ބާލިޣްވެފައިވާ ކުދިން ކުރިމަތީގައި ހަށިގަނޑަށް ބާރު ހެދުންލައިގެން އުޅެވިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާ އެވެ! އަހަރެމެން ކޮންމެ މުސްލިމެއްގެ ޙައްޤުގައިވާ އެންމެ އިސް ވާޖިބަކީ އަދި އެންމެ މުހިންމުވެގެންވާ ޢަމަލަކީ ﷲ ގެ އަމުރުފުޅުތަކާއި އެއިލާހަށް ކިޔަމަންތެރިކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ.
ފަހެ، މިއީ އިސްލާމް ކަމުގެ ޙަޤީޤަތެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ.
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ
އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!
ދަންނަންޖެހެ އެވެ! އާޔަތުގައި ވަނީ، އަންހެނާ އޭނާގެ ހަށިގަނޑާއި އަދި ޢަވްރައަށް ރައްކާތެރިވެ ޢަޥްރަ ﷲ ޝަރުޢު ކުރައްވާފައިވާ ގޮތުގައި ނިވާ ކުރުމަށެވެ.
އަޚާ އެވެ. ދަލީލުތަކުން، ޙުއްޖަތަކުން އަންހެނާގެ މުޅި ހަށިގަނޑަކީ ޢަޥްރައެއް ކަން ބަޔާންވެގެންވާ ދަލީލިތައް ޘާބިތުވެގެންވެ އެވެ.
الإمام الترمذي ސުނަނުގައި އަދި އެހެން ސުންނަތުގެ އިމާމުން ރިވާކޮށްފައިވާ ޙަދީޘްއެއްގައިވެ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (المرأةُ عورةٌ, فإذا خَرَجَتْ اسْتَشْرَفَها الشيطانُ) މާނައީ : ”އަންހެނާގެ މުޅި ހަށިގަނޑަކީ ޢަޥްރަ އެކެވެ. އަންހެނަކު ގެއިން ނުކުންނަހިނދު ޝައިޠާނާ އެ އަންހެނަކު ހެއްލުންތެރި ކުރުވާ އެމީހުން ފިތުނަވެރި ކުރުވަ އެވެ.“
ވަރަށްވެސް ގިނަ ސުންނަތުގެ އިމާމުން މި ޙަދީޘް ޞައްޙަ ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި تخريج مشكاة المصابيح ގައި އަލް-އިމާމް الألباني ވިދާޅުވެފައިވެ އެވެ. إسناده صحيح މިޙަދީޘްގެ މައްޗަށް ޢިލްމުވެރިން ދެ ގޮތަކަށް ތަފްޞީލުކޮށްފައިވެ އެވެ. ފިރިހެނުންގެ ލޯތަކަށް އަންހެން މީހާ ޒީނަތްތެރި ކުރުވުމެވެ. ފަހެ، ޝައިޠާނާ އެ އަންހެން މީހާ ފިރިހެނުންގެ މައްޗަށް ޒީނަތްތެރި ކުރުވުމެވެ. އަނެއް މާނައަކީ، އަންހެން މީހާއަށް ވަސްވާސްދީ، އަންހެން މީހާގެ މައްޗަށް ވެރިވެގަނެ އަންހެން މީހާ ހެއްލުންތެރި ކުރުވުމެވެ. ”ކަައިރިން އެދިޔަ ފިރިހެނުންތައް ތިކަނބުލޭގެ ރީތި ކަމުގެ މައްޗަށް ވަނީ ޢަޖައިބުވެފަ އެވެ.