ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ނަމުގައި ފެންވަޅެއް ކޮނެދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ނަމުގައި ޞަދަޤާތް ހޭދަކުރުމަކީ ނުހަނު ހެޔޮވެގެންވާ އަދި އޭގެ އަޖުރު މައްޔިތާއަށް ލިބޭނެ ޢަމަލެއް ކަމުގައިވެ އެވެ.

މިތަނުގައި ދުނިޔެ ދޫކޮށްފައިވާ މަންމަ އަދި ބައްޕައަށް ދިރިތިބީންނަށް ކޮށްދޭވެނެ އެންމެ މަތިވެރި، ހެޔޮ ޢަމަލަކީ ކޮބައިކަން ބަޔާން ކޮށްދެމެވެ.

ސަބަބަކީ، ދީނުގައި މައްޔިތާއަށްޓަކައި ދިރިތިބީންނަށް ކޮށްދެވިދާނެ ހުއްދަ ޢަމަލުތަކެއް ކަނޑައަޅައިފައިވާހިނދު، އެންމެ ބޮޑަށް ބާރު އަޅައި، ހިތްވަރުދެވިފައިވަނީ ކޮން ގޮތަކަށްތޯ ދެނެގަތުމެވެ. އަދި މައްޔިތާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަކީ ކޮބައިތޯ އެވެ؟

ވުމުން، ދީނުގައި އެކަމަށް ބާރު އަޅާފައިވާ ސިފައަށް އަދި އޭގެ އިތުރަށް މައްޔިތާއަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރު ކުރުން ކޮންފަދަ ހެޔޮކަން ބޮޑު ހެއްޔެވެ؟

އެއީ، ހެޔޮ ޞާލިޙް ޢަމަލުތައް ދިރިތިބީން، ދަރިން ނުވަތަ އެނޫން މީސްތަކުންވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ކުރުމެވެ. އޭގެ ޘަވާބާއި ދަރުމައަށް ދިރިތިބީން ޙާޖަތްވަނީ ޖެހިފަ އެވެ. ވުމުން ދިރިހުރި ޙަޔާތުގައި ޞަދަޤާތް ދިނުމާއި އަދި ޤުރުބާން ކުރުން އެއީ ތިމާގެ އަމިއްލަ ނަފްސަށް ޘަވާބާއި ދަރުމައަށް އެދި ކުރާ ޢަމަލެއްގެ ގޮތުގައި ހެދުމެވެ.

އަދި މަރުވެފައިވާ މައްޔިތާއަށް ދުޢާ ކޮށްދިނުމެވެ. ފާފަ ފުއްސެވުމަށާއި، ޤަބުރު ތަނަވަސްވެ ނިޢުމަތުގެ ގޮވައްޗަށް ވުމަށާއި، ސުވަރުގެ ނިޔާކުރެވޭނެ ފަރާތެއްގެ ގޮތުގައި ވުމަށް އެދި ﷲ އަށް ދުޢާ ދެންނެވުމެވެ.

الإِمَام العلامة الشيخ العثيمين رحمه الله އަރިހުގައި ސުވާލުކުރެވުނެވެ.

ސުވާލު : ދުނިޔެ ދޫކޮށްފައިވާ އަހަރެންގެ ބޭބެއަށް އަހަރެންނަށް ކޮށްދެވޭނެ އެންމެ ހެޔޮވެގެންވާ ޢަމަލަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”މަރުވެފައިވާ މައްޔިތުންނަށް ދިރިތިބީންނަށް ކޮށްދެވޭނެ އެންމެ ހެޔޮވެގެންވާ ޢަމަލަކީ ދުޢާ ކޮށްދިނުމެވެ.“

فتاوى نور على الدرب

އަދިވެސް ބުނަމެވެ. ދިރިތިބީން ވަނީ ހެޔޮ ޞާލިޙް ޢަމަލަށް ބޭނުންޖެހިފައިވާކަން ދަންނަހުއްޓެވެ. ދިރިހުރިހައި ހިނދެއްގައި އެންމެ އެދެވިގެންވަނީ އޭނާގެ ނަފްސާއި މުދަލުން ޢަމަލުކޮށް ޘަވާބާއި ދަރުމަ ހޯދުމެވެ.

އަދި މައްޔިތާއަށް އެންމެ ފައިދާބޮޑު ޢަމަލު ކަމުގައިވަނީ ދިރިތިބީން މައްޔިތާއަށްޓަކައި ދުޢާ ކޮށްދިނުމެވެ.

ދުނިޔެ ދޫކޮށްފައިވާ ބައްޕައަކަށް ދިރިހުރި ދަރިއަކު މިސްކިތެއް ބިނާ ކޮށްދިނުމާއި މެދުގައި ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑު ފިޤުވެރި އެއް ޢިލްމުވެރިޔާ الإِمَام العلامة الشيخ العثيمين رحمه الله އަރިހުގައި ސުވާލުކުރެވުނެވެ.

ޝެއިޚް ވިދާޅުވި އެވެ. ”(މިސްކިތް ބިނާ ކުރުމުން އެއީ މައްޔިތާއަށް ދެމިހުންނާނެ ގޮތުގައިވާ ޞަދަޤާތެއް ގޮތުގައިވާނެ އެވެ. އެމިސްކިތުގައި ނަމާދު ޤާއިމްކުރާ ހިނދެއްގައި އޭގެ އަޖުރު ބައްޕައަށް ލިބޭނެ އެވެ. އެހެނަސް އަހުރެން ތިބާއަށް އެއަށްވުރެ ހެޔޮވެގެންވާ ޢަމަލަށް މަގު ދައްކައިދެމެވެ. އެއީ، ތިބާ، ތިބާގެ ބައްޕައަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ. ކުރާ ހެޔޮ ޞާލިޙް ޢަމަލު ތިބާއަށް ޚާއްޞަކުރުމެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްފުޅު އެފަދައިންވުމެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) ”އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެ އެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.“ ދެމިހުންނާނެ ޞަދަޤާތެއް ކަމުގައި ބަޔާންކޮށްފައިވަނީ، މައްތިޔާ މަރުވުގެ ކުރީގައި ދިރިހުއްޓާ ޤާއިމްކުރި ޞަދަޤާތެވެ. ދެންފަހެ، ދަރިފުޅުގެ މައްޗަށް، އޭނާގެ ދަރިފުޅު އޭނާއަށްޓަކައި ޞަދަޤާތް ކުރުމޭ ނަބިއްޔާ ، ޙަދީޘްފުޅު ނުކުރައްވަ އެވެ. (އެހެނަސް ޙަދީޘްފުޅު ކުރެއްވީ) ޞާލިޙް ދަރި މައްޔިތާއަށް ދުޢާ ކޮށްދިނުމެވެ. ފަހެ، އެހެން ވުމުން، ޢަމަލު ކުރުމަށް ޙަދީޘްފުޅު ކުރެއްވުމުގެ ބަދަލުގައި ނަބިއްޔާ އިރުޝާދު ދެއްްވާފައިވަނީ ދުޢާ ކޮށްދިނުމަށެވެ.

އަހަރެން މި އަޚާއަށް އިރުޝާދު ދެނީ އަދި މި ސުވާލު ކުރާ (އެހެނިހެން ފަރާތްތަކަށްވެސް) މައްޔިތާއަށް ދުޢާ ކޮށްދިނުމަށެވެ. އެހެނަސް ހެޔޮ ޞާލިޙް ޢަމަލުތައް އޭނާގެ އަމިއްލަ ނަފްސަށް ޚާއްޞަ ކުރުމަށެވެ.“

-ޝެއިޚްގެ ޖަވާބު ނިމުނީ އެވެ.-

އިސްވެ ބަޔާންކުރި ގޮތަށް މައްޔިތާގެ ނަމުގައި ޞަދަޤާތް ދިނުން އެއީ ހުއްދަވެގެންވާ ޢަމަލެކެވެ. އަދި އޭގެ އަޖުރު މައްޔިތާއަށް ލިބޭނެ ޢަމަލެއް ކަމުގައިވެ އެވެ.

މި ޒަމާނުގައި ސަޢުދީ ޢަރަބިއްޔާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلاَّمَة أ.د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.

” ފާފަކޮށްފައިވާ މުއުމިނު އަޅާއަށް އެ ފާފަތަކުގެ ސަބަބުން ޤަބުރުގައި ޢަޛާބުދެވޭނަމަ، ފަހަރެއްގައި އެ މެދުކެނޑިގެން ދިއުމަށްވާ ސަބަބަކީ ދުޢާ އާއި ޞަދަޤާތް ކަމުގައިވެސް ވެދާނެ އެވެ.“ شرح العقيدة الواسطية ص 144

މަރުވެފައިވާ މައްޔިތާގެ ނަމުގައި ފައިސާ ޞަދަޤާތް ކުރުން ނުވަތަ ކާބޯތަކެތި ހޭދަކުރުން ނުވަތަ ފެން ހޭދަ ކުރުން ނުވަތަ ފެން ވަޅު ކޮނެދީ މީސްތަކުންނަށް އެއިން މަންފާވުމަކީ، މިއީ ހައްތަހާވެސް ހުއްދަވެގެންވާ ޢަމަލުތަކެވެ.

ވުމުން، މައްޔިތާއަށް ކޮށްދިނުން ހުއްދަވެގެންވާ ޢަމަލެއް ކަމުގައިވިނަމަވެސް، އޭގައި އޮތް އެންމެ މޮޅުއިތުރު ވެގެންވާ ގޮތަކީ، ޞަދަޤާތް އަމިއްލަ ނަފްސަށް ޘަވާބަށް އެދި ހޭދަކުރުމެވެ. އޭނާގެ އަމިއްލައަށް ﷲ އަށް ކުއްތަން ކުރާ ހެޔޮ ޞާލިޙް ޢަމަލެއްގެ ގޮތުގައި ހެދުމެވެ.

އަދި މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ ހެޔޮ ޢަމަލުގައި ހިފުމެވެ. އެއީ ދުޢާ ކޮށްދިނުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts