ގޮނޑީގައި އިށީނދެ ނަމާދު ކުރާ މީހާ ގޮނޑި ބަހައްޓާނި ކިހިނެއްތޯއެވެ؟ އަދި ކޮޅަށް ހުރެވޭ މީހާ އިށީދެގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދަށް ސަފުހަދައި، ސަފުގައި ގޮނޑީގައި އިށީނދެ ނަމާދު ކުރާ މީހާ ގޮނޑި ބަހައްޓާނެ ސިފައާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ސަފުގައި ތިބުމަށް އަމުރުވެފައިވާ ސިފަ ޙަދީޘްގައި ބަޔާންވެގެންވެ އެވެ.
أنس رضي الله تعالى عنه ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. رسول الله صلى الله عليه وسلم: ޙަދީޘް ކުރެއްވި އެވެ. ”رصوا صفوفكم وقاربوا بينها“. ”ސަފުތަކުގައި ހުސްޖާގަ ދޫނުކޮށް ނުހަނު ބަދަހިކަމާއެކު ގާތްގާތުގައިވެ ސަފުތައް ހެދުން ހުއްޓެވެ.“
عُثْمان بن عَفَّان -رضي الله عنه- ވިދާޅުވެ އެވެ. ”ތިޔަބައިމީހުން (ނަމާދަށް) ސަފުތައް ސީދަލަށް ހަދާށެވެ. އަދި ކޮނޑާއި ކޮނޑު ޖައްސައި ގާތްގާތުގައި ތިބޭށެވެ. ފަހެ، ކަމަކަށަވަރުން ސަފުތައް ފުރިހަމައަށް ހެދުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.“ صحيح ابن أبي شَيبة 3552
ވުމާއެކު ސަފުހެދުމަށް އޮތީ މި ސިފައިގަ އެވެ.
އެގޮތުން ނަމާދުގައި ގޮނޑީގައި އިށީނދެގެން ނަމާދު ކުރާ މީހާއަށް އެކަމުގައި އޮތީ ދެ ސިފައެކެވެ.
ފުރަތަމަ ސިފައަކީ : އެއްވެސް ގޮތަކަށް ކޮޅަށް ނުހުރެވޭ މީހާ އެވެ. ނަމާދު ފަށައިގެން ނިމެންދެންވެސް ގޮނޑީގައި އިންނަ މީހާ އެވެ. ފަހެ، އެޙާލުގައި އޭނާގެ ގޮނޑި ބަހައްޓާނީ، ގޮނޑީގައި އިށީނދެ އިންނައިރު، އޭނާގެ ކައިރީގައި ހުންނަ މީހާގެ ކޮނޑާއި އޭނާގެ ކޮނޑު ސީދާވާ ގޮތަށެވެ. ފަހެ، އެހިނދު އޭނާގެ ދެފައި ހުންނާނީ ސަފަށްވުރެ އިސްވެފަ އެވެ.
ދެވަނައީ : ނަމާދަށް ކޮޅަށް ހުރެވޭ މީހާ އެވެ. އެހެނަސް ރުކޫޢު ކުރާހިނދު އަދި ސަޖިދަ ކުރުމުގައި ގޮނޑީގައި އިށީންނަ މީހާ އެވެ. ފަހެ، އެހިނދު އޭނާ ޤިޔާމުގައި ކޮޅަށް ހުންނަ ހިނދުގައި، ނަމާދުގައި ކޮޅަށް ތިބޭ މީހުން ކޮނޑާއި ކޮނޑު ދިމާވާ ގޮތަށް ހުންނާނީ އެވެ.
ނިންމާލުމުގެ ކުރިން ނުކުތާއެއް ފާހަގަ ކޮށްލަމެވެ.
އެއީ، މިއަދު ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެންވާ ބައެއް މީހުން، ނަމާދު ފަށާހިނދުވެސް ގޮނޑީގައި އިށީނދެއިނދެ ނަމާދު ކުރުމެވެ.
ފަހެ، މި ޙާލަތުގައި އެބައިމީހުން އެވަނީ ނުހަނު ބޮޑުވެގެންވާ ކުށަކަށް އަރައިގަނެފަ އެވެ.
ނަމާދުގައި ކޮޅަށް ހުރުމަށް ކުޅަދާނަވެގެންވާ މީހާ، އެފަދަ މީހާ ނަމާދުގައި ކޮޅަށް ހުރުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިންވާ ރުކުނެކެވެ. عمران بن حصين -رضي الله عنه- ގެފަރާތްޕުޅުން އިމާމް البخاري ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްވެ އެވެ. ހަމަކަށަވަރުން ރަސުލާ -صلى الله عليه وسلم- ޙަދީޘްފުޅުކުރެއްވި އެވެ. ”صل قائماً فإن لم تستطع فقاعداً، فإن لم تستطع فعلى جنب“ ”ނަމާދު ކޮޅަށްހުރެ ކުރާށެވެ. ކުޅަދާނަވެގެން ނުވާނަމަ އިށީނދެގެން އިނދެ ކުރާށެވެ. އިށީނދެގެން އިނދެ ކުޅަދާނަވެގެން ނުވާނަމަ އޮށޯވެ އޮވެގެންނެވެ.“
ވުމުން، ކޮޅަށް ހުރެވޭ މީހާ ނަމާދުގައި އިށީނދެއްޖެހިނދު، އެމީހާ އެވަނީ ޤަޞްތުގައި ނަމާދުގެ ރުކުނެއް އަޅާފަ އެވެ.
މިއަދު މަދީނާގައިވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشَّيخ د. عَرَفَات بن حَسن المُحمَّدي حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ. ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަކަން އެމީހާއަށް ލިބިގެންވެ އެވެ. އެހެނަސް ބަލި ޙާލަތު ހުރިގޮތުން ރުކޫޢު އަދި ސަޖިދަ ކުރުމަށް ގޮނޑީގައި އިށީންނަން ޖެހެ އެވެ. ފަހެ، މިފަދަ މީހާއަށް ނަމާދުގައި ކޮޅަށް ހުންނަން ޖެހޭތަނުގައި ގޮނޑީގައި އިދެވޭނެ ހެއްޔެވެ؟
ޖަވާބު : ”(ނަމާދުގައި ކޮޅަށް ހުންނަންޖެހޭ ތަނުގައި) އޭނާ ގޮނޑީގައި އިށީނދެގެން ނުވާނެ އެވެ. އޭނާއަށް ކުޅަދާނަވަގެންވުމުން ކޮންމެހެންވެސް ކޮޅަށް ހުންނަން ޖެހޭނެ އެވެ. އެއަށްފަހު، ރުކޫޢަށް ދާންވުމުން އިށީންނާނީ އެވެ.“
މާނައަކީ : ގޮނޑީގައި އިނދެގެން ނަމާދު ކުރާ މީހާ، ގޮނޑީގައި އިށީނދެ އިންނަނީ ކޮޅަށް ނުހުރެވޭތީ އެވެ. ފަހެ، އެހިނދު ނަމާދުގައި އޭނާ ކޮޅަށް ހުންނަންޖެހޭ ޙާލަތްތަކުގައި ގޮނޑީގައި އިށީނދެ އިންނާނީ އެވެ.
އެހެނަސް އެމީހަކީ ކޮޅަށް ހުރެވޭ މީހެއް ކަމުގައިވެ އެވެ. އަދި ރުކޫޢޫ ކުރުމަށްވެސް ކުޅަދާނަ މީހެއް ކަމުގައިވެ އެވެ. ހަމައެކަނި ބިންމަތީގައި އިށީނުން އެއީ ކުޅަދާނަ ކަމުގައި ނުވެ އެވެ.
ފަހެ، މިފަދަ މީހާ ނަމާދުގައި، ކޮޅަށް ހުންނަ ދަނޑިވަޅުތަކުގައި، (ޤިޔާމް އަދި ރުކޫޢު، އިޢުތިދާލް) ގައި ގޮނޑިއަށް ބަރޯސާވެގެން ނުވާނެ އެވެ.
އެހެނަސް އިށީނދެ އިންނަ ޙާލަތްތަކުގައި، އައްތަހިޔާތުގައި، ދެސަޖިދަ ދެމެދުގައި މި ދަނޑިވަޅުގައި ގޮނޑީގައި އިށީނދެއިދެގެން ކުރިއަށް ގެންދާނީ އެވެ.
ވުމުން، ޚުލާސާއަކީ، ނަމާދުގައި ކުރެވޭ އެއްވެސް ޙަރަކާތެއް އަމިއްލަ ނަފްސަށް ކުރެވޭ ކަމުގައިވާނަމަ، އެ ޙަރަކާތް އަމިއްލަ ނަފްސުން ގެނެސްގަތުން ހުއްޓެވެ.
އަދި އެ ޙަރަކާތެއް ގެނެސް ގަތުމަށް އަމިއްލަ ނަފްސަށް ކޮޅަދާނައެއް ނުވާނަމަ، ގޮނޑި ބޭނުން ކުރާނީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.