްތަކާއި ޚިލާފްވެގެންވާ ކަމުގައިވެއްޖެހިނދު، އެމީހެއްްގެ ކިބައިން އިންޒާރުލިބި ދުރުވާންޖެހޭނެ އެވެ. ތިމާގެ ދީނުގެ ރައްކާތެރިކަމަށްޓަކަ އެވެ. ﷲ އާއި އެއިލާހުގެ ނަބިއްޔާ ބަޔާންކޮށްދެއްވި ހިދާޔަތުގެ މަގުގައި ދެމިހުރުމަށްޓަކަ އެވެ. އެހެން ނޫންނަމަ ތިމާގެ ޘާބިތުކަން ގެއްލި، ދީން ވީރާނާވެ ދެދުނިޔޭގެ އަބާއްޖަވެރިކަމާއި ކުރިމަތިވުން ނުހަނު ގާތްވެގެންވެ އެވެ. މިފަދަ އަހުލުވެރިއެއް ނެތި، ސުންނަތުގެ މައްޗަށް ޢަމަލުކުރުން ދޫކޮށްފައިވާ، ދީނުގައި އެކިއެކި ކުލަޖެހޭ މީހުންގެ ކިބައިން ދީން ހޯދުމަށްވުރެ ތިމާ ޖާހިލެއްގެ ގޮތުގައިވުން ހެޔޮކަންބޮޑުވެގެންވެ އެވެ. މިފަދަ މީހުންގެ ކިބައިން ދީން ހޯދުމަކީ ޤިޔާމަތުގެ ޢަލާމާތެކެވެ. العَلاَّمَة د. رَبِيع بن هَادي المَدخَلِي حفظه الله ވިދާޅުވެފައިވެ އެވެ. ”ޤިޔާމަތުގެ ޢަލާމާތް ތަކުގެ ތެރޭގައި :މީިސްތަކުން ދީނުގެ ބޮޑެތި ޢިލްމުވެރިން ދޫކޮށް، އަޞާޣިރުން (ބޮޑެތި ޢިލްމުވެރިންނާ ޚިލާފަށް ބަސްބުނެ، ދީނުގެ ތެރެއަށް އާ ކަންތައްތައް ވައްދާފައިވާ) މީހުންނަށް އަދި ޢިލްމުގެ އަހުލުވެރިން ކަމަށް ފާޅުވެގެންއުޅޭ ޖާހިލު ފަރާތްތަކަށް ތަބަޢަވުން ހިމެނެ އެވެ. ފަހެ، މިއީ ބޮޑުވެގެންވާ މުޞީބާތެކެވެ.“ مرحبا يا طالب العلم 227
މިއަދު އެކިއެކި ރަށްތަކަށް ޒިޔާރަތްކުރާހިނދު އަޑުއިވެނީ ”ހުސައިން ކިޔާ މީހެއް“ ”އިބްރާހީމް ކިޔާ މީހެއް“ ”ޢައްމާރު ކިޔާ މީހެއް“ ”ޙާޝިމް ކިޔާ މީހެއް“ އެކިއެކި ގޭތަކުގައި ދަރުސްދޭ ވާހަކަ އެވެ. އެއްވެސް ޢިލްމީ ތަނަކުން ޢިލްމެއް ހޯދާފައިވާ މީހެއްް ނޫނެވެ. އެއްވެސް ހުއްދައެއްއޮތް މީހެއް ނޫނެވެ. އަޚުންނޭވެ! އުޚްތުންނޭވެ! އިންސާނާގެ އަތުގައިވާ އެންމެ ބޮޑު ރައުސުލް-މާލު މި ހުށަހަޅަނީ މިފަދަ މީހެއްްގެ އަތްމައްޗަށް ތޯ އެވެ؟ ތިމާގެ އެންމެ އަގުބޮޑު މުދާ ކަމުގައިވާ ދަރިން ހުށަހަޅަނީ މިފަދަ މީހެއްްގެ އަތްމައްޗަށް ތޯ އެވެ؟ ދަރިފުޅު ކާފިރު ކުރާ ފިކުރާއި، މީހުންގެ ލޭ އޮހޮރުވާ ފިކުރާއި، ޖާނުންފިދާވާ ފިކުރާއި، ބާޠިލް ޖިހާދު ފިކުރުގެ ތެރެއަށް ފަތުރައި، އެތައްބައެއްްގެ ޙަޔާތް ވިއްސި ވިހާލިވެ، މުޅި ދިރިއުޅުން ވީރާނާކޮށް ކުދިކުދި ކޮށްލަނީ ހެއްޔެވެ؟ ތިމާގެ އަތުގައި ސަނަދެއްނެތި، ހުއްދައެއްނެތި އިސްލާމް ދީން އުނގަންނައިދިނުމަށް ނިތުކުންވެސް އެމީހެއްްގެ ޖާހިލުކަމަށް ފުދެ އެވެ. ޞަޙާބީ أبُو الدرداء رضي الله عنه ވިދާޅުވެފައިވެ އެވެ. ”ޖާހިލު ކަމުގެ ޢަލާމާތް 3 ކެވެ. ތިމާގެ އަމިއްލަނަފްސު ތިމާއަށް ފެނުން. އޭނާއާ ނުބެހޭ ވާހަކަތައް ދެއްކުމުގައި ގިނަކުރުން. އެމީހަކު އެކަންތަކުގެ މަތިން ނަހީކުރާ ކަންކަމަށް އެމީހަކު އަރައިގަތުމެވެ.“ جامع بيان العلم 1/286 މިފަދަ ޖާހިލުންނަކީ ތިޔަ އަޚުންނާއި އުޚުތުންގެ ދަރިން އެމީހެއްގެ ގާތަށް ތަރުބިއްޔަތު ކުރުމަށް ހުށަހަޅާ ފަރާތްތައް ކަމުގައި ނަހަދާށެވެ. މިއަށްވުރެ ބޮޑު ޖާހިލެއް ކޮބައި ހެއްްޔެވެ؟ ތާބިޢީ مسروق بن الأجدع رحمه الله ވިދާޅުވެފައިވެ އެވެ. ”އެމީހަކު ﷲ އަށް ބިރުވެތިވުމުން އޭނާއަށް ޢިލްމު ލިބިފައިވާކަމަށް ފުދެ އެވެ. އަދި އޭނާގެ ޢިލްމާއި މެދު އަމިއްލައަށް ޢަޖައިބުވެ ފޮނިވެއްޖެހިނދު އޭނާގެ ޖާހިލުކަމަށް ފުދެ އެވެ.“ أخلاق العلماء للآجري ٧٠ ﷲ ތަޢާލާ އަޅަމެންނަށް ސުންނަތާއި ސަލަފީ މަގު ދައްކަވައި އެމަގުގައި އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ޘާބިކޮށްދެއްވާށި އެވެ. و الحَمد لله رب العَالمين.