ފުރަގަސް ފަރާތުގެ އިސްތަށިތައް ބޭލުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފުރަގަސް ފަރާތުގެ އިސްތަށިތައް ބޭލުމުގެ ޙުކުމާއި މެދުގައި ބުނަމެވެ.

ޢިލްމުގެ އަހުލުވެރިން ފުރަގަސް ފަރާތުގެ އިސްތަށިތައް ބޭލުމުގެ ޙުކުމުގެ މައްޗަށް ޚިލާފްވަޑައިގަންނަވާފައިވެ އެވެ.

  1. حنفِي މަޛްހަބަށް ނިސްބަތްވަޑައިގަންނަވާ ބައެއް އަހުލުވެރިން މުޞްތަޙައްބު ޢަމަލެއް ގޮތުގައި ވިދާޅުވެފައިވެ އެވެ

. 2. އެއީ ޝަރުޢުގައި ކަނޑައެޅިފައިވާ ކަމެއް ނޫން ކަމުގައި ވިދާޅުވެ އެވެ. ޢިލްމުވެރިންގެ ތެރެއިން ابن العَرَبِي، الفَاكِهَانِي މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

  1. ފުރަގަސް ފަރާތުގެ އިސްތަށިތައް ބޭލުން ހުއްދަވެގެންވުމެވެ. މުބާޙް ކަމެކެވެ. މި ޤައުލަކީ المَالِكية އިންގެ ޤައުލެވެ. އަދި الشافعِية މަޛްހަބުގެ ބައެއް ޢިލްމުވެރިން މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

މުޞްތަޙައްބު ކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލުތައް ބިނާވެފައިވަނި ކުރިމަތި ފަރާތުގެ އިސްތަށިމައްޗަށް ޤިޔާސްކޮށްފަ އެވެ.

ޝަރުޢުގައި ކަނޑައެޅިފައިވާ ކަމެއް ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅު ބިނާވެފައިވަނީ، ފުރަގަސް ފަރާތުގެ އިސްތަށިތައް ބޭލުމަށް ޤުރުއާނުގައި އަދި ސުންނަތުގައި އެއްވެސް ބަސްފުޅެއް ނުވުމެވެ. އަދި ރަސޫލާ ﷺ ގެ ޢަމަލުފުޅެއް އެކަމުގައި ނަޤުލުވެފައި ނުވުމެވެ. އަދި ޞަޙާބީންގެ ފަރާތުން އެފަދައިން ވާރިދުވެފަ ނުވުމެވެ.

ދެންފަހެ، ހުއްދަ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އިސްތަށީގެ 3 ބާވަތެއްވެ އެވެ.

ފުރަތަމަ ބާވަތް : ބޭލުން ޙަރާމް ކުރެވިފައިވާ އިސްތަށި ތަކެވެ. މިޘާލަކަށް ތުނބުޅީގެ އިސްތައްޓެވެ. ބުމައިގެ އިސްތައްޓެވެ.

ދެވަނަ ބާވަތް : އިސްތަށިތައް ބޭލުމަސް އަމުރު ކުރެވިފައިވާ އިސްތަށިތަކެވެ. މިޘާލަކަށް ކުރިމަތި ފަރާތުގެ އިސްތަށިތަކެވެ. ކިހިލިފަތުގެ އިސްތަށި ތަކެވެ.

ތިންވަނަ ބާވަތް : ޝަރީޢަތުގައި އެ އިސްތަށިގެ މައްޗަށް އެއްވެސް ޙުކުމެއް ވާރިދުވެފައިނުވާ އިސްތަށިތަކެވެ. ބޭލުމަށް އަދި ބޭލުން ނަހީކޮށްވެސް ނުވާ އިސްތަށިތަކެވެ. ފަހެ، އެހިނދު އޭގެ ޙުކުމަކީ ހުއްދަވުމެވެ. މިޘާލަކަށް ފައިގައި ފަޅާފައި ހުންނަ އިސްތައްޓެވެ. އަތުގައި ފަޅާފައި ހުންނަ އިސްތައްޓެވެ.

ފަހެ، މި ބަސްތަކުގެ މައްޗަށް ބުނެވޭ ޞައްޙަ ޤައުލަކީ، ފުރަގަސްފަރާތުގެ އިސްތަށި ބޭލުމަކީ ހުއްދަ ކަމެއްގެ ގޮތުގައިވުމެވެ. އެހެނަސް ދަންނަން ޖެހެ އެވެ.

އެ އިސްތަށިތައް ހުރުމުން ޠާހިރުވުމަށް، ޠާހިރު ކުރުމަށް ދަތިވާނަމަ، އެއްވެސް ޝައްކެތް ނުވާ ގޮތުގައި އެއިސްތަށިތައް ބޭލުން މުޞްތަޙައްބުވެގެންވާނެ ކަމުގައި ބުނުން ނުހަނު ބާރުގަދަ ބުނުމެއް ގޮތުގައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts