ބަނޑުގައި އޮތީ ތެލެސީމިއާ ކުއްޖެއްނަމަ ދަރި ވައްޓާލުން ހުއްދަވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބަނޑުގައިވާ ދަރީގެ ހަށިގަނޑަށް ފުރާނަ އެޅުވުމާއި މެދުގަ ބުނަމެވެ.

މިއީ ވަރަށް ޞަރީޚަކޮށް ޙަދީޘް ވާރިދުވެފައިވާ މައްސަލަ އެކެވެ. އަދިވެސް ހަނދާން ކޮށްދެމެވެ.

ޞައްޙަ ޙަދީޘަކީ އެއްވެސް ގޮތަކަށް އެހެން ޘާބިތު ދަލީލަކާ ފުށުއަރާނެ ބަސްފުޅެއް ނޫނެވެ.

މި މަޢުޟޫގައި ވާރިދުވެގެންވާ 2 ޙަދީޘެއް ވެ އެވެ.

އެއް ހަދީޘަކީ އަސްލު މައިގަނޑެވެ. އަޞްލު ޙުކުމް ރައްދުވާ ޙަދީޘެވެ. ފުރަތަމަ ޙަދީޘަކީ : وعن عبد الله بن مسعود رضي الله عنه قال : حدثنا رسول الله ﷺ –وهو الصادق المصدوق- : (إن أحدكم يُجمع خلقه في بطن أمه أربعين يوماً نطفة ثم يكون علقة مثل ذلك ثم يكون مضغة مثل ذلك ثم يُبعث الله إليه ملَكَاً بأربع كلمات فيَكتب عمله وأجله ورزقه وشقي أو سعيد ثم يُنفخ فيه الروح، فوالذي لا إله غيره إن أحدكم ليَعمل بعمل أهل الجنة حتى ما يكون بينه وبينها إلا ذراع فيسبق عليه الكتاب فيعمل بعمل أهل النار فيدخلَها، وإن أحدكم ليعمل بعمل أهل النار حتى ما يكون بينه وبينها إلا ذراع فيسبِق عليه الكتاب فيعمل بعمل أهل النار فيدخلها)

عبد الله بن مسعود ރިވާކުރައްވާފައިވެ އެވެ. رسول الله ﷺ އަހަރުމެންނަށް ޙަދީޘް ކުރެއްވި އެވެ. އެއީ ތެދުބަސްފުޅު ވިދާޅުވާ އަދި ތެދުކުރެވިގެންވާ ނަބިއްޔާ އެވެ. ”ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ މަންމަގެ ބަނޑުގައި ސާޅީސް ދުވަސްވަންދެން ނުޠުފާއެއްގެ ގޮތުގައި އޭނާ އުފެދުން ޖަމަޢަ ކުރެވިގެންވެ އެވެ.

ދެން އެއާއި އެއްފަދައިން ގަނޑު ލޭކޮޅަކަށްވެ އެވެ.

ދެން އެއަށްފަހު އެއާ އެއްގޮތަށް މަސްކޮޅަކަށްވެ އެވެ.

ދެން އެއަށްފަހު އޭނާގެ ކައިރިއަށް މަލާއިކަތްބޭކަލަކު ހަތަރު ކަލިމަ އެކުގައި ފޮނުވެވޭނެ އެވެ. ފަހެ، އޭނާގެ ޢަމަލާއި، އަޖަލާއި ރިޒުޤު އަދި ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއްތޯ ލިޔުއްވޭނެ އެވެ.

އެއަށްފަހު ރޫޙު ފުމެލެވޭނެ އެވެ.

އެ އިލާހު މެނުވީ ޙައްޤު ގޮތުގައި އަޅުކަން ކުއްތަން ކުރެވޭ އެހެން އިލާހަކުނުވާ ފަރާތް ޤަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުތައް ކުރާނެ އެވެ. އޭނާއާ ސުވަރުގެއާ ދެމެދު މުށެއްގެ މިންވަަރަށް ދާންދެނެވެ. ދެންފަހެ (އޭނާގެ މައްޗަށް ލިޔުއްވިގެންވާ) ފޮތް އޭނާގެ މައްޗަށް އިސްވާނެ އެވެ. ދެންފަހެ، އޭނާ ނަރަކައިގެ އަހުލުވެރިންގެ ޢަމަލުތަކުން ޢަމަލު ކުރާނެ އެވެ. ދެންފަހެ އޭނާ ނަރަކައަށް ވަންނާނެތެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަރަކައިގެ ޢަމަލުތަކުގެ ތެރެއިން ޢަމަލު ކުރާނެ އެވެ. އޭނާއާ ނަރަކައާ ދެމެދު މުށެއްގެ މިންވަރު މެނުވީ ނުވާ މިންވަރަށް ދާންދެނެވެ. ދަފެންފަހެ، (އޭނާގެ މައްޗަށް ލިޔުއްވިގެންވާ) ފޮތް އޭނާގެ މައްޗަށް އިސްވާނެ އެވެ. ދެންފަހެ، އޭނާ ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުތައްކޮށް އޭނާ ސުވަރުގެ ވަންނާނެ އެވެ.“

މިއީ އަލް-ބުޚާރީ އަދި މުސްލިމްގައި ވާރިދުވެގެންވާ ޞައްޙަ ކަމާއި މެދުގައި ޝައްކެތްވެސް ނުއުފެއްދޭނެ މިންވަރުގެ ޞައްޙަ ރިވާޔަތެކެވެ.

މި ރިވާޔަތުގައި ބަޔާންވެގެންވަނީ ބަނޑުގައިވާ ދަރިއަށް ފުރާނަ އެޅުވިގެންދަނީ 120 ދުވަހުން ކަމެވެ. އަދި އެއަށްފަހު ފުރާނަ އެޅުވިގެންދާ ގޮތްވެސް ވެ އެވެ.

ދެން އޮތީ މި މައުޟޫގައިވާ ދެވަނަ ޙަދީޘެވެ. އެއީ حذيفة بن أسيد رضي الله عنه يبلغ به النبي ﷺ قال : (يدخل المَلَك على النطفة بعد ما تستقر في الرحم بأربعين أو خمس وأربعين ليلة فيقول يا رب أشقي أو سعيد فيكتبان فيقول : يا رب أذكر أو أنثى فَيُكْتَبان ويُكتب عمله وأثره وأجله ورزقه ثم تطوى الصحف فلا يزاد فيها ولا يُنقص)

حذيفة بن أسيد رضي الله عنه (ނަބިއްޔާ ﷺ ގެ މަޤާމަށް އުފުއްލަވާ) ރިވާކޮށްފައިވެ އެވެ. ނަބިއްޔާ ﷺ ހަދީޘް ކުރެއްވި އެވެ.

”ރަޙިމުގައި އިސްތިޤްރާރުވެފައިވާ ނުޠުފާއަށް ސާޅީސް ނުވަތަ ސާޅީސް ފަސް ރޭ ވުމަށްފަހު، މަލާއިކަތެއް ވަޑައިގަންނަވާނެތެވެ. އަދި ދަންނަވާނެތެވެ. އަޅުގެ ރައްބެވެ. އަބާއްޖަވެރިއެއް ނުވަތަ ބާއްޖަވެރިއެއްތޯ އެވެ؟ ފަހެ، އެހިނދު (ނިޔާކަނޑައެޅިގެންވާ ގޮތަށް) އެ ދެކަންތައް މަލާއިކަތްބޭކަލު ލިޔުއްވެ އެވެ. އަދި ދަންނަވަ އެވެ. ފިރިހެނެއްތޯ އެވެ؟ ނުވަތަ އަންހެނެއްތޯ އެވެ؟ ފަހެ، އެހިނދު (ނިޔާކަނޑައެޅިގެންވާ ގޮތަށް) އެ ދެކަންތައް މަލާއިކަތްބޭކަލު ލިޔުއްވެ އެވެ. އަދި އޭނާގެ ޢަމަލާއި، އަޘަރުތަކާއި އަދި އަޖަލުގެ އިތުރުން ރިޒްޤު ލިޔުއްވެ އެވެ. އެއަށްފަހު ފަތްފުށްތައް ލެއްޕެވިގެންދެ އެވެ. އަދި (އެ ފަށްފުއްތަކަށް) އެއްޗެއް އިތުރެއް އަދި އުނި ނުވާ ހުއްޓެވެ.“

މިއީވެސް އެޙަދީޘްގެ ޞައްޙަކަމާ މެދު ދެބަސް ނުވެވޭނެ ޙަދީޘެކެވެ. އަލް-އިމާމް މުސްލިމް ރިވާކޮށްފައިވާ ޙަދީޘެކެވެ.

ޙަދީޘްގައި ބަޔާންވެގެންވަނީ 40 ރޭ ނުވަތަ 45 ރޭއަށް ފަހު ފުރާނަ އެޅުވިގެންދާ ކަމެވެ. ކުރިން ބަޔާންކުރި ނުކުތާއަށް ވިސްނާލުން ހުއްޓެވެ.

ޢިލްމު އޭގެ މަތީ ހަރުފަތަށް ވާޞިލް ނުވާ މީހާ ބުނާ ކަހަލަ އެވެ. އެއް ޙަދީޘްއާއި އަނެއް ޙަދީޘް ފުށުއެރުމުގައިވެ އެވެ. ދެން ޤަބޫލު ކުރާނީ ކޯންޗެއް ތޯ އެވެ؟

އެހެނަސް ޢިލްމުގައި ޘާބިތުކަން ލިބިފައިވާ ފަރާތްތަކަށް އެއީ ޖަމަޢަ ކުރެވޭ 2 ހަދީޘް ކަމުގައި ބަޔާން ކޮށްފައިވެ އެވެ. އެގޮތުން މި ތަނުގައި އިމާމް ابن بَاز -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

”އަޞްލަކީ އަދި އަދި މައިގަނޑު ގޮތަކީ ބަނޑުގައިވާ ދަރިއަށް 120 ދުވަހުން ފުރާނަ އެޅުވިގެން ދިއުމެވެ. އެހެނަސް ބައެއް ދަރިންނަށް 40-45 ދުވަހުން ފުރާނަ އެޅުވެ އެވެ. އެއީ ބައެއް ދަރިންނަށެވެ….“

އެގޮތުން 2 ޙަދީޘް ޖަމަޢަކުރެވެ އެވެ. (އިބްން ބާޒް ގެ ބަސްފުޅު ބަޔާން ކޮށްފައިވަނީ މާނައިގަ އެވެ.) މަޢުޟޫ ސާފު ވެއްޖެކަމަށް އުއްމީދު ކުރަމެވެ

ފަހެ، މިއީ ސުވާލުގައިވާ ފުރަތަމަ ބައެވެ. ފުރާނަ އެޅުވިދަނީ ކޮން މުއްދަތެއްގައި ހެއްޔެވެ؟

ސުވާލުގެ ދެވަނަ ބަޔަކީ : ޢިލްމުވެރިންގެ އެންމެހައި ބަސްފުޅުތަކުގައި ބަޔާންވެގެންވަނީ ބަނޑުގައިވާ ދަރި (ފުރާނަ އެޅުމުގެ ކުރިންވެސް އަދި ފަހުންވެސް) ހަލާކުކޮށް އަދި މަރާލައި އަދި ވައްޓައިގެން ނުވާނެ ކަމެވެ.

މިއީ އަޞްލު ޙުކުމެވެ. ވުމުން މި ޙުކުމުން ބޭރުވާނީ ޙާލަތެއް މެދުވެރިވެގެންނެވެ. ޔަޢުނީ އެކަން ހުއްދަ ކުރާނެ ޟަރޫރީ ޙާލަތެއް މެދުވެރިވުމެވެ. އެފަދަ ޟަރޫރީ ޙާލަތެއް ނުވާހިނދު ދަރި ވައްޓާލުން ހުއްދަ އެއް ނުވާނެ އެވެ. އެ ގޮތުން ބައެއް ބަސްފުޅުތައް ބަޔާން ކުރަމެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ޤަރާރު : ސަޢުދީގެ ހައިއަތު ކިބާރު ޢިލްމުވެރިންގެ މަޖްލިސްއިން މި ތާރީޚުގައި (20-6-1407) ނެރެފައިވާ ޤަރާރު ނަންބަރ (140) ގައި ބަޔާންކޮށްފައިވެ އެވެ.

1. ބަނޑުގައި ދަރިފުޅު ހޭދަކުރާ މަރުޙަލާ ތަކުން އެއްވެސް މަރުޙަލާއެއްގައި، ޝަރުޢީގޮތުން ހުއްދަކުރާ ސަބަބެއް މެދުވެރިވެގެން މެނުވީ، އެބޯޓްކުރުން ހުއްދައެއް ނުވާނެ އެވެ. އަދި އެއީ ވަރަށްވެސް ހަނި ދާއިރާއެއްގަ އެވެ.

2. ބަނޑުގައިވާ ދަރިފުޅު، އެންމެ ފުރަތަމަ މަރުޙަލާގައި ވާ ހިނދުގައި (އެއީ ފުރަތަމަ ސާޅީސް ދުވަހުގެ ތެރޭގައި) މި މަރުޙަލާގައި އެބޯޓް ކުރަނީ، ދަރިން ތަރުބިއްޔަތު ކުރުމަށް ބުރަވެދާނެ ކަމުގެ މައްޗަށް ބިރުވެތިވާނަމަ ނުވަތަ ދަރިންނަށް ތަޢުލީމު ދިނުމާއި އަދި ދިރިއުޅުމުގެ ތަކްފީލްތައް އަދާކޮށްދިނުމަށް ނުކުޅެދޭނެ ކަމުގެ މައްޗަށް ބިރުންހީވެގެން ކަމުގައިވާނަމަ ނުވަތަ އެކުދިންގެ މުސްތަޤްބަލަށްޓަކައި ކަމުގައިނަމަ، ނުވަތަ ދެމަފިރިންނަށް ލިބިފައިވާ ދަރިން ފުދޭކަމަށް ދެކި އެބޯޓް ކުރުން ހުއްދައެއް ނުވާނެ އެވެ.

3. ބަނޑުގައިވާ ދަރިފުޅު ވަނީ ޢަލަޤާ (ގަނޑު ލޭކޮޅެއްގެ ގޮތުގައި އޮންނަ މަރުޙަލާ) ނުވަތަ މުޟްޣާ (މަސްކޮޅެއްގެ ގޮތުގައި އޮންނަ މަރުޙަލާ) ގައި، އަންހެން މީހާގެ ހަށިގަނޑަށް ސަލާމަތްވެދާނެ ކަމުގެ މައްޗަށް ނުރައްކާވެދާނެ ޙާލަތުގައި، އިތުބާރު ކުރެވޭ ޑޮކްޓަރުންގެ ޓީމަކުން ބަޔާންކުރުމުން މެނުވީ ހުއްދައެއް ނުވާނެ އެވެ. އެގޮތުން މަންމަ ހަލާކުވެދާނެ ކަމުގެ މައްޗަށް ބިރުވެތިވާ ހިނދުގައި، އެބޯޓް ކުރުން ހުއްދަވާނެ އެވެ. އަދި އެއީ ލިބިފައިވާ އެންމެހައި ވަޞީލަތްތަކުން އެ ނުރައްކަލުން ސަލާމަތް ކުރެވެން ހުރި އެންމެހައި މަސައްކަތެއްކޮށް، އެ ނޫންގޮތެއް ނެތުމުންނެވެ.

4. ތިންވަނަ މަރުޙަލާ ފުރިހަމަވެ އަދި ބަނޑުގައިވާ ދަރިއަށް ހަތަރުމަސް ވުމަށްފަހުގައި، އެކަމަށް ޚާއްޞަވެގެންވާ އިތުބާރުހިފޭ އެންމެހައި ޑޮކްޓަރުން، އެ ދަރިފުޅު މައިމީހާގެ ބަނޑުގައި އޮވެއްޖެނަމަ، އެއީ މަންމަ މަރުވެގެންދާނެ ސަބަބެއްކަމުގައި ވެއްޖެ ހިނދުގައި ނޫން ގޮތަކަށް އެބޯޓްކުރުން ޙަލާލެއް ނުވާނެ އެވެ. އަދި އެއީ އެ ދިރިހުރުމަށް ކުރެވެންހުރި އެންމެހައި ވަޞީލަތްތަކެއް ނުކުޅެދުންތެރި ވުމަށްފަހުގަ އެވެ. އަދި ހަމަކަށަވަރުން މި ޙާލަތުގައި މި ޝަރުޠާއެކު، އެބޯޓް ކުރުން ހުއްދަވެފައިވަނީ، ދެ ގެއްލުމެއްގެ ތެރެއިން ބޮޑުގެއްލުމުން ސަލާމަތްވުމަށްޓަކަ އެވެ. އަދި ދެ މަޞްލަޙަތުގެ ތެރެއިން އެންމެ ބޮޑު މަޞްލަޙަތު ހޯދުމަށްޓަކަ އެވެ.

އިސްވެ ބަޔާންކޮށްފައި އެންމެހައި ކަންތައްތަކަށް މަޖްލިސްއިން އިޤްރާރުވުމާ އެކުގައި، ﷲ އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކޮށް އަދި މިކަމުގައި ފުރިހަމައަށް ޘާބިތުކުރުމަށް ބަޔާންކުރަމެވެ. وصلى الله على نبينا محمد، وآله وصحبه وسلم. انتهى.

މި ޤަރާރުގެ ފުރަތަމަ 2 ޕޮއިންޓަކީ ކޮށްފައިވާ ސުވާލު ”ތަލަސީމިޔާ ކުއްޖެއް“ ކަމުގައި ވެދާނެ ކަމަށްޓަކައި ވައްޓާލުމަށް އޮންނަ މަރުޙަލާގެ 2 ޕޮއިންޓެވެ.

އެހެނަސް އެ ސަބަބަށްޓަކައި ވައްޓާލެވޭނެކަމަށް މި 2 ނުކުތާއިން ދައްކައި ނުދެ އެވެ.

ވަރަށް މުހިންމު ނުކުތާއެއް މިތަނުގައި ފާހަގަ ކުރަމެވެ.

އިސްވެ ބަޔާންކުރި ފަދައިން ބަޑުގައިވާ ދަރި ވެއްޓުން އެއީ ”ނުހަނު ވަރުގަދަ، ޒަރޫރީ ޙާލަތެއް“ ގެ މައްޗަށް ކުރެވޭ ކަމެއް ކަމުގައިވީހިނދު، ކައިވެނި ނުކޮށް ތިބި ދެ މީހަކު، އެކަން ކުރުމަށް އެއްބަސްވެ، އެކަން ކުރުމަށް ދެމީހުން ރުހި ޤަބޫލުވެގެން ކައިވެނި ކުރެވޭނެ ހެއްްޔެވެ؟

ޔަޢުނީ، ދެމީހުންނަށް ލިބޭ ދަރިން ތެލެސީމިޔާ ކުދިންނަށް ވެއްޖެނަމަ ވައްޓާލާނީ އެވެ. އެހެން ނޫންނަމަ ދަރި ބަހައްޓާނީ އެވެ. މިކަން ކުރުމަށް ނިޔަތްއޮވެ އެ ކައިވެނި ކުރެވޭނެ ހެއްޔެވެ؟ އެހެނީ ތިމާގެ ނަފްސު މި ހުށަހަޅަނީ ފުރަތަމަވެސް ދީނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ޢަމަލެއްގެ މައްޗަށެވެ. ފަހެ، މި ނުރައްކަލުން ސަލާމަތްވުނަށް އޮތީ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއަކީ އެފަދަ ފަރާތެއް ކަމުގައި ނުހެދުމެވެ.

އަދި އޭގެ އިތުރަށް ތެލެސީމިޔާ ކުދިންނަށް އެކުއްޖަކު ވުމަކީ، ބަނޑުގައިވާ ދަރިފުޅު އެ ސަބަބަށްޓަކައި ވައްޓާލުމަށް އޮތް ސަބަބެއް ކަމުގައި އެއއްވެސް ގޮތަކަށް އަޑު އަހާފައެއް ނުވެ އެވެ.

އަދިވެސް މި މައުޟޫގައި މަދީނާގެ މަސްހިދުއް-ނަބަވީގައި ކިޔަވައި ދެއްވާ ޢިލްމުވެރިޔާ الشيخ أ. د. سليمان الرحيلي حفظه الله ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

ބަނޑުގައި ވާ ދަރި ވައްޓާ ލުމުގައި ވަނީ 3 ޙާލަތެކެވެ.

1) 40 ދުވަހުގެ ކުރިން ވައްޓާލުން: މިޙާލުގައި ޙާޖަތަކަށްޓަކައި، ދަރިވައްޓާލުން ، ހުއްދަވެގެންވެއެވެ. މިސާލަކަށް މައިމީހާ، ބޭނުންކުރާ ބޭހެއްގެ ސަބަބުން، އެބޭސް ބޭނުން ކުރަމުން ބަލިވެ ނުއިނދެވޭފަދަ ބޭހެއް ބޭނުން ކުރާ ޙާލަތެއްގައި، ނުވަތަ މިފަދަ ޙާލަތުގައި ދަރި ވައްޓާލުން ހުއްދަވާނެއެވެ.

އަދި ހަމައެއާއި އެކު، މި ޙާލަތުގައި،( 40 ދުވަސް ފުރމުގެ ކުރިން) އެއްވެސް ޙާޖަތެއް ނެތި ދަރި ވައްޓާލުން ހުއްދަ އެއް ނުވާނެއެވެ.

2) 40 ދުވަސް ފުރުމަށް ފަހު، ފުރާނަ އެޅުއްވުމުގެ ކުރިން، އެއީ 4 މަސް ފުރުމުގެ ކުރިން ،: މި ޙާލަތުގައި، ޟަރޫރަތަކަށްޓަކައި، ދަރިވައްޓާލުން ހުއްދަވާނެއެވެ. އެއީ، އިތުބާރު ހުރި 3 ނުވަތަ 3 އަކަށްވުރެ ގިނަ ޑޮކްޓަރުން ، އެ ކުއްޖާ ބަނޑުގައި އޮވެއްޖެނަމަ ނުރައްކާ ވެދާނެކަމަށް ވަރަށް ބޮޑަށް ހީކުރެވޭކަމަށް ޚަބަރު ދީފިނަމަ، މި މުއްދަތުގައި (40 ދުވަސް ވުމަށް ފަހު ފުރާނަ އެޅުއްވުމުގެ ކުރިން( ވައްޓާލުން ހުއްދަވާނެއެވެ.)

3) ފުރާނަ އެޅުއްވުމަށްފަހު: މިޙާލަތުގައި، އެއްވެސް ސަބަބަކާއިހުރެ ދަރި ވައްޓާލުން ހުއްދައެއް ނުވާނެއެވެ. އެއީ ޢައިބެއް ނުވަތަ އުނިކަމެއް ހުރެގެން ކަމުގައި ވިޔަސްމެއެވެ. އެ އީ ޑޮކްޓަރުން އެއީ އެފަދަ ކުއްޖެކޭ ބުނި ކަމުގައި ވިޔަސްމެއެވެ.. އެހެނީ އެޙާލަތުގައި ވަނީ، ﷲ އިރާދަކުރެއްވި ދުވަހެއް ވަންދެން އެކުއްޖާ ދުނިޔޭގައި އުޅުމަށް ދޫކޮށްލުމެވެ. އެހެނީ، އެ ކުއްޖާގެ އަހުލުންނަކަށް ނޭނގިވިޔަސް، އެ ފަދަ ކުއްޖަކަށް އެހީތެރިވުމަކީ އެމީހުން ސުވަރުގެ ވެއްދެވުމުގެ ސަބަބެއް ކަމުގައި ވެސް ވެދާނެއެވެ.

ނުވަތަ ޑޮކްޓަރުން، އެކުއްޖާގެ މަންމަ ދުނިޔެ ދޫކޮށްފާނެ ކަމަށް ބިރު ހީވާ ކަމަށް ބުނީއެވެ. އަދި ( މަންމަ ނިޔާވެދާނެ ކަމަށް) ދަރި ވައްޓާލުމުން ޔަޤީނުންވެސް އެކުއްޖާ މަރުވާނެކަން ޔަޤީންވާ ޙާލު، އަދި ދަރި ނުވައްޓާލައި ބާއްވައިފި ނަމަ މަންމަ ނިޔާވުމަކީ ހީއެއްގެ މައްޗަށް ބިނާވެގެންވާ ކަމަކަށް ވީހިނދު، އެހެނީ އެވެސް އިންސާނަކަށް ޔަޤީން ކަށަވަރު ކަމާއި އެކު، މަންމަ ނިޔާވާނެ ކަމަށް ނުބުނެވޭނެތީއެވެ.

އަދި ޑޮކްޓަރުން، މިވެނި ކަމެއްގައި ނުރައްކާ ވާނެ ކަމަށް ބުނާ ކިތައް ކިތައް ކަންކަމުގައި، އެވެސް ކަމެއް ނުވެ އެބަހުރި ހެއްޔެވެ؟

އެހެނީ، ހީއެއްގެ މައްޗަށް ބިނާވެގެންވާ ފަސާދައަކުން ސަލާމަތްވުމަށް ޓަކައި، އެނގިގެންވާ ފަސާދައަކަށް އަރައިގަތުން ހުއްދަވެގެން ނުވެއެވެ.

އެއްވެސް ނަފްސެއް މަރާލައިގެން، އެހެން ނަފްސެއް ދިރުވުން ހުއްދަ ވެގެން ނުވާނެއެވެ.

އަދި ނަފްސެއް މަރުވެދާންކަމަށް ބިރު ހީވެގެން، އެހެން ނަފްސެއް މަރާލުން ހުއްދަވެގެން ނުވާނެއެވެ.““

ޝެއިޚް ވިދާޅުވެފައިވާ މި ނުކުތާގައިވާ 2 ވަނަ ޕޮއިންޓް ކަމުގައިވާ 40 ދުވަސް ވުމަށްފަހު (ފުރާނަ އެޅުމުގެ ކުރިން) ދަރި ވައްޓާލަވެނީ، އިތުބާރު ހިފޭ ގިނަ ޑަކްޓަރުން އެ ކުއްޖާ މަންމަގެ ބަނޑުގައި އޮވެއްޖެހިނދު މަންމައަށް ނުރައްކާވާ ދަނޑިވަޅެއްގަ އެވެ.

(އެއީ އެފަދަ އިތުބާރު ހިފޭ ޑަކްޓަރުންގެ ޓީމަކުން އެ ދަރިފުޅު އެފަދައިން އޮވެ، މަންމައަށް ގެއްލުން ލިބޭނެކަން ޔަޤިން ކަށަވަރު ކަމާއެކު ބެލެވެމުންނެވެ.)

ފަހެ، ތެލެސީމިއާ ކުދިންނަކީ މައިމީހާއަށް އޮތް ނުރައްކަލެއް ކަމުގައިވާ ދަރިންނެއް ނޫނެވެ.

އަދި އެއީ އެކުދިންގެ ސަބަބުން ނުރައްކާއޮތް ކުދިންނެއްވެސް ނޫނެވެ.

ފަހެ، އެކުދިން ވައްޓާލައި ހަލާކުކޮށްލުން އޮތީ ކޮން ކުށެއްކައިގެން ކަމުގައި ތިމާއާ ސުވާލު ކުރެވިދާނެ ކަމުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ.

ފަހެ، އިސްވެ ބަޔާން ކުރި ފަދައިން މިކަމަށް އޮތް ޙައްލަކީ ދަރިން ވެއްޓުން ކަމުގައި ދެކުމަކީ ނުހަނު ބޮޑުވެގެންވާ ނުރައްކަލެކެވެ.

މިކަމަށް އޮތް ޙައްލަކީ ކައިވެނީގައި ބައިވެރިޔާ އިޚްތިޔާރު ކުރުމުގައި ރައްކާތެރި ކަމާއި ސަލާމަތް ކަމުގައި ވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts