ނިފާސްކަމުގެ ލޭ އައުން 40 ދުވަސްވުމުގެ ކުރިން ހުއްޓި، އަލުން ލޭ ފެނިއްޖެނަމަ ޢަމަލުކުރުންއޮތީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ސުވާލުގައި އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ބަޔާންވެގެން ވުމުން ވަކި ވަކިން ކޮންމެ މައްސަލައަކަށް ބާލާނަމެވެ.

ދަންނަ އެވެ. ނިފާސްކަމުގެ އެންމެ ދިގު މުއްދަތަކީ 40 ދުވަސް ކަމުގައި ޢިލްމުގެ އަހުލުވެރިނގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭކަލުން ދެކިލައްވަ އެވެ.

މިފަދައިން الترمذي އަދި އެނޫން ޢިލްމުވެރިން ބަޔާންކޮށްފައިވެ އެވެ. ފަހެ، 40 ދުވަސްވުމުގެ ކުރިން އަންހެންމީހާ (ނިފާސްކަމުގެ ލޭ ހުއްޓިއްޖެ ހިނދުގައި) ފަހެ، އަންހެންމީހާ ހިނައިގަނެ ނަމާދު ކުރުން ހުއްޓެވެ.

ނިފާސް ކަމުގެ ލޭ ގެ މަދު މިންވަރެއް އައިސްފައެއް ނުވެ އެވެ.

العَلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ. ނިފާސް ކަމުގެ ލޭ، 40 ދުވަސް ވުމުގެ ކުރިން ކެނޑުމުން، (އަންހެންމީހާ) ހިނައިގަނެ ނަމާދުކޮށް ރޯދަހިފަމުން ދަނިކޮށް، އެއަށްފަހު ނިފާސްކަމުގެ 40 ދުވަސް ހަމަވުމުގެ ކުރީގައި ލޭ ފެނިއްޖެނަމަ، މިކަމުގައި ޞައްޙަ ގޮތަކީ، އެ ލެއަކީ ނިފާސް ކަމުގެ ލޭ ކަމުގައި ބެލުމެވެ. އަދި ޠާހިރުވި ހުރި ދުވަސްތަކުގައި ހިފި ރޯދައަކީ (ޞައްޙަ ރޯދަތަކެއް) ކަމުގައިވެ، ޤަޟާކުރާކަށް ނުޖެހުމަކީ އެކަމުގެ ޞައްޙަ ގޮތެވެ.

އެހެންވުމުން ޙާޞިލްވާ ފައިދާ ތަކަކީ :

  1. ނިފާސްގެ އެންމެ ގިނަ މުއްދަތަކީ 40 ދުވަސްކަމެވެ.
  2. 40 ދުވަސް ކުރިން ޠާހިރުވެއްޖެ މީހާ، 40 ދުވަސްވަންދެން އަޅުކަންނުކޮށް ހުރެގެން ނުވާނެކަމެވެ. އަދި ކިޔެއްތަ! ލޭ ކެނޑުމާއި އެކު ހިނައިގަނެ، އަޅުކަންތަކުގައި ޤާއިމްވުން އަންހެން މީހާގެ މައްޗަށް ވާޖިބުވެގެންވުމެވެ.
  3. 40 ދުވަސް ވުމުގެ ކުރިން ނިފާސްލޭ ހުއްޓި ހިނގައިގަނެ އަޅުކަން ކުރަމުން ގެންދާ އަންހެނާއަށް 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އަނެއްކާވެސް ލޭ ފެނިއްޖެހިނދު، އެއީ ނިފާސް ކަމުގައި ބަލައި، އަނެއްކާވެެސް ނަމާދުކުރުން ރޯދަ ހިފުން ދޫކޮށްލާނީ އެވެ. އަދި އިސްވެ ކޮށްފައިވާ އަޅުކަންތަކުގައި އެއްވެސް މައްސަލައެއްނެތެވެ.

ވުމުން ވިހެއުމަށްފަހު 40 ދުވަސް ހިނގައި ދިއުމުން ނުވަތަ 40 ވުމުގެ ކުރިން ނިފާސް ލޭ ހުއްޓިއްޖެހިނދު އަންހެން މީހާވަނީ ޠާހިރު ޙާލުގަ އެވެ.

ނަމާދު ކުރުމާއި އަދި އެހެނިހެން އަޅުކަންތައް ކުރުން އަންހެން މީހާގެ މައްޗަށް ވާޖިބުވެގެންވެ އެވެ.

ދެވަނައީ : 40 ވުމުގެ ކުރިން ލޭ ފޭބުން ހުއްޓި ނިފާސް ކަމުން ހިނައި ޠާހިރުވުމެވެ. އެހެނަސް 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އަނެއްކާވެސް ލޭ ފެނުމެވެ. އެހިނދު އެއީ ނިފާސްގެ ލޭ ކަމުގައި ބަލާނީ އެވެ. (ސުވާލުގައި ބުނެފައިވާ ހިނައިގަތް ފަހުން 2 ދުވަހަށް ފަހުގައި ލޭ ފެނުން، ސުވާލުގައި ބަޔާން ކޮށްފައި ވުމުން އެއީ މި ނުކުތާގައި ޛިކުރު ކޮށްފައިވާ ފަދައިންނަމަ، ނިފާސްގެ ތެރޭގައި ކަމުގައި ބެލުން ހުއްޓެވެ. މާނައަކީ : 40 ދުވަހުގެ ތެރޭގައި ފެނިއްޖެ ނަމަ އެއީ ނިފާސްގެ ލޭ ކަމުގައި ކަނޑައެޅުމެވެ. އޭގެ ކުރިން ޠާހިރުވެ ކޮށްފައިވާ ނަމާދާއި ނުވަތަ ރޯދަތަކަށް އެއްވެސް އަޘަރެއް ނުކުރާނެ އެވެ. އެއީ ޞައްޙަ ހެޔޮ އަލުކަންތަކެއްގެ ގޮތުގައި ވާނެ އެވެ.

ތިންވަނައީ : 40 އަށް ފަހުގައި ލޭ ހުއްޓުމެއްނެތި ކުރިއަށް ދާނަމަ، އަންހެން މީހާ އެ ލެއާއި މެދުގައި ޢަމަލު ކުރާނީ އިސްތިޙާޟާގެ ލެއާއި މެދުގައި ޢަމަލު ކުރާ ފަދައިންނެވެ. އަންހެން މީހާއަކީ މުސްތަޙާޟާ އަންހެނެއްގެ ގޮތުގައިވެ އެވެ. އެ ގޮތުން އިސްތިޙާޟާގެ އަންހެނާގެ ޢަމަލުތަކުގައި ޤާއިމްވާނީ އެވެ.

ކޮންމެ ނަމާދެއްގެ ވަޤުތު ވަނުމަށްފަހުގައި ކުރިމަތި ފަރާތުން ނުކުމެފައިވާ ލޭ ދޮވެ އަދި ލޭ ނުކުތް ތަނުގައި ކަފަގަނޑެއް ފަދަ އެއްޗެއް ބޭނުންކޮށް ނުކުންނަ ލޭ ބޭރަށް ފައިބައިގެން ނުދާގޮތަށް ބަންދުކޮށްފައި ބެހެއްޓުން ހުއްޓެވެ.

އެއަށްފަހު ކޮންމެ ނަމާދެއްގެ ވަޤުތު ވަނުމަށްފަހުގައި އެ ނަމާދަށް ވުޟޫ ކުރާނީ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މުސްތަޙާޟާ އަންހެނާއަށް މިފަދައިން ޙަދީޘް ކުރައްވާފައިވުމުންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts