ޢަޞުރު ނަމާދުފަހުން އިސްތިޚާރާ ނަމާދުކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސުންނަތް ނަމާދު ކުރުން ނަހީކުރެވިގެންވާ ވަޤުތުތަކުގައި އިސްތިޚާރާ ނަމާދު ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ނަމާދު ކުރުން ނަހީވެގެންވާ ފަސް ވަޤުތެއްވެ އެވެ. އަދި އެތަނުން 3 ވަޤުތަކީ ނަހީ ގަދަވެގެންވާ އަދި ކުރު 3 ވަޤުތެކެވެ.
އެއީ އިރު އަރާ ވަޤުތުން ފަށައިގެން ގޮސް ލޮންސިއެއްގެ މިންވަރަށް އިރު އަރައިފުމަށް ދާންދެނެވެ. އެއީ ގާތްގަނޑަކަށް 12 ވަރަކަށް މިނިޓު ކަމުގައިބެލެވެ އެވެ. އަދި 15 މިނިޓުކަމުގައި ހެދުން ސަލާމަތްތެރިވެގެންވެ އެވެ.
އިރު މެދުޖެހި ހުއްޓިހުންނަ ވަޤުތެވެ. އެއީ ގާތްގަނޑަކަށް މެންދުރު ނަމާދުގެ ކުރިން 7-10 ވަރަކަށް މިނިޓް ކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.
އިރު އޮއްސެން ފަށާ ވަޤުތުން ފަށައިގެންގޮސް އިރު އޮއްސި ނިމެންދެނެވެ.
މި ވަޤުތުތައް ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރެއިން ޞަޙާބީ عقبة بن عامر ގެ އަރިހުން އިމާމް މުސްލިމް صحيح مسلم ގައި ގެންނަވާފައިވާ ޙަދީޘްގައިވެ އެވެ. ޞަޙާބީ ވިދާޅުވެފައިވެ އެވެ. ثَلَاثُ سَاعَاتٍ كانَ رَسولُ اللهِ صَلَّى اللَّهُ عليه وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ، أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا: حِينَ تَطْلُعُ الشَّمْسُ بَازِغَةً حتَّى تَرْتَفِعَ، وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حتَّى تَمِيلَ الشَّمْسُ، وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حتَّى تَغْرُبَ
”ތިންވަޤުތެއްވެ އެވެ. އެ ތިން ވަޤުތުގައި އަހެރެމެން ނަމާދު ކުރުމާއި އަދި މައްޔިތުން ވަޅުލުން ނަބިއްޔާ ނަހީ ކުރެއްވި އެވެ. އިރު އަރާ ވަޤުތުން ފަށައިގެންގޮސް ފުރިހަމައަށް އިރު އަރައިފުމަށް ދާންދެނެވެ. އިރު މެދުގައިޖެހޭ ވަޤުތުން (މެދުގައި ޖެހެން ފަށާ ވަޤުތުން) ފެށިގެންގޮސް އެއްފަރާތަށް އިރު ދިއުމަށް ދާންދެނެވެ. އިރު އޮއްސެން ފަށާ ވަޤުތުން ގޮސް އިރު އެކުގައި އޮއްސުމަށް ދާންދެނެވެ.“
ޙަދީޘްގައި ބަޔާން ވެގެންވާ ފަދައިން މި ވަޤުތު ތަކުގައި ނަމާދު ކުރުމުގެ އިތުރުން މީހުން ވަޅުލުމާއި ކަށުނަމާދު ކުރުންވެސް ވަނީ ނަހީ ކުރެވިގެންނެވެ.
އަދި ފުޅާވެގެންވާ ދެ ވަޤުތެއްވެ އެވެ.
އެއީ، ފަތިސް ނަމާދު ފަހުން އިރު އަރަން ފަށައިފުމަށް ދާންދެނެވެ.
އަޞްރު ނަމާދަށް ފަހު އިރު އޮއްސުމަށް ފަށައިފުމަށް ދާންދެނެވެ.
-މިވަޤުތު ތަކުގައި ސަބަބެއް މެދުވެރިނުވެ، މުޠްލަޤް ސުންނަތް ކުރުން ހުއްދައެއް ނުވާނެ އެވެ. ފަހެ، މި ވަޤުތު ތަކުގައި މަނާވެގެންވަނީ މުޠްލަޤް ސުންނަތް ކުރުމެވެ.-
އެހެނަސް، މި ވަޤުތުތަކުގެ ތެރޭގައި ސަބަބުތަކާއި ގުޅިގެން ކުރެވޭ ނަމާދުތައް ކަމުގައިވާ، މަސްޖިދު ސުންނަތް، ޠަވާފުގެ ދެރަކުޢަތް އަދި ކަށުނަމާދު ފަދަ ސަބަބުތަކެއް މެދުވެރިވެގެން ކުރަންޖެހިއްޖެ ނަމާދުތައް ކުރުން ހުއްދަވެގެންވެ އެވެ.
ވުމުން، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ، ސަބަބެއް ދިމާވެ، އެ ސަބަބާއި ގުޅިގެން މި ވަޤުތުތަކުގައި ނަމާދު ކުރުން ހުއްދަވެގެންވެ އެވެ.
ވުމުން، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ، ސަބަބެއް ދިމާވެ، އެ ސަބަބާއި ގުޅިގެން މި ވަޤުތުތަކުގައި ނަމާދު ކުރުން ހުއްދަވެގެންވެ އެވެ.
ދެންފަހެ، ޚާއްޞަކޮށް އިސްތިޚާރާ ނަމާދުމެދުގައި ބުނުންވަނީ، އިސްތިޚާރާ ނަމާދަކީ ސަބަބެއް މެދުވެރިވެ ކުރެވޭ ނަމާދު ތަކުގެ ތެރެއިން ކަނޑައެޅިގެންވާ ނަމާދެއްތޯ އެވެ؟
އިސްތިޚާރާ ނަމާދު ކުރުމަށް ވަޤުތު ތަނަވަސް ވެގެންވާނަމަ، ނަމާދު ކުރުން ނަހީވެގެންވާ ވަޤުތު ތަކުގައި ނުކުރުންހުއްޓެވެ،
މާނައަކީ، މިޘާލަކަށް ދަތުރެއް ކުރުމަށް ކަނޑައެޅުނީ އަޞްރު ފަހުންނެވެ.
އަދި އަޞްރުފަސްވެފައި އެހިނދު ވެ އެވެ. އިސްތިޚާރާ އެވަޤުތުގައި ނުކޮށްފިއްޔާ ނަމާދު ކުރާނެ އެހެން ވަޤުތެއް ނެތެވެ. މި ޙާލުގައި، މިފަދަ ދަނޑިވަޅުގައި އިސްތިޚާރާ ނަމާދު ، ސުންނަތް ނަމާދު ކުރުން މަނާވެގެންވާ ވަޤުތުގައިވެސް ކުރުން ހުއްދަވެގެންވެ އެވެ.
އެހެނަސް، މަޣްރިބް ފަހުން އަދި އިޝާ ފަހުންވެސް ކުރުމަށް ވަގުތު ތަނަވަސްކަން އޮވެއްޖެހިނދު، އަޞްރުފަހުން ކޮށްގެން ނުވާނެ އެވެ. މިއީ މި މައްސަލައިގައި شيخ الإسلام ابن تيمية -رحمه الله- އިޚްތިޔާރު ކުރައްވާފައިވާ ގޮތެވެ. އަދި މިޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިން ކަމުގައިވާ الإمام ابن باز -رحمه الله- އަދި الإمام ابن العثيمين -رحمه الله- ވެސް އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ.
الإمام ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”އިސްތިޚާރާ ނަމާދު ކުރުންވަނީ ވަރަށް އަވަހަށް ކުރަންޖެހިފައިވާ ކަމެއްގައި ކަމުގައިވާނަމަ، އަދި ސުންނަތް ނަމާދު ކުރުން މަނާވެގެންވާ ވަޤުތު ފާއިތުވެދިއުމަށް ދާންދެން ލަސްކުރެވެން ނެތްނަމަ، ފަހެ، އެހިނދު އިސްތިޚާރާ ނަމާދު ކުރެވޭނެ އެވެ، އަދި އެ ދިމާވި ސަބަބަކާ ގުޅިގެން (އިސްތިޚާރާ ނަމާދުކުރުން) ލަސްކޮށްލައި ކުރުމުގެ (ފުރުސަތު އޮވެއްޖެހިނދު) ފަހެ، އެހިނދު ވާޖިބުވެގެންވަނީ ލަސްކޮށް (އެބަހީ މަނާވެގެންވާ ވަޤުތު ދިއުމުން) ކުރުމެވެ.“ مجموع فتاوى 14/275
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.