ނަމާދަށް ހުންނަމީހާގެ ކުރިމަތީގައި ސުތުރާ ބެހެއްޓުން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދަށް ހުންނަ މީހާގެ ކުރިމަތިން އަންހެނަކު ހުރަސްކުރުމާއި މެދުގައި ބުނަމެވެ.
ފުރަތަމައީ : ނަމާދު އެކަނި ކުރާ މީހާ އަދި ނަމާދު ޖަމާޢަތުގައި ކުރާހިނދު އިމާމް ސުތުރާ ނެގުމަކީ ކިހާ މުހިންމުވެގެންވާކަމެއްކަން އެނގިގަތުމެވެ. އެއީ ކޮންފަދައަކުން ސުންނަތުގައި ބަޔާންވެގެންވާ އަމުރެއް ކަމުގައި ދެނެގަތުމެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި :
1. عن ابن عمر -رضي الله عنهما- ރިވާކޮށްފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ.
(لا تصل إلا الى سترة، ولا تدع أحدا يمر بين يديك، فإن أبى فتقاتله، فإن معه القرين) ”ތިބާ ސުތުރާ ނަގައިގެންހުރެ ނޫނީ ނަމާދު ނުކުރާށެވެ. އަދި ތިބާގެ ކުރިމަތިން އެއްވެސް މީހަކު ހުރަސްކޮށްފައި ދިޔަ ނުދޭށެވެ. (ހުރަސްކޮށްފައިދާ މީހާއަށް މަނާކުރުމުން) އޭނާ ދެކޮޅުހަދައިފި ނަމަ އޭނާ ގަދަބާރުން ދުރުކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އޭނާއެކުގައި ޝައިޠާނާވެ އެވެ.“ رواه مسلم
2. سهل بن أبي حثمة رضي الله عنه ނަބިއްޔާ ﷺ އަރިހުން ރިވާކޮށްފައިވެ އެވެ.
(إذا صلَّى أحدُكم إلى سُتْرةٍ ، فلْيُدنِ منها ، لا يقطع شيطان عليه صلاته) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ސުތުރާ ނަގައިހުރެ އެ ސުތުރާއާ ކައިރިވާ ހުއްޓެވެ. އެއީ ތިޔަބައިމީހުން ކުރެ މީހެއްގެ މައްޗަށް ނަމާދުގައި ޝައިޠާނާ އެމީހެއްގެ ނަމާދު މެދުކެނޑިޔަ ނުދިނުމަށެވެ.“ (ޔަޢުނީ : ޝައިޠާނާ ވަސްވާސް ދިނުމާއި، ނަމާދުން ބޭރުގެ އެކިއެކި ކަންތައްތަކުން ސަލާމަތްވެ ދިއުމަށްޓަކައި ސުތުރާ ނެގުމަށް އަމުރުވެގެންވުމެވެ.)
މިފަދަ ގިނަ ގުނަ ރިވާޔަތްތަކެވެ.
ރިވާޔަތްތަކުގައި އެކަމަށް އަމުރުފުޅު ކުރެވިފައިވުމުން ބައެއް ޢިލްމުވެރިން އެއީ ނަމާދު ކުރާ މީހާއަށް ވާޖިބުވެގެންވާ ޢަމަލެއް ކަމުގައި ވިދާޅުވެ އެވެ. އަދި ބައެއް ޢިލްމުވެރިން އެއީ ސުންނަތް މުޥައްކަދާއެއް ކަމުގައި (އެ ޢަމަލެއްގެ މަތީގައި ދެމިހުންނަވާ ޢަމަލެއް) ކަމުގައި ވިދާޅުވެފައިވެ އެވެ.
ދެވަނައީ : ނަބިއްޔާ صلى الله عليه وسلم ރަށްބޭރުގައި ސަހަރާހައި ނަމާދު ކުރައްވާހިނދުގައިވެސް ސުތުރާ ނަންގަވައިގެން ނަމާދުކުރެއްވުން ވާރިދުވެފައިވުމުން މިކަމުގެ މުހިންމުކަން ބަޔާންވެ އެވެ. ރަށްބޭރުގައި ސަހަރާގައި ކުރިމަތިން ހުރަސްކުރާނީ ކޮން އިންސާނެއްތޯ އެވެ؟ އެއާއެކުވެސް ސުތުރާ ނަންގަވައި ނަމާދު ކުރެއްވުމުން އެކަމުގެ މުހިންމުކަން ބަޔާންވެ އެވެ.
ތިންވަނައީ : ޞަޙާބީންނަށް މި ޢަމަލު ފަހުމްވެވަޑައިގެންނެވި ގޮތާއި އެބޭކަލުންގެ ޢަމަލުފުޅެވެ. އެފަދަ ބައެއް ރިވާޔަތްތަކެވެ. نافع ވިދާޅުވެފައިވެ އެވެ. ”ابن عمر މިސްކިތުގެ ތަނބެއް ހޯދޭނެ އެއްވެސް ގޮތެއް ނެތުމުން އަހަރެން ކައިރީގައި ވިދާޅުވެ އެވެ. ތިބާގެ ބުރަކަށި ދައްކައިގެން ހުންނާށެވެ. (މާނައީ: އިށީނގެ އިނދެއިނުމަށްފަހު ابن عمر ބުރަކަށި އެއީ ސުތުރާއެއްގެ ގޮތުގައި ނަންގަވާ، ފަހަތުގައި ހުންނަވާ ނަމާދު ކުރައްވަ އެވެ.)“
އަދިވެސް نافع ވިދާޅުވެފައިވެ އެވެ. ”ابن عمر ސުތުރާއެއް ގެ ފަހަތުގައި ހުންނަވައިގެން ނޫނީ ނަމާދެއް ނުކުރައްވަ އެވެ.“
(އަދިވެސް އަޘަރުގައިވެ އެވެ.) سلمة بن أكوع رضي الله عنه ރަށްބޭރުގައި (ސަހަރާގައި) ވާ ޙާލުގައި ހިލަތައް އެކަތި އަނެކަތީގެ މައްޗަށް ޖަމަޢަކުރައްވަ އެވެ. ފަހެ، ނަމާދު ކުރުމަށް ބޭނުންވެޑައިގެންނެވުމުން އެއަށް ކުރިމަތި ލައްވައިގެން ހުންނަވާ ނަމާދު ކުރައްވަ އެވެ.
ހަތަރުވަނައީ : ސުތުރާގެ އުސްމިނާއި މެދުގަ އެވެ.
ސުންނަތުގައި ސުތުރާއަކަށް ބަހައްޓާ އެއްޗެއްގެ އުސްމިން ޛިކުރު ކުރެވިގެންވެ އެވެ. އޭގެ ތެރޭގައި :
رَسُول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރަން ފަށާހިނދު، އޭނާގެ ކުރިމަތީގައި (ސުތުރާއެއްގެ ގޮތުގައި مؤخرة الرَّحل (ޖަމަލަށް ސަވާރުވެއިންނަ ގޮނޑިގެ ފުރަގަހުގައި އިންނަ ދަނޑިކޮޅުގެ އުސްމިނުގެ) އެއްޗެއް ބެހެއްޓުން ހުއްޓެވެ. އަދި އެއަށް ކުރިމަތިލައިގެން ހުރެ ނަމާދު ކުރާށެވެ. އަދި އޭގެ (އެ ސުތުރާގެ ފުރަގަހުން) ހުރަސްކޮށްދާ ފަރާތުގެ ކިބައިން އެއްވެސް ގެއްލުމެއް ނެތެވެ.“ مسلم 499
مؤخرة الرَّحل ގެ މިންވަރަކީ އުސްމިނުގައި މުށެއްގެ މިންވަރު ކަމުގައި عَطاَء، قَتَادَة، الثَّوري އަދި نَافِع ވިދާޅުވެފައިވެ އެވެ. سنن أبي داود 686
ވުމުން، މި މިންވަރުގެ އެއްޗެއް ބެހެއްޓުން ނުވަތަ އެއަށްވުރެ އުސް އެއްޗެއް ބެހެއްޓުން އެދެވިގެންވެ އެވެ.
ފަސްވަނައީ : ސުތުރާއާ ނަމާދު ކުރާ މީހާ ހުންނަ ދުރުމިން ގެ މައްޗަށް ބުނަމެވެ.
ދަންނަ ހުއްޓެވެ. ސުންނަތުގައި ބަޔާންވެގެންވަނީ ސުތުރާ ބެހެއްޓުމާއި އަދި ސުތުރާއާ ކައިރީގައި ހުރުމެވެ. أبي سعيد الخدري-رضي الله عنه- ރިވާކޮށްފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(إذا صلَّى أحدُكم فلْيُصلِّ إلى سُتْرةٍ، و لْيُدنِ منها، ولا يدعْ أحدًا يمرُّ بين يديْهِ؛ فإنْ جاء أحدٌ يمرُّ فلْيُقاتِلْه فإنَّه شيطانٌ)
” ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާ ހިނދުގައި ސުތުރާ ނަގައިގެން ހުރެ ނަމާދު ކުރާށެވެ. އަދި ސުތުރާއާ ކައިރިވެ ހުންނާށެވެ. އެއްވެސް މީހަކު ތިބާގެ ކުރިމަތިން ހުރަސްކޮށް ދިޔަ ނުދޭށެވެ. ފަހެ، ތިބާގެ ކުރިމަތިން (ސުތުރާއާ ދެމެދުން) ހުރަސްކުރުމަށް މީހަކު އުޅެފި ހިނދުގައި އޭނާއާ ދެކޮޅަށް ހަނގުރާމަކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އޭނާއަކީ ޝައިޠާނެކެވެ.“ صحيح ابن ماجه 788
عَمرو بن دِينَار -رحمه الله- ވިދާޅުވެފައިވެ އެވެ. ابن عُمر -رضي الله عنهما- ނަމާދުގައި ހުންނަވަނިކޮށް، ابن عُمر -رضي الله عنهما- ކުރިފުޅުމަތިން ތިމަންނައަށް ހުރަސް ކުރެވުނެވެ. އެހިނދު، ނަމާދުގައި އިށީނދެވަޑައިގެން އިންނެވިތަނުން ابن عُمر ތެދުވެވަޑައިގެންނެވުނެވެ. އެއަށްފަހު ތިމަންގެ މޭމަތީގައި އަތްޕުޅުއަޅުއްވާ ދުރުކުރެއްވި އެވެ. “ صحيح/ابن أبي شيبة ٢٩٣٨
ވުމުން މިއީ މިކަމުގައި ޢަމަލު ކުރުމަށްއޮތް ގޮތެވެ. އެއާއި އެކު، ސުތުރާއާ ނަމާދު ކުރާ މީހާގެ ދެމެދުގައި ޖާގަ ދޫކޮށްފައި ހުންނަންވީ މިންވަރާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.
ބައެއް ޢިލްމުގެ އަހުލުވެރިން ވިދާޅުވަނީ، ނަމާދު ކުރާ މީހާގެ ފައިތިލައިން ފެށިގެން 3 މުށެވެ. މިފަދައިން الحنفية ، الشافعية އަދި الحنابلة ވިދާޅުވެފައިވެ އެވެ. އެބޭކަލުން ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި، عَبْدَ اللَّهِ بْنَ عُمَرَ رَضِيَ اللهُ عَنْهُما ގެ އަރިހުން އިމާމް البخاري ރިވާކޮށްފައިވާ ރިވާޔަތެއްގެ މައްޗަށް ބިނާކޮށެވެ. އެ ރިވާޔަތުގައިވެ އެވެ. ( كَانَ إِذَا دَخَلَ الْكَعْبَةَ مَشَى قِبَلَ وَجْهِهِ حِينَ يَدْخُلُ وَجَعَلَ الْبَابَ قِبَلَ ظَهْرِهِ ، فَمَشَى حَتَّى يَكُونَ بَيْنَهُ وَبَيْنَ الْجِدَارِ الَّذِي قِبَلَ وَجْهِهِ قَرِيبًا مِنْ ثَلَاثَةِ أَذْرُعٍ …….) ”ނަބިއްޔާ صَلَّى اللَّه عَلَيْهِ وَسَلَّمَ ކަޢުބާއަށް ވެދެވަޑައިގެންނެވިހިނދު، (ދޮރުކޮޅުން ވެދެވަޑައިގެން) ކުރިފުޅުމައްޗަށް ވާގޮތަށް ހިންގަވައި ވަޑައިގެންނެވި އެވެ. އަދި ކަޢުބާގެ ދޮރުކޮޅު ބުރަކަށިފުޅުގެ ފަހަތަށްވާހެން ދޫކުރައްވައި، ކުރިފުޅުމަތީގައިވާ ކަޢުބާގެ ފާރު ކައިރިއަށް އެދެމެދުގައި 3 މުށް ހުންނަ މިންވަރަށް ގާތްވެވަޑައިގެންނެވި އެވެ……“
ދެވަނަ ޤައުލުގެ އަހުލުވެރިން ވިދާޅުވެފައިވަނީ، ނަމާދު ކުރާ މީހާ ސަޖިދަ ކުރާ ހިސާބާއި ސުތުރާއި ދެމެދު ކަންބަޅިއަކަށް ދެވޭނެ ޖާގަ ދިނުމެވެ. އެފަދަ ދަލީލުތަކުގެ ތެރޭގައި އިމާމް البخاري އަދި مسلم ޞަޙާބީ سَهْلِ بْنِ سَعْدٍ -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތްވެ އެވެ. ( كَانَ بَيْن مُصَلَّى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَبَيْن الْجِدَار مَمَرّ الشَّاة ) ”ރަސޫލާ صَلَّى اللَّه عَلَيْهِ وَسَلَّمَ ގެ ސުތުރާއާ (ސަޖިދަ ކުރާ ހިސާބާއި ދެމެދުގައިވަނީ) ކަންބަޅިއަކަށް ދެވޭ ޖާގަ އެވެ.“
ބައެއް ޢިލްމުވެރިންވަނީ އިސްވެ ބަޔާންކުރެވުނު 2 ޤައުލު ޖަމަޢަކުރައްވާ ބަސްފުޅެއް ވިދާޅުވެފަ އެވެ. އެއީ ނަމާދަށް ކޮޅަށް ހުންނަވާހިނދު ސުތުރާ އާއި ނަމާދު ކުރާ މީހާ ދެމެދު 3 މުށުގެ ޖާގަ ބެހެއްޓުމެވެ. އަދި ސަޖިދަ ކުރާހިނދު ސަޖިދަ ކުރާ ހިސާބުން ފަށައިގެން ސުތުރާއާ ދެމެދު ކަންބަޅިއަކަށް ދެވޭ މިންވަރުގެ ޖާގައެއް ބެހެއްޓުމެވެ. މިފަދައިން 2 ޤައުލު ޖަމަޢަކުރައްވާ ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް الألباني -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލުގެ ޖަވާބު ފުރިހަމައަށް ޙާޞިލްވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.