ރުޖޫޢަ ކުރެވޭ ގޮތުގައި ވަރިކޮށްފައިވާ އަންހެނާ ޢިއްދައިގައި، ދަތުރު ކުރުމާއި، ބެލެހެއްޓުމެއްނެތް ފަރާތެއްގެ ގޮތުގައި އުޅުމުގެ ޙުކުމަކީ ކޮބާތޯއެެވެ

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރަޖުޢީ (ރުޖޫޢަ ކުރެވޭ ގޮތުގައި ވަރިކޮށްފައިވާ އަންހެނާ) ގެ ޢިއްދައިގައި، ދަތުރު ކުރުމާއި، އަމުރުކުރާނެ، ބެލެހެއްޓުމެއްނެތް ފަރާތެއްގެ ގޮތުގައި ހަމައެކަނި ޢިއްދައިގެ ޙަރަދު ހޯދައިގެން އުޅުން ކަމުގައި ބުނެފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

އިސްލާމީ ޝަރީޢަތުގައި ”ޢިއްދަ“ ކަނޑަ އަޅުއްވާފައިވަނީ އެފަދަ ޢިއްދައިގައި އިންނަ އަންހެނާއަށް ޙުކުމްތަކެއް ޝަރުޢު ކުރެއްވުމާ އެކުގަ އެވެ. ފަހެ، މި ޙުކުމްތަކަށް ބަލާލުމުން ވަރިކޮށް ޢިއްދައިގައި އިންނަ އަންހެނާގެ މަޤާމާއި އަދި ވަރިކުރި ފިރިހެންމީހާ ދެމެދުގައި އޮތް ގުޅުން ބަޔާންވެގެން ދެ އެވެ.

1. (يا أيها النبي إذا طلقتم النساء فطلقوهن لعدتهن وأحصوا العدة واتقوا الله ربكم لا تخرجوهن من بيوتهن ولا يخرجن إلا أن يأتين بفاحشة مبينة وتلك حدود الله ومن يتعد حدود الله فقد ظلم نفسه لا تدري لعل الله يحدث بعد ذلك أمرا) [ އައްތަލާޤް – 1 ]

އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفس އަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّه އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ

އާޔަތުގައި ބަޔާންވެގެންވާ ޢިއްދައިގެ މުއްދަތުގެ ޢަމަލުތަކުގެ ތެރޭގައި :

ޢިއްދައިގައިވާ އަންހެނާ ގެއިން ނެރުން ހުއްދަވެގެން ނުވެ އެވެ. ސުވާލަކީ : ވަރިކުރުމުން ރުޖޫޢަކުރެވޭ ޙާލުގައިވާ އަންހެނާ އަކީ ހިލޭ އަންހެނެއް ކަމުގައިވާނަމަ އެ އަންހެން މީހާ އެކުގައި ވަރި ކުރި ފިރިހެން މީހާއަށް އުޅެވޭނެ ހެއްޔެވެ؟

މުޖުތަމަޢުގައި މިދުވަސްތަކުގައި ޢާންމުވެފައިވާ ޢަމަލެއް މިތަކުގައި އިޝާރާތް ކުރަމެވެ. ރުޖޫޢަ ކުރެވޭ ވަރިއަކުން ވަރިވެ، ޢިއްދައަށް ހުށަހެޅޭ އަންހެނާ، ވަރިކޮށްފިއޭ ބުނެ ފިރިހެން މީހާގެ ގެއިން ނުކުމެގެން ދިއުމާއި، ޢާއިލާ މީހުން އެކަމަށް ހިތްވަރުދީ އެކަމަށް ބާރުއަޅާ އަންހެން މީހާ ގެންދިއުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާނެ ޢަމަލެއް ނޫނެވެ.

ފިރިމީހާގެ އިޛުނަނެތި ނުދެވޭނެ ހިނދު، ފުރައިގެން އެކި ތަންތަނަށް ދިއުމާއި، ދަތުރު ކުރުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟

ވުމާއެކު، އެއީ އޭނާއަށް ހުއްދަވެގެންވާ ޙަލާލު އަންހެނެއްކަން ކަނޑައެޅިފައިވެ އެވެ.

2. ރުޖޫޢަ ކުރެވޭ ވަރިއެއްގައި ޢިއްދައިގައި އިންނަ އަންހެނާ ގެ މައްޗަށް ކަނޑައެޅިފައިވާ ޙުކުމްތަކުގެ ތެރޭގައި، އެފަދަ އަންހެނަކަށް ޞަރީޙަކޮށް އަދި ޞަރީޙަ ނޫން ގޮތަކަށް ޚިޠުބާކިޔުން (ކައިވެންޏަށް އެދުން) ޙަރާމްވާނެ އެވެ. ސަބަބަކީ އެފަދަ އަންހެނާ ވަނީ އަނތްބެއްގެ ޙުކުމުގައެވެ. ފަހެ، އެއްވެސް ފަރާތަކަށް އެފަދަ އަންހެނަކަށް ޚިޠުބާކުރުން ހުއްދަވެގެންނުވެ އެވެ. ސަބަބަކީ އެ އަންހެންމިހާ ދެމިހުރީ އޭނާ ވަރިކުރި ފިރިމީހާގެ ބެލުމުގެ ދަށުގައި އަދި އަނތްބެއްގެ ގޮތުގައެވެ. ﴿ وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِ مِنْ خِطْبَةِ النِّسَاءِ ﴾ ”އަދި (ރަޖުޢީ ޢިއްދަ ފިޔަވައި އެހެން ޢިއްދަގައިވާ) އަންހެނުން ގާތުގައި ތިޔަބައިމީހުން ކައިވެނި ކުރުމަށް އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތް ކުރާ ބަހެއް ބުނުމާމެދު ފާފައެއް ނެތެވެ.“

ފަހެ، ވަރިކުރި ފިރިހެން މީހާގެ އަތްބެއް ކަމުގައި އިންނަ އަންހެނަކަށް އަންބެއްގެ މައްޗަށް ހިގާނެ ހުރިހައި ކަމެއް ހިގާނެ ނޫން ހެއްޔެވެ؟ ވުމުން، ފުރައިގެން ދިއުމާއި، ދަތުރުފަތުރު ކުރުމާއި މި ކަންތައްތައް ވަރިކުރި ފިރިހެން މީހާގެ ޢިއްދައިގައި އިދެ ހުއްދަ ނުލިބި ކުރާނީ ކިހިނެތް ހެއްޔެވެ؟

3. ރަޖުއީ ވަރިއެއްގައި ވަރިކޮށް ޢިއްދައިގައި އިންނަ އަންހެނާ ޢިއްދަ ހަމަ ކުރުމުގެ ކުރިން އެއްވެސް ފިރިހެނަކަށް ކައިވެނި ކުރުން، ކައިވެނި ޢަޤްދުކުރުން ޙަރާމްވެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. ﴿ وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ﴾ ”އަދި އެކަނބަލުންގެ ޢިއްދަ ހަމަވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނި ޢަޤުދު ނުކުރާހުށި ކަމެކެވެ.“

ސަބަބަކީ : އެ އަންހެނާ ވަނީ ފިރިހެނެއްގެ އަތްބެއްގެ ޙުކުމުގަ އެވެ. މީހެއްގެ އަތްބަކަށް އެހެން ފިރިހެނަކަށް ކައިވެނި ކުރުން އަދި އެއްބެސްވުން ހުއްދަވާނެ ހެއްޔެވެ؟

ابن كثير رحمه الله ތަފްސީރުގައި (509-1) ގައި ވިދާޅުވެފައިވެ އެވެ. ”މާނައީ : ޢިއްދަ ހަމަވުމަށްފަހުގައި މެނުވީ، ކައިވެންޏަށް ޢަޤުދެއް ނުކުރާށެވެ. އަދި ހަމަކަށަވަރުން ޢިއްދައިގެ މުއްދަތުގައި ކައިވެނި ޢަޤުދުކުރުން ޞައްޙަނުވާނެ ކަމުގައި ޢިލްމުގެ އަހުލުވެރިން އިޖްމާޢުވެގެންވެ އެވެ.“

4. ޢިއްދައިގެ މުއްދަތުގެ ތެރޭގައި ވަރިކުރި ފިރިމީހާ އަންހެން މީހާއާ ޖިމާއުވެއްޖެނަމަ ކައިވެނި ރުޖޫޢަ ކުރެވުނީ އެވެ. އަދި ޢިއްދައިގެ ތެރޭގައި އަންހެން މީހާ ފިރިހެން މީހާއަށް ޒީނަތްތެރިކަން ފާޅުކުރުމާއި، ރުޅިވެރިކަން ނުވަތަ ދެކޮޅުވެރިކަން ފިލައިދާނެ ފަދަ ގޮތަށް ފިރިމީހާއާ އެކުގައި އުޅުމަށްޓަކައި ފިރިމީހާ އަންހެން މީހާއަށް ލެނބިގެންދާނެ ފަދަ ގޮތްތަކަށް ޢަމަލުކުރުންވެސްވެ އެވެ.

މައްކާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخُ مُحَمَّدُ بن عُمَر بَازْمُوْل حفظه الله ވިދާޅުވެފައިވެ އެވެ.

”ވަރިކުރެވިފައިވާ އަންހެނާ އަކީ އަތްބެއްގެ ޙުކުމުގައި އިންނަ އަންހެނެކެވެ. އެ އަންހެންމީހާގެ ޢިއްދަ ނިމެންދެން ފިރިމީހާގެ ގޭގައި އިންނަންޖެހެއެވެ. އަދި ޢިއްދައިގެ މުއްދަތުގައި އަނބިމީހާއަށް ޚަރަދުކޮށް ބަލަހައްޓައިދޭން ޖެހޭނެ އެވެ. ފިރިހެންމީހާ އޭނާ ވަރިކޮށްފައިވާ އަންހެނާއާ އެކުގައި އިނށީދެ ހެދުމާއި، އަންހެންމީހާ އޭނާ ވަރިކޮށްފައިވާ ފިރިހެންމީހާއަށް ޒީނަތްތެރިވުމާއި، އަންހެން މީހާ އޭނާގެ ހަށިގަނޑު ފިރިހެންމީހާ އުފާހޯދައިގަތުމަށް ހުށަހެޅުންވެ އެވެ. އަދި ޖިމާޢުވެއްޖެ ހިނދުގައި އެއީ ރުޖޫޢަވުން ކަމުގައި ވާނެއެވެ. ޢިއްދަ ނިމެންދެން ޖިމާޢުނުވެ ހުރެ، އަންހެން މީހާގެ ޢިއްދަ ނިމިއްޖެ ހިނދު، އަންހެންމީހާ އޭނާގެ ވަލީވެރިޔާގެ ގެއަށް ދިއުން ހުއްޓެވެ. ޢިއްދަ ނިމުމުން އަންހެންމީހާ ރުޖޫޢަ ނުކުރެވޭނެ އެވެ. އަލަށް ރަން ކިޔައި ކައިވެންޏެއް ކޮށްގެން މެނުވީ އެ އަންހެން މީހާ ވަރިކުރި ފިރިހެންމީހާއަށް ޙަލާލެއް ނުވާނެ އެވެ. ތިންފަށް ވަރިއަކުން ވަރިވެފައިވާ އަންހެންމީހާއާ ޚިލާފަށެވެ.“

ވުމާއެކު، ޢިއްދައިގައިވާ އަންހެނާއަށް ޚަރަދު ކުރަން ޖެހެނީ އެއީ އަތްބެއްގެ ގޮތުގައިވާ އަންހެނަކަށް ވުމުންނެވެ. ހުންނާނެ ހިޔާވައްސެއް އެ އަންހެނާއަށް ދޭން ޖެހެނީވެސް އެއީ އަތްބެއްގެ ގޮތުގައި ވުމުންނެވެ. އެގޮތުން އަނބިންނަށް ލިބޭނެ އެހެނިހެން ކަންތައްތައްވެސް ޢިއްދައިވާ އަންހެން މީހާއަށް ޙައްޤުވެ އެވެ. އަދި ފިރިމީހާއަށްވެސް އަތްބެއްގެ ގޮތުގައިވާ އަންހެނެއްގެ ޙައްޤުގައި ލިބިގަނެވޭ އުފަލާއި އަރާމްވެސް ހޯދޭނެ އެވެ.

ވުމުން، ޢިއްދައިގައިވާ އަންހެނާ އަކީ ހިލޭ އަންހެނެއްގެ ސިފައިގައި އުޅުމަށް ދޫކުރެވިގެންވާ ފަރާތެއްކަން އިސްލާމީ ޝަރީޢަތުގައި ނުވެ އެވެ. އޭގެ ބަދަލުގައި ވަރިކުރި ފިރިހެނާގެ އަތްބެއްގެ ގޮތުގައި މެނުވީ ނުވެ އެވެ.

ފަހެ، ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ތިމާގެ ޢަމަލުތަކާއި، އުޅުމާއި ވޭތި ކުރާ ޙަޔާތާއި މެދު ސުވާލު ކުރެވޭނެ ދުވަހެއްގެ މައްޗަށް ވިސްނައި ބިރުވެތިވެ، ﷲ ގެ ޤާނޫނުތަކާއި ޙުދޫދްތަކުގައި ދެމިހުރުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts