|

ހިނައިގަންނައިރު ކުރާ ވުޟޫއިން ނަމާދު ކުރެވޭނެތޯ؟ އަދި ހިނައިގަންނާނެ ގޮތަކީކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހިނައިގަންނައިރު ކުރާ ވުޟޫއިން ނަމާދު ކުރެވޭނެތޯ ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : ހިނައިގަތުމުގައި އެންމެ ފުރިހަމަ ވެގެންވާ ހިނައިގަތުމަކީ އަންނަނިވި ސިފައިގައި ހިނައިގަތުމެވެ. މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ޘާބިތުވެގެންވާ ސިފައިގައި އެ ތަފްސީލުގެ މައްޗަށް ހިނައިގަތުމެވެ. އޭގެ ސިފަތައް ތިރީގައި ބަޔާން ކުރަމެވެ.

1. ނިޔަތް ގަތުން (ބޮޑު ޙަދަޘަވެރިކަމުން) ޠާހިރުވުމުގެ ނިޔަތް އޮތުމެވެ.

2. ނަޖިސް ނުކުންނަ ދެ ދޮރު ދޮވެ ސާފު ކުރުމެވެ.

3. ނަމާދަށް ވުޟޫ ކުރާ ފަދައިން ފުރިހަމަ ވުޟޫއެއް ކުރުމެވެ.

4. ބޮލަށްވާ ގޮތަށް ތިން ފަހަރަށް ފެން އޮއްސާލުމެވެ.

5. ހަށިގަނޑުގެ ކަނައަތްފަރާތަށް 3 ފަހަރަށް ފެން އޮއްސާލުމެވެ.

6. ހަށިގަނޑުގެ ވައަތްފަރާތަށް ފެން އޮއްސާލުމެވެ. ބަޔާންކޮށްފައިވާ ސިފަތައް الامام مسلم ޞަޙީޙުގައި 1190 ގައި ބަޔާންކޮށްފައިވެ އެވެ.

(ހަށިގަނަޑަށް ފެން އޮއްސާ ލުމުގައި ކަނައަތްފަރާތް އިސްކޮށްފައިވާ ސަބަބަކީ ނަބިއްޔާ ﷺ ގެ ޢާންމުކޮށް ޠަހާރަތުގައި ކަނައަތްފަރާތް އިސްކުރައްވަ އެވެ.)

ބަޔާންވެގެންދަނީ : މި ފުރުހަމަ ސިފައަށް ހިނައިގަންނަ މީހާ ހިނައިގަތުމުގެ ތެރޭގައި ފުރިހަމަ ވުޟޫެއް ކުރާކަމެވެ.

ދެވަނައީ : ހިނައިގަތުމުގައި ކުރާ ވުޟޫ ނުވަތަ އެހެން ޢަމަލަކަށް ކުރާ ވުޟޫއެއް ކަމުގައިވީނަމަވެސް، އެ ވުޟޫ ގެއްލޭފަދަ ޙާލަތެއް މެދުވެރި ނުވާނަމަ، އެ ވުޟޫއިން އެހެނިހެން ޢަމަލުތައް ކުރުން ހުއްދަވެގެންވެ އެވެ. އެއްވެސް މަނާކަމެއް ނެތެވެ. މިތަނުގައި ސަޢުދީ ޢަރަބިއްޔާ ގެ ފަތުވާ ކޮމެޓީން، އިމާމް ابن باز -رحمه الله- ގެ ރިޔާސަތުގައި ނެރެފައިވާ ފަތުވާއެއއް ބަޔާން ކުރަމެވެ.

ސުވާލު : ސުންނަތް ވެގެންވާ ޢަމަލެއް ކުރުމަށް ކުރާ ވުޟޫއިން ފަރުޟު އަޅުކަން ކުރުމުގައި ވިދާޅުވާ ބަސްފުޅަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”ސުންނަތް ނަމާދެއް ކުރުމުގެ ނިޔަތުގައި ޙަދަޘައިން ޠާހިރުވުމަށް ވުޟޫކޮށްފިހިނދު، އެ ވުޟޫއިން ސުންނަތް އަދި ފަރުޟު އަޅުކަންތައް ކުރެވޭނެ އެވެ. އަދި އެ ވުޟޫއަކީ، ވުޟޫކުރުން (ކުޑަ ޙަދަޘައިން ޠާޙިރުވުން) ޝަރުތު ކުރެވިފައިވާ އެންމެހައި އަޅުކަންތަކެއް ކުރެވޭނެ ވުޟޫއެއްގެ ގޮތުގައިވެ އެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“ فتاوى اللجنة الدائمة : 3615

ވުމުން މައްސަލަ ސާފުވެ ބަޔާންވެއްޖެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم

Similar Posts