“ ”އެފިރިހެނުން ވަނީ ކަނބުލޭގެ އަވައިގައި ޖެހިފަ އެވެ.“ ފަހެ، އެހިނދު އަންހެނުން އަވައިގައި ޖައްސުވައި ފަހަރަކަށްވުރެ ފަހަރަކު އެކަން ބޮޑުކޮށް އެތައް މުންކަރާތްތެރި ނުބައިވެގެންވާ ޢަމަލުތަކުގެ ތެރެއަށް ވެއްޓިގެން ދެ އެވެ. ސުވާލަކީ : މިހުރިހައި ފިތުނައެއްގެ ތެރެއަށް ދިއުމަށް އޮތް ސަބަބަކީ ޒީނަތް ފާޅުކުރުން ނޫން ހެއްޔެވެ؟ ފަހެ، ހުރިހައި ޒީނަތެއް ޖަމަޢަވެގެންވާ މޫނު ހާމަކޮށް އެހެން ގުނަވަންތައް ފާޅުކުރުމުން އެއީ ޒީނަތް ނިވާވުން ކަމުގައި ބުނެވޭނެ ހެއްޔެވެ؟
މުޅި ހަށިގަނޑު ޢަޥްރައަށްވުމުން މުޅި ހަށިގަނޑު ނިވާ ކުރުމުގެ މުހިންމުކަން ބަޔާންވެ އެވެ. އޭގެ އިތުރަށް މުޅި ހަށިގަނޑުގައިވާ އެންމެހައި ރިވެތިކަމެއް ޖަމަޢަވެފައިވާ ގުނަވަން ހާމަކޮށް އެހެން ގުނަވަންތައް ދެއްކުން އެއީ ކިހިނަކުން ޒީނަތް ނިވާކުރުން ކަމުގައި ބުނެވޭނެ ހެއްޔެވެ؟
މިކަމަށް ބާރުދެވެނީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން އެފަދައިން ފަތުވާ ދެއްވާފައިވުމެވެ.
عبد الله بن مسعود رضي الله عنه ވިދާޅުވެފައިވެ އެވެ. ”(ޙާޖަތެއްނެތި) ގެއިން ބޭރަށް ދިޔަނުދީ އަންހެނުން ގޭގައި ހިފަހަށްޓާށެވެ. އެހެނީ އެކަނަބަލުންވާކަން ކަށަވަރީ ޢައުރައެއް ކަމުގަ އެވެ. އަންހެނުން ގެއިން ނުކުމެއްޖެނަމަ ޝައިޠާނާ އަންހެނުނާ ދިމާލަށް ބަލާ ފިރިހެނުންގެ ލޯތަކުގެ މައްޗަށް އެ އަންހެނަކު ޒީނަތްތެރި ކުރުވަ އެވެ. އަދި ބުނެ އެވެ. ކަނބުލޭގެ ކައިރިން ލާފަދާ ކޮންމެ މީހަކީ ކަނބުލޭގެއާމެދު ޢަަޖައިބުވާ މީހެއް ކަމުގައި މެނުވީ ނުވެ އެވެ.“ ابن أبي شيبة١٨٠٠٦
ޢަޥްރަ ނިވާކުރުމަކީ، އެކަން ކުރުމަށް ދީނުގައި ކަނޑައެޅިފައިވާ ސިފައިގައި، ޙުދޫދުގައި ޢަޥްރަ ނިވާކުރުމެވެ. ފަހެ، އެގޮތުން އެ ގުނަވަންތަކުގެ ސިފަ އާއި ވަނާ ތަކާއި އަދި ބައްޓަން ގެއްލުވައިގެން މެނުވީ އެއީ ޢަޥްރަ ނިވާކުރުން ކަމުގައި ނުވާނެ އެވެ.
އެހެން ނޫން ކަމުގައިވާނަމަ އެއީ ހެދުން ލައިގެން އޮރިޔާން ޙާލުގައި ވުމެވެ.
ހަށިގަނޑަށް ތަތްވެފައިހުންނަ، ބާރު ހެދުންތަކަކީ ހަށިގަނޑުގެ ހަންގަނޑުގެ ކުލަ ގެއްލުވާނެ ހެދުމެވެ. އަދި އެފަދައިން އިސްތަށިގަނޑުގެ ކުލަ ގެއްލުވާނެ ހެދުމެއް ކަމުގައިވެ އެވެ. އެހެނަސް ބައްޓަން، ބޮލުގެ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅި ފަދަ ސިފަތައް ފާޅުކުރުމަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ނަރަކައިގެ ވަޢީދު ހުށަހެޅިގެންވާ ޢަމަލުތަކެވެ.
މި ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام مُحمَّد بن صَالح العُثَيمين – رحمه الله ވިދާޅުވެފައިވެ އެވެ.
”ގަޔަށް ބާރު ހެދުންތަކަކީ ބޭރުފުށުން ފޭރާމެއް ކަމުގައި ވީނަމަވެސް ޙަޤީޤަތުގައި އޮރިޔާން ޙާލުގައި ވުމެވެ.
ފަހެ، ހަމަކަށަވަރުން ހަށިގަނޑަށް ބާރު ހެދުންތަކުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ބައްޓަން ފާޅުވުމަކީ އޮރިޔާން ޙާލުގައި ވުމެވެ.“
އަޚާއެވެ! އުޚްތާ އެވެ!
މިބަސްފުޅުތަކަކީ ޙަޤީޤަތުގައި މާތް ނަބިއްޔާ صلى الله عليه وسلم ދޫފުޅުމަތިން ބަޔާންވެގެންވާ ޙަދީޘްފުޅުތަކުގެ މައްޗަށް ބިނާވެގެންވާ ބަސްފުޅުތަކެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.
(صنفانِ من أهلِ النارِ لم أرَهما قومٌ معهم سياطٌ كأذنابِ البقرِ يضربون بها الناسَ ونساءٌ كاسياتٌ عارياتٌ مميلاتٌ مائلاتٌ رؤوسُهنَّ كأسنِمَةِ البختِ المائلةِ لا يدخلْنَ الجنةَ ولا يجدْنَ ريحَها وإن ريحَها لتوجدُ من مسيرةِ كذا وكذا) صحيح مسلم
”ނަރަކައިގައިވާނެ ދެ ބާވަތެއްގެ މީހުންވެ އެވެ. ތިމަން ނަބިއްޔާ އެ ދެބައިމީހުން ނުދެކެމެވެ. (އެއް ބަޔަކީ) ގެރީގެ ނިގޫފަދަ ތަކެއްޗެއް އެބައިމީހުންގެ އަތްތަކުގައިވެ އެއިން އެބައިމީހުން މީސްތަކުންގެ ހަށިގަނޑުގައި ތަޅަމުންދާ މީހުންނެވެ. އަދި (ދެވަނަ ބަޔަކީ) ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނުންނެވެ. ފާފަތަކާއި ފަސާދައާ ދިމާލަށް އަމިއްލައަށް ލެނބިގަންނަ އެކަންތަކަށް އަރައިގަނެ އެހެން މީސްތަކުން ވެސް އެއާއި ދިމާލަށް ލަންބުވާ އަންހެނުންނެވެ. މީހުންގެ އިސްތަށިގަނޑު ވަނީ ޖަމަލުތަކެއްގެ ގޮންގަޑު ފަދައިންނެވެ. އެބައިމީހުންނަކީ ސުވަރުގެ ވަންނާނެ ބައެއް ނޫނެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުދުވާނެ އެވެ. އަދި ހަމަކަށަވަރުން ސުވަރުގޭގެ ވަހާއި އެބައިމީހުންނާ ދެމެދުގައި އެވެނިމިވެނި މިންވަރެއްގެ ރާސްތާއެއްވެއެވެ.“
ހަށިގަނޑު އޮރިޔާން ޙާލުގައިވީ ކީއްވެކަން ޙަދީޘްގައިވަނީ ބަޔާންވެގެންނެވެ. ހެދުން ނުލައި އޮރިޔާމުން ތިބި ބައެއް ކަމުގައި ނުވެ އެވެ.
ބޮލުގެ އިސްތަށިގަނޑު ނިވާ ނުކުރާ ބައެއްގެ ގޮތުގައި ނުވަނީ އެއް ނޫނެވެ. އެހެނަސް އޭގެ ސިފަ އާއި ބައްޓަން ހާމަވެފައިވުން އެއީ އެބަޔަކު ނަރަކައިގެ ވަޢީދަށް ހުށަހެޅޭ ސަބަބު ކަމުގައި ބަޔާންވެ އެވެ.
ހަށިގަނޑު ނިވާކުރުންވެސް އަދި އަންހެނާގެ ބޯ ނިވާކުރުންވެސް ވަނީ ދޫ، ފުޅާ، ހަށިގަނޑަށް ތަނަވަސްވެގެންވާ ހެދުމެއްގަ އެވެ.
މިއަދު އެކިއެކި ނަންތައް ކިޔައި ބޮލުގައި އޮޅާލެވިފައިވާ ފޮތިގަނޑު ތަކަކީ ޝަރުޢީ ގޮތުން އޮރިޔާން ނިވާކުރުން ކަމުގައި ނުވާނެ އެވެ.
އަންހެނުން މިކަމުގެ މައްޗަށް ސަމާލުވެ، ﷲ ގެ ޢަޛާބަށް ބިރުވެތިވުން ހުއްޓެވެ.
ފިރިން އެބައިމީހުން އަދާކުރަން ޖެހިފައިވާ، އަދި އުފުލަން ޖެހިފައިވާ މަސްއޫލިއްޔަތުގެ މައްޗަށް ބިރުވެތިވެ، ﷲ ގެ ޙަޟުރަތުގައި ތިމާއާ ކުރެވޭނެ ސުވާލުތަކަށް ޖަވާބު ދާރީވާންޖެހޭނެކަން ދަނެ އެކަމަށް ބިރުވެތިވުން ހުއްޓެވެ.
އުއްމަތުގެ ބައެއް ޢިލްމުވެރިންގެ ފަތުވާތައް މިތަނުގައި ބަޔާން ކުރަމެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العَلاَّمة الشَّيخ ابن بَاز رحمه الله
ސުވާލު : އަންހެނުންގެ ކުރިމަތީގައި އަންހެނަކު ހަށިގަނޑަށް ބާރު ހެދުން ލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އެ ހެދުމުގެ މަތިން ޖިލްބާބެއް ނުވަތަ ޢަބާޔާއެއް ލައިގެން ގެއިން ބޭރަށް މިޘާލަކަށް ހަމައެކަނި އަންހެނުން ގެ ސުކޫލްފަދަ ތަނަކަށް
ނުކުތުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު : ”ހަށިގަނަޑަށް ބާރު ހެދުން މުޠްލަޤުކޮށް ހުއްދައެއް ނުވާނެ އެވެ. އަންހެނުންގެ ކައިރީގައި އަދި ފިރިހެނުންގެ ކައިރީގައިވެސް އެވެ. ސަބަބަކީ އެ (ފޭރާމަކީ) ޢަޥްރަ ބައްޓަން ކޮށްދޭ (ސިފަކޮށްދޭ) ފޭރާމެކެވެ. އަދި މީސްތަކުން ފިތުނަވެރި ކުރެ އެވެ. ފަހެ، ވާޖިބު ވެގެންވަނީ މިފަދަ ތަކެތިން ރައްކާތެރިވެ ސަމާލުވުމެވެ. ފޭރާމަކީ ހަށިގަނޑަށް ބާރު ނޫން އަދި ޢަޥްރަ ބަޔާންނުކޮށްދޭ ފަދަ މެދުމިންގަނޑުގެ ފޭރާމެއް ކަމުގައިވުމެވެ. ފިރިހެނުންނާއި އަދި އަންހެނުންނަށް ވާޖިބުވެގެންވަނީ މިފަދައިންނެވެ. އެ ފޭރާމަކީ ހަށިގަނޑުގެ ޢަޥްރަ ސިފަކޮށް ބައްޓަން ނުކޮށްދޭނެ މެދު މިންގަނޑުގައިވާ ފޭރާމެއް ގޮތުގައިވުމެވެ. އަދި ހަށިގަނޑުގެ ޢަޥްރައިން ބައެއް ކަޝްފުވެ ސިފަވާ ވަރަށް އެހާމެ ފުޅާ ފޭރާމެއް ކަމުގައިވެސް ވެގެން ނުވާނެ އެެވެ. އެހެނަސް އެ ދެމެދުގައިވާ ފޭރާމެއް ކަމުގައިވާން ޖެހެ އެވެ.“
މިއަދު ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާކޮމެޓީގެ މެމްބަރ العَلاَّمة الشَّيخ صاَلح الفَوزَان حفظه الله
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ! ޝެއިޚް އަށް ﷲ ތަޥްފީޤު ދެއްވާށި އެވެ. އަންހެން މީހާގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި އަންހެނުން ހަށިގަނޑަށް ބާރު ހެދުން އަންހެނުން ލައިގެން އުޅުމުގެ ޙުކުމަކީ ކޮބައި ތޯ އެވެ؟ އަދި ހަމަ އެފަދައިން އެކި އެކި ޙަފްލާ ތަކުގައި އަންހެނުންގެ ކުރިމަތީގައި ހަށިގަނޑަށް ބާރު ހެދުން ލައިގެން އުޅުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”ހަށިގަނޑަށް ބާރު ހެދުން ލުން އަންހެނުންނަށް ހުއްދައެއް ނުވާނެ އެވެ. ނަރަކައަށް ބިރުގަންނަ ނަމަ، އަންހެނުންގެ ކުރިމަތީގައިވެސް އަދި މަޙްރަމުންގެ ކުރިމަތީގައި ކަމުގައިވީނަމަވެސް އެވެ. އަދި ހިލޭ މީހުންގެ ކުރިމަތީގައިވެސް އެފަދަ ހެދުން ލައިގެން އުޅުން ހުއްދައެއް ނުވާނެ އެވެ. (އަންހެން މީހާ، އެބައިމީހުންގެ ކުރިމަތީގައި ލައިގެން ހުންނަ ފޭރާމަކީ) ހަށިގަނޑަށް ފުޅާ، ދޫ، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ސިފަކޮށް ނުދޭނެ ހެދުމެއް ކަމުގައިވާން ޖެހޭނެ އެވެ.
ދެންފަހެ، ނަރަކަ ދެކެ ބިރު ނުގަންނަނަމަ، އަންހެން މީހާ އޭނާ ބޭނުން ކަމެއް ކުރާނެ އަންހެނެއް ކަމުގައިވާނެ އެވެ. އެ ނަރަކަ ވަނީ އަންހެން މީހާގެ ކުރި މަތީގަ އެވެ.“
އަޚާއެވެ! އުޚްތާ އެވެ!
މާތް ނަބިއްޔާ صلى الله عليه وسلم އެބަޔަކު ނަރަކަ ވަންނާނެ ބައެއްގެ ގޮތުގައި ސިފަކޮށްފައިވާ މީހުން ގެ ސިފަ އެއްވެސް ތަފާތެއް ނުވާ ގޮތުގައި މި ވަނީ ފާޅުވެފަ އެވެ.
ފިރިހެނުންނަށްވުރެ އަންހެނުން ވަނީ ކުރު ހެދުން، ބާރު ހެދުން ގަޔަށް ފިތިފައިހުންނަ، އޮރިޔާން ނިވާ ނުވާ ހެދުންތައް ލުމުގަ އެވެ. އެތައް ޒީނަތްތެރި ކަމެއް ފާޅު ކުރުމުގަ އެވެ.
އެ ފޭރާމުން ނިވާ ކުރަނީ ކަރާއި، މޭމަތި ފަޔާއި އަތް ކަމުގައިވިނަނަވެސް ނުވަތަ ބޮލުގެ އިސްތަށިގަނޑު ކަމުގައިވީނަމަވެސް، މި އެންމެހައި ތަންތަނެއް ނިވާކުރުން އޮތީ އެތަންތަނުގެ ބައްޓަމާއި ސިފައާއި އަދި ވަނާތައް ފާޅުނުވާނެ ގޮތުގަ އެވެ.
މިއަދު އަންހެނުން ހަށިގަނޑު ނިވާ ކުރުމުގައި ބޭނުން ކުރާ ފޭރާން ތަކަކީ ކޮންފަދަ ފިތުނަވެރި ޢަމަލެއްތޯ އެވެ؟
ޙައިރާންކަން އޭގެ އެންމެ މަތީ ދަރަޖައަށް ގެނުވާ އެއް ވާހަކައަކީ، އަންހެނުން ގޭތެރޭގައި، ގޭގައި އުޅޭ އެންމެންގެ ކުރިމަތީ ސޯޓް ލައިގެން އުޅޭ ވާހަކަ އެވެ.
ފަހެ، މިއީ ތިމާގެ ނަފްސަށް އަނިޔާވެރިވެ، ތިމާ ބަލައި ބޮޑުކުރަންޖެހޭ ދަރިންގެ ލަދުވެތިކަން ހަލާކުކޮށް ދެޖިންސުގެ ދެމެދުގައިވާ ޢިއްފަތާއި ޙިޝްމަތް ވިއްސި ވިހާލިކޮށްލާ ބޮޑު ވިހައެއް ކަމުގައި މެނުވީ ނުވެ އެވެ.
އެ ދަރިން ބޮޑެތިވާހުށީ އެ މަންމަ ޢާދަ ކުރުވި ސިފައިގައި ނޫންހެއްޔެވެ؟
އަންހެން މީހާގެ ކުޑަކަޅުވަ އާއި ފައިގެ ފަލަމަސްގަނޑު މިއީ ޢަޥްރައިގެ ކޮންފަދަ ބޮޑު ބައެއް ހެއްޔެވެ؟ އަންހެން ދަރިންނަށްވެސް މިއީ ދައްކައިގެން އުޅެވޭނެ މަންޒަރެއް ނޫނެވެ. ފަހެ، ފިރިހެން ދަރިން ކަމުގައިވާނަމަ ކޮންފަދަ ނުބައި މަންޒރެއް ހެއްޔެވެ؟
އަދި އެއީ ބަފާބެ ނުވަތަ ބޮޑު ބޭބެ ފަދަ ފަރާތްތައް ކަމުގައިވާނަމަ، މިފަދަ އަންހެނެއްގެ ލަދުވެތިކަން މި ހުރީ ކިހާ ހިސާބެއްގައި ހެއްޔެވެ؟
ޓީޝާޓްތައް ލައިގެން، އޭގެ ކަރުވަޅުތަކުން ތިމާގެ ހަށިގަނޑުގެ އެންމެ ލަދުވެތިކަން ބޮޑު ގުނަވަންތަތައް ހާމަވެ، ކިހިލިފަތް ހާމަވެ އޭގެ ކުރުކަމާއެކު، މިއީ ކޮންފަދަ ލަދެއް ނެތި އުޅެވޭ ސިފައެއް ހެއްޔެވެ؟
ކޮންފަދަ އިންޒާރެއްގެ ތެރެއަށް ހުށެހެޅިގެންދާނެ ސަބަބެއް ކަމުގައިވޭ ތޯ އެވެ؟
حسبنا الله ونعم الوكيل.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.