އެމީހާގެ ފަރުވާ ކުޑަކަމުގައިވެ، ނަމާދު ދޫކޮށް ނަމާދު އަޅައިިފި މީހާގެ ހުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ބުނަމެވެ.
ނަމާދަކީ ވާޖިބު ކަމެއް ކަމަށް އިންކާރު ކުރާ މީހާ ނުވަތަ ނަމާދު ކުރުމާއި ނުކުރުމުގެ ފަރުދީ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށް ދެކޭ މީހާ ކާފަރެއް ކަމާއި މެދުގައި ޢިލްމުވެރިންވަނި އިއްތިފާޤުވެފަ އެވެ.
އެމީހެއްގެ ޖާހިލުކަން ޝައްކެތްނެތް މިންވަރަށް ޘާބިތުވެއްޖެ މީހާ މެނުވީ އެވެ.
މިފަދަ ކަންތައްތަކީ ޖާހިލެއް ކަމަށް ދަޢުވާކޮށްފި ކޮންމެ މީހެއްގެ ދަޢުވާ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ދެންފަހެ ފަރުވާކުޑަކަމާ އެކު ޤަސްތުގައި ނަމާދު އަޅާ މީހާއާ މެދު ޢިލްމުވެރިންވަނީ ޚިލާފްވެފަ އެވެ. އެއީ ޝިރުކަށްފަހު އެންމެ ބޮޑުވެގެންވާ ފާފައަކި އެއީ ކަމުގައި ޢިލްމުވެރިން އިއްތިފާޤުވުމާއެކުގަ އެވެ.
އެ ފާފައިގެ ބޮޑުކަމުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނި، އެފަދަ މީހަކަށް ތަޥްބާ ލައިދެވުމަށްފަހު ނަމާދު ނުކުރުމުގެ މަތީގައި ދެމިހުރެއްޖެނަމަ، އެމިހަކު ޤަތުލު ކުރެވޭނެ ކަމެވެ. އަދިފަހެ، އިމާމް أبو حنيفة އެކަމުގައި އެމީހަކު ޤަތުލު ނުކުރެވޭނެ ކަމަށް ދެކިވަޑައިގެންނެވި ކަމުގައިވިނަމެވެސް އެމީހަކު ނަމާދު ކޮށްފުމަށް ދާންދެން، ޢުމުރަށް ކަމުގައިވީނަމަވެސް ޖަލަށް ލެވޭނެ އެވެ.
ދެންފަހެ، އެފަދަ މީހަކު ކުފުރުވާނެ ކަމާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ޚިލާފްވަޑައިގެންފައިވަނި މައިގަނޑު 2 ޤަޥްލެއްގެ މައްޗަށެވެ.
- ކާފަރު ވާނެ ކަމުގެ މައްޗަށް ބުނެވޭ ޤައުލެވެ. މިއީ އިމާމް أحمد ގެ ފަރާތުންވާ ރިވާޔަތެކެވެ.
އަދި ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ ޟާހިރު ޤައުލުގެ އިތުރުން މި ޤައުލުގެ މައްޗަށް ޞަޙާބީން އިޖުމާޢުވެވަޑައިގަންނަވާފައިވާ ކަމަށްވެސް ބެލެވޭ ޤައުލުވެސްމެ އެވެ.
އަދި ހަމަ އެފަދައިން މި ޒަމާނުގެ ގިނަ ޢިލްމުވެރިންވެސް އިޚްތިޔާރު ކުރައްވާ ޤައުލުވެސް މެ އެވެ.
އެ ބޭކަލުންގެ އެންމެ ވަރުގަދަ ދަލީލުތަކުގެ ތެރޭގައި :
- ﷲ ވަޙީކުރެއްވި އެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ – التوبة 11. ”ފަހެ، އެބައިމީހުން ތަޥްބާވެ ނަމާދު ޤާއިމްކޮށް ޒަކާތްދީފި ކަމުގައިވާނަމަ، އެބައިމީހުންނަކީ ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ..“ ދީނުގެ އުޚުއްވަތު ކަމުގެ ޝަރުޠުކަމުގައިވާ އިސްލާމްކަން ޙާޞިލްވުމަށްޓަކައި މުސްލިމެއްގެ ކިބައިގައި ވާންޖެހޭ ތިން ކަމެއް މިއާޔަތުގައިވެ އެވެ. އެއީ ޝިރުކުން ތަޥްބާވުމާއި، އަދި ނަމާދު ޤާއިމް ކުރުމާއި އަދި ޒަކާތް ދިނުމެވެ.
ދެންފަހެ، ޒަކާތް ނުދޭ މީހާ، އެމީހަކަށް އެކަމަށް އެކަށީގެންވާ ޢުޤޫބާތް ލިބުމަށްފަހު ސުވަރުގެ ނުވަތަ ނަރަކައަށް އެމީހެއްގެ މަންޒިލް ކަމުގައިވާނެ ކަމުގައި ޙަދީޘްތަކުގައި ބަޔާން ވުމުން ޒަކާތް ނުދޭ މީހާ އިސްތިސްނާ ވިޔަސް ނަމާދު ނެރެވޭނެ އެއްވެސް ދަލީލެއް ނެތެވެ. ޒަކާތާއި އެކުވެގެން އައިސްފައި ވުމުން ނަމާދުގެ ޙުކުމްވެސް ވަނި ޒަކާތުގެ ޙުކުމްފަދައިން ބުނުމަކީ ބަލިކަށި ޤައުލެކެވެ.
- ނަމާދު އަޅާ މީހާގެ އެ ޢަމަލަކީ، ޝިކުރެއް ކަމަށް އަދި ކުފުރެއްކަމަށް އައިސްފައިވާ ޙަދީޘްތަކެވެ.
އެފަދަ ޙަދީޘްތަކުގެ ތެރޭގައި بريدة بن الحصيب الأسلمي ގެ ޙަދީޘް ހިމެނެ އެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (العَهدُ الذي بَينَنا وبَينَهُم الصلاةُ، فمن تَرَكَها فَقَد كَفَرَ) ”އަހަރެމެންނާއި އެބައިމީހުންނާ ދެމެދުގައިވާ ޢަޙުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ ހަމަކަށަވަރުން ކާފަރު ވެއްޖެ އެވެ.“ الترمذي 2621
އަދިވެސް އެފަދަ ޙަދީޘްތަކުގެ ތެރޭގައި جابر بن عبد الله ގެ ޙަދީޘްވެ އެވެ. (بين الرجلِ و بين الكفرِ تركُ الصلاةِ) ”އެމީހާއާއި ކުފުރާއި ދެމެދުގައިވަނީ ނަމާދެވެ.“
ދެންފަހެ، މިތާގައި ބަޔާންވެގެންވާ ކުފުރަކީ ބޮޑު ކުފުރާ ހަމައަށް އުފުލިގެން ނުވާ ކުޑަކުފުރު ކަމުގައި ބުނެ ތައުވީލުކުރުން ދެ ކަމެއްގެ ސަބަބުން މަނާވެގެންދެ އެވެ.
ފުރަތަމައީ : ތަފާތު ލަފްޒުތަކުން އައިސްފައި ވުމެވެ. ބައެއްފަހަރު ޝިރުކުގެ ލަފްޒުން އައިސްފައިވެ އެވެ. އަދި ބައެއްފަހަރު ކުފުރުގެ ލަފްޒުން އައިސްފައިވެ އެވެ. ދެންފަހެ ޤަވާޢިދަކީ ”ލަފްޒުތައް ތަފާތުވުމުން ތައުވީލު ކުރުން މަނާވެގެންދިއުމެވެ.“
ދެވަނައީ : ކާފަރުވާނެ ކަމަށް އައިސްފައިވާ ޙަދީޘްތަކުގެ ބާރުގަދަވުމެވެ. އޭގެ ޟާހިރު މާނަ ނޫން އެހެން މާނައަކަށް ތައުވީލުކުރަން ބޭނުންވާވަރުގެ ޙުއްޖަތެއް ފެންނަން ނެތުމުން އަސްލަކީ އޭގެ ޟާހިރު މާނައިގައި އޮތުމެވެ.
ތިންވަނައީ : ސަލަފުއް ޞާލިޙުންގެ ފަރާތުން ތަފްޞީލުކޮށް އަދި އިޖުމާލީކޮށް ކާފަރުވާނެ ކަމަށް އައިސްފައިވާ ބަސްފުޅުތަކެވެ.
އެފަދަ ބަސްފުޅުތަކުގެ ތެރޭގައި : عمر بن الخَطَّاب رضي الله عنه ގެ ހަށިކޮޅަށް ހަންޖަރުން ހަމަލާދިނުމުގެ ޙާދިޘާއަށްފަހު، އެ ހާލުކޮޅުގައި އޮންނަވާ މަރުހިއްޕެވުމުގެ ކުރިން ވިދާޅުވި އެވެ. ”ނަމާދު އަޅައިފި އެއްވެސް މީހަކަށް އިސްލާމް ދީނުގެ ނަޞީބެއް ނޯންނާނެ އެވެ.“ مصنف عبد الرزاق ٥٧٩
މަޝްހޫރު ތާބިޢީ ބޭކަލެއް ކަމުގައިވާ عبدالله بن شقيق -رحمه الله- އަރިއަހުން ނަޤުލުވެގެން ވެ އެވެ. ވިދާޅުވިއެވެ. (كانَ أصحابُ محمَّدٍ صلَّى اللَّهُ عليهِ وسلَّمَ لا يَرونَ شيئًا منَ الأعمالِ تركُهُ كُفرٌ غيرَ الصَّلاةِ) ”ނަބިއްޔާ -صلى الله عليه وسلم- ގެ އަޞްޙާބުން، ނަމާދު މެނުވީ އެއްވެސް ޢަމަލެއް ދޫކުރުމުން ކާފަރުވާނެ ކަމުގައި ދެކެވަޑައިނުގަންނަވައެވެ.“
މި އިޖްމާޢު ނަބިއްޔާ -صلى الله عليه وسلم- ގެ ޞަޙާބީންގެ ފަރާތްޕުޅުން ނަޤުލުކުރައްވާފައި މިވަނީ ތާބިޢީންގެ ތެރޭގައިވި ޡިޤާ އެކެވެ. ތާބިޢީ ވިދާޅުވެފައިވަނީ، ތާބިޢީއާ ބައްދަލުވި محمّد -صلى الله عليه وسلم- ގެ ޞަޙާބީން އެފަދައިން ވިދާޅުވާކަމުގަ އެވެ.
امام احمد -رحمه الله- ވިދާޅުވެފައިވެ އެވެ. وَمَنْ تَرَكَ اَلصَّلَاةَ فَقَدْ كَفَرَ وَلَيْسَ مِنْ اَلْأَعْمَالِ شَيْءٌ تَرْكُهُ كُفْرٌ إِلَّا اَلصَّلَاةُ، مَنْ تَرَكَهَا فَهُوَ كَافِرٌ، وَقَدْ أَحَلَّ اَللَّهُ قَتْلَهُ. މާނައަކީ :ނަމާދު އަޅައިފި މީހަކީ ހަމަކަށަވަރުން ކާފަރެކެވެ. ޢަމަލެއް ދޫކުރުމުން ކާފިރުވާނެ އެއްވެސް ޢަމަލެއް ނަމާދު ނޫނީ ނުވެއެވެ. ނަމާދު އަޅައިފި މީހަކީ ކާފަރެކެވެ. އޭނާ ޤަތުލުކުރުން ހަމަކަށަވަރުން ޙަލާލުވެއްޖެ އެވެ.
ވުމާއެކު، މިއީ ޙުއްޖަތުން ވަރުގަދަ ބަސްފުޅެއް ކަމުގައިވުމުން މިކަމުގެ ނުރައްކާތެރި ކަމުގެ މައްޗަށް ވިސްނާލުން ހުއްޓެވެ.
ދެވަނަ ޤައުލަކީ ކާފަރު ނުވާނެކަމުގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅެވެ. އެބޭކަލުންގެ ޖަވާބުތަކަށް ވަކިވަކިން ޖަވާބު ދިނުމުގެ ބަދަލުގައި ކުރު ކުރުމުގެ ގޮތުން މައިގަނޑު ތިން ބަޔަކަށް ބަހާލެވިދާނެ އެވެ.
ޢިލްމުވެރިން ޛިކުރުކުރާ އެ ތިންބަޔަކީ :
1.ނަމާދާއި ގުޅުމެއްނެތް ޢާންމު ދަލީލުތަކެވެ.
މިޘާލަކަށް ޝިކުރު އަދި ކުފުރު ނޫން އެހެނިހެން ފާފަތައް ފުއްސެވޭނެކަމަށް ނުވަތަ ޝިރުކުން އެއްކިބާވެ، ތަޥްޙީދުގެ މަތީގައި މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެ ކަމުގެ ދަލީލުތަކެވެ. ޙަޤިޤަތުގައި މިއީ މިކަމުގެ މައްޗަށް ގެނައުމަށް އޮތް ދަލީލުތަކެއް ނޫނެވެ. އެހެނީ ޚިލާފްވެގެންވަނީ ކުފުރަށް ވާނެތޯ ނުވަތަ ނުވަންނާނެތޯ އެކަމުގެ މައްޗަށެވެ.
- ޢުޛުރު ޘާބިތުވެއްޖެނަމަ ކާފަރު ނުވާނެ ކަމށް އައިސްފައިވާ ދަލީލުތަކެވެ.
- އެ ދަލީލުތަކުގައި އިޙްތިމާލް އެކުލެވިގެންވާ ދަލީލު ތަކެވެ. ފަހެ، އިޙްތިމާލް ވެއްޖެހިނދު އޮތީ ޞަރީޙަ މުޙްކަމް ދަލީލުތަކަށް ރުޖޫޢަ ކުރުމެވެ.
މި ރައުޔުގެ ޢިލްމުވެރިންގެ ދަލީލުތައް މި ތިންބައިން ބޭރަކަށް ނުދެ އެވެ.
ވުމުން މިހާރު މި މައްސަލަ އަދި ނަމާދު އުޒުރެއްނެތި އަޅައިފިމީހާގެ ނުރައްކަލާއި އޭނާގެ މައްޗަށްއޮތް ހުކުމް ބަޔާންވީ އެވެ. ފަހެ އެހެންވުމުން ޢުޛުރެއްނެތި ނަމާދު އަޅައިފިމީހާ ވެއްޓިގެންދަނީ ބަޔާން ކުރެވުނު ކުރުފާއި ދީނުން ބޭރުވުމުގެ ހައްދުގެ ތެރެއަށެވެ. އެއީ އެންމެހައި ނުބައިވެގެންވާ ފާފަތަކަށްވުރެ ބޮޑު ނުބައިކަމެއްކަން އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ފާފަ އެކެވެ.
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޤަސްތުގައި ފަރުޟު ނަމާދު އެޅުމަކީ އެންމެ ނުބައިކަން ބޮޑު ފާފައިގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމާއި އަދި އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމާއި މެދު މުސްލިމުން ޚިލާފެއްނުވެ އެވެ. އަދި ﷲ ގެ ޙަޟުރަތުގައި އެއީ، ނަފްސެއް ޤަތުލު ކޮށްލުމަށްވުރެ، މުދާ ފޭރުމަށްވުރެ، ވައްކަން ކުރުމާއި ޒިނޭ ކުރުމަށްވުރެ އަދި ބަނގުރާ ބުއިމަށްވުރެ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އަދި ހަމަކަށަވަރުން އެމީހަކުވަނީ ﷲގެ ޢުޤޫބާތަށް ހުށަހެޅިގެންނެވެ. އަދި އެމީހަކުވަނީ ދުނިޔެއާއި އާޚިރަތުގައި ﷲގެ ކޯފާއަށް ހުށަހެޅިގެންންނެވެ.“ كتاب الصلاة ص 5
الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ނަމާދު އަޅާ މީހާއަކީ ވައްކަން ކުރާމީހާއަށްވުރެ، ޒިނޭ ކުރާމީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.“ جامع المسائل 4-142
ޝަރުޢީ ޢުޛުރެއްނެތި ނަމާދު އަޅައިފިމީހާގެ މައްޗަށް އޮތް ޙުކުމް ބަޔާންކޮށް ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެތީން ނެރެފައިވާ ފަތުވާގައިވެ އެވެ.
ސުވާލު : ނަމާދު ކުރުމަށް ކަނޑައެޅިފައިވާ ވަޤުތުތައް ފާއިތުވެދިއުމުން ނަމާދު ކުރާ އަންހެނެކެވެ. އަދި އެފަދައިން ނަމާދު ކުރުމަށް ބޮޑެތި އަންހެން ދަރިންނަށާއި ކުޑަ އަންހެން ދަރިންނަށް އޭނާ ހިތްވަރުދެ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”އެމީހެއްގެ ޙާލަކީ ސުވާލުގައި ޛިކުރު ކުރެވިގެންވާ ފަދައިން ކަމުގައިވެއްޖެ ހިނދު، އެ އަންހެނާއަކީ މުރުތައްދުވެފައިވާ އަންހެނެކެވެ. އަދި އޭނާވަނި އޭނާގެ އަންހެން ދަރިން ފަސާދަ ކުރުމުގަ އެވެ. ފަހެ، އޭނާއަށް އޮތީ ތަޥްބާވުމަށް ބަޔާންކޮށްދިނުމެވެ. ފަހެ، ތަޥްބާވެ ހެޔޮ ޙާލަތެއްގައި ޤާއިމްވެއްޖެހިނދު الحمد لله އެވެ. އަދި ސުވާލުގައި ޛިކުރު ކުރެވިފައިވާ ގޮތަށް އޭނާ ދެމިހުރެއްޖެހިނދު، އޭނާގެ ޙާލަތު ޙާކިމާއާ ހަމައަށް އުފުލުން ހުއްޓެވެ. އެއީ އޭނާއާ އޭނާގެ ފިރިމީހާ ދުރުކުރުވުމަށް (ކައިވެނި ރޫޅާ ލުމަށެވެ.) އަދި އޭނާގެ މައްޗަށް ޝަރުޢީގޮތުން ކަނޑައެޅިފައިވާ ޙައްދު ތަންފީޛު ކުރުމަށްޓަކަ އެވެ. އެއީ ޤަތުލެވެ. النَبِيُّ -صلى الله عليه وسلم- އަރިއަހުން ابن عَبَّاس -رضي الله عنمها- ރިވާކޮށްފައިވާ ޙަދީޘްގެ މައްޗަށެވެ. (مَنْ بَدَّل دِينه فَاقتُلُوه) ”އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ޤަތުލުކުރުން ހުއްޓެވެ.“ މިއީ ނަމާދު އޭގެ ވަޤުތު ފާއިތުވެދިއުމަށް ދާންދެން ނަމާދު ލަސްކުރުމެވެ. މިޘާލަކަށް އަޞްރު ނަމާދު އެ ނަމާދުގެ ވަޤުތު ފާއިތުވެ މަޣްރިބް ވަޤުތު ވަނުމަށް ދާންދެން ލަސް ކުރުމެވެ. ނުވަތަ ފަތިސް ނަމާދު އިރު އެރުމަށް ދާންދެން ލަސް ކުރުމެވެ. ސަބަބަކީ ނަމާދަށް ކަނޑައެޅިފައިވާ ވަޤުތުން ޝަރުޢީ ޢުޛުރެއްނެތި ނަމާދު ލަސްކުރުމުގެ ޙުކުމަކީ ނަމާދު ނުކޮށް ދޫކޮށްލުމުގެ ޙުކުމެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“ ފަތުވާ ނަންބަރ : 2255
ވުމުން ސުވާލުގައި ބުނެފައިވާ ފަދައިން އެމީހާގެ ފަރުވާ ކުޑަކަމުގައިވެ، ނަމާދު ދޫކޮށް ނަމާދު އަޅައިިފި މީހާގެ ހުކުމަކީ މިއެވެ. އެމީހާއަށް އޮތީ ﷲ އަށް ތަޥްބާވުމެވެ. ޚާލިޞް ތަޥްބާއަކުން ތަޥްބާވުމެވެ. އެފަދަ ޢަމަލުގެ ނުރައްކާ ލިބިގަނެ ޙަޔާތުގައި އެފަދަ ޢަމަލެއް ނުހިންގުމުގެ ޢަޒުމުގައި ސީދާ މަގުގައި އެއަށްފަހު ޤާއިމްވުމެވެ.
ހިތާމައަކީ، މިއީ މިއަދު އިސްލާމީ މުޖުތަމަޢުތަކުގައި އެތަކެއް ބަޔަކު ވެއްޓިފައިވާ ހިތާމަވެރި ޙާލަތެވެ. އިހުމާލުގެ ބޮޑުކަމެވެ. ދީނުގައި މިފަދަ ޙުކުމެއް ކަމުގައިވީހިނދުގައި އެވެ. ﷲ އަޅަމެންނަށް ޙައްޤު ދައްކަވައި ޙައްޤުގައި ޤާއިމްވުމުގެ މަގު ފަސޭހަކޮށްދެއްވާށި އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.