ކަށުނަމާދު ކުރާނެ ސިފަ އަދި ކަށުނަމާދުގައި ކިޔާ ތައްކެއްޗަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކަށުނަމާދަކީ މުސްލިމުންގެ ތެރެއިން މަރުވާމީހުންގެ މައްްޗަށް ހެޔޮ ދުޢާކުރުމުގެ ގޮތުން ކުރުމަށް ޝަރުޢުގައި ކަނޑައެޅިފައިވާ އަޅުކަމެކެވެ.
މި ނަމާދުގެ މާތްކަން ބަޔާންވެގެންވާ ބައެއް ރިވާޔަތްތަކުގެ ތެރޭގައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(مَنْ شَهِدَ الجَنَازَة حَتَّى يُصَلِّي فَلَهُ قِيرَاط، وَمَن شَهِدَ حَتَّى تُدفَن كَان لَهُ قِيْرَاطَان. قِيل وَمَا القيراطان قَال: مِثل الجَبَلَين العَظِيمَين)
”މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމަށް ދާންދެން ޖަނާޒާގައި ބައިވެރިވެއްޖެ މީހާއަށް ޤީރާޠެއް ލިބޭހުއްޓެވެ. އަދި ވަޅުލުމަށް ދާންދެން ބައިވެރިވެއްޖެ މީހާއަށް ދެ ޤީރާޠު ލިބޭ ހުއްޓެވެ. އެހިނދު، ދެންނެެވުނެވެ. ދެ ޤީރާޠަކީ ކޮބައި ތޯ އެވެ؟ (ޙަދީޘް ކުރެއްވި އެވެ.) އެއީ ނުހަނު ބޮޑު، ބިޔަ ދެ ފަރުބަދަ އެވެ.“البخَاري 1325
މާނައީ : މިފަދަ މަތިވެރި، ބޮޑުވެގެންވާ ދަރުމައާއި އަޖުރު އޭނާ ޙާޞިލްކުރާނެ ކަމެވެ. ބައެއް ރިވާޔަތް ތަކުގައި ޤީރާތެއްގެ މިޘާލަކީ އުޙުދު ފަރުބަދަ ކަމުގައި ޛިކުރު ކުރެވިގެންވެ އެވެ.
މި ނަމާދަކީ 4 ތަކުބީރުގެ މައްޗަށް އެކުލެވިގެންވާ ނަމާދެކެވެ. ރުކޫޢު އަދި ސަޖިދަ ކުރުމެއް ނޯވެ އެވެ.
ކަށުނަމާދު ކުރާނެ ސިފަ :
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް الإمَام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. “ މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދުގެ ސިފައަކީ: އިމާމް ތަކްބީރު ކިޔައި، އިސްތިޢާޛަ (އަޢޫޛު) ކިޔުމަށްފަހު ބިސްމި ކިޔައި ސޫރަތުލް ފާޠިޙާ ކިޔުމެވެ. އެއަށްފަހު ކުރު ޞޫރަތެއް ކިޔުން މުޞްތަޙައްބުވެގެންވެ އެވެ. މިޘާލަކަށް الإخلاص ނުވަތަ العَصر ނުވަތަ (ޤުރުއާނުގެ) ބައެއް އާޔަތްތަކެވެ. މިފަދައިން ނަބިއްޔާ ﷺ ގެ އަރިހުން ابن عَباس ރިވާކޮށްފައިވާ ޞައްޙަ ޙަދީޘުން ދަލީލު ކުރެެވެ އެވެ. އަދި ދެވަނަ ތަކްބީރުކިޔައި ފަހު އައްތަހިޔާތުގައި ނަބިއްޔާގެ މައްޗަށް ޞަލަވާތްކިޔާ ފަދައިން ޞަލަވާތްކިޔުމެވެ. އެއަށްފަހު ތިންވަނަ ތަކްބީރު ކިޔައި މައްޔިތާއަށްޓަކައި ކުރުމަށް ވާރިދުވެގެންވާ ދުޢާކިޔުމެވެ. އަދި ފިރިހެނަކަށް ދުޢާކުރާހިނދު ފިރިހެނުންނަށް ނިޞްބަތްކުރެވޭ ލަފްޟު އަދި އަންހެނަކަށް ދުޢާކުރާހިނދު އަންހެނަކަށް ނިޞްބަތް ކުރެވޭ ލަފްޒުން ދުޢާކުރުމެވެ. އަދި ގިނަ މީހުންނަށް ޖަމްޢުކޮށް ލަފްޟު ބޭނުން ކުރުމެވެ. އެއަށްފަހު ހަތަރުވަނަ ތަކްބީރު ކިޔައި، ހިނދުކޮޅަކަށް ހަނު ހުރުމަށްފަހު ކަނާތްފަރާތަށް އެއްފަހަރު ސަލާމްް ދިނުމެވެ.“
ކަށުނަމާދު ކުރެވެނީ އަންހެނަކަށް ކަމުގައިވާނަމަ، އިމާމް ނަމާދުކުރުމަށްޓަކައި ހުއްޓި ހުންނާނީ މައްޔިތާގެ ހަށިގަނޑުގެ މެދަށްވާ ގޮތަށެވެ. އަދި ފިރިހެން މައްޔިތެއް ކަމުގައިވާނަމަ، އެމީހާގެ ބޯ ކައިރީގަ އެވެ.
ވުމުން ނަމާދު ކުރާނެ ސިފައަކީ :
1. ނަމާދަށް ނިޔަތް ގަތުމާއެކު الله أكبر ކިޔައި ދެއަތް ދެ ކޮނޑާއިހަމައަށް އުފުލައި ޙަރަން ބަނުމެވެ.
2. އަޢޫޛު، ބިސްމި ކިޔައި ފާތިޙާ ސޫރަތް ކިޔަވަން ފެށުމެވެ.
3. ޙަރަމް މޮހައިލައި الله أكبر ކިޔައި ޙަރަމްބަދެ ރަސޫލާ ﷺ އަށް ޞަަލަވާތް ކިޔެވުމެވެ.
ޞަލަވާތް ކިޔަވާނެ އެންމެ ފުރިހަމަ ގޮތަކީ :
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ މިފަދައިން ކިޔުމެވެ.
4. ޙަރަމްމޮހައިލައި، الله أكبر ކިޔައި ޙަރަމްބަދެ މައްޔިތާއަށް ދުޢާކޮށްދިނުމެވެ.
ދުޢާ ކުރުމުގެ ގޮތުގައި ދުޢާގައި ކިޔޭނެ ގިނަ ލަފްޒު ތަކެއްވެ އެެވެ.
އޭގެ ތެރޭގައި : اللهم! اغفر لِحَيِّنَا وَمِيِّتِنِا، وَشَاهِدِنَا وَغَائِبِنَا، وَصَغِيْرِنا وَكَبِيْرِنا، وَذَكَرِنا وَأُنْثَانَا، اللهم مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلى الإِسْلاَمِ، وَمنْ تَوَفَّيْتَهُ مِنَّا فَتُوَفِّهِ عَلَى الإِيْمَان
اللهم اغْفِرْ لَهُم، وَارْحَمْهم، وعَافِهِم، وَاعْفُ عنهم، وَأَكْرِم نُزُلَهم، وَوَسِّعْ مُدْخَلَهم، وَاغْسِلْهُم باِلماَءِ والثَّلْجِ والبَرَدِ، ونَقِّهِم من الخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَض مِنَ الدَّنَس. اللهم أَبْدِلْهُم دُوْرا خَيرْا مِن دُوْرِهِم، وَأَهْلًا خيرًا مِن أَهْلِهِم. اللهم أَدْخِلْهُم الجَّنَة، وَأَعِذْهُم مِنْ عذَابِ القَبْر وَمِن عذَابِ الناَّرِ، وَأَفْسِحْ لهم في قُبُوْرِهم وَنَوِّرْ لَهُمْ فِيْها
5. ޙަރަމް މޮހައިލައި الله أكبر ކިޔައި ޙަރަމްބަދެ އިރުކޮޅެއް ފަހުގައި ސަލާމް ދިނުމެވެ.
ކަށުނަމާދުގައި ކިޔަވާނީ ކިހިނެތްތޯ އެވެ؟
އިމާމް الإمَام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. ”ކިޔަވާނީ ސިއްރުން ނެވެ. އަދި ދުޢާ ކުރާހިނދު ކުރާނީވެސް ސިއްރުންނެވެ. އެހެނަސް (އިމާމް) ކިޔަވާއަޑު ކައިރީގައި ތިބޭ މީހުންނަށް އިވުމަކުން މައްސަލައެއް ނެތެވެ. މިކަމުގައި މައްސަލައެއްނެތެވެ. الحمد لله. ޞަޙާބީންނަށް ނަބިއްޔާ ﷺ ކަށުނަމާދުގައި ދުޢާކުރެއްވިހިނދު އަޑުއިވިވަޑައިގެންފައިވެ އެވެ. .. އެހެނަސް އޭނާގެ ކައިރީގައި ތިބޭ މީހުންނަށް އުދަގޫވާރަށް އަޑުހަރުކޮށް ކިޔެވުން ޝަރުޢުވެގެންނުވެ އެވެ. އެހެނަސް ކައިރީގައި ތިބޭ މީހުންނަށް (އުނގަންނައިދީ، ފައިދާ ޙާޞިލްކޮށްދިނުމަށް) އަޑުއިވޭ މިންވަރަށް އަޑު އުފުލުމެވެ. އެއްބައެއްގެ ކިބައިން އަނެއްބަޔަކު އުނގެނިގަތުމަށެވެ. އެހެނަސް ދުވާލުގައި ނުވަތަ ރޭގަނޑުގައި ކަށުނަމާދު ކުރިކަމުގައިވީނަމަވެސް ސުންނަތްގޮތަކީ ކިޔަވާހިނދު އަދި ދުޢާކުރާހިނދުގައިވެސް ސިއްރިޔާތުގައި ނަމާދު ކުރުމެވެ. އެހެނަސް ކައިރީގައި ތިބޭ މީހުންނަށް އަޑުއިވޭ މިންވަރަށް ކުޑަކޮށް އަޑުއުފުލުން މައްސަލައެއް ނެތެވެ.“ الجزء 14 الرقم 15
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.